މި ސަރުކާރަށް "ވާރުތަވި" ބޮޑު ދަރަނި ކުޑަ ކުރުމަށް ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ މިނިވަންދުވަހު ބާއްވާނީ ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ކަމަށެވެ. ތެދެކެވެ. މިއަދު މިނިވަން ކަމަށް ކަނޑިބަޑިޔާއި އަސްކަރީ ހަތިޔާރާއެކު ސިފައިން އަރާ ގައުމެއް އަޅުވެތި ކުރުން އެއީ ވަރަށް މަދުން ނޫނީ ނުފެންނާނެ ހާލަތެކެވެ. ރާއްޖޭގެ މިނިވަން ދުވަހު ދައްކަން ވީ ވެސް ދިވެހިންގެ އިގްތިސޯދީ މިނިވަންކަމުގެ ވާހަކައެވެ. މި ގައުމު ބޭރުގެ ދަރަނި ތަކުން "މިންޖު" ވާނެ ގޮތެއްގެ ވާހަކަ އެވެ.
ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ނަމޫނާ ދެއްކުމުގެ ގޮތުން އާސިއާނުގެ ބައެއް ގައުމުތަކުން ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި މެންބަރުންގެ އާއިލާ ބޭފުޅުންނަށް މިހާރު ހަމަޖައްސައިދޭ ހެލްތު އިންޝުއަރެންސް މެދުކަނޑައިލުމަށް މަޖިލިސް މެންބަރުން ވެސް އަންނަނީ ގޮވައިލައްވަމުންނެވެ. ތެދެކެވެ. އިގްތިސޯދީ ހާލުގެ ސިކުޑިން ވިސްނައިފި ނަމަ މިވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީން ދައުލަތުގެ މާލިއްޔަތުގެ ބުރަކަށްޓަށް ދެވިދާނެ ލުޔެކެވެ.
މަޖިލީހުގެ ކޮންމެ މެންބަރަކަށް މެޑިކަލް އިންޝުއަރެންސްގެ ޕްރިމިއަމްގެ ގޮތުގައި ކަނޑައަޅާފަައި އޮންނަނީ އަހަރަކަށް 24،000 ރުފިޔާ އެވެ. އެ ފައިސާ ހަމަޖައްސަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުންނެވެ. މިހާރު މެންބަރުން ތިއްބެވި އަދަދަށް ބަލާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވައި އޭގެ ތެރެއިން ބައެއް ކަންކަން ރައީސް މި އިއުލާން ކުރެއްވީ، މި އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރުމުންނެވެ. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އެ ވާހަކަތައް އިއްޔެ ދެއްކެވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ ދެ އަހަރު ވެސް ފާސްކޮށްފައި އޮތީ ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށާއި މި އަހަރު ވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން ކުރާ ހޭދަ އިންތިހާ އަށް މައްޗަށް ގޮސްފައިވާ އިރު މި އަހަރު ތެރޭގައި ހަރަދުތައް ކުޑަކުރުމަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށެވެ.
ސަރުކާރުގެ ކުންފުނިތައް މެނޭޖުކުރުން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.
މީގެއިތުރުން ދައުލަތުގެ ހަރަދު ކުޑަކުރުމާއިއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ރާއްޖޭގައި ނަގާ ބައެއް ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިވެސް ބޭރުގެ އިގްތިސޯދީ މާހިރުންގެ ލަފަޔަށް ބަރޯސާވެ ސަރުކާރުން ކުރަން ވިސްނަވާފައި ހުރި ކަންކަމެވެ.
ރާއްޖޭގެ މާލީ އިދާރާތަކުން މިހާރު އަޅާފައިހުރި ފިޔަވަޅުތަކަށް އައިއެމްއެފްގެ ޑިރެކްޓަރުންގެ ބޯޑުން މިފަހުން ވަނީ މަރުހަބާ ކިޔަފަ އެވެ. އަދި އާމްދަނީ ބޭނުންކުރުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ވަށައިޖެހޭ ސިޔާސަތަކާ އެކު ބޭރު ފައިސާގެ ރިޒާވް ފުޅާކުރުން އަވަސް ކުރުމަށް ވަނީ ގޮވާލާފަ އެވެ.
ދިވެހި ދައުލަތުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ ޑޮލަރު ލިބުން ވެސް ދަތިވެފައިވާ ވަގުތެއްގައި، ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވެ ކުންފުނި -- ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފި އެވެ.
ފިޗުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާކުރުމަށްފަހު ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައި މިވަނީ ތިން އަހަރު ރާއްޖޭގެ ރޭޓިން އެއްވަރެއްގައި ހިފެހެއްޓުމަށްފަހު އެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީއިރު ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:
- މިދިޔަ މޭގައި 748 މިލިއަން ޑޮލަރުގައި ހުރި ފޮރިން ރިޒާވް މި މޭ މަހު 492 މިލިއަށް ޑޮލަރަށް ވަނީ ދަށްވެފައި
- ރާއްޖެއިން މި އަހަރު ބޭރަށް ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު ދައްކަންޖެހޭ
- ގެރެންޓީޑް ބޭރުގެ ދަރަނީގެ ގޮތުގައި 176 މިލިއަން ޑޮލަރު ދައްކަންޖެހޭ
- މި އަހަރު ސަރުކާރުން ދައްކަންޖެހޭ ދަރަނި 409 މިލިއަން ޑޮލަރަށް ވަނީ އަރާފައި
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މުވައްޒަފުންގެ މުސާރައާއި ޕެންޝަނާއި އިނާޔަތްތަކަށް ކުރާ ހަރަދު ކުޑަކުރުމުގެ މަސައްކަތް ވެސް ސަރުކާރުންވަނީ ފަށާފަ އެވެ. ތެދެކެވެ، އެ މަސައްކަތުގެ ތެރެއިން މިހާރުވެސް ފާއިތުވި އަހަރަށްވުރެ ދައުލަތުގެ ރިކަރަންޓު ހަރަދުތައްވަނީ ކުޑަކުރެވިފަ އެވެ. އަދި ވެސް ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.
އެއް ކަމެކެވެ. ސަރުކާރުގެ ރަސްމީ ދަތުރުތަށް ވެސް މަދުކުރުމެވެ.
މިވަގުތުވެސް ދައުލަތުގެ ހަތް މިނިސްޓަރަކު އުޅުއްވަނީ ގައުމުން ބޭރުގައި އެވެ. އެބޭފުޅުންނާއި އެކު ދަތުރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވެސް އަންނަނީ ބައިވެރިވަމުން ނެވެ. ގިނަ ފަހަރު ރައީސްޑރ. މުއިއްޒުގެ ބޭރު ދަތުރުތަކުގެ ހަރަދު ތަފްސީލު އާއްމު ކުރާއިރު މިނިސްޓަރުންގެ ބޭރު ދަތުރުތަކުގެ ހަރަދު އާއްމު ވެސް ނުވެ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އުޅުއްވަނީ އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ ދަތުރުފުޅެއްގައި އެވެ. ނިއު ޔޯކަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެންވައިރުމަންޓް މިނިސްޓަރު ތޯރިގް އިބްރާޙިމް އުޅުއްވަނީ ބޫޓާންގައި ކުރިއަށްގެންދިޔަ ސަކެޕްގެ 16 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުމެއްގައި އެވެ.
މީގެއިތުރު ހަތަރު ވަޒީރަކު މިވަގުތުވެސް ތިއްބެވީ ޗައިނާ ގައެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސިޓީސް، ލޯކަލް ގަވަރުމެންޓް އެންޑް ފަބްލިކްސް ވޯކްސް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އުޅުއްވަނީ ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ)އާއެކު މަޝްވަރާއެއްގައި ދުބާއީގައި އެވެ.
ޗައިނާގައި އެކަނިވެސް ހަތަރު މިނިސްޓަރަކު މިވަގުތު ތިއްބެވިއިރު އިކޮނޮމިކް މިނިސްޓަރު ސައީދު ފިޔަވާ ދެން އިތުރު ބޭފުޅަކަށް މާލިއްޔަތަށް ޖަމާކޮށްލާނެ އެއްޗެއް ގެންނެވޭ ކަމަކަމަށް އިގްތިސޯދީ ނަޒަރުން ބަލާނަމަ ނުފެނެ އެވެ.
ގިނަ މިނިސްޓްރީގެ ޝޯޝަލް މީޑިއާ އެކައުންޓަތަކުން ފެންނަނީ "ހުސް ފޮޓޯ" އެވެ. ދައުލަތުގެ "ޑޮލަރު ވަތް ގަނޑު" ން ފެންނަން އޮތީ 73 މިލިއަން ޑޮލަރެވެ. އެއީ މަސް ދުވަހުގެ އިމްޕޯޓުތަކަށް ބޭނުންވާ ޑޮލަރެވެ.
ހަރަދު މަދުކުރަން "ދަތުރު" މަދުކުރާން ނުވޭ ހެއްޔެވެ.؟