ads
ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ، އެފްއޭއެމް، ނެޝަނަލް ސްޕޯޓްސް ކައުންސިލް، ސްޕޯޓްސް ކޯޕަރޭޝަން، ރަމްޒުކޮށްދޭ ލޯގޯ———ފޮޓޯ: ސީއެންްއެމް
ކުޅިވަރަކީވެސް ގާނޫނެެއްގެ ދަށުން ހިންގަންޖެހޭ ކަމެކެވެ!
ސަރުކާރު މިނިސްޓްރީ ތަކާއި، އޮފީސްތަކުން ގާނޫނާއި އެއްގޮތަށް ކަންކަން ނުކުރާ މައްސަލަތަކަކީ، ރައްޔިތުންގެ މަޖިލިސް އަޑުއައްސަވާ ކޮންމެ ބޭފުޅަކަށްވެސް ފާހަގަ ކުރެވޭނެ ކަމެކެވެ. ގާނޫނާއި އެއްގޮތަށް ކަންކަން ނުކުރެވިގެން އާއްމުންނަށް ދިމާވާ ދަތި ތަކުގެ ވާހަކައެވެ. ބޭއިންސާފުގެ ވާހަކައެވެ. ތަރައްގީ ވެފައިވާ ގައުމުތަކުގައި ކުޅިވަރުގެ ފަންނު ކުރިއަރާފައިވަނީ، ގާނޫނުގެތެރެއިން އެކަން ކުރެވޭ މިންވަރުންނެވެ.

މިޒަމާނުގައި، ގައުމެއްގެ ތަރައްގީގެ ދުވެލި ވަޒަންކުރާ އެއްގޮތަކީ، ގާނޫނު ހިންގޭ މިންވަރެވެ. ރާއްޖޭގައި، ކުޅިވަރުގެ ތަރައްގީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގާނޫނުގެ ތެރެއިން ކަންކަން ތަމްފީޒް ނުކުރެވުމެވެ. މިއީ ސަރުކާރުން ތާއަބަދު އެމަގަށް މަސައްކަތްކުރާ، އެހެންނަމަވެސް ކުރި ހޯދޭ މިންވަރު ކުޑަ ކަމެކެވެ. 

މިއަދު، ކުޅިވަރު މެނެޖްކުރުމަކީ، ގާނޫނުގެތެރެއިން އެކަން ކުރުމެވެ. ގާނޫނު ކަމު ނުދާ ކަމަށް ވަނީނަމަ އެއީ ބަދަލުކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް ދައުރެއް ނިމިގެންދާއިރު، އިސްލާހެއްވެސް ހުށަހެޅިފައެއް ނުވެ އެވެ.

your imageކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުތެރެއިންއިން މިނިސްޓަރު މަހްލޫފް——ފޮޓޯ: ރައީސް އޮފީސް

your imageކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން، ރައީސް ސޯލިހް——

ގާނޫނީ މާހައުލެއް އުފެދުން

ދެހާސްފަނަރަ ވަނަ އަހަރުންފެށިގެން ފުރަތަމަ ފަހަރަށް، ރާއްޖޭގައިވެސް ދެން ކުރިއަށް އޮތްތާ ކުޅިވަރު ހިންގަންޖެހެނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ކުޅިވަރު ގާނޫނާއި އެއްގޮތަށެވެ. މިއީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އާ ކަމެކެވެ. ކުޅިވަރުގެ ދާއިރާއަށް ގެނެވުނު އިންގިލާބީ ބަދަލެކެވެ. 

ކުޅިވަރު ގާނޫނުން އެސޯސިއޭޝަންތަކާއި، ކްލަބްތަކުގެ އިން ވަކިކޮށް، ކުޅޭތަންތަން އަޅާ ބެލެހެއްޓުމަށް ކުންފުންޏެއް އުފައްދާ، މާކެޓިން ނަށް މީޑިއާ ޗެނެލްއެއް ގާއިމްކޮށް، ކްލަބްތައްވެސް ހިންގަންޖެހޭނެ މިންގަނޑުތައް ކަނޑައަޅާ، ސްޕޯޓްސް ކޮމިޝަނަރަކާ ހަވާލުކޮށްފައި ވެއެވެ. ގާނޫނުން ކަނޑައެޅި ބާރުތައްް ގަވާއިދު މެދުވެރިކޮށް، ތަމްފީޒު ކުރަން ހަވާލުކޮށްފައި އޮންނަނީ ނެޝަނަލް ސްޕޯޓްސް ކައުންސިލެއްގެ ބެލުމުގެ ދަށުން، ކޮމިޝަނަ އޮފް ސްޕޯޓްސް އާއި އެވެ. 

 

your imageނައިބް ރައީސް ފައިސަލް ނަސީމް، ކުޅިވަރުގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ކ-3) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ-3) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ކަން މިހެން އޮތް ނަމަވެސް، ދާދި އެހަކަށްދުވަހު ސަރުކާރުން މިނިސްޓަރު ލަފާދެއްވީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ސައްހަކުރަން މަޖިލިހުން ތާއީދު ނުކުރުމަށެވެ. މިހެންވުމުން، ބެލެވެންޖެހެނީ، މިއީ ކުޅިވަރު ކައުންސިލް އާއި ސްޕޯޓްސް ކޮމިޝަނަރު، ވަޒީރަށް އެރުވި ލަފައެއް ކަމަށެވެ. 

ވީމާ، ސަރުކާރު ކޮއެލިޝަނުން އެނިންމެވީ، ވަޒީރުގެ ލަފައާއި އެއްގޮތަށް، އެފްއޭއެމްގެ އިންތިހާބު ސައްހަކުރަން އެއްވެސް ފިޔަވަޅެއް ނުއެޅުމަށެވެ. ކުޅިވަރު މިނިސްޓްރީން ދެއްކި އުޒުރަކީ ފީފާ އިން އެފްއޭއެމް ސަސްޕެންޑްކޮށްފާނެކަމުގެ ބިރެވެ! މިއީ، ރާއްޖޭގެ ގާނޫނުތަކާއި، އަދި ބައިނަލްއަގުވާމީ ގާނޫނު ތަކާވެސް ތައާރަޒްވާ ލަފައެކެވެ.  

އެގްޒެކެޓިވް ބްރާންޗް، އާއި ލެޖިސްލެޓިވް ބްރާންޗް އިން ގާނޫނާއި އެއްގޮތަށް ކަންކަން ނުކުރާނަމަ، ޑިމޮކްރަސީއެއްގައި، އެކަމަށް ފަރުވާއެއް ހޯދަން ޖެހެނީ ކޯޓު ތަކުންނެވެ. ފީފާ ގެ ސަސްޕެންޝަނަކަށް ނުބަލާ، އިންޑިއާގައި ފުޓުބޯޅަ ލީޑަރުން ދިޔައީ ކޯޓަށެވެ. މިއީ ޑިމޮކްރެޓިކް މާހައުލެއްގައި ކަން ހިނގާ މަގެވެ. 

އިންޑިއާގެ ކޯޓް ތަކުން އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން އިންތިހާބަށް ފޮނުވީ ފީފާ ގެ ސަސްޕެންޝަންގެ ބިރަށް ކުރިމަތި ލައިގެނެވެ. ފީފާ އިން އިންޑިއާ ސަސްޕެންޑްކުރި ކުރުން، އެންމެ ފަހުން އަނބުރާ ގެންގޮސް، ދެފުއް ފެންނަ އިންތިހާބެއް ބޭއްވި އެވެ. އިންޑިއާގެ ފުޓުބޯޅަ މުސްތަގްބަލަށް ވިސްނާ، މުޅި އެސޯސިއޭޝަންގެ އަސާސީ ގަވާއިދުވެސް އިސްލާހްކުރިއެވެ. އާ އިލެކްޓޯރަލް ކޮލެޖެއް ގާއިމްކުރިއެވެ. ހުރިހާކަމެއް ކާމިޔާބު ކުރިއެވެ. އެހެންނަމަވެސް، ފީފާ ގެ ބިރަށް ރާއްޖެ ޖެހުނީ ފަހަތަށެވެ. ގާނޫނުން ލާޒިމްކުރާ ޑިމޮކްރެޓިކް އުސޫލްތައް ނަގަހައްޓާ، ދެމެހެއްޓުމާ ޖެހުނީ ދުރަށެވެ.

 



މާހައުލު ބަދަލުކުރެވޭނީ އިންތިހާބު ކަށަވަރުކޮށްގެން

ކުޅިވަރަށްވެސް ދެން އަންނަން އޮތް އެންމެ ބޮޑު ބަދަލަކީ، ޑިމޮކްރަސީ ބަލައިގަތުމާއި، ލާމަރުކަޒު ކުރުމާއި، ވިޔަފާރި އުސޫލް ތައާރަފްކުރުމެވެ. ކުޅިވަރުވެސް ދެން އިތުރަށް ތަރައްގީކުރެވޭނީ މިމަގުންނެވެ. އެހެންނަމަވެސް، ގާނޫނެއް ވުޖޫދަށް އައުމުގެ މާ ކުރީން ސަރުކާރުން ކުޅިވަރަށް ހަރަދު ކުރަން ފެށުމާއި ގުޅިގެން ކުޅިވަރު ކްލަބްތަކާ، އެސޯސިއޭޝަންތައް އުފެދި، ކުޅޭތަންތަން ވެސް ގާއިމްކުރަން ވަނީ ފަށާފަ އެވެ. އެހެން ނަމަވެސް އެއިރު، ކުޅިވަރު ރެގިއުލޭޓްކުރާނެ ގާނޫނެއް ނެތެވެ. 

އެންމެ ފަހުން، މީގެ އެންމެ ހަތް އަހަރު ކުރީން 2015 ވަނަ އަހަރު ކުޅިވަރު ގާނޫނެއް ވުޖޫދުވިއިރު، ކުރީން އުފެދި، ވާރުތަވެފައި އޮތް ކުޅިވަރު ހިންގުމުގެ ޝަގާފަތަކީ، މަސްހުނި ސަގާފަތެކެވެ. ގާނޫނެއް ނެތް އިރު، ކަންކުރާގޮތަކީ، އެއިރެއްގައި ހުންނަ ވެރިޔަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުޅިވަރު ހިންގުމެވެ. 

ކުޅިވަރު މިނިސްޓްރީ އަދިވެސް ހިންގަނީ، މިގޮތަށެވެ. ގާނޫނަކަށް ބަލައިގެނެއް ނޫނެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތައް، ކުރީ އޮތްގޮތަށް އޮތީ އެވެ. ކްލަބްތައް ސައްހަ އިންތިހާބުތަކުން ބާރުވެރި ނުކުރެވި ނުކުޅެދިފައި އޮތީ އެވެ. 

your imageޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި / ފޮޓޯ ރައީސްއޮފީސް

ފީފާ އިން 2008 ގައި މަޖުބޫރުކޮށްގެން ހިންގި އެސޯސިއޭޝަންގެ އިންތިހާބުންވެސް، ޑިމޮކްރަސީގެ ޝަގާފަތެއް އެފްއޭއެމް ގަައި ގާއިމެއް ނުކުރެވުނެވެ. މިހެން ދިމާވެފައި މިއަދު ވެސް މިއޮތީ، އެކަމަށް ގާނޫނުން މަތިކޮށްފައިވާ މިނިސްޓަރުންގެ ނުކުޅެދުމުން ކަމުގައި ނޫނީ ނުވާނެ އެވެ.  


ކުޅިވަރުގެ ހަމަތަކާއި، ހިންގުންތެރިކަން މިވަނީ އޮޔާލާފައެވެ. ވިސްނުން އޮޔާލާފައިވާ މިންވަރު ދޭހަކޮށްދޭ ކުލަގަދަ މިސާލަކީ، އެންމެ ފަހުން، ގާނޫނުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން އުޅުމެވެ. ސޮޕޯޓްސް ކޯޕަރޭޝަނަށް މަތިކޮށްފައިވާ ކުޅޭތަންތަން އެޅުމުގެ ކޮންޓްރެކްޓްތައް އެކޯޕަރޭޝަނަށް ނުދީ، އެކުންފުނި އުވާލާ، އެމަސައްކަތް މިނިސްޓްރީއަށް ނެގުމަށް، ވަކާލާތު ކުރުމެވެ. އަދި 

މިފަހަކުން އަޑުއިވެނީ، ކުޅިވަރު ކުޅޭތަންތަން އާއްމުން ބޭނުންކުރަން ދޫކުރެވޭ ހަމަޖެހޭ އުސޫލެއް ގާއިމްނުކުރެވިގެން އުޅޭ ހަބަރެވެ. ކުޅޭ ތަންތަން މިހާރު ކުއްޔަށް ދޫކުރަނީ ހަމައެކަނި ސްޕޯޓްސް މިނިސްޓްރީއަކުން ނޫނެވެ. ކަންމަތީ ގްރޫޕްތަކަށްވެސް ދަނޑު ދޫކޮށްފައި އޮތުމުން، އެކަން ރެގިއުލޭޓް ނުކުރެވެނީއެވެ. ކުޅޭ ތަންތަނުގެމައްޗަށް ލޯކަލް ކައުންސިލްތަކުގެ އިހުތިސާސް ހިނގާ މިންވަރު ސާފެއް ނުވެއެވެ.

މި މާހައުލު ބަދަލުކުރުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ، ކްލަބް ތަކާއި، އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ކަށަވަރު ކުރުމެވެ. މިއީ ގައުމީ ފެންވަރުގައިވެސްް ކަން ހިނގާދިޔަ ގޮތެވެ. ކުރީގެ ރިޔާސީ އިންތިހާބުތަކަށް ކުރިމަތިލާނެ އިތުރު މީހެއް ނުފެނި އެތައް ދައުރެއް ފާއިތުވެގެން ދިޔަ އެވެ. އެހެން ނަމަވެސް، އިލެކްޝަންސް ކޮމިޝަން ތަރައްގީކޮށް، ދެފުއްފެންނަ އިންތިހާބު ބާއްވަން ފެށުމުން، ވެރީންނަށް 99 އިންސައްތަ ތާއީދު އޮތުމަކީ ވާކަމެއް ނޫންކަން ޔަގީން ވެއްޖެއެވެ. 

ރާއްޖޭގެ ކުޅިވަރު ޝަގާފަތް އަދިވެސް އޮތީ ޑިމޮކްރަސީގެ ބިއްދޮށް ފަރާތުގައެވެ. ކުރީގެ ބޮޑު ކާފު، ކުޑަ ކާފު ފާހަގަ ލައިގެން އުފައްދާފައިވާ އިންތިހާބީ ވެއްޓެއްގެތެރޭގައެވެ. ކޮންގްރެސްވެސް ސިއްރު ކުރެވޭ ވެއްޓެއްގެ ތެރޭގައެވެ. މިއީ ކުރިއެރުން ލިބޭނެ ގޮތެއް ނޫނެވެ. 

މާހަލު ބަދަލުކުރެވޭނީ ތަމްރީންދީގެން

ކުޅިވަރަކީވެސް އެފަންނުން ތައުލީމާއި ތަމްރީންގެ ވަސީލަތްތައް އުފެދިފައިވާ ޑިސިޕްލިންއެކެވެ. ވީމާ، މިކަމަށް ގާއިމްކޮށްފައިވާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަށް ގާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް ހިންގާކަން ކަށަވަރު ކުރަންޖެހެއެވެ. ރާއްޖޭގައި، ކުޅިވަރުގެ ރޮނގުން ތައަލީމާއި ތަމްރީންގެ ފުރުސޮތު ފުޅާކުރުމަށް މަސައްކަތް ކުރަންޖެހެނީ ކުޅިވަރު ވަޒީރެވެ. އެހެންނަމަވެސް، އެމިނިސްޓްރީން މަދަނީ މުޖުތަމައެއް ބިނާކުރަން ހިންގާ އެމްޕަވަމަންޓް، ނުވަތަ ބާރުވެރިކުރުވުމުގެ މަސައްކަތުގެ ނަތީޖާއެއް އަދި ނުފެނެ އެވެ. 

ނަތީޖާއެއް ފެންނާނީ، ކުޅިވަރުގެ މެނެޖްމަންޓާއި ސައިންސްގެ ރޮނގުން މީހުން ތަމްރީނުކޮށް ނެރެވުނު މިންވަރަކުން ނެވެ. އެއިރުން އިންތިހާބުތައްވެސް ކަށަވަރުކުރެވެން ފަށާނެ އެވެ. އެއިރުން، ކުޅިވަރަކީވެސް، ގާނޫނުގެ ތެރެއިން ހިންގާކަމަކަށް ހެދި، އެކަމުގެ ފޮނި ނަތީޖާ ލިބެންފަށާނެ އެވެ. 

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް