މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ހަތަރު ލީޑަރުން ހިމެނޭ ކޯލިޝަނަކުން ކާމިޔާބު ކުރައްވާ ސަރުކާރާއި ހަވާލުވި ކޯލިޝަން ސަރުކާރުގެ އުންމީދީ މެނިފެސްޓޯ އިއުލާން ކުރައްވާ ރައްޔިތުންނަށް ދެއްވި ޔަގީންކަމެވެ. މިއަދު އޭގެ ދެއަހަރު ފަހުން އެ ބުނި ޖަޒީރާ ދިވެހި ރާއްޖެ އަޅުގަނޑުމެންނަށް ލިބިއްޖެތޯ އަދި އާންމު މަސްލަހަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާއީ ވެއްޓެއް ގާއިމްކުރެވިއްޖެތޯ ބަލާންލުން މުހިންމު ނޫންތޯއެވެ؟
ޖަޒީރާ ދިވެހި ރާއްޖޭގެ ތެރެެއިން ގާއިމުކޮށްދޭން ބުނި "ފޭރާން ހެޔޮ އިޖްތިމާއީ ވެށި" ގެ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. އެއީ އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ރައްކާތެރިކަމުގެ އިތުރުން ފަސޭހަ ބޭސްފަރުވާގެ ޔަގީންކަމެވެ. "ވީދިފައިވާ މުޖުތަމުއުގެ ފޭރާން ރަނގަޅުކުރުމަށް" ކަމަށް ބުނެ އައި ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު އެ ފޭރާމުގެ ވީދިފައިވާ ބާގަނޑުތައް ބެއްދުނުވަރެއް ވެސް އެބަ ބަލަންޖެހެއެވެ.
ކުޑަކުދިންގެ ރައްކާތެރިކަން
މިއީ ކުޑަކުދިންގެ ހައްގުތައް މި ސަރުކާރުން ރައްކާތެރިކުރުމަށް ވީ ވައުދެކެވެ. އެހެންނަމަވެސް ސުވާލަކީ ގަރުބަގަތީންސުރެ ނެތިދިއުމަށްދާންދެން އިޖުތިމާއީ ރައްކާތެރި ނިޒާމުގެ ހިޔާ ދަށުގައި ދެމިތިބީ އޭގެ ތެރެއިން ކިތައް ކުދިންތޯއެވެ؟ ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޯގަސްޓް މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަަތަކެވެ. އެގޮތުން އޮގަސްޓް މަހު ހުށަހެޅި 184 މައްސަލައިގެ ތެރެއިން 103 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެއީ މައްސަލަތަކުގެ 55.9 ޕަސަންޓެވެ.
އޮގަސްޓު މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާ:
- ޖުމްލަ 103 މައްސަލަ
- ޖިންސީ ހާނިއްކައިގެ 36 މައްސަލަ
- އިހުމާލުވުމުގެ 24 މައްސަލަ
- ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ
- ނަފްސާނީ ހާނިއްކައިގެ އަށް މައްސަލަ
- ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ
- އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ
އޭގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލައެއް ވެސް އޮގަސްޓް މަހު ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ ތިން މައްސަލަ ހިމެނެ އެވެ. އަދި ސެޕްޓެމްބަރު މަހަށް ބަލާއިރު އެމަހު ވަނީ އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލައަކާއި މާރާމާރީގެ މައްސަލަ ހިމެނެ އެވެ. ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ ދެ މައްސަލަ ހުށަހަޅާފައި ވާއިރު، އޭގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ހިމެނެ އެވެ. އާއިލީ މައްސަލަތަކުގެ ގޮތުގައި 16 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. އެއީ ކުދިންނާ ބައްދަލު ނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމާ ގުޅުން ހުރި ފަސް މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގެ އެއް މައްސަލަ އެވެ.
މިއީ ޖެންޑާ މިނިސްޓްރީއަށް އެންމެ ދެމަހުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަ ތަކުގެ އަދަދެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ ހެޑްލައިންތަކަށް ބަލާލާއިރުވެސް ފެންނަނީ ހަމަ މި މަންޒަރެވެ.
- ބެލްކަނީގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
- އޮގަސްޓް މަހު އެކަނިވެސް ރޭޕްގެ ތިން މައްސަލަ
- ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި
- ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕްކުރި މީހާއަށް ދައުވާކުރަން ހުށަހަޅައިފި
- 4 އަހަރުގެ ދަރިފުޅާ ބެހުނު ބައްޕަގެ ވަނަވަރު އާންމު ކޮށްފި
- ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި 57 އަހަރުގެ މީހަކު ހައްޔަރުކޮށްފި
- ކުއްޖަކު ބަލިވެ އިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
- 10 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ
- 17 އަހަރުގެ ކުއްޖަކު ވެސް ބަލިވެ އިން މައްސަލައެއް ބަލަނީ
މިފަދައިން ލިސްޓު ކުރެވިދާނެ އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. ރާއްޖޭގައި ކުޑަކުދިންނާއި ބެހުމާއި، ބަދުއަހުލާގީ މައްސަލަތައް އިންތިހާ އަށް އިތުރެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބޭ މިފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރާތަންވެސް ނުފެންނަ ވާހަކައެއް ނޫނެވެ. އެހެެންނަމަވެސް ފުރިހަމަ ތަހުގީގަކާއިއެކު ފުރިހަމަ ދައުވާއެއް ކުރެވޭ މަންޒަރު ފެންނަނީ ހާލަކުން ފަހަރަކުއެވެ. ކުޑަކުޑަ މިސާލަކަށް ބަލާނަމަ މިއަހަރު ކުރީކޮޅު ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ މައްސަލައަށް މިހާރު 11 މަސް ވެފައިވާއިރު އެ މައްސަލައިގައި ވެސް އަދިވެސް އެ ކުއްޖާއަށް އިންސާފު ލިބިފައެއް ނުވެއެވެ. އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި އެކުއްޖާގެ މުނިކާފަ ހައްޔަރުކުރި ނަމަވެސް އޭނައަކީ ދުވަސްވީ މީހެއްކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ. އޭނައަކީ ކުރިންވެސް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑް އޮންނަ، މުޖުތަމައުއަށް އޮތް ބިރެއްކަމުގައި ވީނަމަވެސް ހެވެ. މިއީވެސް ވެވިފައިވާ އިހުމާލެކެވެ.
ހައްޔަރުކުރި ބަޔަކު ހައްޔަރު ކޮށްފައިވެސް ވަނީ އެތައް ބަޔަކު އެކަމުގައި އަޑުއުފުލާ މަގުތަަކަށް ނިކުމެ ސަރުކާރަށް "ނޯ ޗޮއިސް" ވެގެން ކަަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެ މައްސަލައިގެ ތެރެއިން ދެން ދެކެވެން ފެށީ ޖެންޑަރު މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ވާހަކައެވެ. ޖެންޑާ މިނިސްޓަރުގެ "ޒިންމާ އާދާކުރާކަމަށާއި އެކަމުގައި އިހުމާލެއް ވާނަމަ އަމިއްލައަށް އިސްތިއުފާ ދެއްވާނަން" ކަމަށް ވިދާޅުވަމުން ދަނިކޮށް ދެންފެންމަތިވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވާކާލާތުކުރަމުން ދިޔަ ހިސާން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ފެންމަތިވި މައްސަލަތަކެކެވެ. އެކަމުގެ ތެރެއިން އާއްމުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ސަރުކާރަށް އިނގިލި ދިއްކުރަން ފެށުމުން ކުއްވެރިން ހައްޔަރުކޮށް އިންސާފު ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުގެ މުވައްސަސާތަކުން ވެސް ދުވަން ފެށީ އަމިއްލަޔަށް އައްޔަންކުރި މިނިސްޓަރުގެ ފަހަތުންނެވެ. އެޔާއިއެކު ހަލަބޮލިކަން މަތީ ޒިންމާއަދާ ނުކުރެވޭނެ ކަމަށް ނިންމާ ޝިދާތާ އިސްތިއުފާ ދިންއިރު އުފެދުނު ސުވާލަކީ ޝިދާތާ އިސްތިއުފާ ދިނުމުން އެކަމަށް ހައްލެއް ލިބުނީތޯ ކުރެވުނު ސުވާލެވެ. އާ މިނިސްޓަރަކު އައްޔަނު ކުރުމުން މާބޮޑު ތަފާތެއް ފެންނަމުން ދެޔެކޭ ހަަަމަ އަދިވެސް ދެންނެވޭކަށް ނެތެވެ. އެންމެ ބޮޑު ހެއްކަކަށް ފެންނަންއޮތީ 2015 ވަނަ އަހަރު ރަހުމު ކުޑަގޮތަކަށް އަމިއްލަ މަންމަގެ އަނިޔާގެ ޝިކާރައަކަށްވެ ދުނިޔެދޫކޮށްފައިވާ ކުޑަކުޑަ މައުސޫމް އިބްތިހާލުގެ މަރަށް ހަ އަހަރުވެގެންދިޔައިރުވެސް އެ މައްސަލާގައި ހެކި ހުރެމެ މިސަރުކާރުގެ ދެ އަހަރުވެސް ނިމިގެން މިދިޔައީ އިންސާފް ލިބުމެއްނެތި ކަމަށް ވާތީއެވެ.
ފާއިތުވި ދެ އަހަރު ތެރޭ ސަރުކާރުން މި ރޮނގުން ހާސިލުކޮށްފައިވާ ކުރިއެރުންތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން ކުޑަކުދިންގެ އަދަލުގެ ގާނޫނު ފާސްކުރުމާއި، ރޭޕްކުރުމަކީ ގާނޫނީ ބޮޑު ކުށަކަށް ވެސް ހަދާފައިވަނީ ވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައެވެ. ނަމަވެސް ގާނޫނުތަކެއް އޮތުން މުހިންމު ވާނީ އެ ގާނޫނުތައް ތަންފީޒް ކުރެވޭ ނަމަ އެވެ. މައްސަލައަކަށް ވެފައިވަނީ އެ ގާނޫނުތައް ތަންފީޒް ކުރުމަށް މުވައްސަސާ ތަކުން ޖެހިލުންވަމުން ދާތީ އެވެ.
އެގޮތުން 2018 އިން 2020 އަށް ޕީޖީ އޮފީހުން ޖިންސީ ކުށުގެ 23 މައްސަލައެއްގައި ދައުވާކޮށްފައިވާއިރު އޭގެ ތެރެއިން ސާބިތު ވެފައިވަނީ އެންމެ ފަސް މައްސަލައެވެ. ފާއިތުވެދިޔަ ދެއަހަރު ދުވަހުގެ ތަފާސްހިސާބުތައް މިފަދަ ގޮތަކަށް ހުރި އިރު، ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވާ ޖިންސީ ކުށުގެ މައްސަލަތަކަށް ބަލާއިރު، އޭގެ ތެރެއިން ދައުވާކުރަން ފޮނުވާ ސާބިތު ވެފައިވަނީ ވަރަށް މަދު މައްސަލަތަކެއް ކަމަށެވެ.
ދެން ހަމަ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ވީ ވައުދަކީ "ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ގާތުން ދިނުމާއި، މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ ޕާރުސަލެއް ފޯރުކޮށްދިނުމެވެ". މިކަން މިގޮތަށް ހިނގާތޯ އުފެދޭ ސުވާލުގެ ޖަވާބު އަޅުގަނޑު ދޫކޮށްލާނީ ފާއިތުވި ދެއަހަރު ތެރޭ އެ ތަޖުރިބާ ކުރި އަންހެން ކަބަލުންނަށެވެ.
އަންހެނުންގެ ހައްގުތައް
މިއީ މި ސަރުކާރުގެ މެނިފެސްޓޯއިން އަންހެނުންނަށް ދިން ޔަގީން ކަމެކެވެ. ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު މިކަން ވަނީ ސަރުކާރުން ކިތަންމެ ރަނގަޅަކަށްވެސް ފުއްދާދީފައެވެ. އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކަކީ ސުން-ރޭޓުގައި ޖީއެސްޓީ ނެގޭ ބާވަތްތަކެއްގެ ގޮތުގައި ހަމަޖައްސައި ޖީއެސްޓީ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. ދެން ދައްކަން އޮތީ އިންސާފުގެ ވާހަކައެވެ. އިންސާފު ހޯދަން ކުރަންޖެހޭ މަސައްކަތުގައި އަންހެނުންނަށް ވީތީ އިތުރު ހުރަސްތަކެއް ކުރިމަތިވެއެވެ.
މި ސަރުކާރުގެ މެނިފެސްޓޯއިން އަނެއްކާވެސް މިދިން ޔަގީންކަމާއިއެކު ޒަމާންތަކަކަށް ހައްލުނުވެ އޮތް މިކަން ހައްލުވެގެން ދާނެ ކަމަށް ވަރަށް އުންމީދު ކުރެވުނެވެ. ނަމަވެސް އެކަމަށްވެސް މާ ބޮޑު ހައްލުތަކެއް ލިބުނުތަނެއް ފެނިގެން ދިޔައޭ ބުނެވޭކަށް ނެތެވެ.
މިނިސްޓަރު ލެވަލުގެ ބޭފުޅުން ފެށިގެން ސަރުކާރުގެ މުވައްސަސާތަކަށް އިނގިލި ދިއްކުރެވިގެން ދިޔަ މިންވަރަކީ މިހާތަނަަށް ރިކޯޑް އަދަދެކެވެ. އެކަންތަކަށް ކުޑަ ކަޅިއެއް ހިންގާލާއިރު އެންމެ ފުރަތަމަ ވެސް މި އަހަރަށް ބަލާއިރު ވެސް ފެންނަން އޮތީ ޖޫން 25 ވަނަ ދުވަހުގެ ރޭ ހުޅުމާޅެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެވެ. މިހާތަނަށްވެސް އެމައްސަލައިގައި ވީނުވީއެއްވެސް ނޭނގިވާއިރު އެ މައްސަލައިގައި މުވައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް ވާކަމަށް އާއްމުން ދަނީ ފާހަގަކުރަމުންނެވެ.
ސަފާރީއެއްގައި އާންމުން ސިފަކުރާވަރު ބޮޑު ރޭޕްކޭސްއެއް ނުހިނގާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގެ ތެރެއިން އިމްރާން ހޫނުފެނަށް ލެވިގެން ދިޔައިރު ޖިންސީ ފުރައްސާރަ ކުަރުމަކީ ކުޑަކަމެއްގެ ގޮތުގައި ސިފަ ކުރެވިގެން ދިޔުމުން ސަރުކާރުގެ "ނޯޓޮލަރެންސް" ސިޔާސަތު ކޮބައިތޯ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ.
މި ސަރުކާރުގެ ދެއަހަރުގެ ތެރޭގައި އަންހެނުންގެ ހައްގު ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ބޮޑު ކާމިޔާބީއެއް ހޯދުނު ކަމެއްގެ ގޮތުގައި އޮތީ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާއިން ކްރިމިނަލް ކޯޓުން ސަލާމަތްވި އިބްރާހިމް ޝާހު ތިން އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން މިއަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމް އެވެ. ޒިޔާދާ ނައީމް ރޭޕް ކުރި މައްސަލައިގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ހައިކޯޓުން ހުކުމް ކުރި އިރު، ފަނޑިޔާރުން ވަނީ ކައިވެނީގެ ތެރެއިން ކުރެވޭ ރޭޕާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. މިއީ ރާއްޖޭގައި ކައިވެނީގެ ތެރެއިން ކުރެވޭ ރޭޕްގެ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެ ހުކުމް ކުރި ފުރަތަމަ ފަހަރެވެ.
ފަސޭހަ ބޭސް ފަރުވާ
މިއީ ސަރުކާރުގެ އުންމީދީ މެނިފެސްޓޯއިން ފަސޭހަ ބޭސްފަރުވާއަށް ދިން އިސްކަމުގެ ވަރަށް ކުޑަކުޑަ ބަސްކޮޅެކެވެ. ދެއަހަރު ފަހުން މި ވައުދުތައް އޮތީ ކޮންތާކުތޯ ބަލާލާއިރު އަތްފޯރާ ފަށަށް ބޭސްފަރުވާ ގެނެސް އާސަންދަ ތައާރަފްކުރެވުނު މަޤްސަދު ކަމަށްވާ، ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި ހިލޭ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ބުނި ނަމަވެސް ފަރުވާއާ ގުޅުން ހުރި އެހެން ކަންކަމަށް އަދިވެސް ޖެހެނީ ސަލާން ޖަހާށެވެ.
ފާއިތުވި ދެއަހަރަށް ބަލާއިރު ސިއްހީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ބުނެވިދާނެއެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިޔުންހެން މުޅިންހެން ހުއްޓާލަން ޖެހުމާއިއެކު އެފަރުވާ ރާއްޖެއިން ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ސަރުކާރު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖެއިން ބޭރުން ކުރާ ބޮޑެތި އޮަޕަރޭޝަންތައް މާލެ ނޫން އެހެން ރާއްޖެގެ އަަތޮޅު ހޮސްޕިޓަލްތަކުންވެސް ކުރެވޭނެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާފައިވެއެވެ. ރިޔާސީ ވައުދުގައިވާ ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައާރަފްކުރެވި އައިޓީ ކޮންސަލްޓޭޝަން ފުޅާކުރެވޭނެ ކަމަށް އޮތް ވައުދުވެސް ދަނީ ކޮވިޑްގެ ތެރެއިން ފުއްދަމުންކަން ފާހަގަކުރެވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރު ގެ ސަރުކާރުގެ މުޅި މެނިފެސްޓޯ އެއްކޮޅުން އަނެއްކަޅަށް ކިޔާލީމަ ހިތްފުރި އަރާވަރުވެއެވެ. އުންމީދުން ފުރިގެންވާ ހުވަފެންތަކަކާއިއެކު ރައްޔިތުންގެ އަތްމަށްޗަށް ލައިދިން މެނިފެސްޓޯ ކިޔާ ރައްޔިތުން ފޫހިނުވާނެކަން ގައިމެވެ. އެހެންނަމަވެސް މިއަދު ސަރުކާރަށް ދެއަހަރު ފުރިގެންދިޔައިރު އެ މެނިފެސްޓޯގެ ބޭރުން އަކުރުތައް ތަރުތީބުކުރެވުނު ވަރު ރައްޔިތުންނަށް ފެންނަން ޖެހެއެވެ. އަދި އެ މިންވަރު މިނާނީ ވެސް ރައްޔިތުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެއަހަރު ފުރުން މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން ދިޔަނަމަވެސް ސަރުކާރުގެ ފަރާތުން ދެކޭ ގޮތުގައި ވައުދުތައް ފުއްދުމަށް އެންމެ ފުރިހަމަ ގޮތުގައި ލިބިފައިވަނީ އެންމެ އަހަރެކެވެ. ކޮވިޑް-19 ގެ ދަތި ދަނޑިވަޅާއިއެކު ސަރުކާރުގެ ގިނަ ދުވަސްތަކެއް ގުނަމުންދިޔައިރު އެ ވިސްނުމުން ވިސްނާލުމުން މަސައްކަތްތަކެއް ނުކުރެވުނޭ ބުނެވެން ނެތަސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެންމެ ފުރިހަމަ ގޮތުގައި މިއަށްވުރެ ބޮޑަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފެނެއެވެ.