ads
ފިނޭންސް މިނިސްޓްރީ: 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓަށް 25 މިލިޔަން ޑޮލަރު ދެއްކުން - ފޮޓޯ:ރާއްޖެއެމްވީ
500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓަށް 25 މިލިޔަން ޑޮލަރު ދައްކައިފި
2021 ވަނަ އަހަރު ވިއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން 2021 ވަނަ އަހަރު ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސީނިއާ އަންސެކިއުޑް ސުކޫކުގެ އެންމެ ފަހުގެ ކޫޕަން ޕޭމަންޓް ވަނީ މި އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހު ކާމިޔާބުކަމާއެކު އަދާކޮށްފައިވާ ކަމަށެވެ.

2026 ވަނަ އަހަރު މެޗުއާވާ ގޮތަށް އަބޫ ދާބީގެ ސްޓޮކް މާކެޓުން ނަގާފައިވާ މި ސުކޫކަށް އަހަރަކު ދެ ފަހަރު، އޭޕްރިލް އަދި އޮކްޓޯބަރު މަހު، ކޫޕަން ޕޭމަންޓް ދައްކަން ޖެހެ އެވެ. 

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ މުއްދަތު ހަމަވުމުގެ ކުރިން މިފައިސާ ދައްކާ ހަލާސްކޮށްފައިވާކަމަށެވެ. އެގޮތުން އޮކްޓޫބަރު މަހުގެ ކޫޕަނަށް ވާ 24.7 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ދިވެހި ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާކަމަށެވެ. އަދި އޭޕްރީލްމަހުގެ ކޫޕަން ފައިސާއާއެކު މިއަހަރުގެ ދެކޫޕަނަށްވާ ފައިސާގެ ގޮތުގައި ހިމެނޭ 49.4 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ދައްކާ ނިންމާފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.

މިދިޔަ މަހު ސުކޫކު ވަނީ މާކެޓުގައި ކްރޭޝްވެ، އަގު ވަރަށް ބޮޑަށް ދަށްވި އެވެ. ނަމަވެސް، އަނެއްކާ ވެސް އޭގެ އަގު މިހާރު ވަނީ މަތިވާން ފަށައިފަ އެވެ. ސުކޫކު މެޗުއާވެ، ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ 2026 ގަ އެވެ. 

ސުކޫކުގެ ކޫޕަން ފައިސާއާއެކު ދައްކަމުން ދިޔުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓޭނެކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ސުކޫކު ކޫޕަންގެ ބާކީ 74.1 މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން އަންނަ އަހަރު 49.4 އެމެރިކާ ޑޮލަރު ދައްކަންޖެހޭއިރު ފަހު ޕޭމަންޓު 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކާ ހަމަކުރަންޖެހެ އެވެ.

ސަރުކާރުން އެ 25 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައި މިވަނީ މޫޑީސްއިން ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އަދި ރާއްޖެއިން ދައްކަންޖެހޭ ދަރަނި ދެއްކިދާނެތޯ ގިނަ ބަޔަކު ވެސް ވަނީ ސުވާލުއުފައްދާފަ އެވެ.

ހަމައެއާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން، ރާއްޖޭއިން ވިއްކާފައިވާ ސުކޫކެއް ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެހެންނަމަވެސް މިދިޔަ މަހުގެ ކުރީކޮޅު، އެއިރު މަގާމުގައި ހުންނެވި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ އިންވެސްޓަރުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.

ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރު 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރޭޓިން ކޮމެންޓްރީގައި ލަފާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް