ads
ޗުއްޓީއާއި ދިމާކޮށް ޑޮލަރު އަގު ވަނީ އުފުލެން ފަށައިފަ
ހައްޖުގެ އަޅުކަމާއި އީދު އުފަލާ ދިމާކޮށް ؛ ޑޮލަރު ރަނަށް..؟!
ހައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިން ވެސް މިހާރު ވަނީ ސައުދީ އަރަބިއްޔާ އަށް ފުރަން ފަށައިފަ އެވެ. ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގްރޫޕް، މިއަދު މެންދުރު ފަހު ފުރާނެ އެވެ. މި އަހަރުގެ އަރަފާތު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހެވެ އަދި ބޮޑު އީދު ދުވަހަކީ މި މަހު 16 އެވެ. މި މަހު 20ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުން މިހާރު ބޮޑު އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ 23 ޖޫންވާ އާދީއްތަ ދުވަހު އެވެ.
Advertisement

ހައްޖުގެ އަޅުކަމާއި ބޮޑު އީދު އުފަލާ ދިމާކޮށް މި ލިބޭ ނުވަ ދުވަހުގެ ބަންދަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް މިވަނީ އިނގުންވެފަ އެވެ. ޑޮލަރަށް ޑިމާންޓް ބޮޑުވެ އަގު އުފުލެން ފެށީ އެވެ. ޑޮލަރު ލިބެން ދައްޗޭ ބުނާހިތެއްނެތެވެ. ސަބަބަކީ ކަޅު ބާޒާރުގެ އަހުލުވެރިން ވިދާޅުވާ ރޭޓަކަށް ޑޮލަރު ގަންނަން ލިބެން ހުރުމުންނެވެ. ހައްޖުގެ އަޅުކަމާއި އީދު އުފަލާ ދިމާކޮށް ؛ ޑޮލަރު ރަނަށް..؟! ވެއްޖެ އެވެ. 

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.45 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެ އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 17 ރުފިޔާއާއި 18.50 ރުފިޔާއާ ދެމެދުގަ އެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން އަންނަ ވައިބާ ގްރޫޕުތަކުގައި މިއަދު ޑޮލަރު ވިއްކަން ފަށާ އަގުގެ ގޮތުގައި އޮތީ 17.80ރ. އެވެ. 

މި ހަފުތާ ފެށި ފަހުން މި ގްރޫޕުތަކުގައި ޑޮލަރުގެ އަގު ހުރީ 17.60ރ އަށް މައްޗަށް ޖެހިފަ އެވެ. އިއްޔެ ހެނދުނު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.05ރ. އަށެވެ. ނަމަވެސް ހަވީރާ ހަމައަށް ދިޔައިރު 18.25ރ އަށް މަތިވި އެވެ. ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:45ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ވަރަށް ގިނަ ފަހަރު ވިޔަފާރިވެރިން ވެސް ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ. 

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރަނީ ރާއްޖޭގެ ރިސޯޓަތަކުގެ މަހުޖަނުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ "ބިދޭސީ ގޭންގް" ތަކުންނެވެ. ޑޮލަރުގެ ކަޅު ބާާރު ނައްތާލައި ޑޮލަރު ގަނެ ވިއްކުމުގެ ނިޒާމް ރަނގަޅުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި އަހަރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 17.70ރ. އާއި 18ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ސަރުކާރުގެ ބައެއް އިގްތިސޯދީ އުކުޅުތަކުން މިފަހުން ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު، ދަށް ވެގެން ވެސް ދިޔަ އެވެ. ޑޮލަރުގެ އަގު ދަށްވި އިރު ބޮޑެތި އަދަދުތަކުން ޑޮލަރު ގަންނަ ފަރާތްތަކަށް 17.20ރ.-17.10ރ. އަށް ވެސް ޑޮލަރު ލިބުނެވެ. ކުދި އަދަދުތަކުން ގަންނަ ނަމަ 17.40ރ. އަށް ވެސް ޑޮލަރު ލިބުނެވެ. 

އަނެއްކާވެސް ޑޮލަރުގެ އަގު އުފުލެން މި ފެށީ ކުރިއަށްއޮތް ބަންދާއި ހައްޖުގެ އަޅުކަމަށް ދާ މީހުނަށް ޑޮލަރުގެ ނީޑް މަތިވުމުންނެވެ. އަންނަ ބޮޑު އީދު ބަންދުގައި ބެންކޮކަށް އާއިލާއާއިއެކު ފުރަން ބޭނުންވެފައި ހުރި މީހަކު "ސީއެންއެމް"އާ ވާހަކަ ދައްކަމުން މިއަދު ބުނީ މިވަގުތު ޑޮލަރު ގަންނަން ލިބެންހުރި އަގުން އިތުރު ފައިސާ ބޮޑު އީދަށް ހޭދަކުރަން ޖެހިފައިވާ ކަމަށެވެ. ބާޒާރުން އިއްޔެ ވެސް ޑޮލަރު ލިބެން އެހުރި އަގުން ރާއްޖޭގައި ޑޮލަރަށް އޮތް ޑިމާންޑް ވިއްކާ މީހުނަށް އިނގޭކަމަށް އޭނާ ބުންޏެވެ.

"ކަޅު ބާޒާރުގައި ބިދޭސީން އެތިބެނީ ހަތަރު ޖީބަށް ޑޮލަރު އަޅައިގެން ކަންކަން މައްޗަށް ނުކުމެ ވިއްކަން، އެމީހުންގެ މޫނުމަތިން ޖެހިލުންވުމެއް ހާސް ކަމެއްނެތް" ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ވިޔަފާރިގައި އުލޭ ބިދޭސީންނަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

ވިޔަފާރި ބޭނުމަށް ޑޮލަރު ގަންނަ މީހަކު "ސީއެންއެމް" އިއްޔެ ބުނީ މީގެ ދެ މަސް ތިން މަސް ކުރިން 17.30ރ. އަށް ލިބުނު ޑޮލަރު މިހާރު 18ރ. އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، އޭނާ ބުނި ގޮތުގައި، ކުރިއަށް އޮތް ބޮޑު ބަންދެވެ.

"އަނެއްކާ ޑޮލަރު މިހާ ތާށިކޮށް އުޅެނިކޮށް ގިނަ އަދަދެެއްގެ ބަޔަކު ހައްޖަށް އަދި ބޮޑު އީދު ޗުއްޓީ އަށް ރާއްޖޭން ބޭރަށް ފުރައިގެން ދާނެ ތާ. އެހެންވެ ޑޮލަރު ލިބުން އެހާ ތާށިމި ވަނީ،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ 100 އަދި 200 ޑޮލަރުން ވިއްކާ މީހަކު ވެސް 17.50ރ. އަށް ވުރެ ކުޑަކޮށް މި ދުވަސްކޮޅު ޑޮލަރު ނުވިއްކާ ކަމަށެވެ. އަދި ބުނީ ނަގުދު ފައިސާ އިން ގަންނަ ނަމަ އަގުގެ ތަފާތު އަންނަ ކަމަށާއި. ޗެކް ނުވަތަ ޓްރާންސްފާއެއް ނަމަ ކުޑަ ތަންކޮޅެއް އަގު ހެޔޮވޭ،" އޭނާ ބުންޏެވެ.

ޑޮލަރު އަގު އުފުލުމުގެ ޝަކުވާއޮތް މީހަކު މި ރިޕޯޓަށް ވާހަކަ ދައްކަމުން ބުނީ "ޑޮލަރު ފޮރުވާފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް" މިނިސްޓަރު ބުނުމުން އަތުގައި ބޮޑު އީދު ބަންދަށް ފޮރުވި ޑޮލަރު ކޮޅު ވެސް ގާތް މީހަކު ބުނެގެން ކުޑަ އަގަކަށް ވާރުކޮށް ލެވިއްޖެ ކަމަށެވެ.

"މިނިސްޓަރު ވިދާޅުވުން ދިމާނުވެ ދިވެހިން ޑޮލަރަށް ޖެހޭ މޫސުމުގައި މިފަހަރުވެސް ކަންދިމާމިވީ، މީގެ ކުރިން ވެސް ވާގޮތަށް ނޫންތޯ؟، ބޭނުން ޖެހި ޑޮލަރު ހޯދަން އެންމެން ދުއްވައި ގަތުމުން ސަރުކާރުން ނުރުހުނަސް ޑޮލަރު މި ވީ މިއަދު ތި ވިދާޅުވާ ހެން ރަނަށް" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިފަހުން ކުރެއްވި ޓްވީޓްގައި އޮތް ވާހަކަ އަށް ރައްދުދެމުން އޭނާ ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ޑޮލަރު ފޮރުވައިގެން ތިބޭނަމަ ހުރި ޑޮލަރު ކޮޅުގެ އަގު ވެއްޓި އޭގެ ހަގީގީ ފައިދާ ނުލިބިދާނެ އެވެ. މީގެ އިތުރުން ސައީދު ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިންމަސް ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް މި އަހަރު ފެބުރުއަރީ މަހު ވިދާޅުވެފަ އެވެ.

ހައްޖުގެ އަޅުކަމަށް އާއިލާގެ ދެ މީހަކާއި އިތުރު ރައްޓެއްސަކުވެސް މިފަހަރު ހައްޖަށް ފުރާތީ ޑޮލަރު ކޮޅެއް ބޭނުންވެ ޑޮލަރު ވިއްކާ ގޯޅިއަކުން މުގޯލި އަޅަމުންދިޔަ ޔުނިފޯމް އެޅި ބޮޑީއެއްގައި މަސައްކަތް ކުރާ ހަރު މީހަކު "ސީއެންއެމް" އަށް ބުނީ ޑޮލަރު ކޮޅެއް ހެޔޮ ރޭޓެއްގައި އަތުޖެއްސުން އެއީ މިހާރު ވުމަށް ވުރެ ނުވުން ގާތްކަމެއް ކަމަށެވެ.

"ޑޮލަރު މާރުކުރުމުގެ ނަމުގައި ތަފާތު ސްކޭމްތަށް ވެސް އުޅޭ ދުވަސް ވަރެއްގައި ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ގާތުވެސް ޑޮލަރޭ ބުނަން ވެސް މިހާރު ބިރުގަނޭ، ރިސްކެއް ނުނަގަން 17.85 ރޭޓުން މި ގަތީ 1000 ޑޮލަރު، މިތިބި ބިދޭސީން އަތުގައި ޑޮލަރު އެބަހުރި އެމީހުން ބުނާ ރޭޓަކަށް އެއްބަސް ވާނަމަ ވަން-ޓު-ވަން ފަސް ހާސް ޑޮލަރު ވިޔަސް ހެޔޮ، ހޯދަން ހޭދަވާނީ 10 މިނެޓް" ޑޮލަރުގެ ކަޅު ބާޒާރު ކަންކަން މަތީ ފުޅާވެފައި އޮތް މިންވަރު ބުނެދެމުން އޭނާ ބުންޏެވެ.

ޑޮލަރުގެ އަގު މައްޗަށް ދިޔަ އިރު، ދިވެހި އިގްތިސޯދުގައި ޑޮލަރު ތިޔާގިވާ މައިގަނޑު އިންޑަސްޓްރީއަށް އަންނަ ބަދަލުތަކަށް ވެސް ނަޒަރު ހިންގާލަން ޖެހެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުން ފެށިގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މި މަހުގެ މިހާތަނަށް އައި ޓޫރިސްޓުން މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ހަތް ޕަސެންޓު ދަށްވެފައިވެ އެވެ. މި މަހުގެ މިހާތަނަށް ރާއްޖެއަށް އައީ 14000 ޓޫރިސްޓުންނެވެ. މިދިޔަ މަހު ވެސް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މޭ މަހަށް ވުރެ އެއް ޕަސެންޓު ވަރު ދަށްވެފަ އެވެ.

މިދިޔަ ދެ މަހު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަނީ އެވްރެޖުކޮށް 3700 ޓޫރިސްޓުންނެވެ. މިއީ އޭގެ ކުރީ ހަތަރު މަހުގެ ދުވާލެއްގެ އެވްރެޖަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ދަށް އަދަދެކެވެ. މިދިޔަ ހަތަރު މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6300 ޓޫރިސްޓުން އައިސްފައި ވެ އެވެ.

ޑޮލަރަށް ބަރޯސާވާ ވަރު ކުޑަ ކުރުމަށާއި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން އަޑު ހަރުކޮށް އަންނަނީ ބުނަމުންނެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ބުނާ ގޮތުން ޑޮލަރުގެ މައްސަލަ ހައްލު ކުރަން މަރުކަޒީ ބޭންކް އެމްއެމްއޭއާ އެކު އަންނަނީ ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އަދި ޑޮލަރުގެ ކުރިމަތީ ދިވެހި ރުފިޔާއަކީ ބާރު ލިބިގެންވާ ފައިސާއަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ. 

ސަރުކާރުން މިހާރު ވެސް ވަނީ ޑޮލަރުގެ އަގު ދަށްކުރަން ފިޔަވަޅުތަކެއް ވެސް އަޅަން ފަށާފަ އެވެ. މިގޮތުން ކަޅުބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ހަތް ބިދޭސީ މީހަކު އަތުލައިގަނެ ޑީޕޯޓް ކުރަން އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ވެސް މިފަހުން ފެށިއެވެ. 

ޑޮލަރުގެ އަގު ބޮޑު ނުވުމަށް ބިދޭސީންގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް މިހާރު ވަނީ ފޯކަސް ކުރަން ޖެހިފަ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި 587.2 މިލިއަން ޑޮލަރު - ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ވަނީ ރާއްޖެއިން ބޭރު ކޮށްފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު މި އަދަދުހުރީ 564.6 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ ކުޑަ ނަމަވެސް އިތުރުވުމެކެވެ. ރާއްޖޭން ފުރާ ބައެއް ބިދޭސީން ބޮޑު އަދަދުން ޑޮލަރު ގެންދާ ކަމަށް ކުރިން ވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު އެއް ވެސް ސަރުކާރަކަށް އެކަން ހުއްޓުވިފައެއް ނެތެވެ. ނަމަވެސް ބިދޭސީން ފުރާއިރު ބޮޑު އަދަދުތަކުން ނަގުދު ފައިސާ ހިފައިގެން ދާ ދޮރުތަކުގައި ތަޅު އަޅުވާ ބަންދުކުރަން ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. 

ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މާލީ ހާލަތު އިތުރަށް ރަނގަޅުކުރަން އަޅަން ޖެހޭ މުހިއްމު އިސްލާހީ ފިޔަވަޅުތައް އެޅުމަށް ސަރުކާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފައިސާ ޗާޕު ކުރުމުގެ ސަގާފަތް ދޫކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ އެޅުއްވި ފިޔަވަޅަށް އައިއެމްފް އާއި ވޯލްޑް ބޭންކުން ވަނީ ތައުރީފްކޮށްފަ އެވެ. އަދި އެނިންމުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ މަރުހަބާ ވެސް ވިދާޅުވެފަ އެވެ. މި ބަދަލާއެކު ޑޮލަރުގެ އަގު ވެސް ހަމައަކަށް އެޅެން ފަށާ ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ރައީސް ޑރ. މުއިއްޒުވެސް ވަނީ ލަފާކޮށްފަ އެވެ.

ސަރުކާރުން ވަނީ ޑޮލަރުގެ އަގު ދަށް ކުރަން އިތުރު ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭއިން މި އަހަރު ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރު ވަނީ އިތުރުކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދި ފަހުން ވަނީ ރާއްޖެއަށް ޗައިނާ އާއި އިންޑިއާއިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބޭނުމަކީ ވެސް ޑޮލަރަށް އޮތް ޑިމާންޓް ކުޑަކުރުމެވެ. ކޮންމެ އަކަސް ޑޮލަރުގެ ފަހަތަށް ފުލުހަކު ލާން ބުނި ދުވަހުން ފެށިގެން ޑޮލަރުގެ އަގު ތިރިއެއް ނުވި އެވެ!؟ ޑޮލަރު ރޭޓަށް ދާއިމީ ހައްލެއް ނައެވެ!؟ ފޮރިން އެކްސްޗޭންޖް ރޭޓް ހަނދާންނެތި، ޑޮލަރުގެ "ވަގު" ރަސްމީ ރޭޓަކަށް، އެމެރިކާ ޑޮލަރެއްގެ އަގު 17ރ. އިން މައްޗަށް ވެ ނިމިއްޖެ އެވެ! ހައްޖުގެ އަޅުކަމާއި އީދު އުފަލާ ދިމާކޮށް: ޑޮލަރު ރަނަށް ވެ ނިމިއްޖެ އެވެ.!؟

މި ހަގީގަތް ރައްޔިތުން ފަދައިން ވެރިން ވެސް ގަބޫލުކުރަން ވެއްޖެ އެވެ. ތެދެކެވެ، ރާއްޖޭގެ މާލީ ހާލަތުގެ ހަގީގަތް ރައްޔިތުންނަށް ބުނެދޭން ޖެހެ އެވެ. ޑޮލަރުގެ މައްސަލަ އަށް އޮތް ދާއިމީ ހައްލަކީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް ތަރުތީބުވެ، ރާއްޖެ އަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭގެ އިގްތިސާދުގައި ބެހެއްޓުމުގެ ގާނޫނެއް އުފަންވުމެވެ. މިކަން ވާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް