މިއަދު 17:00 އާއި ހަމަޔަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރައިމަރީގެ ވޯޓުލުން ފެށިގެން މިހާތަނަށް ދިޔައިރު، ގިނަ ޝަކުވާތަކަކާއި، ހަމަނުޖެހުންތަކެއް ދަނީ ވޯޓުލާ މަރުކަޒުތަކުގައި ހިނގަމުން ނެވެ.
އެގޮތުން ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވޯޓުލާ ކަމުގެ ގިނަ ޝަކުވާތަކާއިއެކު ގިނަ ދާއިރާތަކެއްގެ ވޯޓުލުން ހުއްޓިފައިވާއިރު، 57,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގުލިބޭ މި ޕްރައިމަރީގައި މިހާތަނަށް ވޯޓުލެވިފައިވަނީ 12،000 މީހުން ނަށެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ މަންދޫބުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ވޯޓުލާ މަރުކަޒުތަކުގައި ފާހަގަކުރަމުންދާއިރު، ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ހާލާކުކޮށް، ގަޔަށް އަތްލައި މަޝްރަހު ވަނީ ވަރަށް ބޮޑަށްވެސް ހޫނުވެފައެވެ.
އެގޮތުން:
ވޯޓުފޮށި ފަޅާލިކަމުގެ ތުހުމަތުގައި ގދ. ތިނަދު އާއި ގދ. ރަތަފަންދޫން އިންވެސް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ތިނަދޫ އިން އެކަކު އަދި ރަތަފަންދޫ އިން އެކަކެވެ. ތިނަދޫގައި ވޯޓު ފޮށި ފަޅާލައި ބިންމައްޗަށް އެއްލާލި ވަގުތު އެކަން ހުއްޓުވަން އުޅެނިކޮށް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފަށް އަނިޔާވެފައިވާ ކަމަށް ވެސް ވެއެވެ.
ގދ. ހޯނޑެއްދޫގައި ވެސް ވޯޓުލުން ވަނީ ހުއްޓިފައެވެ.
މި ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ވަނީ، ވޯޓު ގަޑުބަޑު ކުރުމަށް ހިންގާ ކަންކަމުގައި ބައިވެރިނުވުމަށް އިލްތިމާސްކޮށް، ހުރިހާ އެންމެން ވެސް ކެތްތެރިކަމާއި ސުލްހަވެރިކަމާއެކު ވޯޓުލައި ނިންމައި ދިނުމަށް އެދިފަ އެވެ.