ads
އިދިކޮޅު ހުރަގޭގައި، ކޮއިލުތެރެ ހޫނުވި އަހަރެއް!
އިދިކޮޅު ހުރަގޭގައި، ކޮއިލުތެރެ ހޫނުވި އަހަރެއް!
މިދިޔަ އަހަރު 2021 ވަނަ އަހަރު ވެގެން ގޮސްފައިވަނީ އަހަރުތެރޭގައި އިދިކޮޅުގެ މާގިނަ، ނުވަތަ މާވަރު ގަދަ ހަރަކާތްތަކެއް ފެނިގެން ނުދާ އަހަރަކަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން މިނިވަން ވުމާއެކު ފެށުނު "އިންޑިއާ އައުޓް" ހަރަކާތަކީ މިހާރު ވެސް ހިންގަމުންދާ ސަރުކާރަށް އެކަމުން އުނދަގޫ ވަމުންދާ ހަރަކާތެކެވެ. އެއަށްވުރެ ބޮޑަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިސްނަން ޖެހިފައި އޮތީ އެކުގައި އެއްއޮޑިއެއްގައި ސަރުކާރަށް އައި ސިޔާސީ އަޚުންނަށެވެ. ޚާއްސަކޮށް އެންމެ ގާތްކޮށް އުޅުއްވި އެކުވެރިޔާ ވަނީ ސިޔާސީ ގުޅުން ކަފުން ކޮށްފައެވެ.

ވޭތުވެދިޔަ އަހަރު ހިނގާފައިވާ ފާހަގަ ކޮށްލެވޭ ކަންކަމުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރައީސް ނަޝީދަށް ދިން ހަމަލައާއި ރައީސް ޔާމީން މިނިވަން ވުމެވެ. އަދި އެކަންކަމާ ގުޅިގެން ހިނގާފައިވާ ބޮޑެތި ކަންކަމެވެ. އޭގެ އިތުރުން ސަރުކާރުގެ ތެރެއިން ސަރުކާރު ހިންގުމަށް ކުރިމަތި ކުރުވަމުން ގެންދާ ކަންކަމުގެ ސަބަބުން ނުވަތަ އެހެން ނިޒާމެއް ރާއްޖެއަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތުގެ ސަބަބުން ސަރުކާރަށް ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވެރިވެފައެވެ. 

ބަރުލަމާނީ ނިޒާމުގެ މަސައްކަތުގެ ފެށުން

"އެމްޑީޕީ ގައުމީ މަޖިލިސް" ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މެސެޖެއް ފޮނުއްވިއެވެ. މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން، ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ކްލިނިކެއް ދީފައިވާކަމަށް ތުހުމަތު ކުރައްވައެވެ. އެކަން އެގޮތަށް ދާން ދޫނުކުރައްވާނެ މެސެޖުގައި ކަމަށް ވިދާޅުވެފައިވެއެވެ. މިހާދިސާގެ ކުރިން ވެސް އުފެދިފައިއޮތް، ރައީސް ނަޝީދާއި، ރައީސް ސޯލިހާ ދެމެދު ލެވިފައިއޮތް ފާރު މީހުންނަށް ހާމަވެ ތިލަވާން ފެށިއެވެ. އޭގެ ކުރިން ވަނީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މަގާމުން ވަކިކުރައްވާފައެވެ. ރައީސް ނަޝީދުގެ މި މެސެޖައް ރައްދު ދެއްވީ މަލީހެވެ.

މަލީހު މިނިސްޓަރުކަމުން ވަކިކޮށްފި

ވިދާޅުވީ މިހެންނެވެ. ރައީސް ނަޝީދު ކޯފާވެގެން އުޅުއްވަނީ، އެއްވެސް މެނިފެސްޓޯއެއްގައި ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމުގެ ވައުދު ހިމަނާފައި ނުވާތީކަމަށެވެ. މަލީހު މިހެން ވިދާޅުވީ އޭރު މިނިސްޓަރު ފައްޔާޒަށް ރައީސް ނަޝީދު ކުރައްވާ ތުހުމަތެއްގެ ވާހަކަތައް ފެންމަތިވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. 

އެހެން ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯގައި ދައުރުގެ މެދުތެރެއިން ބަރުލަމާނީ ނިޒާމަކަށް ދާންޖެހޭ ފަދަ ވާހަކަތަކެއް ހިމަނާފައިވެއެވެ. އެހެން ނަމަވެސް ގިނަ ސިޔާސީ ފަރާތްތަކުން އެކަމަށް ދެކޮޅު ހަދަނީ ވެރިކަމުގެ ނިޒާމު ކަނޑައަޅަފައިވަނީ ރައްޔިތުން ކަމަށް ވާތީއެވެ. އަދި އެނިންމުން އެހެން ގޮތަކަށް ބަދަލު ކުރުމަށް ވެސް ހަމަ ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ ކަމަށް ގަބޫލު ކުރެވެ. ރައީސް ސޯލިހު ވެސް ވިދާޅުވަނީ އެހެންނެވެ. 

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ރައީސް ނަޝީދު މެސެޖަކުން ރައީސް ސޯލިހުގެ އަރިހުގައި މިދިޔަ އަހަރުގެތެރޭ ވަނީ އެދިވަޑައިގެންފައެވެ. އެ މެސެޖުގައި ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށާއި ސަރުކާރު އުވާލުމަށް ވެސް އެދިފަައިވެއެވެ. މިކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ، ފޮނުއްވި އެ މެސެޖުގައި ނަޝީދު ވަނީ މަޖިލީހުގެ މިހިނގަމުންދާ ދައުރު ނިމި މަޖިލިސް އިންތިހާބު ބޭއްވެންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ބަދަލު ގެނައުމަށް ވެސް ހުށަހަޅުއްވާފައެވެ. 

މިކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ދެކޮޅެވެ. އަދި ގިނަ ސިޔާސީ ފަރާތަކާއި ސަރުކާރުގެ ވެސް ގިނަ ބައިވެރިން ދެކޮޅެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމު ގައުމަށް މުހިއްމުކަން ދެކެވަޑައިގެން މަސައްކަތް ކުރައްވަމުންނެވެ. 

ބަރުލަމާނީ ނިޒާމަށް ފެންނަ ނުފެންނަ ވޯޓު އަންނަ އަހަރު ނަގަންޖެހޭ: ރައީސް ނަޝީދު

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނިޒާމީ ވޯޓެއް ނަގަން ނިންމާ ސަރުކާރުން މިހާތަނަށް އަންގަވާފައި ނުވާކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 

ނިޒާމީ ވޯޓު ނެގުމާއި ގުޅޭގޮތުން އެއްވެސް ރަސްމީ ނިންމުމެއް ނެތް: ފުވާދު

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލަ 

މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ދިން ހަމަލާއެކެވެ. ހަމަލާދޭން ބޭނުން ކުރި އައިޑީ ހަރުކޮށްފައިހުރީ ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކޮށްފައި ހުރި ސައިކަލެއްގަ އެވެ. 

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން ބޭއްވި ޕްރެސް ބްރީފިން ގައި ފުލުހުން ވެސް ވަނީ ރައީސް ނަޝީދުގެ ބަހެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އެމަނިކުފާނު ވިދާޅުވެފައިވަނި "ބަޔާނަކަށްވެސް ބަހަކަށްވެސް ދައްކަން އޮތީ ޖާނާއި ހިތާއި މޭ" ކަމަށެވެ.

މި އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި އިސްކޮށް އުޅުނު އަދުހަމު އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފިއެވެ. 

އަދުހަމް މާފަށް އެދުނު، އެހެނަސް 23 އަހަރަށް ޖަލަށް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން 10 މީހަކު ހައްޔަރު ކުރިއެވެ. 

ނަފްރަތުގެ ބިލް

ހަރުކަށި ފިކުރަށް ތާއީދުކޮށް ހިތްވަރު ދޭ ސަރުކާރަކަށް ތާއީދެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދުގެ އޮފީހުގެ ފަރާތުން ނެރުނު ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދީގެން ބޮޑު މެޖޯރިޓީއަކުން ހޮވީ އެމްޑީޕީގެ އަސާސްތައް ބަލައިގަނެ އެ އަސާސްތައް ހިންގުމަށާއި ހަރުކަށި ފިކުރަށް ޖާގަ ދިނުމަށް ނޫން ކަމަށެވެ.

ހަރުކަށި ފިކުރަށް ހިތްވަރުދޭ ސަރުކާރަކަށް ތާއީދެއް ނެތް: ރައީސް ނަޝީދު

ސަރުކާރުން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ އެންމެ އަަސާސީ ސިފަތައް ސަރުކާރުން ނައްތާލަމުންދާ ކަމަށާއި، އެގޮތުން ނަފްރަތުގެ ބިލް ސަރުކާރުން ހުށަހެޅުމާއެކު އަދާލަތު ޕާޓީން އެ ބިލާ ދެކޮޅު ހެދުމާއެކު ސަރުކާރުން ވެސް އެކަމަށް ފަސް ޖެހިފައިވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަފްރަތުގެ ބިލަށް ތާއީދު ކުރާ މީހުން ކާފަރުކުރުމާއި އެ ފަދަ މީހުން ނަފްރަތުގެ އަމަލުތަކުގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރު ސަރުކާރަށް ވެސް ހީވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ މަރުތަކެއް ހިނގާފައިވަނީ އެމީހުންނަކީ ލާދީނީ މީހުންގެ ގޮތުގައި ސިފަކޮށް، އެމީހުން ކާފަރު ކުރުމުގެ ސަބަބުން ކަަމަށާއި އެ މީހަކު އެއީ ކާފިރެއްކަމުގައި ކަނޑައެޅުމަށް ފަހު ދެން އޮންނަނީ ފަތުވާއަކަށް ފަހު ހަރުކަށި ޖިހާދީ ފިކުރުގެ މީހުން އެ ފަތުވާ ތަންފީޒުކުރުން ކަމަށެވެ. އަދި ނަފްރަތުގެ އަމަލު ހުއްޓުވާ ބިލް ވުޖޫދަށް ގެނައުމުގެ ބޭނުމަކީ މި ފަދަ ގޮތަކަށް ކާފަރު ކުރުމުގެ އަމަލު ހުއްޓުވުން ކަން ފާހަގަކުރެއްވިއެވެ.

މިބިލް ފަހުން އިސްލާހުތަކެއް ގެނައުމަށްފަހު ވަނީ މަޖިލީހުގެ 50 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. 

50 މެންބަރުންގެ އިއްތިފާގުން ނަފްރަތުގެ ބިލް ފާސްކޮށްފި

ރައީސް ޔާމީން މިނިވަންވުމާއި "އިންޑިއާ އައުޓް" ކެމްޕޭން

އަހަރު ނިމެމުން އައި އިރު އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ފާހަގަކޮށްލެވުނީ ރައީސް ޔާމީން މިނިވަން ވެގެން ދިއުމެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. 

ރައީސް ޔާމީން އަށް ކުރި ހުކުމް ބާތިލްކޮށްފި

ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގަތުމާއެކު ފެއްޓެވީ "އިންޑިއާ އައުޓް" ކެމްޕޭނެވެ. ވާހަކަފުޅު ދެއްކެވި ފުރަތަމަ ޖަލްސާގައިވެސް ވިދާޅުވީ އިންޑިއާ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށާއި، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮވެގެން ނުވާނެ ކަމަށެވެ. 

ޔާމީން ވިދާޅުވީ މިވާހަކައަކީ ވަކި ފެންވަރެއްގެ ބަޔަކު ދައްކާ ވާހަކައެއް ކަމަށް ބައެއް މީހުން ވާހަކަ ދައްކާކަމަށާއި އެހެން ނަމަވެސް އެކަން ދޮގު ކުރައްވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެވާހަކަ މިރޭ ދައްކަވަނީ ރަސްމީ ހައިސިއްޔަތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ. 

އެހެން ވިދާޅުވެ، ރައީސް ޔާމީން ގެންދަވަނީ އެ ކެމްޕޭން ރާއްޖޭގެ އަތޮޅުތަކުގައިވެސް މިހާރު ކުރައްވަމުންނެވެ. އެކަމާ ދެކޮޅަށް މިހާރު ސަރުކާރުން އަންނަނީ ބަސް ބުނަމުންނެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހު ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ސަރުކާރުން ވެސް މިކަމަށް އަންނަނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބުނަމުންނެވެ. 

މިދިޔަ އަހަރަކީ ސިޔާސީ ގޮތުން މާ ހޫނު ގަދަ ހަރަކާތްތަކެއް ނެތް ނަމަވެސް ސިޔާސީގޮތުން ވެސް ސަރުކާރަށް އަދި ރައީސް ސޯލިހަށް ވެސް އެންމެ ބޮޑަށް ވިސްނަންޖެހިވަޑައިގަންނަވާނީ އިދިކޮޅުގެ ހަމަލަތަކަށްވުރެ ބޮޑަށް އެމަނިކުފާން ވެސް ހުންނެވި ވެރިކަމުގެ ކޮއިލު ތެރޭގައި ހިނގަ ދިޔަ ކަންކަމަށެވެ. އެހެން ކަމުން މިދިޔަ އަހަރުގެ ސިޔާސީ މަޝްރަހުގައި މާ ބޮޑު ވާދަވެރިކަމެއް ނެތް ނަމަވެސް އަމިއްލަފުޅު ޕާޓީގެ އެތެރެއިން ނުވަތަ ވަކި ބޭފުޅެއްގެ ސަބަބުން ލިބުނު ނުތަނަވަސްކަމެއް ވުރެ ވަކިން ބޮޑު ކަމެއް ކުރިމަތިނުވެދާނެ އެވެ. އެހެން ނަމަވެސް އަހަރު ނިމެމުންދިޔަ އިރު މަންޒަރު ބަދަލުވާ ކަހަލަ ކުލަވަރެއް ފެންނަން ފެށި ނަމަވެސް އެއީ ހަމަ ހަގީގަތުގައިވެސް ފިނިކަމެއްގެ ނިޝާނަކަށް ވެދާނެ ބާއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް