
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ ޝާހިލުގެ މައްޗަށް ކުރެވޭ އެއްވެސް ދައުވާއަކަށް އޭނާ މިހާތަނަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަސްތެރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވެސް ވިދާޅުވެފައިވަނީ، ޝާހިލުގެ ފަރާތުން ފުލުހުން ބޭނުންވާ މުހިންމު މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ކަމަށާއި އެވާހަކަތައް ދައްކަންވެސް އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި އެމައްސަލާގައި އެންމެ ފުރަތަމަ ފޯނުގެ ޕާސްވޯޑް ދިނުމަށްވެސް އޭނާ އިންކާރުކުރި ކަމަށާއި، ތަހުގީގަށް ކިރިޔާވެސް އެއްބާރުލުމެއް ދޭން ފެށީ ހަފްތާއެއް ފަހުން ކަމަށެވެ.
ޝާހިލް ކުށަށް އިއުތިރާފު ނުވިނަމަވެސް އަދި ބައެއް މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދިނަމަވެސް ގަސްތުގައި މީހަކު މަރާލިކަންމަށް ދައުވާ ކުރެވޭ ވަރަށް އޭނާ އާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ފުރަތަމަ ފޯނުގެ ޕާސްވޯޑު ދޭންވެސް އޭނާ ދެކޮޅު ހެދި އެވެ. ނަމަވެސް ފަހުން އެކަމަށް އެއްބާރުލުންދީ އެ ފޯނު ހުޅުވުމުން ފުލުހުންގެ ތަހުގީގުތައް ވަނީ ފަށާފައެވެ.
ޝާހިލުގެ ނަފްސާނީ މައްސަލަތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ފުލުހުން އޭރު ބުނީ އޭނާގެ ނަފްސާނީ އެއްވެސް މައްސަލައެއް ހުރިކަން މިހާތަނަށް ހެދި ޓެސްޓުތަކުން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން ހަތަރު ދައުވާއެކެވެ. އިތުރު ހަތަރު ދައުވާގެ ތަފްސީލެއް ޕީޖީން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ޝަރީއަތް ސިއްރުކޮށްގެން މިމައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފެށީ މިދިޔަ ޖެނުއަރީ މަސްތެރެއެވެ. ހ. ޝީރީން ވިލާ ގޭގައި ރަހުމު ކުޑަކޮށް މަރާލާފައި އޮތްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މަރާލުމަށްފަހުވެސް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ.
ފުލުހުން މީގެކުރިން ހާމަކުރި ގޮތުގައި އެ އަނިޔާތަށް ދެނެގަނެވިފައިވަނީ، ޝިއާއުގެ ޕޯސްޓުމޯޓަމްގެ ނަތީޖާ އިންނެވެ. މަރާލުމަށްފަހު ޝިއާއުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ލާއިންސާނީ އަނިޔާތަކަކަށް ވުމުންނާއި، އާއިލާގެ އެދުމުގެ މަތިން އެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ބުނާގޮތުން ޝިއާއު މަރުވީވެސް ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުން ނެވެ.
މައްސަލަ ސާބިތުކުރެވޭ ވަރަށް ޝާހިލުގެ މައްޗަށް ހެކި ލިބިފައިވާ ކަމަށާއި، މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ފުލުުހުން ބުނެފައި ވެއެވެ. މިހާތަނަށް ޝިއާއުގެ މަރުގައި ޝާހިލު ނޫން އެހެން މީހަކު ބައިވެރިވެފައި ނުވާކަން ވަނީ ކަށަވަރުކުރެވިފައެވެ.
މި މައްސަލައާއި ގުޅިގެން އުމުރުން 23 އަހަރުގެ ޝާހިލް އެ އެޕާޓްމަންޓުން ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ގައިގައި ގިނަ އަދަދެއްގެ ލޭ ހުރި އިރު، ޝިއާއު މަރާލުމަށް ބޭނުން ކުރި ހަތިޔާރުވެސް ހޯދާފައި ވާކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.
"ސީއެންއެމް" އަށް މީގެކުރިން ދިން ހާއްސަ އިންޓަވިއުއެއްގައި ސާހިލްގެ ބައްޕަ ބުނެފައިވަނީ، ސާހިލް އަކީ އޭނާ އެންމެ ލޯބިވާ އެއް ދަރިފުޅު ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ އެކަމަކަށް ދޭންޖެހޭ ހައްގު އަދަބު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ދިނުމަށް އެދޭ ކަމަށެވެ. ޝިއާއުގެ އާއިލާއިން ބޭނުންވަނީ މަރަށް މަރެވެ.