
ރާއްޖޭގެ އިގްތިސާދު ބެލެހެއްޓުމަށް ހައްލުހޯދަން ޖެހޭކަމަށާއި، ޓެކްސް އިތުރު ކުރުމާއި ގުޅިގެން ސާވިސް ޗާޖް ދައްވާނެކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް(މަޓާާޓޯ) އިން ނެރުނު ބަޔާނާއި ގުޅިގެން ޓީމް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަމާއި އެޖަމިއްޔާގެ ހިޔާލު ތަފާތު ކަމަށެވެ.
މަޓާޓޯއިން ބުނެފައިވާގޮތުން:
- ޓެކްސް ނަގާ މިންވަރަށް ބަދަލު ގެނައުމާއި ގުޅިގެން މިހާރު ހަދާފައިވާ ބުކިންތައް ކެންސަލް ވާނެ
- ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާވިސް ޗާޖު 2000 ރުފިޔާއަށް ކުޑަވާނެ
މިކަމާއި ގުޅިގެން ޓީމްއިން ބުނާގޮތުން:
- ހަމައެކަނި ޓެކްސް ބޮޑުކުރުމަކުން ބުކިންތައް ކެންސަލްވާނެ ކަމަށް ގަބޫލެއް ނުކުރެވޭ
- ސާވިސްޗާޖު 2000 ރުފިޔާ އަށް ކުޑަވާނެ ކަމަށްވެސް ގަބޫލެއް ނުކުރެވޭ
އެފަދަ ބަދަލެެއް ނާންނާނެ ކަމަށް ގަބޫލުކުރާ ސަބަބު ސާފުކޮށްދެމުން ޓީމްގެ ބަޔާނުގައި ބުނެފައިވަނީ، މީގެ ކުރިންވެސް ބުކިންތަކަށް އެފަދަ ބަދަލެއް އައިސްފާ ނުވާތީ އެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ޓުއަ އެޖެންޓުންނާއި ޓޫރިސްޓު އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެކަން ގަބޫލުކުރާ ކަމަށް އެ ޖިމިއްޔާގެ ބަޔާނުގައި ވެެެއެވެ.
”ހަމައެއާއިއެކު ޓެކްސް އިތުރުކުރުމުން އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަންވާނެ ކަމަށް މި ޖަމިއްޔާއިން ގަބޫލުކުރަމެވެ، “
ޓީމްއިން ބުނީ، ދައުލަތުގެ އާންމުދަނީ އިތުރުކުރުމަށާއި އިގްސޯދު ރަނގަޅު ކުރުމަށް ޓެކްސް ބޮޑުކުރުމަކީ މިވަގުތަށް މުހިންމުކަމެއްކަމަށް އެޖަމިއްޔާއިން ދެކޭ ކަމަށެވެ.
މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެނެސް ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ، މުވައްޒަފުންގެ މުސާރަ އިތުރުވެ، ހިދުމަތްތައް ގާއިމުކުރުމަށް މުހިންމު އިސްލާހެއް ކަމަށް އެ ޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް އެ އިސްލާހު ފާސްކުރުމުގެ ކުރިން ކަމާއި ގުޅޭ ފަރާތްތަކާއި ބައްދަލުކޮށް ހިޔާލު ހޯދިއިރު އެ ފަރާތްތަކުގެ ލާފާގައި ވަނީ މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމުގައި ގަބޫލުނުކުރާ ކަމަށެވެ. ސަބަބަކީ މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ސިނާއަތު މިހާރުވެސް އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ދުވަސްވަރަކަށްވާތީ ކަމަށް ބުނެފައި ވެއެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު ވަނީ ފާސްކޮށް ތަސްދީގުވެސް ކޮށްފަ އެވެ.
އިސްލާހުގައި ވާގޮތުން:
- 6 އިންސައްތައިގައި ހުރި ޖީއެސްޓީ 8 އިންސައްތަ އަށް ބޮޑުވެގެންދާނެ
- 12 އިންސައްތައިގައި ހުރި ޓީޖީއެސްޓީ 16 އިންސައްތަ އަށް ބޮޑުވެގެންދާނެ
އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީ ނަގަން ނިންމާފައިވާ އާ ރޭޓުތަކުގައި، މުދަލާއި ހިދުމަތުގައި އަގުޖެހުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރަޓީ(މީރާ) އިން ވެސް މިހާރު ވަނީ އަންގާފަ އެވެ.