ރިޔާސީ ނިޒާމަކުން ވެރިކަމަށް އައުން ނާދިރުވެފައިވާ ކަމަށް ވިދާޅުވެ، މިހާރު ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީގެ ކޮންގްރެސްއަށް އޮގަސްޓް، 16، 2022 ވަނަ ދުވަހު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގަރާރެއް ހުށަހަޅުއްވި އެވެ. ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށެވެ.
ގާނޫނު އަސާސީއަށް ގެންނަން ގަރާރުގައި ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި:
- ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ އެމަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރުކަމަށް ކަނޑަައެޅުން
- ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައްޔިތުންގެ އެންމެ ގިނަ ވޯޓުލިބޭ ރައީސުލްޖުމްހުރިއްޔާ ކަމަށް ކަނޑައެޅުން
- ގަރާރުގައި ވާގޮތުން ސަރުކާރު ހިންގާނީ ބޮޑުވަޒީރު
- ރައީސުލްޖުމްހުރިއްޔާއަށް ލިބިދެވޭ ބާރާއީ މަސްއޫލިއްޔަތުވެސް ކަނޑައަޅަނީ ބޮޑުވަޒީރު
އޮގަސްޓު 19ވަނަ ދުވަހު، ހާހަކަށް ވުރެ ގިނަ މަންދޫބުންނާއި އެކު ފެށި އެ ކޮންގްރެސްގެ ކުރިންވެސް ނަޝީދުގެ ގަރާރަށް ރައީސް ސޯލިހް ދެކޮޅު ހެއްދެވި އެވެ. ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީ އަށް ބަދަލުގެންނަން ކޮންގްރެސްއިން ވެސް ތާއިދު ނުކުރާނެ ކަމަށް މާކުރިން ރައީސް ސޯލިހު ވިދާޅުވި އެވެ.
ސަރުކާރު ހިންގުމުގެ ބާރު އޮންނަންވާނީ ރައްޔިތުންގެ ސީދާ ވޯޓުކުން، ރައްޔިތުން އައްޔަންކުރާ ރައީސުލްޖުމްހޫރިއްޔާއަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، އެ ގަރާރު އަބުރާ ގެންދެވުމަށް ރައީސް ނަޝީދުގެ ކިބައިން ރައީސް ސޯލިހު އެދިވަޑައިގަތެވެ. ވިދާޅުވީ، އެގަރާރުގައި އޮތްކަންކަން ގަބޫލުނުކުރެވޭ ކަމަށާއި، ތާއީދުކުރެވެނީ ހަމަ ރިޔާސީ ނިޒާމަކުން ރައީސުލްޖުމްހުރިއްޔާއަކު ކަނޑައަޅާ ސަރުކާރު ހިންގުމަށް ކަމަށެވެ.
ރައްދުގައި ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބެހޭވެސް ކަމެއްް ނޫންކަމަށާއި، އެ މަަަސައްކަތުގެ ތެރެއަށް ރައީސް ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ.
ގައުމެއް ދެބައިވުމަށް ވެސް ފެންނަ ނުފެންނަ ވޯޓު ބައެއް ގައުމުތަކުގައި ނަގާފައި އެބަހުރިކަމަށާއި، ބުއްދުވެރި ވެރިން އެކަންކަމުގެ ތެރެއަށް ނުވަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ބުއްދުވެރި ވެރިން ކަންތައް ކުރާ ގޮތަކީ މޮޅުވާ ކޮޅަކަށް ދިއުން ކަމަށާއި، ހުންނެވިކޮޅު ވިދާޅުވާން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ގޮން ނުޖެއްސެވުމަށާއި، ވަކިބަޔަކީ މަދުބައެކޭ ނުބުނުމަށް ރައީސް ސޯލިހަށް އިލްތިމާސްކުރެއްވި އެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ، ބަރުލަމާނީގެ ކެމްޕެއިނެއްވެސް އަދި އެވާހަކަދެއްކުންވެސް ނުހުއްޓޭނެ ކަމަށާއި، ބަރުލަމާނީ ވޯޓުވެސް ނަގާނެ ކަމަށެވެ.
އެހެނަސް، ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ އެ ކޮންގްރެސްގައި ވެސް ހޫނުގަދަ ބަހުސްތަކާއި، އަމާޒުވި ފާޑުކިއުންތަކަށްފަހު ގޮތް ދޫކުރައްވާ ގަރާރު އަބުރާ ގެންދަވަން ޖެހުނީ ރައީސް ނަޝީދަށެވެ. ކާމިޔާބު ލިބުނީ ރައީސް ސޯލިހަށެވެ.
ބަރުލަމާނީ ގަރާރު ހުށަހެޅުއްވުމަށް ޕާޓީގެ ޗެއަ ފައްޔާޒު އިސްމާއިލް ރައީސް ނަޝީދަށް ފުރުސަތު ދެއްވުމުން، ރައީސް ސޯލިހު އާއި ޗެއަ ފައްޔާޒު އާއިއެކު ސްޓޭޖުމަތީގައި ނަޝީދު ވަނީ ކުޑަމަޝްވަރާއެއް ކުރައްވާފަ އެވެ. އެއަށްފަހު ރިޔާސަތުގައި އިށީދެވަޑައިގެން ވިދާޅުވީ، ގަރާރަށް ބަހުސްނުކޮށް އެހަށް މިހާރު އޮތްގޮތަށް ގަރާރު ބާއްވަން ނިންމަވާފައިވާ ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގަރާރު ހުށަނާޅުއްވާ މަޑުކޮށްލަން ނިންމެވީ، މަޝްވަރާއިން ހައްލު ހޯދުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް ނިންމާލަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮންގްރެސް ފެށުނުއިރު “ހޫނުވެފައި” އޮތް މާހައުލު ނިމިގެންދަނީ “އުފާވެރި، އެކުވެރި” ފިނިކަމަކަށް ބަދަލުވެގެން ކަމަށެވެ. ވިސްނުން ދެން ބަހައްޓަންވީ 2023 އަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެ އަޒުމުގައި ވާދަވެރި ޕާޓީތައް ބަލިކުރުމަށް ޕާޓީން ކަނޑައަޅާ ކެންޑިޑޭޓަކާއިއެކު ނިކުންނަންވާނީ އެންމެން އެކީގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ނަޝީދުވެސް އެމޭރުމުން އެދުވަހު ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ، 2023 އެމްޑީޕީއަށް ކާމިޔާބު ކޮށްދޭން އެކީގައި ނިކުންނާނެ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި މުޅި އެމްޑީޕީ ގުޅިގެން 2023 ކާމިޔާބުކޮށް، ޒަމާންތަކެއްވަންދެން ރާއްޖޭގެ ވެރިކަމުގެ ދެމިތިބޭވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ އެދުވަހުގެ ކޮންގްރެސް ނިމިގެންދިޔައީ ހިތްހަމަ ނުޖެހުންތައް ހުރެމެ، އަތާއި އަތްޖޯޑުކޮށް ސަލާން ގަލާންކޮށް، ބަދަހި އެކުވެރިކަމާއިއެކު ރައީސް ސޯލިހު އާއި ނަޝީދުގެ ނަލަ އުފާވެރި ފޮޓޯތަކަކުން ނެވެ.
އެމްޑީޕީގެ ވަޓްސްއެޕްް ގުރޫޕުގައި އެކި ފަހަރުމަތިން ސަރުކާރަށް ފާޑު ވިދާޅުވަމުން ދިއުމަށް ފަހު ހަތިޔާރު ބަހައްޓަވައި ރައީސް ސޯލިހު އާ އެކު އަތާއި އަތްގުޅުއްވާލައްވައި އެއް ފޮޓޯގަނޑަކަށް ނަޝީދު އެރުއްވީ އެވެ.