ads
އުމްރާނީ ތަރައްގީ: ހިތްހަމެޖެހުމެއްތަ، ވޭނެއްތަ؟
އުމްރާނީ ތަރައްގީ: ހިތްހަމެޖެހުމެއްތަ، ވޭނެއްތަ؟
ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ދަތިތަކާ ކުރިމަތިވި ނަމަވެސް މިދިޔަ އަހަރަކީ އުމްރާނީ ތަރައްގީގައި އިތުރު ހަރުފަތެއް ގިރާކުރި އަހަރެކެވެ. އުމްރާނީ ތަރައްގީގެ ހަރުފަތްތައް މިދިޔަ އަހަރު ގިރާކުރި ނަމަވެސް ގިނަ ބަޔަކު ދިޔައީ ތަފާތު ވާހަކަތައް ދައްކާ ސުވާލު އުފައްދަމުންނެވެ. އެ ފަދަ ސުވާލުތައް ހުރި ނަމަވެސް ތިރީގައި މި ބަލާލަނީ މިދިޔަ އަހަރު ކުރެވިފައިވާ މުހިންމު މަސައްކަތްތަކަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެއަށް ހައްލުނުކުރެވި އޮތް އެންމެ ބޮޑު އެއް މައްސަލައަށްވެފައިވާއިރު 2021 ވަނަ އަހަރު ފެށުމާއެކުހެން ސަރުކާރުން މިސްރާބު ޖެހީ މުޅި ރާއްޖެއަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށެވެ. އެކަމަށްޓަކައި މުޅި ރާއްޖެއަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ އިން ސާވޭއެއް ކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ސިފައިންނަށާއި ފުލުހުންނަށް އިމާރާތްކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދަނިކޮށް، ސިފައިންގެ ބޯހިޔާވަހިކަން ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން، ސިފައިން ހިދުމަތުގައި ހޭދަކުރާ މުއްދަތުގައި އާއިލާތަކާ އެކު ދިރިއުޅެވޭނެ ކޮންޓޯންމަންޓް އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެ ސިފައިންނަށް އިތުރު ހިތްވަރެއް ދެއްވި އެވެ. އެ ވާހަކަ މިނިސްޓަރު ދައްކަވާފައިވަނީ  މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސް އޮފީހުން ދިނީ ވަރަށް ބޮޑު އުއްމީދެއްގެ ވާހަކަ އެވެ. ބޯހިޔާވަހިކަން އިންތިހާއަށް ދަތިވެފައިވާ މީހުންގެ ޝައްކުވާތައް އިންތިހާއަށް އޮތް އިރު ރައީސް އޮފީހުން އެ ދުވަހު ބުނީ 20000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވިހިހާސް އާއިލާއަށް ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސް އޮފީސް

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ވެސް މާލެއަށް އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ޕްލޭންކުރަމުން އަަންނަކަން  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ މިދިޔަ ފެބްރުއަރީ ހަތަރު ވަނަ ދުވަހު އެވެ.

ރައީސް ޔާމީން ސަރުކާރުން ނިންމާފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓް ސަރުކާރުން އިއުލާނު ކުރީ 9 ފެބްރުއަރީ 2021 ވަނަ ދުވަހު އެވެ. އެއަށް ފަހު ދާއިމީ ލިސްޓުގައި މައްސަލަތައް ހުރެގެން އެ ލިސްޓް ބަދަލުކުރަންޖެހިގެން ފްލެޓްތައް ހަވާލުކުރުން ލަސްވެފައި އޮތުމަށް ފަހު އާންމުންގެ ޕްރެޝަރާ ހެދި ފްލެޓްތައް ހަވާލުކުރަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ފްލެޓްތައް ހަވާލުކުރުން ތިން އަހަރެއްހާ ދުވަހަށް ލަސްވެގެން ގޮސް އެންމެ ފަހުން ފްލެޓްތައް ހަވާލު ކުރަން ބެލި އިރު ފްލެޓް ލިބުނުކަން ހާމަކުރި މީހުންގެ ތެރެއިން 30 މީހަކު އޭރުވަނީ މަރުވެފަ އެވެ.

ހިޔާ ފްލެޓް: އިބިލީހު ކައިވެންޏަށް!

ތަފާތު މައްސަލަތަކަށް ފަހު ހިޔާ ފްލެޓްތައް ހަވާލު ކުރިއިރު، ސީލައިފް ގްލޯބަލް އަށް ފްލެޓް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނިކޮށް، އެ ފްލެޓްތައް ވިއްކައިގެން ފައިސާ ހޯދުމަށް ފަހު ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވަމުން ގޮސް އެ މައްސަލަ ބޮޑުވެ މުޒާހާރާ ކުރަން ފެށި އެވެ. މައްސަލަ ބޮޑުވެ ފައިސާ ދެއްކި މީހުންގެ ރުޅިގަނޑު ބޮޑުވެގޮސް މައްސަލަ ކޯޓަށް ވެއްދި އެވެ.

މައްސަލަ ކޯޓަށް ވައްދަފައިވަނިކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހްމަދު މޫސާ (އައްމަޓީ) ރާއްޖެ ދޫކޮށް ދިޔަ އެވެ. އެ ހިސާބުން ފްލެޓަށް ފައިސާ ދައްކާފައިވާ މީހުންގެ ހަރަކާތްތައް އިތުރުކޮށް ސަރުކާރަށް ޕްރެޝަ ބޮޑުކުރުމުން އައްމަޑީ ހޯދުމަށް 2019ގައި ރެޑް ނޯޓިސް ނެރެފައިވަނިކޮށް ލަންކާ ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ މާލެއަށް ގެނެވުނީ އެ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.

މާލޭ ގެނެސް އައްމަޓީ މައްޗަށް 42 ދައުވާއެއްކޮށްފަ އެވެ. ނަމަވެސް އެ ހުރިހާ ދައުވާއަކަށް އޭނާވަނީ އިންކާރުކޮށްފަ އެވެ. ސީލައިފް މައްސަލަވެގެން ދިޔައީ މި ސަރުކާރަށް އިންތިހާއަށް ޕްރެޝަ ބޮޑުވި ކަމަކަށެވެ. އެންމެ ފަހުން އެޗްޑީސީން ސީލައިފާ އެކު ހެދި އެއްބަސްވުންވެސް އުވާލި އެވެ. އެއްބަސްވުން އުވާލިއިރު އެކުންފުނީގެ ފްލެޓްތަކަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުން ބަދަލު ދޭން ވެސް ނިންމި އެވެ.

ސީލައިފް މައްސަލަ: އިންސާފު ލިބިދާނެ ބާ؟ 

މާލޭ ސަރަހައްދުގެ ބޯހިޔަވަހިކަން ހައްލުކުރުމަށް ތަފާތު މަސައްކަތްތައް 2021 ވަނަ އަހަރު ސަރުކާރުން ކުރި އެވެ. އަމިއްލަ ކުންފުނިތަކަށް ބިން ދޫކޮށްގެން ފްލެޓް އެޅުމުގެ ތަފާތު މަޝްރޫއުތައް ފެށި އެވެ. އަދި ފްލެޓް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ތަފާތު މަސައްކަތް ކުރިއެވެ. މި ސަރުކާރުން ޖޫން މަހުގެ ތެރޭގައި މި ސަރުކާރުން 1000 ހައުސިން ޔުނިޓުގެ ބިންގާ އެޅި އެވެ. އަދި އިތުރު ފްލެޓްތައް ހެދުމަށްޓަކައި އަމިއްލަ ކުންފުނިތަކާއެކު ސޮއިކޮށް މަސައްކަތް ފެށި އެވެ. އެގޮތުން އެޕޯލޯ އާ ހަވާލުކޮށްގެން ވެސް އިމާރާތެއް ހަދަން ފެށި އެވެ. މިދިޔަ އަހަރުގެ އެޗްޑީސީގެ އެންމެ ބޮޑު އެއް އެޗްޑީސީގެ އަމާޒަކަށްވީ ރައީސް ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި ހުޅުމާލެ ދެ ވަނަ ފިޔަވަހިން އެތައް ހާސް ބަޔަކަށް ބޯހިޔަވަހިކަން  ފޯރުކޮށް ދިނުމެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި 2000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެކު ފަހި ދިިރިއުޅުން ކޯޕަރޭޝަނާއެކު ސޮއި ކުރި އެވެ. އެ ހައުސިން ޔުނިޓުތައް ހެދުމަށްޓަކައި ފައިސާ ހޯދަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުންނެ އެވެ.

މިދިޔަ އަހަރު ސަރުކާރުން ދިޔައީ ހައުސިން ޔުނިޓް އެޅުމަށް ތަފާތު ދިމަދިމާލުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާއިން ވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާގެ އެހީތެރިކަން ހޯދި އެވެ. އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އިމާރާތް ކުރާ ފްލެޓްތައް ހެދުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހޯދި އެވެ.

މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލު ހޯދައިނުމަށް ސަރުކާރުން މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރި އިރު އަތޮޅުތެރޭގެ ހައުސިން މައްސަލަ ހައްލުކުރުމަށް ވެސް ސަރުކާރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަތޮޅު ތެރޭގެ ހައުސިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، 500 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި އެވެ. އަދި މި އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާގެ އަތޮޅުތެރޭގެ ހައުސިންއަށް ކަނޑައަޅާނެކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އަތޮޅުތެރެއަށް އެވަރުގެ އިސްކަމެއް ދެއްވަން ރައީސް ނިންމެވިއިރު މާލޭގެ ގެދޮރުވެރިކަމަށް 5000 ހައުސިން ޔުނިޓް އިމާރާތްކުރަން ކަނޑައަޅާފައިވާކަން ވެސް ރައީސް އެ ދުވަހު އިއުލާނު ކުރެއްވި އެވެ. އަދި 13000 ޔުނިޓް އިތުރުކޮށް ދެއްވާނެކަމުގެ ޔަގީންކަން ވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ދެއްވި އެވެ.

އުމްރާނީ ތަރައްގީގައި މިދިޔަ އަހަރަކީ ހަލުވިކަމާއެކު ދުއްވި އަހަރެކެވެ. ހައުސިން މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތައްކެއް ކުރިއިރު ފެނާއި ނަރުދަމާގެ އެތައް މަޝްރުއުއެއް ހިންގި އެވެ. އެތައް މިލިއަން ރުފިޔާ އެއް ހަރަދު ކުރި އެވެ. ފެނާއި ނަރުދަމާގެ އިތުރުން އެއާޕޯޓްތައް ހެދުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ކުރި އެވެ. އެގޮތުން ހަތް އެއާޕޯޓެއް ހެދުމަށް މިދޔަ އަހަރު އިއުލާނުކުރި އެވެ. އަދި ރ. އަލިފުށީގައި 452 މިލިއަން ރުފިޔާގެ މަޝްރޫއުއެއްގެ ދަށުން އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ވެސް ހަވާލު ކުރީ މިދިޔަ އަހަރު އެވެ.

އަލިފުށީގައި އަޅަން ނިންމި "ކުއްލި އެއާޕޯޓް"، މިވީ ކިހިނެތް؟

މާލޭ ވިލިމާލެ ގުޅާލުމުގެ ބްރިޖުގެ އެއްބަސްވުމުގައި ސޮއި ކުރީ ވެސް މިދިޔަ އަހަރު އެވެ. ގާތްގަނޑަކަށް 420 މިލިއަން ޑޮލަރުގެ ބްރިޖު މަޝްރޫއުގައި ސޮއި ކުރުމާއެކު މިދިޔަ އަހަރުވަނީ އެކަމާގުޅޭ ތަފާތު މަސައްކަތްތައް ފަށާފަ އެވެ. އައްޑޫ މަގު ހެދުމުގެ މަޝްރޫއު މިދިޔަ އަހަރު ވެސް ކުރިއަށްދިޔަ އެވެ. ގާތްގަނޑަކަށް 1.19 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ތެރޭގައި ހަންކެޑެ ބޭރުން ހެދުމަށް ހަމަޖެހިފައިވާ 1.4 ކިލޯ މީޓަރުގެ ބްރިޖު ހިމެނެ އެވެ. މީގެ އިތުރުން ކ. މާފުއްޓަށް އިތުރު ކުރި ބިން، 137.64 މީޓަރުގެ ދިގު ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މާފުށީ އަލަށް އިތުރުކުރެވުނު ބިން ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީ އަށް

މިދިޔަ އަހަރު ތެރޭގައި ސަރުކާރުން ހިންގި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަގު ބިލިއަނުން ގުނާލެވޭއިރު އެކަމުގެ ފައިދާ އެތައް ބަޔަކަށް ލިބި ރަށްރަށަށް ވަނީ ތަރައްގީގެ މުޅިން އާ އުސްމިންތަކެއް ގިރާކޮށްފަ އެވެ. ނަމަވެސް ގިނަ ބަޔަކު ސުވާލު ކުރަމުންދަނީ މި ހާލަތުގައި އާމްދަނީ އިތުރުކުރެވޭނެ ދިމަދިމާލަށް ހޭދަ ކުރާ މިންވަރަށް ވުރެ އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ބޮޑުވެގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް