ސަރުކާރުތައް ހިންގަން އަންނަނީ ސިޔާސީ މީހުން ކަމަށާއި އެ މީހުންގެ ގައިގައި ނަޒާހަތްތެރިކަން ނެތަސް ވަރިހަމަ ކަމަށް ބުނާ ބުނުން އާންމު ވިޔަސް މުޖުތަމައުގެ ރައްކާތެރިކަމާއި އަދަލުވެރި ޖަމައާތެއްގެ ދިރުވައި ކުރިއަރުވަން ބޭނުންވާ މީހުންގެ ކުރިމަތީގައި ގާނޫނު ތަންފީޒު ކުރާ މީހުން އަދި ހާއްސަކޮށް ފުލުހުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ހިސާބަށް ދިޔުމަކީ ގައުމެއްގެ ހަޔާތުގައި ލަދުވެތިކަން ބޮޑު ކަމެކެވެ.
އަދި ހާއްސަކޮށް ފުލުހުންގެ އިސް ސަފުގައި ތިބޭ ބޭފުޅުންނާ މެދު އެ ފަދަ ތުހުމަތުތައް ކުރާ ނަމަ، އެއީ ހައްދުން ނައްޓާފައިވާ ގްރޫޕުތައް ނުވަތަ ބައެއް ގައުމުތަކުގެ ޖައްގަލީގައި އުޅޭ ވަކިވަކި ބައިގަނޑުތަކުން އެބައިގަނޑުތައް ހިންގާ ހިންގުމާ އެއް ފަދަ ކަމަށް ނުވާނެތޯ އެވެ. މި ފަދަ ޒަމާނެއްގައި ނަޒާހަތްތެރިކަން ނެތް ލީޑަ ޝިޕަކުން ފުލުހުންގެ ހިދުމަތެއް ހިންގާ ނަމަ، އެކަން ވާނީ ވަރަށް ރަށު ދަރަޖައިގެ ގޮތެއްފޮތެއް ނެތް ބަޔަކަށެވެ.
ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންގެ އިސް ސަފުގައި ތިބި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާ ކޮށްފައިވާ މައްސަލަގެ ތުހުމަތު އަމާޒުވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދަށެވެ. އޭނާގެ އެކައުންޓަށް، ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާ ކޮށްފައިވާކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އެވެ.
ދާއޫދުގެ އެ މައްސަލާއަކީ ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން ބެލި މައްސަލައެކެވެ. އެ މައްސަލަ ބެލީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންގެ ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.
އެހެން ނަމަވެސް ފުލުހުންގެ ތަހުގީގަށް ވަރަށް ބައިވަރު މައުލޫމާތު އޭރު ވެސް ލިބިފައި ހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާކުރަމުން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓުގެ ތަފުސީލުތައް ބެލިއިރު، 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަން ވެސް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށް ތަހުގީގު ހޯދުންތަކުން ދެއްކި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދާއޫދު އިތުރު އެޕާޓްމަންޓުތަކެއް ވެސް އެފްޑަބްލިއު ރެޒިޑެންސްއިން ގަނެފައި އެބަހުރި ކަމަށާއި ބެލެވެނީ އެ އެޕާޓްމަންޓް ތައް ގަތުމުގައި 4.1 މިލިއަން ރުފިޔާ 10 އިންސްޓޯލްމަންޓުން ނަގުދު ފައިސާ ދައްކާފައި ހުރި ކަން ކަމަށެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިހުސާނާއި ބައެއް ސީނިއާ އޮފިސަރުން ޕްރެޒެންޓޭޝަނެއް އަޑު އައްސަވަނީ - ފޮޓޯ: ޕޮލިސް
ދެން ފެންމަތިވީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހްމަދު ޝިފާނާއި ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފުކުރީގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ އެވެ. އެ މައްސަލަ ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމާތާބެހޭ ކޮމެޓީއަށް ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ނަމުގައި ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ މައްސަލަ މީޑިއާއަށް ތިލަވެގެން ދިޔައީ މިދިޔަ މަހު ނުވަ ވަނަ ދުވަހު އެވެ.
އެ ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވާގޮތުގައި ފަރުހާދު އާއި ޝިފާންގެ ކިބައިން ފެންނަމުންދާ ބައެއް ކަންކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރެ އެވެ. ޝިފާން އާއި ފަރުހާދު ހިންގާ ކަންކަމުގެ ސަބަބުން ފުލުހުންގެ ޒިންމާ އާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދި އެ މުއްސަސާ ފެއިލްވެ ގައުމީ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވާ ވެ އެވެ
އެ ސިޓީއާއެކު ޝިފާންގެ މައްޗަށް އެތަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާނަށް ތުހުމަތުކޮށް މަޖިލިހަށް ހުށައަޅާފައިވަނީ ފުލުހުންގެ އަންހެން މުވައްޒަފުންނަށާއި ފިރިހެން މުވައްޒަފުންގެ އަނބިންނާއެކު ނަހަމަ ގުޅުންތަކެއް ބާއްވައި ބައެއް މީހުންނާ އެކު ގަދަކަމުން ބަދަލުއަހުލާހީ އަމަލުތަކެއް ހިންގުމުގެ ތުހުމަތުތަކެއްކަން އެނގިއްޖެ އެވެ.
ޝިފާނަށް ތުހުމަތުކުރެވޭ ބަދު އަހުލާގީ މައްސަލަތައް:
• އައްޑޫގައި ގާއިމްކޮށްފައިވާ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް 2014ގައި ޝިފާން ހުންނެވި ދުވަސްވަރު، އެތަނުގައި މަސައްކަތް ކުރި އަންހެން ފުލުހަކަށް ތަކުރާރުކޮށް ޖިންސީ އުނދަގޫކޮށް، ގަދަކަމުން އޭނާއާ އެކު ބަދައަހުލާގީ އަމަލު ހިންގާފައިވޭ
• ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ ތަހުގީގަކަށް 2018ގެ ޖޫން ކުރީކޮޅު ކުރި ރަސްމީ ދަަތުރެއްގައި މެލޭޝިއާއަށް ޝިފާން ގޮސްފައި ވަނީ، ފުލުހެއްގެ އަނބެއް ގޮވައިގެން؛ އޭގެ ސަބަބުން އެ އަންހެން މީހާ އާއި ފުލުސް އޮފިސަރުގެ ކައިވެނި ރޫޅިފައިވޭ އަދި އެ ދަތުރުގައި ޕޮލިސް ބަޖެޓުން 4،020 ޑޮލަރު (61،990 ރުފިޔާ) އެ އަންހެން މީހާއަށް ޝިފާން ހަރަދުކޮށްގެން، އެ ފައިސާ ދެއްކުމަށް އޭރު އަންގާފައިވޭ.
• ޑެޕިއުޓީ ކޮމިޝަނާއަށް ހާސްކޮށްފައިވާ އޮފީސް ތެރޭގައި 13 ޖުލައި 2018ގައި ދެ އަންހެން މުވައްޒަފަކާ އެކު ބަދަލުއަހުލާގީ އަމަލު ހިންގާފައިވޭ؛ އަދި މިކަން ކޮށްފައިވަނީ އޭރު އޭނާ އޮފީސް އޮފް ފަ ކޮމިޝަނާގެ ހެޑްގެ މަގާމުގައި ހުންނެވި ދުވަސްވަރު މަގާމުގެ މަސްއޫލިއްޔަތު ތެރެއިން ލިބިދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން.
• މިދިޔަ އަހަރު ތެރޭ އެޑްމިނިސްޓްރޭޓިވް ސަޕޯޓް އޮފިސަރެއްގެ މަގާމަށް އަލަށް ވެއްދި އުމުރުން 18 އަހަރުގެ އަންހެނަކަށް ޝިފާންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވުން. އޭރު ޝިފާންއަކީ އެ ޑިޕާޓްމަންޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ވެރިޔާ.
މީގެ އިތުރުން ކޮރަޕަޝަންއަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ޝިފާނާއި ދެކޮޅަށް ވަނީ ހުށައަޅާފައެވެ. އަދި ފުލުހުންގެ ސުލޫކާއި ހިލާފު މައްސަލަތަކެއްވެސް ވަނީ އެ ސިޓީގައި ފާހަގަކޮށްފައެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް، ޑީސީޕީ ފަރުހާދު ފިކުރީގެ މައްޗަށް ތުހުމަތު ކުރަނީ އޭނާގެ ދަރިފުޅުގެ މައްޗަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގެ ހެކިތައް ނައްތާލާފައިވާކަމަށެވެ.
ވިސުލްބްލޯވަރުންގެ ގޮތުގައި ފުލުހުންގެ 11 އޮފިސަރަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ސިޓީގައި ފަރުހާދު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ދަރިފުޅު ހިންގި ޖިނާއީ ކުށްތަކެއްގެ ހެކި ފޮރުވައި، ތަހުގީގަށް ހުރަސް އަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.
އޮފިސަރުންގެ ސިޓީގައިވާ ގޮތުން، ފަރުހާދުގެ ދަރިފުޅު 2018 ވަނަ އަހަރު 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަހުގީގަށް ހިފެހެއްޓި ފޯނެއްގައި ހުރި ވީޑިއޯ އާއި ފޮޓޯތައް އޭނާ ވަނީ ނައްތާލާފަ އެވެ. މައްސަލަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހެކިތައް ނައްތާލާފައިވާކަން ފާހަގަކޮށް، ފަރުހާދުގެ ބައިވެރިވުން އެކަމުގައިވާ މިންވަރު ބަޔާންކޮށް ފިޔަވަޅު އެޅުމަށް ޕީޖީ އޮފީހުން ފުލުހުންނަށް އަންގާފައިވާ ކަމަށްވެސް އެ ސިޓީގައިވެ އެވެ. ނަމަވެސް އެ މައްސަލައިގައި ފަރުހާދާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވިސުލްބްލޯވަރުން ފާހަގަ ކުރެ އެވެ.
އެ މައްސަލާގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަރުހާދުގެ ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ، ޓްރެފިކް ގަވާއިދުތަކާ ހިލާފުވެ ފުލުހަކަށް ހަމަލާދިން މައްސަލައެއްވެސް ފަރުހާދު ވަނީ ނުފޫޒު ބޭނުންކޮށްގެން ހުއްޓުވާފަ އެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ދަރިފުޅުގެ ސައިކަލު ޓޯޔާޑުން ނެރެ، އެ މައްސަލަ ބެލި އޮފިސަރަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް ވިސުލްބްލޯވަރުންގެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
އެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް، މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަސް ވެގެންދިޔައީ ދިވެހި ފުލުހުންގެ ހިދުމަތުގެ "ކަޅު" ދުވަހަކަށެވެ. ސަބަބަކީ އެ އެ ހިދުމަތް ހިންގުމަށް އެންމެ އިސްކޮށް ހުރި އޮފިސަރު، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ހުށައަޅަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އެ ދުވަހު ފާސް ކުރުމެވެ. މިއީ ހަމަ ބުއްދި ހުރި އިންސާނުންނާއި ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުރި ބަޔަކު އުޅޭ ގައުމެއްގައި ނަމަ، އުޑު ބޮލަން ވެއްޓުން ފަދަ ބޮޑު ކަމެއްގެ ގޮތުގައި ނަގާނެ ކަމެވެ.
މަޖިލީހުގެ ކޮމެޓީން ފާސް ކުރުމަށް ފަހު މަޖިލީހުގެ ފްލޯއިން ފާސް ކުރަން ހުށަހެޅުމަށް ނިންމުމަކީ ވެސް މި ދުނިޔޭގައި ގައުމެއްގެ ގޮތުގައި އަދި ތަހުޒީބު ގައުމެއްކަމަށް ބަލާ ގައުމުތަކުގައި ހިމެނޭނުން ތިބެން ޖެހޭވަރަށް ވުރެ ބޮޑު ކަމެކެވެ. އަދި މަޖިލީހު ކޮމެޓީގެ ނިންމުމަކީ ގޯހެއް އުޅޭ ކަމެއް ނަމަ އެކަންކަމާ މެދު ވެސް ކުރެވޭނެ ކަންކަން ހުންނަށްވާނެ އެވެ.
ދެން އޮތީ އިސްކަންދަރު ކޮށީގެ ދެ ވަނަ ފަންގިފިލާގެ މެއިން ހޯލަށް ފުލުހުންގެ ހުރިހާ ކޮމާންޑަރުން ހާޒިރު ކޮށް ފުލުހުންގެ ކަންކަމަށް ޒިންމާވާ ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ކުރެއްވި ސުވާލެވެ.
މާލޭގައި ތިބި އަދި އަތޮޅުތެރޭގެ އެކި ރަށްރަށަށް ފޮނުވާފައި ތިބި އެކި ރޭންކުތަކުގެ ވެރިން އޮންލައިންކޮށް ވެސް ބައިވެރިވި، މި ބައްދަލުވުމުގައި ފުލުހުންގެ "ލީޑަޝިޕް އޮތީ ފެއިލްވެފައި ކަމަށް އަސަރާ އެކު [މިނިސްޓަރު އިހުސާން] ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ފުލުހުން ބުނި ގޮތުގައި މިނިސްޓަރު މިހެން ވިދާޅުވުމުން އަތް ހިއްލައިލަން ކެރުނު އެއްވެސް ފުލުހަކު ނެތެވެ. ތެދެކެވެ. ފުލުހުންގެ އިސްވެރިންނަށް މިހާރު ކުރެވޭ ބޮޑެތި ތުހުމަތުތަކުން މިންޖު ނުވެ މުޅި މުއައްސަސާއަށް އިތުބާރު ހޯދުން ވާނީ ވަރަށް ދަތި އަދި ވުމަށް ވުރެ ނުވުން ގާތް ކަމަކަށެވެ. ފުލުހުންނަށް ގެއްލިފައިވާ އިތުބާރު ހޯދަން ސުމަކުން ފެށި ނަމަވެސް ސިޔާސީ ނުފޫޒާއި ފުލުހުންގެ އިސްބައެއް ވެރިންގެ އަމިއްލަ މަސްލަހަތުން ފުލުހުންގެ މުއައްސަސާ އެއްކިބާ ނުކޮށްފި ނަމަ އެ ޓޯޓަލް ރިސެޓް އަނެއްކާވެސް ރިސެޓް ކުރަން ޖެހުން ނޫން ކަމެއް ނުވާނެ އެވެ.
ފުލުހުންގެ "ލޯކަލް ޕޮލިސިން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި މިދިޔަ އަންގާރަ ދުވަހު ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން - ފޮޓޯ: ޕޮލިސް
ފުލުހުންގެ ކަންތައް އެ ހާލަތުގައި އޮތަސް މިއީ ގައުމެއްކަމަށް ކިޔައިގެން ގައުމު ހިންގާނެ ބަޔަކު ލައިގެން އުޅޭ ގައުމެކެވެ. ނަމަވެސް ހިތާމައަކީ އަދުވެރި ގައުމެއްގެ ހިނގާކަމާއި އަދުލުވެރިކަން ގާއިމު ކުރުމުގައި އެންމެ ކުރީ ސަފުގައި ތިބި ފުލުހުންގެ މުއައްސަސާގެ އެންމެ އިސް ހިންގުންތެރިންނާ މެދު އެވަރުގެ ސީރިއަސް ތުހުމަތުތައް ކުރަމުންދާއިރު ވެސް ގައުމު ހިންގުމުގެ ބާރުން ހިމޭނުން ތިބޭ ތިބުމެވެ. އަދި ދެން މި ކަހަލަ ކަމެއް ގައުމުގައި ހިނގާއިރު ގައުމު ސަލާމަތް ކުރުމުގެ ގާނޫނީ ބާރުވެރިކަން ހުރި ދައުލަތުގެ ބަންޑާރަ ނާއިބާއި ޕްރޮސިކިއުޓަ ޖެނެރަލަށް ވެސް ކަމެއް ހިނގައިގެން އުޅޭކަން، ނޭނގޭކަމަށް ހަދައިގެން މި ގައުމުގެ ކަރާމާތާއި އިއްޒަތް ވެއްޔާމޮޑެވިގެންދާކަން ވެސް ނޭނގުމެވެ. އެ ބައި މީހުން އެގޮތުގައި ތިބިއިރު ގައުމުގައި ތިބި ތަންދޮރުދަންނަ މީހުންނާއި ތައުލީމާއި ތަޖުރިބާކާރުންގެ ވެސް ތިބީ ކީއްވެވެފައިބާއޭ ހިތައް އަރަ އެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ކުރީގެ ބަންޑާރަ ނާއިބަކު ވިދާޅުވީ ކިރިޔާ ވެސް ހަމައެއް ގަބޫލު ކުރާ އިންސާފުން އުޅޭ ގައުމެއްގައި މި ފަދަ ކަމެއްވެގެން އުޅޭ އިރު، އެ ސީރިޔަސް ތުހުމަތު ކުރެވޭ އޮފިސަރުން އެންމެ ކުޑަމިނުން މަސައްކަތުން އެކަހެރި ކުރާނެ ކަމަށެވެ. އަދި އަމިއްލައަށް ވެސް އެ މީހުން އެކަހެރިވާނެ ކަމަށެވެ.
އެއީ ގާނޫނީ މީހުންގެ ވިސްނުމުގައި ފުލުހުންގެ އިސް މީހުންނަށް ދިމާވެފައިވާ މައްސަލާގައި ދެކޭގޮތެވެ. އެއީ އެވަރުގެ ބޮޑު ކަމެކެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ތިބި ޒިންމާ އާއި މަސްއޫލިއްޔާތާއި ޒިންމާ އާ ހަވާލުވެފައިވާ މީހުންނަށް އެއީ މައްސަލައަކަށް ނުވާ ކަހަލަ އެވެ.
ދިވެހިން އާންމުކޮށް ކިޔާ އުޅޭ ބަހުން ނަމަ، ފަރަންޖީންގެ ތެރޭގައި ވެސް އެ ތަންތަނުގެ ރަސްމީ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންގެ ނަޒާހަތްތެރިކަން ނެތް ކަމުގެ އަޑު ގަދަވެ އަދި އެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގައި އެ ފަދަ ވާހަކަ ދައްކަމުން ގޮސް، އެ ވާހަކަ ހިދުމަތުގައި ތިބި ބަޔަކާ ދިމާލަން ގޮވާ އަދި ރަސްމީކޮށް އެ ކަންކަން އެހެން ހިނގާފައިވާތީ، ވަކި ގޮތަކަށް އެމީހުންނާ މެދު ކަމެއް ކުރަން ފާސް ކުރާ ހިސާބުން އެ ފަދަ މީހުން އެންމެ ކުޑަމިނުން ވަގުތީގޮތުން ދުރަށް ދެއެވެ. ނުވަތަ މަސައްކަތުން އެކަހެރިވާނެ އެވެ.
ނަމަވެސް މި ގައުމުގައި މިނިވަން އެހެން މުއައްސަސާތައް ފަދައިން ފުލުހުންގެ ހިދުމަތް ވެސް ވަރަށް ތަފާތެވެ. ފުލުހުންގެ ހިދުމަތް "ހާޑް ރީސެޓަކަށް" ދާން އުޅެނީ ވެސް "އަން-ޕްރޮފެޝަނަލް ފުލުހުން" ނާއި ވެސް އެކު އެވެ.