ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، ރ. އަތޮޅުގެ މަސައްކަތް ނިމުމުން ޑޮމެސްޓިކް އެއާޕޯޓްތަކުން މުޅި ރާއްޖެ ގުޅާލާ ނިމޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އާރްޓީއެލްގެ ހިދުމަތާއި ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރާ އެކު، ފުރިހަމަވެގެން ދަނީ ދިރުން ހުރި އިގުތިސޯދެއްގެ ފުރިހަމަ މޮޑެލްއެއް ކަމަށެވެ.
ސަރަހައްދީ އެއާޕޯޓްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓުގެ ބޭނުން ކުރެވެމުންދާ ކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން މަސައްކަތް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމުގެ އިތުރުން ގިރާވަރު ފަޅު ހިއްކައިގެން "ރެސިޑެންޝަލް ސިޓީ" އެއް ތަރައްގީ ކުރުމަށް ރައީސް ސޯލިހުގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ.
ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމެވިކަން އެންގުމަށް ރައީސް ސޯލިހު ނެރުއްވި ގަރާރުގައި ވަނީ އެ މަޝްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް އަގުގެ މިންވަރަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަން ކަނޑައަޅުއްވާފައިވާ ކަމަށެވެ. ގިރާވަރު ފަޅު ތަރައްގީ ކުރުމަށް މިފަހުން ވަނީ ނ. ދިގުފަރުފަޅާއި އެ ފަޅާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ސްވިޒަލޭންޑްގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކޮށްފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި ކްރޮސް ސަބްސިޑީ އުސޫލުން ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ފައިސާ ހޯދުމަށް ހަަތަރު ކުންފުންޏަކާ އެކު ޕްލޭނިން މިނިސްޓްރީން ފައިނޭންސިން އެގްރިމެންޓްތަކުގައި ސޮއިކޮށްފައިވެއެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ކުރިއަށް ގެންދިއުމަށް ނިންމާ މަޝްރޫއުތަކަށް ފައިސާ ދިނުމުން ބަދަލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.