ads
ކޮވިޝީލްޑް--
ރާއްޖެ ގެންނަ ކޮވިޑް ވެކްސިން އުފެއްދުމުގައި އިންޑިއާއިން މުހިއްމު ދައުރެއް އަދާކުރި
ކޮވިޑް-19 ބަލިމަޑުކަމުގައި ދުނިޔެ އުޅޭތާ އަހަރެއް ވީ އެވެ. މި ވޭތުވެދިޔަ ކުރު މުއްދަތުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އުމުރުން ދުވަސްވީ މައިންބަފައިންނާއި، އެކި ސިއްހީ މައްސަލަތައް ހުރި އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިން މި ބަލީގައި ވަކިވެގެން ހިނގައްޖެ އެވެ. އެހެންކަމުން ކޮވިޑަށް ހާއްސަ ވެކްސިންތަކެއް ކާމިޔާބުވެގެން ދިޔުމުން އެތައް ބަޔަކަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ރާއްޖެއާ އެންމެ ކައިރީގައިވާ ދުނިޔޭގެ "ބޭސް ފިހާރައިގެ" ގޮތުގައި މަޝްހޫރު އިންޑިއާއިން މި ވަނީ ވެކްސިން އުފެއްދުމުގެ ރޭހުގައި ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. އެއީ އެގައުމުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހައިދަރުއާބާދު ބާރަތު ބަޔޯޓެކް ކުންފުނިން ކޯވެކްސިން އުފެއްދުމުންނެވެ. އެކަމަކު ގިނަ ބަޔަކަށް ނޭނގޭ ވާހަކައަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނީގެ ކޮވިޝީލްޑް ވެކްސިން އުފެއްދުމުގައި ވެސް އިންޑިއާއިން އިސް ދައުރެއް އަދާ ކުރި ކަމެވެ. 

އެ މަސައްކަތް ކުރީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި، ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އެވެ. މި ބަލިމަޑުކަމާއެކު ވެކްސިނެއް އުފެއްދުމުގެ ރޭހުގައި ދެކުނު އޭޝިއާ ސަރަހައްދުން އެސްއައިއައި އިން މި ވަނީ ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. ބަލިމަޑުކަން އައުމާއެކު ވެކްސިންގެ ޓެސްޓުތައް ވެސް ކުރުމެއް ނެތި، އެސްއައިއައި އިން ވަނީ ޕްރޮޑަކްޝަންގެ މަސައްކަތް ފަށާފަ އެވެ. ބޭނުމަކަށްވީ ވެކްސިން ޖެހުމަށް ހުއްދަ ދިނުމުގެ ކުރިން ބޮޑު އާބާދީއަކަށް ވާ ވަރަށް ޑޯޒް އުފެއްދުމެވެ. 

އިންޑިއާގައި ކޮވިޑް ވެކްސިން އުފެއްދި ގޮތުގެ ކުޑަ ތާރީހެއް

ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިންޑިއާގައި އިއްޔެ ފަށާފައިވަނީ އެގައުމުގައި އުފެއްދި ދެ ވެކްސިނާއެކު އެވެ. މި ދެ ވެކްސިނަށް އިންޑިއާގައި ހުއްދަ ލިބުނީ ޖެނުއަރީ 3 ގައެވެ. އެކަމަކު އޭގެ އެތައް މަހެއް ކުރިން ވަނީ ޕްރޮޑަކްޝަންގެ މަސައްކަތް ކުރަން ފަށާފަ އެވެ. އެސްއައިއައި އިން މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ބާރަތު ބަޔޯޓެކުން ވެސް މަސައްކަތް ފެށި އެވެ. 

މޭ 2019 ގައި އޮކްސްފޯޑް ޔުނިވާސިޓީން އެސްއައިއައި އަށް ފޮނުވީ އެއް މިލިލީޓަރުގެ ކުޑަ ފުޅި އެކެވެ. އެ ފުޅީގައި ހުރީ ކޮވިޑް ވެކްސިން އުފެއްދުމަށް ބޭނުންވާނެ ސެލިއުލާ މެޓީރިއަލް އެވެ. އެއް މިލިލީޓަރުގެ އެ ކުޑަފުޅީގެ އެހީގައި އެސްއައިއައި އިން ވަނީ ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާތައް ނިމުމުގެ ކުރިން 40 މިލިއަން ޑޯޒް އުފައްދާފަ އެވެ. އިތުރަށް ބޭނުންވާ ޑޯޒްތައް އުފެއްދުމުގެ މަސައްކަތް ދަނީ މެދުކެނޑުމެއް ނެތި ކުރިއަށެވެ. 

އެސްއައިއައިގެ ސީއީއޯ އާދަރް ޕޫނަވައްލާ ބޭނުންވެ ވަޑައިގެންނެވީ އަވަސް ޕްރޮޑަކްޝަން ލައިނެކެވެ. އެހެންކަމުން އެތަނުގައި ބޭނުން ކުރަނީ މިނެޓަކު 5000 ޑޯޒް އުފެއްދޭވަރުގެ ޕްރޮޑަކްޝަން ލައިނެކެވެ. އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން އެސްއައިއައި އިން މި މަސައްކަތް ކުރިއިރު، އެ ޔުނިވާސިޓީއާ އެކު އިތުރު ހަ ތަނަކުން އެކި ގައުމުތަކުގައި ދަނީ ކޮވިޝީލްޑް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. 

ވެކްސިން ޓެސްޓު ކުރުމުގެ ހުރިހާ މަރުހަލާއެއް ނިންމުމަށް ފަހު 70 ޕަސަންޓު ޔަގީންކަން އޭގައިވާ ކަމަށް އިއުލާނު ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެއާއެކު މި ވެކްސިން ބޭނުން ކުރުމުގެ ލައިސެންސަށް އިންޑިއާގައި އެދުމާއެކު ޓެސްޓުގައި ބައިވެރިވި މީހަކު ސައިޑް އިފެކްޓު ދިމާވި ކަމަށް ބުންޏެވެ. ނަމަވެސް އެއީ ދޮގެއްކަން ފަހުން ފަޅާއެރި އެވެ. 

އިންޑިއާގައި އުފެއްދި އަނެއް ވެކްސިން ކަމަށްވާ ކޯވެކްސިންގެ ޓެސްޓު މަރުހަލާގައި ވެސް މައްސަލަތަކެއް އައެވެ. އެއީ ޓެސްޓުގައި ބައިވެރިވި މީހަކު ފަހުން ޕޮޒިޓިވްވުމާއި އިތުރު މީހަކު ބަލިވެގެން މަރުވުމުންނެވެ. ނަމަވެސް މަރުވި މީހާއަކީ ވެކްސިނުގެ ސަބަބުން މަރުވި މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން މި ދެ ވެކްސިނަށް ވެސް މި މަހުގެ ކުރީކޮޅު އިންޑިއާގައި ހުއްދަ ދިނުމާއެކު އިއްޔެ ވަނީ އެގައުމުގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމު ފަށާފަ އެވެ. އިއްޔެ އެކަނިވެސް ގާތްގަނޑަކަށް ދެލައްކަ މީހުންނަށް ވެކްސިން ދިނެވެ. 

ކޮވިޝީލްޑް ރާއްޖެއަށް ގެނައުމުގެ މަސައްކަތް

ދިވެހި ސަރުކާރުން ވަނީ ކޮވިޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއެކު އެއްބަސްވެފަ އެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ވެކްސިން ޝިޕްމަންޓް މި މަހުގެ 26 ގައި ރާއްޖެއަށް އަންނާނެ އެވެ. އެކަމާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި އާއްމުކޮށްފައެއް ނުވެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ވެކްސިންގެ ކަންކަމުގައި އިންޑިއާއިން ބައިނަލްއަގްވާމީ މުޖުތަމައުގައި ވެސް އިސް ދައުރެއް އަދާ ކުރަމުން ދިޔުމާއެކު އެގައުމުގެ އެހީ ވަރަށް ބޮޑަށް ރާއްޖެއަށް ލިބިގެން ދާނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. ސަންޖޭ ވިދާޅުވެފައި ވަނީ އިންޑިއާގެ ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާއަކީ ބޭސް އުފައްދާ އެންމެ ބޮޑު އެެއް ގައުމަށްވެފައި އަވަށްޓެރި ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައިކަން ސަންޖޭ ފާހަގަކުރެއްވި އެވެ. އެހެންކަމުން ވަރަށް އަވަހަށް ވެކްސިން ރާއްޖެއާ ހިސާބަށް ފޯރާނެ ކަމަށް ވިދާޅުވި އެވެ. 

"އިންޑިއާގެ ފަރާތުން ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެ. އަނެއްކާވެސް އިންޑިއާއިން މި ސާބިތުކޮށްދެނީ އިންޑިއާއިން އަބަދުވެސް އިމަޖެންސީ ހާލަތްތަކުގައި އެހީވާން އެންމެ ފުރަތަމަ ނިކުންނަ ގައުމަކަށް ވާނެކަން،" ސަންޖޭ ވިދާޅުވި އެވެ.

ކޮންމެއަކަސް އަންނަ ހަފްތާގައި ވެކްސިނުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވެ އެވެ. 

11%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
89%
ވަރަށް ސަލާމް
ކޮމެންޓްސް