ads
ކޮމަންޑޫ ބައި އިލެކްޝަން ތެރޭ——ފޮޓޯ: ސީއެންއެމް
2022: އެމްޑީޕީއަށް 50 އިންސައްތަ ހުރަސް ނުކުރެވޭނެކަން ފަހުމުވުން
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ގަރާރެއް ހުށަހެޅުނު
ނިމިިދިޔަ 2022 ވަނަ އަހަަރަކީ ސިޔާސީ ހުރިހާ ކުލަވަރެއް ފެނިގެންދިޔަ އަހަރެކެވެ. ނުހަނު އުންމީދާއިއެކު ދެވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު "ހަނީމޫން" ދުވަސްވަރު ނިމުނުއިރު އޮތީ "ވަރިފަށަށް" އަރާފަ އެވެ. މި ލިއުމުގައި މި ބަލާލަނީ 2022 ވަނަ އަހަރު ސިޔާސީ މަޝްރަހުން ފާހަގަކުރެވިގެންދިޔަ މުހިންމު ކަންކަމަށެވެ.

ވިހިއެކާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު، ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވި އެވެ. މެމްބަރު ކަމުގައި ހުންނެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި ނިޔާވުމާއި އެކު ޖެހިގެން އައި ދުވަހު އިވެންފެށީ އެދާއިރާއިން ހުސްވި ގޮނޑިއަށް ސިޔާސީ ޕާޓީތަކުން އަވަސްވެގަތް އަޑެވެ. އެމްޑީޕީ، ޕީޕީއެމް، އަދި އަލަށް އުފެދިގެން މިހާރު ހަލުވިމިނުގައި ކުރިއަށް ދާ އެމްއެންޕީވެސް ކުރިމަތިލި އެވެ. ހަގީގަތުގައި އެ ބައި އިލެކްޝަނަކީ އެމްޑީޕީއަށް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށްފަހު، ޕާޓީގެ މަގުބޫލުކަން އޮތް މިންވަރު ވަޒަންކުރަން ލިބުނު ފުރުސަތެކެވެ.

ކޮމަންޑޫގެ ބައި އިލެކްޝަން ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން އޭރު ފާހަގަކުރެއްވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް "ވަކަރަށް ޖެހުން" ފަދަ ކަމެއްގެ ގޮތުގައެވެ. ވަކަރަށް ޖެހުމަކީ އާރުލާތޯ ބެލުމެވެ. އާރުލާތޯ ބަލަނީ، ރުއް ކަނޑާލުމުގެ ކުރިން ބޭނުމެއް ހިފޭތޯ ބަލަން އެރުކުގައި ހަރުކަމެއް ހުރިތޯ ބެލުމަށް ރުކުގެ ބުޑުދަށުގައި ފުރޯއިން ޖަހައި ބަލެމެވެ. އެގޮތުން، ކޮމަންޑޫ ދާއިރާގެ ނަތީޖާއިން ރާއްޖޭގެ މިއަދުގެ ސިޔާސީ ހާލަތު ސާފުވާނެކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ފާހަގަކުރެއްވި އެވެ. 

މި އިންތިހާބު ކާމިޔާބުކުރާ ޕާޓީއެއް ވެގެންދާނެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާއި ގާތުގައި އޮންނާނެ ޕާޓީއަކަށް ކަމަށް ދެކި، ހާއްސަކޮށް ދެފެކްޝަނަކަށް ބެހިފައި އޮތް އެމްޑީޕީއަށް މިއީ މުހިންމު އިންތިހާބަކަށް ވިއެވެ. 

ވާދަވެރި އިންތިހާބަކަށް ފަހު ފެބްރުއަރީ ފަސްވަނަ ދުވަހު ކޮމަންޑޫ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އެވެ. މި އިންތިހާބުގައި ރާޝިދުއަށް 1،401 ވޯޓު ލިބިފައި ވާއިރު، ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް 1،161 ވޯޓް ލިބުނެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓު ހަންނާން އަށް 323 ވޯޓު ލިބުނެވެ.  

ރާޝިދު މެމްބަރުކަމުގެ ހުވާ ކުރެއްްވީ އެމަހުގެ ނުވަ ވަނަ ދުވަހު އެވެ. މަޖިލީހުގެ ގޮނޑިއަށް އިންތިހާބު ވުމަށް ފަހު، މެމްބަރު ރާޝިދު ފުރަތަމަ ހުށަހެޅުއްވީ ހިލޭ ދެމުންދާ ޕްލާސްޓިކް ކޮތަޅުން "ލެވީ" ނަގަން ނުވަތަ ކޮތަޅު ގަންނަން މަޖުބޫރުވާ ގޮތަށް "ކުނި މެނޭޖުކުރުމުގެ ބިލު" އިސްލާހު ކުރުމަށެވެ. އެ ބިލު ފާސްކޮށް ޑިސެމްބަރު 18 ވަނަ ދުވަހު ވަނީ ތަސްދީގުކުރައްވާފަ އެވެ. އެޔާއިއެކު މިއަހަރުގެ އެޕްރީލުން ފެށިގެން ކޮތަޅުން ދެ ރުފިޔާ ނަގާނެ އެވެ. މިހާރުވެސް ބައެއް ތަންތަނުން ކޮތަޅަށް ދަނީ ލެވީ ނަގަމުން ނެވެ. މި އިސްލާހަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ގަރާރެއް ހުށަހެޅުނު

އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތް އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ބަރުލަމާނީ ނިޒާމަކަށް ދިޔުމާމެދު އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނަޝީދު ބޭނުންވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން އެގޮތަށް ކުރާކަށް ބޭނުމެއެއް ނުވެ އެވެ. އެކަމާއި ގުޅިގެން އެމްޑީޕީ ތެރެ ދެ ފެކްޝަަނަކަށް ބެހި 2020 ވަނަ އަހަރު ބޭއްވި ކައުންސިލު އިންތިހާބުން އެމްޑީޕީ ހީކުރިވަރުގެ ކާމިޔާބެއް ނުލިބުނެވެ. އެއާ އެކު އެމްޑީޕީ ނިކަމެތިވެ ރައްޔިތުންގެ މެދުގައި ބަލައި ނުގަންނަ ޕާޓީއަކަށް ބަދަލުވެދާނެ ކަމުގެ ބިރުވެރިކަން އުފެދުނެވެ.

ބައި އިލެކްޝަންގެ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބުނީ، އެންމެ 204 ވޯޓުގެ ތަފާތުން ނެވެ. ބާކީ ބޮޑުބައެއް ދަމައިގަތީ އިދިކޮޅު ޕީޕީއެމް އިން ނެވެ. އެހެންކަމުން އެ ގޮނޑި އެމްޑީޕީއަށް ލިބުނު ނަމަވެސް އެޕާޓީގެ މުސްތަގުބޮޮލާއިމެދު ބޮޑެތި ސުވާލުތަކެއް ޕާޓީގެ ތެރެއިން އުފެއްދި އެވެ. ހާއްސަކޮށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުން ބޮޑެވެ. އެމްޑީޕީގެ ވެރިކަން ދިފާއު ނުކުރެވޭނެ ކަމުގެ މަލަމަތި ސާފުކަމަށް އެމަނިކުފާނު ގަބޫލުކުރައްވައި، އެވާހަކަ އަލުން ފެއްޓެވީ މި އިންތިހާބުގެ ނަތީޖާ އާއި އެކު އެވެ. 

އެގޮތުން ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށްފިނަމަ, އެމްޑީޕީއަށް ދެން ވެރިކަމުގައި ދެމި ނުތިބެވޭނެކަމަށް ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް މިވަގުތު ފުރުއްވަމުން ގެންދަވާ ރައީސް ނަޝީދު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާއަށް ރިއާޔަތްކޮށެވެ. 

އެމްޑީޕީގެ ކެންޑިޑޭޓަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުވިކަން ޔަގީންވުމުން އެމްޑީޕީ ވަޓްސްއެޕް ގުރޫޕަށް އައި މަރުހަބާގެ މެސެޖްތަކަށް ރިޕްލައި ކުރައްވަމުން ނަޝީދު ވިދާޅުވީ، ކާމިޔާބުވި ނަމަވެސް 50 އިންސައްތަ ހުރަސް ނުކުރި ކަމަށެވެ. އެހެންކަމުން ނަތީޖާއިން ފެންނަނީ ބަރުލަމާނީއަށް ބަދަލުނުކޮށް 2023ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ދިފާއު ނުކުރެވޭނެކަން ކަމަށެވެ.

އެޔާއިއެކު، ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓް ކާމިޔާބު ކުރާ މީހަކު ވެރިކަމަށް ގެންނަގޮތަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން  ފެބްރުއަރީ 10 ވަނަ ދުވަހު ނަޝީދު ހުށަހަޅުއްވި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫފަށް ރައީސް ނަޝީދު ފޮނުވާފައިވާ އެ ހުށަހެޅުމުގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓުގެ 30 އިންސައްތަ އަށްވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯދާފައިވާ ކެންޑިޑޭޓެއް ނަމަ، ދެ ވަނަ ބުރަކަށް ނުގޮސް އެ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ކޮންގްރެެސް އިން ނިންމުމަށެވެ. 

ނަޝީދު ހުށަހެޅުއްވީ:

  • އިންތިހާބުގައި މިފަދައިން ކަނޑައެޅުމުން އެއްވެސް ކެންޑިޑޭޓަކަށް 30 އިންސައްތަ ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަަށް ގޮސް، ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓުގެ ގޮތުގައިވެސް ގާނޫނު އަސާސީގައި ކަނޑައެޅުމަށް. 

މިހާރު އޮންނަ ގޮތުން އެއްބުރުން އިންތިހާބުގައި މޮޅުވުމަށް ބޭނުންވަނީ 51 އިންސައްތަ އެވެ. މި އިންސައްތައަށް ވޯޓު ނުލިބިއްޖެނަމަ އޮންނަނީ ދެވަނަ ބުރަކަށް ގޮސް އެންމެ ގިނައިން ވޯޓުލިބޭ ކެންޑިޑޭޓަކު ހޮވުމެވެ. ގާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންވާ މި އިސްލާހު ގެނެވިއްޖެނަމަ، އިންތިހާބު ކާމިޔާބު ކުރުމަށް 51 އިންސައްތަ ބޭނުމެއް ނުވާނެ އެވެ. އަދި 30 އިންސައްތަ ވޯޓު ލިބިއްޖެނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ވާނެ އެެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް