ads
މިއަހަރުގެ ފުރަތަމަ ދުވަހުގެ 00:00 އިން ފެށިގެން ޓެކްސް ވަނީ ބޮޑުވެފައި——
ޓެކްސް ބޮޑުކުރުން, އެންމެ ހައްސާސް ނިންމުންތަ؟
އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހަކު!
މި ފެށުނީ 2023 ވަނަ އަހަރެވެ. ރައްޔިތުން އެމީހުންގެ ނިންމުން އަލުން ނިންމާނެ އަހަރެކެވެ. ސަރުކާރެއްގެ ހެޔޮ ކަމާއި "ނުބައި ކަން" ދަސްވެ ވިސްނުންތަކެއް ބަދަލުކުރާނެ އަހަރެކެވެ. ނުވަތަ އެގޮތުގައި ދެމިއޮންނާނެ އަހަރެކެވެ. 00:00 އާއިއެކު ފެށިގެންދިޔަ އާ އަހަރުގެ އުފާވެރިކަން މިއަހަރު ގިނަ ދިވެހީންނަށްވީ ހިތާމައަކަށެވެ. ނުވަތަ އަގުބޮޑު ދިރިއުޅުމެއްގެ ފެށުމަކަށެވެ.

ފެށުނު އާ އަހަރު، ގަޑިން 00:00 ގައި އެރުވި ހަވާ އާއިއެކު، މުދަލާއި ހިދުމަތުގެ އަގު ބޮޑުވެގެންދިޔައީ އެވެ. ދެކޮޅު ނުޖެއްސިގެން އުޅޭ ގިނަ ބައެއްގެ ދިރިއުޅުން އިތުރަށް ހަރަދު ބޮޑުވެ ނިކަމަތިވީ އެވެ. ގިނަ ބަޔަކު ސިފަކުރަނީ މިއީ އާ އަހަރަށް ސަރުކާރުން ރައްޔިތުންނަށް ދިން "އަގުބޮޑު ހަދިޔާ" އެއްގެ ގޮތުގަ އެވެ. އޭގެ އަގު ރައްޔިތުމީހާގެ ޖީބުން ދައްކަންޖެހޭނެ "ރައްޔިތުން ބޭނުން ނުވާ ހަދިޔާ" އެކެވެ.

"މިއީ ސަރުކާރުން ރައްޔިތުންނަށް ދިން އާ އަހަރުގެ ހަދިޔާ. ދިވެހިންނަށް ރައީސް ސޯލިހުގެ ފަރާތުން ދިން ހަދިޔާ. އޯގާތެރިކަމަށް ޝުކުރިއްޔާ! ޝުކުރިއްޔާ ރައީސް!" ގިނަ މީހުންގެ ޝުއޫރުތައް ހުރީ މިހެން ނެވެ.

އެއްބަޔަކު ބުނަނީ، "މަގޫ ފަތާއި، މުޑިކާށި ކާން ތައްޔާރުވާންވީ" ކަމަށެވެ. ދެން ތިބި ބަޔަކު ބުނީ، އަންނަ ރިޔާސީ އިންތިހާބުގައި "އެމްޑީޕީ ސަރުކާރަކަށް ފުރުސަތު ނުދޭނަން" ކަމަށެވެ. އަނެއްބަޔަކު ބުނަނީ، "ދެންވެސް ފޮނި ބަސްތައް ބުރުވާލާއިރަށް އަނެއްކާވެސް ގެނެސް ތަހުތައް އިސްކުރަންވީ" ކަމަށެވެ. "ދިވެހީންނަށް މިވަރުންވެސް ފިލާވަޅެއް ނުލިބޭނެ" ކަމަށެވެ.

މިފަދަ އެތައް ކަންބޮޑުވުންތަކެކެވެ. އެތައް ޝަކުވާތަކަކާއި ފާޑުކިޔުންތަކެކެވެ. ތަކެތީގެ އަގު އަތް ފޯރާ ފަށަށް ގެނައުމުގެ ވައުދުގައި އައި އެމްޑީޕީގެ ސަރުކާރުންވެސް، އިގޯސޯދީގޮތުން ގައުމަށް އައި ހީނަރުކަމުގައި، ސަރުކާރުގެ އަތްމަތި ހުސްވިޔަ ނުދޭން، ނިކަމެތި ރައްޔިތުންގެ ޖީބު ހުސްކުރާ ކަމުގެ ކަންބޮޑުވުންތަކާއި ޝަކުވާތަކެވެ. ނުހަނު އަގުބޮޑު ދިރިއުޅުމެއް މިހާރުވެސް އުޅެން މަޖުބޫރުވެފައިވާ އެތައް ރައްޔިތުންނެއް، ދުވާލުދާ ހަތަރުދަމު ބުރަމަސައްކަތުން ހޯދާ މަދު ލާރިކޮޅުވެސް ސަރުކާރުން އެކި ނަންނަމުގައި ނަގަނީ ކަމުގެ ހިތްހަމަނުޖެހުންތަކެެވެ.

ބޯމަތީ އޮތް ފުރާޅަށް ދައްކަންޖެހޭ ފައިސާ އެވެ. ކަރަންޓާއި ފެން ބޭނުންކުރުމަށް ދައްކަންޖެހޭ ފައިސާ އެވެ. ދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކުރާ ބޮޑެތި ހަރަދުތަކެވެ. ޒަމާނީ ޓެކޮނަލަޖީން ނޫނީ އެއްވެސް ކަމެއް ނުވާ މި ޒަމާނުގައި އިންޓަނެޓު ބޭނުން ކޮށްލުމަށް ހޭދަކުރަންޖެހޭ ހަރަދެވެ. 

އުކާލަންޖެހޭ ކުންޏަށްވެސް ފައިސާ ދައްކަން ޖެހެ އެވެ. އެ ހަރަދު ކުރެވެން ނެތިގެން ކުނިކޮޅު އަމިއްލައަށް އުކާލަން ދިއުމުގެ ހައްގުވެސް މިހާރު ނެތީ އެވެ. ތަކެތީގެ އަގު ބޮޑު މިޒަމާނުގައި، އާ އަހަރެއް ފެށުމާއިއެކު އެތަކެތީގެ އަގު ވެސް އިތުރަށް ބޮޑުވެގެން ދިޔައީ އެވެ. ބޮޑު އަގުގައި ގަނެގެން އަންނަ ތަކެތި އުފުުލުމަށް ބޭނުންކުރާ ކުޑަކުޑަ ކޮތަޅަށްވެސް ފައިސާ ނަގަން ފެށީ އެވެ.

 

މިހެން މިކަން އޮތުމުން، މި ހުރިހާ ހަރަދުތަށް ކޮށް ނިިމޭއިރު އުނު ނިވާކޮށްލާނެ ހާވެސް އަތުގައި އޮންނާނީ ކިހިނަކުން ހެއްޔެވެ؟ މެދުމިނުގެ ދިރިއުޅުމެއް އުޅޭ ރައްޔިތު މީހާ ދުވާލުދާ ހަތަރުދަމު މަހެއްވަންދެން ކުރި މަސައްކަތަށް ލިބޭ އުޖޫރަ އަތަށް އަރާއިިރަށް ތަބަކަކަށް ލާފައި ގެންގޮސް ސަރުކާރާއި ވިޔަފާރި ވެރިންގެ އަތަށް ދޭން މަޖުބޫރު ކޮށްފި އެވެ. 

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ހުށަހެޅީ، ސަރުކާރުގެ ފަރާތުން  އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އެވެ. މިިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލު ފާސްކުރީ އެއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ބިލު ތަސްދީގުކުރެއްވީ އެ މަހުގެ 22 ވަނަ ދުވަހު އެވެ. 

ރައީސް ތަސްދީގުކުރި އިސްލާހުގައި ވާގޮތުން:

  • 6 އިންސައްތައިގައި ހުރި ޖީއެސްޓީ 8 އިންސައްތަ އަށް ބޮޑުވެގެންދާނެ
  • 12 އިންސައްތައިގައި ހުރި ޓީޖީއެސްޓީ 16 އިންސައްތަ އަށް ބޮޑުވެގެންދާނެ

މި ބިލު ފާސްކުރުމުގެ މަސައްކަތް ކުރަމުންދިޔައިރުވެސް، ކަމާއި ބެހޭ ތަޖުރިބާކާރުން އެކަން ނުކުރުމަށް އެދުނެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވަމުންދިޔައީ އެކަން ނުކޮށްފިނަމަ އިގްސޯދީ ގޮތުން ކުރާ އަސަރު މާބޮޮޑުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޔޫއޭއީ އަކީ ތެޔޮ ނަގާ ގައުމަކަށްވާއިރުވެސް ޓެކްސް ބޮޑުކުރަން އެގައުމުން ވެސް ވަނީ ހުށަހަޅާފައި ކަމަށާއި، ރާއްޖޭގައިވެސް މި އަދަދު ބޮޑުކުރަން ހުށަހެޅީ އާންމުދަނީ އިތުރުކުރުމަށް ރާއްޖެއިންވެސް މަސައްކަތްކުރަންޖެހޭތީ ކަމަށެވެ.

އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހަކު!

ރައްޔިތުންގެ ޓެކްސް ފައިސާއިން ދައުލަތުގެ ޖީބު ބަރުކޮށް، އެ ފައިސާއިން ދައުލަތުގެ ބޮޑުން "އޭޝް" ކުރާ ކަމުގެ ހުއްޓުމެއް ނެތް ޝަކުވާތަކާއިއެކު، އަތްފޯރާ ފަށަށް އަގު ތިރިކުރަން ވައުދުވެގެން އައި ސަރުކާރެއްގެ ފަސް އަހަރު މި ނިމެނީ އެވެ. 

އަނެއްކާވެސް، އަނެއް ރިޔާސީ އިންތިހާބު މިއޮތީ ބޯމަތިވެފަ އެވެ. މިދުވަސްވަރަކީ އަނެއްކާވެސް ސިޔާސީ ބޭފުޅުން ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނިކުންނަ ދުވަސްވަރެވެ. ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކުގެ ވާހަކައިން ރައްޔިތުން ގުބޯ ހެއްދުމަށް ގޭގޭ ދޮރާއަށި ދޮށުންނާއި ފެންޑާމަތީ 24 ގަނޑިއިރު މުގޯލި އަޅާލައަޅާލަ ތިބޭ ދުވަސްވަރެވެ. އެތައް އަހަރަކު ބޯހިޔާވަހިކަމުގެ ހައްގު ނުލިބިގެން ގަނަތެޅުނު މީހުންގެ ގޭގައި މިހާލަތު އަދި ވަކިން ބޮޑުވާނެ ކަމަށް ފެނެ އެވެ. 

ބަހާރު މޫސުމަށް ޖަމާވާ ދޮންދޫނިތަކެއްހެން އައި ނައިތަނެއް ވެސް ނޭނގި ރައްޔިތު މީހާގެ ކުޑަކުޑަ ޖިފުޓީގައި އެއްކަލަ ސިޔާސީ މީހާ އެއިނީ އެ ޖިފުޓިގަނޑު ކުޑަކަމުން ހައިރާންވެފަ އެވެ. އެ ރައްޔިތުމީހާގެ ދިރިއުޅުމުގައި ހުރި މައްސަލަތަކާއި ދިރިއުޅެމުންދާ ހާލު އަޑުއަހާފައި ފެންކަޅިވެފަ އެވެ. 

ދުވަހަކު ނުވެސް ވަންނަ ގޭގެއަށް ވަދެ އެވާހަކަތައް އަޑުހަން ދަންވަންދެންވެސް އިންނަނީ އެވެ. ހަމަ އަލަށް އިވޭ ވާހަކަތަކެއްހެން ދެކޮޅަށް ބޯހޫރާލަ ހޫރާލާ “ޕިސްޕިސް” ކިޔާލަ ކިޔާލަ އެވެ. އަނެއްކާވެސް މި އިންތިހާބުގައި އެމީހުންގެ ނާށިގަނޑަށް ފާހަގަ ޖަހާ ކަރުދާސް ކޮޅެއް ވައްޓާލައިފިނަމަ ކޮށްދޭނެ ކަންކަން ކިޔާލަދޭއިރު ރައްޔުތުމީހާ ސޮނިވެއްޓޭވަރުވާނެކަން ޔަގީނެވެ. 

މިއަދު ގޭގައި ހުރި ތެލި ތަށިވެސް ދޮވެދޭނެ އެވެ. މޮޕް އަޅައިދީ ޖަންކްޝަންވެސް ސާފުކޮށްދޭނެ އެވެ. ބޭނުމަކީ ހަމަ އެންމެ ބޭނުމެކެވެ. ނާށިގަނޑު ހިފައިގެން ސަލާންޖަހަން އެއުޅޭ މިވެރިންގެ ނާށިގަނޑަށް ކަރުދާސް ކޮޅެއް އިތުރު ކުރުމެވެ.

ރާއްޖޭގައި އެކި ކުލަކުލައިން ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން ފެށުނީންސުރެ މިއަދާ ޖެހެންދެންވެސް މިވެރިން ކުރަމުން އައި ކަމަކީ ހަމަ މިއީ އެވެ. މީގައި އެންމެ ހައިރާންވާންޖެހޭ ކަމަކީ ސިޔާސީ ބޭފުޅުން ކޮންމެ ފަހަރަކު ކިޔާހާ ލަވައެއްގެ ޖަޒުބާތުގައި ރައްޔިތުން ކޮންމެ ފަހަރަކުވެސް ޖެހޭ ޖެހުމެވެ. ނުޖެހެވެންވީ ސަބަބެއް ވެސް ނެތްތާ އެވެ. ގެއަށް އައިސް ވަންނަ ގޮތަށް ފަށަނީ އާއިލީ ގުޅުމުގެ ވާހަކަ އެވެ. ދެން ގޭގެ ފެންޑާ ކުޑަކަމުގެ ވާހަކައިން ފެށިގެން އެ ފެންޑާ ބޮޑުކޮށްދޭން ކުރެވިދާނެ އަދި ކޮށްދޭން ގަސްދުކުރާހާ ކަންކަމުގެ ވާހަަކަ އެވެެ. ގޭގެ ފުރާޅުގެ ޓިނުތައް ބާވެފައި ހުރި ވާހަކައިން ފެށިގެން ގޭގައި ދެންވެސް ފުއްދަންހުރި ހުރިހާކަމަކަށް އެންމެ މޮޅު ހައްލު ހޯދައިދޭނެ ކަމުގެ އެންމެ ފޮނި ވައުދުވެގެންދާއިރު އަޖައިބުވެ އަނގައިން ސޮނިވެއްޓޭ ވަރުވެ އެވެ. އެ ޖަޒުބާތުގައި ޖެހި ހުވަފެން ދެކިދެކި އިންދާ، ރައްޔިތު މީހާގެ މިނިވަން ވޯޓުވެސް އޮންނަނީ އެ ފަރާތަކަށް ދެވި ހިބަކޮށްދެވިފަ އެވެ. 

ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުގެ ވާހަކައިން ރައްޔިތުން ޖަޒުބާތުގައި ޖައްސާ ނިކަމެތި ރައްޔިތުމީހާއަށް އޮންނަ މިނިވަން ވޯޓުގެ ހައްގުވެސް އަތުލައިގަންނަނީ އެވެ. އެމަންޒަރު މިހާރުވެސް އެބަފެނެ އެވެ. 

  • އެއްބައެއްގެ ކެމްޕެއިނުގައި ފުރަތަމަ ވައުދަކަށްވީ، ވެރިކަމަށް އަތުވެއްޖެނަމަ ޓެކްސް ކުޑަކޮށްދިނުމުގެ ވައުދެ އެވެ.
  • އަނެއްބަޔަކު ރައްޔިތުން ބަނޑަށްޖެހޭތީ، "ފެލާލަނީ" ނަމުގައި ތިބީ މަގުމަތީ މުޒާހަރާތަކުގަ އެވެ.
  • ދެންތިބި ބަޔަކު ބުނަނީ، "ފެލާލަނީ އޭ، ނޮޅާލާފިޔޭ ގޮވާނެ ކަމެއް ނެތް" ކަމަށާއި، ފެލާލީ ކޮންބައެއްކަން ދިވެހިންނަށް އޮޅިފައި ނުވާ ކަމަށެެވެ.

ތެދެތެކެވެ. އެއީ ކޮންކޮން ބައެއްކަން ރައްޔިތުންނަށް އެނގެ އެެވެ. އިންތިހާބަކަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، މިވީ ފަސްއަހަރުތެރޭ ވެސް އަދި މީގެ ކުރީގެ ވެރިކަން ކުރަން ލިބުނު ފުރުސަތުގައިވެސް ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދޭން ކޮށްދިނީ ކޮންކަމެއްތޯ ވިސްނާނީ ރައްޔިތުމީހާ އެވެ. ރީތި ވާހަކަތަކުން އެ ގެންދާ ހުވަފެނީ ދުނިޔެއިން ނިކުމެ ނިކަން ރަނގަޅަށް ލޯ ހުޅުވާގެން ތިބެންވީ ވަގުތަކީ މިއީ އެވެ. 

ހައްގުތައް ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ ވީހާ ވައުދެއް މާޒީވެ ދިޔައިރު އެވެރިން އައިސް ސަލާމް ގޮވާލާ ހިސާބުން ފެށިގެން ރައްޔިތު މީހާ ކުރަންވީ ސުވާލުތަކެއްވެސް އެބަހުއްޓެވެ. މިހާތަނަށް ކުރެވިފައިވާ ކަމަކީ ކޮބާތޯއެވެ؟ ހޯދައި ދެވުނު ފަސޭހަކަމެއް ގެއިން ނުވަތަ ރައްޔިތުމީހާގެ ދިރިއުޅުމުން ދައްކާ ދިނުމަށް އެދެންވީ އެވެ. ކޮންމެ ފަހަރަކު ސަޅި ވާހަކަތަކަކުން ފޮނި ކަނޑާފައި ވޯޓު ކޮޅު ހިފާގެންދާއިރު "ކޮށްދޭނަމޭ" ބުނާބަސް "ކޮށްފީމޭ" ބުނޭވޭވަރުކޮށްފައި ނޫނީ ދޮރާށިން މިވެރިން ހަމަ ނުވައްދަންވީ އެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް