ads
އެމެރިކާ ޑޮލަރު
ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލެނީ
ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު އަނެއްކާ ވެސް އުފުލެން ފަށައިފި އެވެ.
Advertisement

މިއަހަރު ފެށުނުއިރު، ވެސް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 18ރ. އަށެވެ. އަދި މި ނިމުނު ހައްޖު އަދި ބޮޑު އީދާ އެކު ބޭރަށް ފުރާ މީހުން ގިނަވެ ޑޮލަރު ބޭނުންވާ މިންވަރު އިތުރުވުމުން 18.30 ރ. އަށް ވެސް ޑޮލަރުގެ "މައި އިދާރާ" ކަޅު ބާޒާރުގައި ޑޮލަރު އަދި ޔޫރޯގެ އަގު އުފުލުނެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.42 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެ އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިއްޔެ އުޅުނީ 18 ރުފިޔާއާއި 18.50 ރުފިޔާއާ ދެމެދުގަ އެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން އަންނަ ވައިބާ ގްރޫޕުތަކުގައި މިއަދު ޑޮލަރު ވިއްކަން ފަށާ އަގުގެ ގޮތުގައި އޮތީ 18.05ރ. އެވެ. 

މަނީ އެކްސްޗޭންޖު ފިހާރައެއްގައި މަސައްކަތް ކުރާ މީހަކު ބުނީ 18.10ރ. އަށް ވިއްކި ޑޮލަރު ވެސް މިހާރު ހުސްވެފައިވާ ކަމަށާއި ދެން ޑޮލަރު ލިބޭނީ އާދިއްތާގައި ކަމަށެވެ. ޑޮލަރުގެ އަގު ބޮޑުވީ ލިބުން ދަތިވީމަ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ނިމުނު ހަފުތާ މި ގްރޫޕުތަކުގައި ޑޮލަރުގެ އަގު ހުރީ 17.60ރ ގައި އެވެ. އިއްޔެ ހެނދުނު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.00ރ. އަށެވެ. ނަމަވެސް ރޭ ހުރީ 18.30ރ އަށް މަތިވެފަ އެވެ. ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ވަރަށް ގިނަ ފަހަރު ވިޔަފާރިވެރިން ވެސް ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ. 

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންނާއި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބީއެމްއެލްއަށް ގަންނަން ލިބުނު ޑޮލަރުގެ އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު އެ ބޭންކުން ވިއްކާފައިވާ ކަމަށާއި އެއީ ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ.

ބޭންކަށް ގަންނަން ލިބެންނެތް އެއްޗެއް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާ ހިނދު، އެ މަގު ފަހިވަންދެން ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި އުދަނގޫ ނިންމުންތަކެއް ނިންމަން އެ ބޭންކަށް މަޖުބޫރުވާކަމަށް ބީއެމްއެލްގެ އަހަރީ ރިޕޯޓިގައިވެސް ވަނީ ފާހަގަކޮށްފަ އެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރަނީ ރާއްޖޭގެ ރިސޯޓަތަކުގެ މަހުޖަނުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ "ބިދޭސީ ގޭންގް" ތަކުންނެވެ. 

ޑޮލަރުގެ އަގު ބޮޑު ނުވުމަށް ބިދޭސީންގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް މިހާރު ވަނީ ފޯކަސް ކުރަން ޖެހިފަ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި 587.2 މިލިއަން ޑޮލަރު - ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ވަނީ ރާއްޖެއިން ބޭރު ކޮށްފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު މި އަދަދުހުރީ 564.6 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ ކުޑަ ނަމަވެސް އިތުރުވުމެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ޑޮލަރު ފޮރުވައިގެން ތިބޭނަމަ ހުރި ޑޮލަރު ކޮޅުގެ އަގު ވެއްޓި އޭގެ ހަގީގީ ފައިދާ ނުލިބިދާނެ އެވެ. މީގެ އިތުރުން ސައީދު ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިންމަސް ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް މި އަހަރު ފެބުރުއަރީ މަހު ވިދާޅުވެފަ އެވެ. 

ނަމަވެސް އަދި އާ ސަރުކާރަށް ހަތް މަސް ވީއިރު ރިސޯޓަތަކުގެ މަހުޖަނުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ "ބިދޭސީ ގޭންގް" ތަކުން ކޮންޓްރޯލްކުރާ ޑޮލަރުގެ ކަޅު ބާޒާރު ފުނޑާލެވިފައެއް ނުވެ އެވެ.

ސަރުކާރުން ވަނީ ޑޮލަރުގެ އަގު ދަށް ކުރަން އިތުރު ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭއިން މި އަހަރު ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރު ވަނީ އިތުރުކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދި ފަހުން ވަނީ ރާއްޖެއަށް ޗައިނާ އާއި އިންޑިއާއިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް