ވޮޑުމުއްލާ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 2019 ވަނަ އަހަރު އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން 2021 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު މިނިވަންވުމާއިއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް އިތުރަށް ވަރުގަދަކޮށް، ޔާމީން އިސްވެ ހުންނަވާ އެ ހަރާކަތް އަތޮޅުތެރޭގައި ފެށި އެވެ.
މިއާއެކު، ރާއްޖެއާއި ބޭރުގެ ގައުމު ތަކާއި ދެމެދު އޮންނަ ހާރިޖީ ގުޅުމަށް އަސަރުކުރާފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް 30 ޖެނުއަރީ 2022 ވަނަ ދުވަހު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ފެށި އެވެ.
އެއްވެ، ހަމަނުޖެހުން އުފެއްދުމަށް ސަރުކާރުން ފުރުސަތެއް ނުދެއެވެ. އެކަމަކު، ކޮންމެ ހުކުރު ދުވަހަކު ހެން އިދިކޮޅުން ބޮޑެތި މުޒާހަރާތައް ރާވާ، ސަރުކާރު "ވައްޓާލުމަށް" މަސައްކަތް ކުރަމުންދިޔަ އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އިންޑިއާ އައުޓް" ކެމްޕެއިން ވަރަށް ގަަދައަށް ފަށައިގަނެ، ރައީސް ޔާމީން އިސްވެ ހުންނަވާ ރަށްރަށަށް ވަޑައިގަނެ ރައްޔިތުންގެ ލޭ ކައްކަމުން ދިއުމަށްފަހު، "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ބޮޑު އެއްވުމެއް 26 މާރިޗް 2022 ވީ ހުކުރު ދުވަހު ބޭއްވި އެވެ.
އެއްވުމަށް ޖާގަ ނުދޭނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން މަޖިލީހުގައި ދެއްވި އެވެ. ފުލުހުންގެ އިދާރާއަށް އިދިކޮޅުގެ ބޭފުޅުން ހާޒިރުކޮށް އެ ހަރަކާތް ނުބޭއްވުމަށް އެދުނެވެ. އެވަރުން ވެސް އިދިކޮޅުން ގޮތް ދޫ ނުކުރުމުން ހަރަކާތަކީ ގޭންގުތައް ނެރެގެން ބާއްވާ ނުރައްކާތެރި ހަރަކާތެއް ކަމަށް ސިފަކޮށް، އެ ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރާ އެކު ފުލުހުން ބަޔާން ވެސް ނެރުނެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ނުގަޑިއެއްގައި އިލެކްޝަން ކޮމިޝަނުން ވެސް އެފަދަ އިހުތިޖާޖެއް ނުބޭއްވުމަށް އިލްތިމާސްކޮށް ބަޔާން ނެރުނެވެ.
ބޮޑު މަންޒަރު ދެއްކި އެ މުޒާހަރާ އިރުކޮޅެއްތެރޭ ފުލުހުން ރޫޅާލި އެވެ. ނަމަވެސް، މި މުޒާހަރާގެ ތެރެއިން ނުވަ މީހަކު ހައްޔަރުކުރި އެވެ. މުޒާހަރާއަށް ފަހު ޕީޕީއެމްގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވި ގޮތުން އިންތިޒާމުތައް ދަށްވީ އަދި މަންޒަރު ބޮޑު ނުވީ، މާ ކުރިން ފެށިގެން އެ ހަރަކާތުގެ ސިފަ ހުތުރުކޮށް ހަރަކާތައް ސަރުކާރުން ހުރަސް އެޅުމުން ނެވެ.
އިންޑިއާއާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ކަމަށް ބުނާ “އިންޑިއާ އައުޓް” ކެމްޕެއިންއަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން 21 އޭޕްރީލް 2022 ގައި ކަނޑައެޅި އެވެ. އެމަޖިލީހުން އެކަން އެގޮތަށް ކަނޑައެޅުމާއިއެކު ހަރަކާތް ހުއްޓުވަން އަންގާ ރައީސް ނެރުއްވި ގަރާރުގައި ބުނެފައިވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން އެގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އެންގި އެވެ.
މިޔާއެކު އިދިކޮޅުން އިމާރާތްތަކުގައި ނަގަމުން އައި އިންޑިއާ އައުޓު ބޭނާތަށްވެސް ފުލުހުން ތިރިކުރަން ފެށިއެވެ. އަދި އެ ހަރާކާތުގައި ހަރަކާތްތެރިވާ މީހުން ހައްޔަރުކުރަން ފެށި އެެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ރައީސް ސޯލިހް ނެރުއްވި ގަރާރު ބާތިލުކުރަން އިދިކޮޅުން ސިވިލް ކޯޓަށް ވެސް 27 އޭޕްރީލް 2022 ގައި ހުށަހެޅި އެވެ. ނަމަވެސް ޖޫން 29 ވަނަ ދުވަހު އެމައްސަލަ ކޯޓުން ބޭރުކޮށްލި އެވެ. އެ މައްސަލަ އާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މައްސަލަ ކޯޓުން ބޭރުކޮށްލަން ނިންމީ އެ މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުން ކަމަށެވެ.
ނަމަވެސް އެހާ ހިސާބުންވެސް އަދި އެ ހަރަކާތް ހުއްޓުވައެއް ނުލެވުނެވެ. ބޭރުގެ މީޑިއާތަަކުގެ ސަމާލުކަމަށްވެސް އެކަން އަންނަން ފެށި އެވެ. އިދިކޮޅުން ބުނަމުންދިޔައީ "އިންޑިއާ އައުޓް" އެއީ ޖަޒުބާތެއް ކަމަށެވެ.