ads
އެތައް މިލިއަން ޑޮލަރަކުން އެފްއޭއެމް ވަނީ ދަރާފައި
އެފްއޭއެމްގެ ދަރަނި 3 މިލިއަން "ޑޮލަރަށް" އަރާނެ!
ނޮވެމްބަރު މަހު، ގަތަރު ވާލްޑް ކަޕް ބޯމަތިވެފައި އޮތްއިރު ރާއްޖޭގެ ފުޓުބޯޅަ ހަބަރަކީ އެފްއޭއެމްގެ 6.5 މިލިއަން ރުފިޔާގެ ކަރަންޓު ބިލެއްގެ ވާހަކަ އެވެ. ކަރަންޓުބިލް ނުދައްކާ އޮންނަތާ ތިން އަހަރު ވެއްޖެ އެވެ. އެންމެފަހުން، އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެފްއޭއެމް އޮފީހުން ކަރަންޓު ކަނޑާލީ އެވެ.

މިކަމާއިގުޅިގެން އެފްއޭއެމް އިން ވަގުތުން ބަޔާނެއް ނެރުނެވެ. އެފްއޭއެމް އިން ބުނަނީ މިފައިސާއަކީ، އެއޮފީސް ސަބްލީޒްކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭނެ ފައިސާ ކަމަށާއި، ކަރަންޓުބިލް ނުދެއްކުމަކީ އެޖަމިއްޔާއިން ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށެވެ. 

އެހެން ނަމަވެސް، ބަޔާން ނިންމާލަމުން "ދެފަރާތަށް ގެއްލުން ނުވާނެހެން" މިކަން ހަމައަކަށް އަޅުވަން އެދިފައިވެ އެވެ. އަދި ކަރަންޓު ކަނޑާލުމަކީ "އިހްލާސްތެރި" ނިޔަތެއްގައި ކުރިކަމެއްް ނޫންކަމުގައިވެސް ބުނެ އެވެ!

ސްޓެލްކޯގެ މެނެޖިންގް ޑައިރެކްޓަރުގެ ރައްދު ވެސް މީޑިއާ މެދުވެރިކޮށް އިވުނެވެ. އަހްމަދު ޝަރީފު ވިދާޅުވީ ބަޔާންތައް ނުނެރެ، ބިލްދެއްކުމަށެވެ. އަދި އެއިރުން ކަރަންޓު ދޫކުރާނެކަމަށެވެ.

މިފަދަ ހަބަރުތަކަކީ ރާއްޖޭގައި ކުޅިވަރު އެސޯސިއޭޝަންތަކާގުޅިގެން އާއްމުކޮށް އިވޭހަބަރުތަކެއް ނޫނެވެ. އެހެންނަމަވެސް ފުޓުބޯޅަ އެސޯސިއޭޝަން ތަފާތެވެ. ދަރަނީގެ ހަބަރު ތަކަކީ އެފްއޭއެމް އާއިގުޅިގެން އާއްމު ކަމެކެވެ. 

އެފްއޭއެމްގެ ދަރަނި ތަކަކީ މިއަދު މުނިފޫހިފިލުވުމުގެ ހަބަރެއްގެ ގޮތުގައި އެތައްބަޔަކު ކިޔާ ހަބަރުތަކަކަށް ވެއްޖެކަހަލަ އެވެ. ހަފްތާ ނިމެނިކޮށްވެސް އިވުނީ އެއްމަސްދުވަހުތެރޭ އޭޑީކޭއަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމްކުރި ހަބަރެވެ. އަދި ހަމަ ނިމިގެން ދިޔަ ހަފްތާގައި ރާއްޖޭގެ އެންޓި ކަރަޕްޝަން ކޮމިޝަނުން ބޭއްވި ކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް، ކަރަޕްޝަނާ ބެހޭގޮތުން އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރެއްވި އެވެ. އެފްއޭއެމްގެ އަމަލުތަކުން ފެންނަނީ ކަރަޕްޝަން "ނޯމަލައިޒް" ކުރާތަނެވެ. ކަރަޕްޝަން އާއްމު ވުމަކީ ގައުމީ ތަރައްގީއަށް އޮތް ބޮޑު ނުރައްކަލެކެވެ. 


ފީފާ އަށް ދެރުން

އެފްއޭއެމް ދަރާފައިވަނީ ހަމައެކަނި ސްޓެލްކޯއަކަށް ނޫނެވެ. އެޖަމިއްޔާއިން އެންމެ ކުލަގަދަކޮށް ދަރާފައިވަނީ، އެޖަމިއްޔާގެ ބައިނަލް އަގުވާމީ ޕާޓްނަރު ފީފާ އަށެވެ. މިއީ ރާއްޖެއިން އޫއެން އަށް ދެރުންފަދަ ކަމެކެކެވެ. ފީފާއަށް ދަރާފައިވަނީ ގައުމީ ކޯޗުންނަށް މުސާރަ ނުދީގެން ނެވެ. ދަރާފައިވަނީ ހަމަ އެކަނި ކޯޗުންނަކަށްވެސް ނޫނެވެ. ކްލަބްތަކަށް ގެނެސްފައިވާ އެތައް ބޭރު ކުޅުންތެރިންތަކަކަށްވެސް ވަނީ ދަރާފަ އެވެ. ރާއްޖޭގެ އެންމެ މަތީ ލީގުގައި ކުޅޭ ގިނަ ކްލަބްތަކުން ގެންނަ ބޭރުކުޅުންތެރިންނަށް މުސާރަނުދީގެން، ފީފާއިން މައްސަލަތައް ބަލަމުން ދާހަބަރުތަކަކީ މިހާރު އާއްމުކަމެކެވެ.

 

އެފްއޭއެމް އޮތީ ދަރަނީގެ ތޫފާނެއްގެ ތެރޭގަ އެވެ. ދަރަނީގެ އަދަދު ބޮޑުވެ، ފީފާގެ އެކައުންޓްސް ޑިޕާޓްމެންޓަށް މިކަން ފާހަގަކުރެވިގެން، ރަތްކާޑު ދެއްކުމުގެ ބިރު ދުވަހުން ދުވަހަށް ދާނީ ބޮޑުވަމުންނެވެ.

އެސޯސިއޭޝަން ދަރުވާލާ ހަތަރު ގޮތެއް ފާހަގަކުރެވެއެވެ. 

  • އެއްގޮތަކީ ގައުމީ ކޯޗުންނާއި، ބޭރުކުޅުންތެރިންނަށް މުސާރަނުދިނުމެވެ. 
  • ދެވަނަ ގޮތަކީ، ފިފާއިން ފަންޑުކުރާ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ދަރުވާލައިގެން ނާޖާއިޒް ފައިދާ ނެގުމެވެ. 
  • ތިންވަނަ ގޮތަކީ ފީފާގެ ދަޅަ ދައްކައިގެން ކުރާ ޑޮލަރު ވިޔަފާރި އެވެ. 
  • ހަތަރުވަނަ ގޮތަކީ ދައުލަތުގެ ތަންތަނަށްވަދެ ކުލިނުދައްކާ އުޅުމެވެ. 

އެފްއޭއެމް ހައުސް (އޮފީސް) އަކީ ހިލޭ ދިން ބިމެއްގައި، ފީފާގެ ހަރަދުގައި އަޅައިދީފައި ހުރި އިމާރާތެކެވެ. އެތަން ސަބްލީސް ކޮށް، އެއޮފީސް ދޫކޮށް، ސަރުކާރުގެ އިމާރާތްތަކުގައި ކުލިނުދައްކާ އުޅެނީ ކީއްވެކަން ވަޒީރަށްވެސް ފަހުމްނުވާފަދައެވެ!


ކޯޗުންނާއި ކުޅުންތެރިންނަށް މުސާރަ ނުދިނުން

އެފްއޭއެމް އިން ދަރަނި އުފައްދާ ފުރަތަމަ ގޮތަކީ ކޯޗުންނާއި ކުޅުންތެރިންނަށް މުސާރަނުދިނުމެވެ. ބައެއް މީހުން، މިކަން މާނަކުރަނީ، "ވިޔަފާރި" އެއް ގޮތުގައެވެ. އެވެރިން ބުނަނީ، އެފްއޭއެމް އިން ކުރާ ކަމަކީ، ދަރަނި، ފައިދާއަށް ބަދަލުކުރުން ކަމަށެވެ. ފައިދާ ވަނީ އެސޯސިއޭޝަނަށް ކަމެއް، ނުވަތަ އެސޯސިއޭޝަން ހިންގަން ތިއްބެވި ވެރިންނަށް ކަމެއް މުޅިން ކަށަވަރެއް ނުވެ އެވެ. ބުނެ އުޅެނީ ފައިދާ ވަނީ ވެރީންނަށް ކަމަށެވެ! އެފްއޭއެމް އިން ކޯޗުންނާއި ކުޅުންތެރިންނަށް ދޭން އެއްބަސްވި މުސާރަ ނުދިނުމުން، އެންމެފަހުން އެ ފައިސާ ދައްކާދެނީ ފީފާ އިންނެވެ. އެއަށްފަހު، ފީފާ އިންދޭ ހިލޭ އެހީގެ ފައިސާއިން މިއަދަދު އުނިކުރަނީ އެވެ. 

ކޮންމެ ވާލްޑްކަޕް ސައިކަލްއަކުން ފީފާއަށް ލިބޭ ފައިއިދާއިން:

  • ކޮންމެ މެމްބަރު ގައުމަކަށް ހަމިލިން ޑޮލަރު ދެއެވެ.
  • ހަތަރު އަހަރަށް ބަހާލުމުން އަހަރަކު ދޮޅު މިލިއަންޑޮލަރު ލިބެއެވެ.
  • ހިލޭ އެހީގެ ގޮތުގައި ދޭ ދޮޅުމިލިއަންޑޮލަރަކީ، ފުޓުބޯޅަ ކުރިއެރުވުމަށް ހުށަހަޅާ ޕްރޮޖެކްޓް ފައިނޭންސްކުރަން ދޭ ފައިސާއެވެ. 
އެހެންނަމަވެސް، އެފްއޭއެމް އިން ކުރާކަމަކީ، ފީފާ އިން ދޭ އެހީގެ ފައިސާއިން އެޖަމިއްޔާއިން އުފައްދާ ދަރަނި ދައްކުވަނީ އެވެ. ސުވާލަކީ، ކިހާ ދުވަހެއްވަންދެން، މިގޮތަށް ފީފާ "ފެލައިގެން" އުޅެވިދާނެ ތޯއެވެ؟ ކުޅުންތެރިންނާ ހިސާބަށް ފީފާގެ ފައިސާފޮއްޗެއް ނުފޯރާ ހިސާބަށް މިހާރު ރާއްޖެ ގޮސްފިކަމަށް ލަފާކުރެވެ އެވެ.

ގައުމީ ޓީމްތައް އެކުލަވާލާ، ގައުމީ ލީގުތައް ހިންގަންޖެހެނީ އެސޯސިއޭޝަނާއި، ކްލްބަތަކުން އަމިއްލައަށް ހޯދާފައިސާއިން ނެވެ. ގައުމީ ކޯޗުންނާއި، ބޭރުކުޅުންތެރިންނަށް ކުރާ "ރިކަރަންޓް" ހަރަދަކީ އެގައުމެއްގެ ކަމެކެވެ. އެގައުމެއްގެ އެސޯސިއޭޝަނުން ކުރަންޖެހޭ ކަމެކެވެ. މިކަމުގައި އެސޯސިއޭޝަނަށް އެންމެ ބޮޑު އެހީއެއް ވެދެނީ ސަރުކާރުންނެވެ. އަދި "ސްޕޮންސަޝިޕް" ފައިސާއިން ނެވެ.


ކޮންމެއަކަސް، އެފްއޭއެމް އިން މިކުރާކަމަކީ، ސަރުކާރާއި، އެހެނިހެން ސްޕޮންސަރުން އަތުން ހޯދާ ފައިސާއަށް ވީގޮތެއް ނާންގާ، ބޭރު ކޯޗުންނާއި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ފީފާގެ ބޮލަށް ކަނޑާލަނީ އެވެ! ފީފާގެޑިވެލޮޕްމަންޓް ފަންޑު "ފެލާލަނީ" އެވެ. 

މި ހީލަތްތެރި ރޭވުމުގެ ދަށުން ބޭރު ކޯޗުންނާއި ކުޅުންތެރިންނަށް ދެރުމަކީ މިހާރު އާއްމުކަމެކެވެ. އަންދާޒާ ކުރެވޭގޮތުގައި، މިހާރު، މިގޮތަށްވެސް 6 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ފީފާއިން އުނިކޮށްފި އެވެ. ނިމިގެން ދިޔަ ސާފްޗެމްޕިޔަންޝިޕްގެ ރެފްރީންނާއި، މެޗް ކޮމިޝަނަރުންނަށް ދޭންޖެހޭ ފައިސާ މީގެތެރޭ ނުހިމެނެ އެވެ. މިފައިސާ ނުދީގެން އެވެރިންވެސް ދަންނަ އެހެން ދިވެހީންނާ ގުޅާ ޝަކުވާކުރަމުންގެންދެ އެވެ.  


ބޭރު ކޯޗުންނާއި، ކުޅުންތެރިންނަށް އެސޯސިއޭޝަނުން ދަރާ ފައިސާ، ފީފާ އިން ދައްކައިދިންނަމަވެސް، ފީފާއިން މިކަން ފާހަގަކުރެއެވެ. މިއިން ކޮންމެ މައްސަލައަކީ، ފީފާއިން ރަނގަޅަށް ބަލާ، އެފްއޭއެމް އާއި އިދިކޮޅަށް "ރޫލިންގް" އެއް ނެރޭ މައްސަލައެކެވެ. މިފަދަ "ރޫލިންގް" ތައް ގިނަވަމުން ދިއުމަކީ ނުރައްކާ ކަމަކަށް ވާނެއެވެ. ލަތުވެތިކަމަކަށް ވާނެއެވެ. މިދާ ރޭޓުން، އިންޓަނޭޝަނަލް ސަސްޕެންޝަނަކީ ވެސް ދުރުކަމަކަށް ނުވެދާނެ އެވެ.


ފީފާގެ ވިސްނުމުގައި، ދަރަނީގެ ކޮންމެ "ރޫލިންގް" އަކާގުޅިގެން، އެދަރަނި އަދާނުކޮށްފިނަމަ، "އަދަބު" ދެވެއެވެ. ފީފާގެ ނަޒަރުގައި ހިލޭ އެހީގެ "ޕްރޮޖެކްޓް" ފައިސާއިން މިދަރަނި އުނިކުރުމަކީ އަދަބެކެވެ. އެހެންނަމަވެސް އެފްއޭއެމް އިން މިކަން ދެކެނީ ތަފާތު ނަޒަރަކުންނެވެ. މިއީ މޮޅު ކަމެއްގޮތުގައި ދެކޭކަހަލަ އެވެ. 

ވަޒީރު ވިދާޅުވަނީ، އެމަނިކުފާނަކީ ޑިމޮކްރަސީއަށް ލޯބިކުރާ ބޭފުޅެއްކަމަށެވެ. އެހެންކަމުން ކްލަބަތަކަށް، އެސޯސިއޭޝަންގެ ވެރިން ރަނގަޅު ހާހިނދަކު، އެކަމާ ބެހުމަކީ ރަނަގަޅުގޮތެއް ނޫންކަމުގަ އެވެ. ވީމާ އެފްއޭއެމް އަކުންވެސް މިކަމާ ކަންބޮޑުވެގެނެއް ނޫޅެއެވެ. ކޯޗުންނާ ކުޅުންތެރިންނަށް ދޭން ބަޖެޓްކުރި ފައިސާއަށް ވީގޮތެއް ނޭނގެއެވެ. އެފްއޭއެމްގެ މުއައްސިސް އަކީ ދިވެހި ސަރުކާރެވެ. ސަރުކާރުންވެސް މިކަމާ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނެއެވެ. ސްޓެލްކޯ އަށް 6.5 މިލިއަން ރުފިޔާއަށް ދެރުމުން، މުއައްސިސް، އިސްއުފުލާ ބައްލަވާވެސް ނުލައްވައެވެ. ބަޔާނެއްވަރުވެސް ނެރުނުކަމަކަށް ނުވެއެވެ. 

your imageމިނިސްޓަރު މަހްލޫފް، އަދި ރައީސް ސޯލިހް——ފޮޓޯ: ވަގުތު

އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ދަރުވާލައިގެން ފައިދާ ނެގުން

އެފްއޭއެމް އިން ދަރަނިވެރިކުރަމުން އެގެންދަނީ ރާއްޖެއަށް ލިބިފައިވާ ޓެކްނިކަލް ޑިވެލޮޕްމަންޓް ފަންޑު އެކަންޏެއް ނޫނެވެ. އުމްރާނީ ތަރައްގީއަށް ދޫކުރާ ފައިސާއިންވެސް ދަރަނި އުފައްދަ އެވެ. މިސާލަކަށް، އެފްއޭއެމްގެ އާ އޮފީސް އިމާރާތެއް އަޅަން، 2019 ވަނަ އަހަރު ފަށާފައިވެ އެވެ. 

your imageއެފްއޭމް 20 ބުރިއަށް ނެގުމުގެ މަޝްރޫއުއަށް ސްކައިވިންޑް ގްލޯބަލް ކުންފުންޏާއެކު އެފްއޭއެމްއިން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ؛ އެފްއޭއެމް

ކުޅިވަރު އެކުވެނި ބިމުގެ ހުޅަނގު ފަރާތުގައި 10،000 އަކަފޫޓުގެ އޮފީސް ކޮމްޕްލެކްސްއެއް ހުއްޓިފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ފީފާ ފަންޑުން އަޅާ މިފަދަ ޕްރޮޖެކްޓްތައް ޓެންޑަކުރުމަށްފަހު، ސަރަހައްދުގެ ޑިވެލޮޕްމަންޓް އޮފީސް މެދުވެރިކޮށް ސޮއިކުރަނީ ސީދާ ފީފާ އިންނެވެ. 

ތިންއަހަރު ފާއިތުވެގެންދިޔައިރު އޮފީސް ކޮމްޕްލެކްސް ހުރީ ނުނިންމަ އެވެ. އޮފީސް ކޮމްޕްލެކްސައަކީ މިހާރު ގުދަން ބަރިއެކެވެ. ގުދަންތައް ހުރީ ކުއްޔަށް ދޫކޮށްފަ އެވެ. ކޮންކްރީޓް މަސައްކަތްނިމިފައިވާ މިއިމާރާތުގެ ބައިބައި ކުއްޔަށްދީގެން ފައިސާ ނަގާކަމަށް ވެއެވެ.

 

your imageއެފްއޭއެމްގެ އެކުވެނި ދަނޑުގެ ކޮންސްޓްރަކްޝަން ސައިޓު----ފޮޓޯ: ހާމިދު ޢަބްދުލް ޢަފޫރު/ސީއެންއެމް

your imageއެފްއޭއެމްގެ އެކުވެނި ދަނޑުގެ ކޮންސްޓްރަކްޝަން ސައިޓު----ފޮޓޯ: ހާމިދު ޢަބްދުލް ޢަފޫރު/ސީއެންއެމް

އުފެދޭ ސުވާލަކީ، ޕްރޮޖެކްޓް ނުނިމި ދިގުލައިގެންގޮސްފައިމިވަނީ ކީއްވެތޯ އެވެ؟ ފީފާ އިން ސޮއިކޮށްފައިވަނީ، ގުދަނުކުލިން ލިބޭ ފައިސާއިން އިމާރާތް ނިންމާކަށް ނޫނެވެ. ގުދަނަކަށް ސާޅީހަކަށް ހާސްރުފިޔާގެ ރޭޓުން ކުލިނަގައިގެން ހޯދާ ފައިސާ އަސްލު ލިބޭ ފަރާތްތައް ސާފެއް ނުވެ އެވެ. ފީފާ އިން ފައިސާދެނީ އެއްވާނެއްގައި ގެންގޮސް އިމާރާތް ނިންމާށެވެ. ކޮވިޑޭ، ވިއްސާރައޭ ކިޔާ މަސައްކަތް ހުއްޓާލާކަށް ނޫނެވެ. ކުއްއްޔަށް ލިބޭ ފައިސާ ހިނގާ މަގު ޖެހޭނީ ސާފުކުރާށެވެ. ފީފާ އިން ދިން ޕްރޮޖެކްޓް ފައިސާއަށް ވީގޮތެއްވެސް ޖެހޭނީ ހޯދާށެވެ.

 

ޑޮލަރު ވިޔަފާރި

ޓުއަރިޒަމްއަށް މަޝްހޫރު ނަމަވެސް، ރާއްޖެއަކީ ޑޮލަރަށް ޖެހިފައިވާ ގައުމެކެވެ. ޑޮލަރުގެ ކަޅުބާޒާރެއް އުފެދިފައި ވާގައުމެކެވެ. ވީމާ، ފީފާ ފަދަ މުއްސަނދި ބައިނަލްއަގުވާމީ ޕާޓްނަރެއް އޮތުމުން، އެފްއޭއެމް ފެނިފައި އޮންނަނީ ޑޮލަރުން މުއްސަނދި ޖަމިއްޔާއެއް ގޮތުގައެވެ. ކަޅުބާޒާރުގައި ޑޮލަރު ރޭޓް ހުރި ތަފާތަކީ އެފްއޭއެމްގެ ވެރިންނަށް ފައިދާ ހުރި ވިޔަފާރިއެއްގޮތުގައި ބައެއް މީހުން ދެކެއެވެ. ކަންކަން ސާފުވާނީ އޯޑިޓްކޮށް، ބެންކް ޓަރާންސްފަރަތައް ހުރިނެތްގޮތް ދެނެގަނެވިގެނެވެ. ސަރުކާރުން މިކަން ކުރަން އުޅޭތަނެއް ނުފެނެއެވެ. ސަބަބެއް ނެތީ ކަމުގައިވެސް ވެދާނެއެވެ.


ކުލި ނުދައްކާ އުޅުން

ފުޓުބޯޅަ އެސޯސިއޭޝަނަކީ، ހިލޭ ބިމެއްގައި، ފީފާ އިން އޮފީސް އިމާރާތެއް ހަދިޔާކޮށްފައިވާ ފޯރުންތެރި ޖަމިއްޔާއެކެވެ. މިހާރު ހުރި އިމާރާތް ތަޅާލާ، އެފް.ޢޭ.އެމް. ބިމުގައި "ސްކައި ސްރޭޕަ" އެއް އަޅަން ކަމަށްބުނެ، އެފްއޭއެމް ހައުސް ސަބްލީޒް ކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ބައެއް އިރު އިރު ސިޔާސީ ޕާޓީ ކެމްޕޭންތަކަށްވެސް އެފްއޭއެމްގެ އިމާރާތް ކުއްޔަށް ދޫކުރެ އެވެ. މެމްބަރު ކްލަބްތަކަށް ހަދައިދިން އިމާރާތުން އެންމެފަހުން ކްލަބްތައްވެސް ވަނީ ނެރެފަ އެވެ. ދައުލަތުން ބިން ދީ، ފީފާއިން ތަން އަޅައިދިނީ ސަބްލީޒްކޮށް ރިއަލް އެސްޓޭޓް ވިޔަފާރި ކުރާކަށް ނޫނެވެ. އެންމެ ފަހުން އެފްއޭއެމް މިހާރު ހިންގަނީ ގަލޮޅު ދަނޑުގަ އެވެ. 

ސްކައި ސްރޭޕަރު އެޅުމަށްޓަކާ، އަމިއްލަ އޮފީސް، ސަބްލީޒްކުރުމަށްފަހު ކުލިނުދައްކާ މިހާރު އެއުޅެނީ ސަރުކާރު އިމާރާތެއްގަ އެވެ. ގަލޮޅު ދަނޑަށް ވަންނަންޖެހުނީ ކުރީން ކުއްޔަށް ހިފައިގެން އުޅުނު އިމާރާތަށް ކުލި ނުދައްކައިގެން ބޭރުކޮށްލުމުންނެވެ. މިހާރު އެސޯސިއޭޝަން ދިރިއުޅެނީ ދައުލަތުގެ ހަރަދުގަ އެވެ. ރަސްމީ ދަނޑުގެ ރޮސްޓްރަމްގަ އެވެ. ކުލިދައްކާކަށް ނުޖެހެ އެވެ. ކަރަންޓުބިލް، ކިއެއްތަ ފެންބިލްވެސް ދައްކާކަށް ނުޖެހެ އެވެ.


ކަރަޕްޝަން ނޯމަލައިޒް ވާއިރު ހަނު ހުންނެވުން

ނަތީޖާއަކީ ކަރަޕްޝަން "ނޯމަލައިޒް" ވުމެވެ. ބައެއް އަންދާޒާތަކުން ދައްކާގޮތުން މިވަގުތުވެސް، އެފްއޭއެމް ވަނީ ތިރީހަކަށް ތަފާތު ފަރާތަށް ދަރާފަ އެވެ. ސޯޅަވަރަކަށް ފަރާތަށް ވާދަރަނި، ދޮޅުމިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެ އެވެ. ދަރަނީގެ އަދަދު އަންދާޒާ ނުކުރެވޭ ސާދަވަރަކަށް ތަފާތު ފަރާތް އަދިވެސް އޮތުމުން، ޖުމްލަ ދަރަނި ތިންމިލިއަނަށް އަރާނެކަމަށް ލަފާކުރެވެ އެވެ. މިއީ ވާލްޑްކަޕް ސައިކަލް އަކުން އެސޯސިއޭޝަނަށް ލިބޭ ހަމިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބައެވެ. 

ހިތާމައަކީ، އެފްއޭއެމް އަކީ މިއަދު އެންމެން ޖޯކްޖަހާ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޖަމިއްޔާ އެވެ. މުއައްސިސް އަދިވެސް ހުންނެވީ ހަނެވެ! ހަނުހުންނެވުމަކުން ފަރަކު ނުޖެހޭނެ ކަމަށް ބައްލަވަނީ ކަމަށްވެސް ވެދާނެ އެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

85%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް