ads
ހަރަދުތައް ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ނިންމައިފި
ހަރަދުތައް ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާ ސަރުކާރުގެ އިދާރާތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ވުޒާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އޮފީސްތަކުން އަލަށް މުވައްޒަފުންނެގުމާއި އައު އެލަވަންސްތައް ތައާރަފުކުރުމާއި ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގާފައެވެ. މިއިން އެއްވެސް ކަމެއް ކުރަންވަނީ ފިނޭންސް މިނިސްޓްރީއަށް ކުރިޔާލާ އަންގާ އެމިނިސްޓްރީން ހުއްދަ ދިނުމުންކަމަށްވެސް އެ ސާކިއުލާގައިވެއެވެ. 

މަނާކުރިން ކަންކަން

  • އައު އެލަވަންސް ދިނުން
  • ޕްރޮމޯޝަން ދިނުން
  • އަލަށް މުވައްޒަފުން ނެގުން 
  • ރާއްޖެއިން ބޭރަށް ދަތުރު ނުކުރުން 
  • އައު ސޮކޮލަރޝިޕްތައް ނުދިނުން 

ފިނޭންސް މިނިސްޓްރީން ބުނީ ރަސްމީ ގަޑީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް އެކަނި ކަމަށެވެ.

މީގެއިތުރުން ބައެއް ދަތުރުތައް ކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެގުމަށްވެސް އޮފީސްތަކަށް ވަނީ އަންގާފައެވެ. އެގޮތުން 35،000 ރުފިޔާއަށް ވުރެ މަތިން ހަރަދުވާ ދަތުރެއްނަމަ ހުއްދަ ނުނަގާ ނުކުރުމަށް ވަނީ އަންގާފައެވެ.

ފިނޭންސްގެ މި ސާކިއުލާ އޮފީސްތަކަށް ފޮނުވާފައި މިވަނީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ހަރަދުތައް ނޫނީ ނުކުރަން އަންގަވާފައިވާކަމަށް މިދިޔަ ބުދަދަުވަހު ގދ. ފަރެސްމާތޮޑާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް މުއިއްޒު އެދުވަހު ވިދާޅުވީ ބޭރަށް ކުރާ ދަތުރުތަކާއި އެހެނިހެން ދަތުރުތައް ހުއްޓާލުމަށް އަންގަވައިވާކަމަށެވެ. އަދި އެމަނިކުފާނު ދެން ރަށްތަކަށް ކުރައްވާ ދަތުރުތައްވެސް ކުރައްވާނީ މިހާރު ގޮވަައިގެން ވަޑައިގަންނަވާ ޓީމަށްވުރެ ކުޑަ ޓީމުތައް ގޮވައިގެންކަމަށްވެސް ރައީސް ވިދާޅުވީއެވެ. 

ސަރުކާރުން ޒަރޫރީ ހަރަދުތައް ނޫނީ ނުކުރަން އެންގެވިކަން ރައީސާއި ފިނޭންސް މިނިސްޓްރީ ހާމަކުރައްވާފައި މިވަނީ ސަރުކާރުގެ އިގްތިސާދީ ހާލަތު ދަށްވެ ބަންގުރޫޓްވެދާނެތީ މާލީ އިދާރާތަކުގެ ބައެއް ޕްލޭންތަކަށް ވަނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އެހެންނަމަވެސް ރައީސް  ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް