ads
ޑޮލަރު އަޑު ދަގަވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ
ޑޮލަރު އަޑު ގަދަވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލިއްޖެ
ޑޮލަރު އަޑު ދަގަވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު އަނެއްކާ ވެސް އުފުލިއްޖެ އެވެ.
Advertisement

މިއަހަރު ފެށުނުއިރު، ވެސް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 18ރ. އަށެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ އެކި ރޭޓުތައް ކުއްލިއަކަށް މިއަދު ވަނީ އިތުރަށް އުފުލެން ފަށައިފަ އެވެ. މިހާރު އަގުތައް ހުރީ 18.50 އާއި 19.00 ރުފިޔާއާ ދެމެދުގަ އެވެ. އަދި ބައެއް ބްލެކް މާކެޓް އޮންލައިން ޕޭޖްތަކުން އަންނަނީ 19.30ރ. އަށްވެސް ޑޮލަރު ވިއްކަމުންނެވެ. 

ޑޮލަރުގެ އަގަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް މި އައީ ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް މިއަދު ކުޑަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ނިންމުން އިއުލާނު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. 

އެމްއެމްއޭއިން ޖުލައި މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރީ 509.2 މިލިއަން ޑޮލަރެވެ. އަދި މެއި މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 492.2 މިލިއަން ޑޮލަރެވެ. އެހެންކަމުން، މެއި މަހާ އަޅާބަލާއިރު، ޖޫން މަހު ވެސް ރިޒާވް ވަނީ ކުރިއަރާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާނެ ކަމަށް، ސަރުކާރުން ޖެނުއަރީ މަހު އިއުލާންކުރި އެވެ. ނަމަވެސް އެ ބަދަލުތައް ތަންފީޒުކުރެވިފައި ނުވެއެވެ. 

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރަނީ ރާއްޖޭގެ ރިސޯޓަތަކުގެ މަހުޖަނުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ "ބިދޭސީ ގޭންގް" ތަކުންނެވެ. 

ޑޮލަރުގެ އަގު ބޮޑު ނުވުމަށް ބިދޭސީންގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް މިހާރު ވަނީ ފޯކަސް ކުރަން ޖެހިފަ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި 587.2 މިލިއަން ޑޮލަރު - ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ވަނީ ރާއްޖެއިން ބޭރު ކޮށްފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު މި އަދަދުހުރީ 564.6 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ ކުޑަ ނަމަވެސް އިތުރުވުމެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ޑޮލަރު ފޮރުވައިގެން ތިބޭނަމަ ހުރި ޑޮލަރު ކޮޅުގެ އަގު ވެއްޓި އޭގެ ހަގީގީ ފައިދާ ނުލިބިދާނެ އެވެ. މީގެ އިތުރުން ސައީދު ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިންމަސް ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް މި އަހަރު ފެބުރުއަރީ މަހު ވިދާޅުވެފަ އެވެ. 

ނަމަވެސް އަދި އާ ސަރުކާރަށް ހަތް މަސް ވީއިރު ރިސޯޓަތަކުގެ މަހުޖަނުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ "ބިދޭސީ ގޭންގް" ތަކުން ކޮންޓްރޯލްކުރާ ޑޮލަރުގެ ކަޅު ބާޒާރު ފުނޑާލެވިފައެއް ނުވެ އެވެ.

ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މާލީ ހާލަތު އިތުރަށް ރަނގަޅުކުރަން އަޅަން ޖެހޭ މުހިއްމު އިސްލާހީ ފިޔަވަޅުތައް އެޅުމަށް ސަރުކާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފައިސާ ޗާޕު ކުރުމުގެ ސަގާފަތް ދޫކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ އެޅުއްވި ފިޔަވަޅަށް އައިއެމްފް އާއި ވޯލްޑް ބޭންކުން ވަނީ ތައުރީފްކޮށްފަ އެވެ. އަދި އެނިންމުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ މަރުހަބާ ވެސް ވިދާޅުވެފަ އެވެ. މި ބަދަލާއެކު ޑޮލަރުގެ އަގު ވެސް ހަމައަކަށް އެޅެން ފަށާ ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ރައީސް ޑރ. މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް