ads
ފުލުހުންގެ މައި އޮފީސް، ޝަހީދު ހުސެއިން އާދަމް ބިލްޑިން
ފުލުހުންގެ މުއައްސަސާ މިއަދު އޮތީ "ފުލުސް އޮފީހަށް" ހާޒިރު ކުރަން ޖެހިފައި!
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ރައްކައުތެރިކޮށް ހިމާޔަތްކުރުން ތިބި ފުލުހުން ދިފާއުކޮށް ވާހަކަ ދައްކަން ހާދަ ބޭނުމެވެ. ފުލުހުންގެ މަސައްކަތުގައި ނެގެޓިވް ވާނެ އެއް ވެސް ވާހަކައެއް ދަންކަން ވެސް އަޅުގަނޑު ބޭނުމެއް ނޫނެވެ. ކީއްވެ ހެއްޔެވެ.؟ ފުލުހުން އެކުރާ ކަމަކީ ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަސައްކަތެވެ. ފުލުހުންގެ މިޝަން އަކީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ، އިތުބާރުހިފޭ ފުލުހުންގެ ހިދުމަތެއްގެ ތެރެއިން ގުޅިގެން މަސައްކަތްކޮށް, ކުށާއި ކުށުގެ ބިރުވެރިކަން ދިވެހި މުޖްތަމައުން ދަށްކުރުމުގެ މަސައްކަތެވެ.
Advertisement

ފުލުހުންގެ ހުވާގައި ކިޔަނީ "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ." 

ތެދެކެވެ. މި ހުވާގެ މަތީގައި ދިވެހި ގައުމަށް ރައްޔިތުންނަށް ތެދުވެރިވި އަދި ވަމުންދާ ފުލުހުން ހާދަ ގިނަ އެވެ. ނަމަވެސް ދެރައީ ފަހްރުވެރި ދިގު ތާރީހެއް އޮތް "ފުލުސް" އިދާރާގެ ނަމާއި ޝަރަފަށް ހުތުރު ވަނިވި ބައެއް އެކި ރޭންކް ތަކުން "ފާޅު"ވުމެވެ. މިއަދު އިވެނީ ފުލުހުންގެ ހުވާގެ ދަރުބާރުގައި ހުރެމެ ހުވާ ނުކުރާކަމަށް ފަހުރުވެރިވެފައި ބުނާ މީހުންގެ އަޑެވެ. މިކަމުން ގެއްލެނީ އެންމެ ސާޖިދުއެއްގެ އިތުބާރެއް ނޫނެވެ. މިކަމުން މުޅި މުއައްސަސާގެ ގަދަރާއި ހައިބަތަށް ހިޔަނި އެޅެ އެވެ.

މަގާމާއި މަސްއޫލިއްޔަތުގެ ދަށުން ފުލުހަކު ކިތަންމެ ކުޑަ ގޯހެއް ހެދިޔަސް، އެ ގޯހެއް ފުލުހުންގެ އިދާރާ އަށް ނިސްބަތް ވާނެ އެވެ. އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ. މިފަހުން އިވުނީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިފެހެއްޓި ފައިސާއިން 30000 ޑޮލަރު ގެއްލުނު މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑް (ސީއައިސީ) އިން ބަލަން ފެށި ހަބަރެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ތަހުގީގު ބޭނުމަށް ހުރި ފައިސާއިން ބައެއް ގެއްލުނުކަން އެނގުނީ ކޯޓުން އެ ފައިސާ ހަވާލުކުރަން އެންގުމުން ނެވެ. މިކަމުން ވެސް ފާހަގަވީ ފުލުހުންގެ މުއައްސަސާއިން ބައެއް ތަހުގީގުތަކުގައި އަމަލުކުރާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލެމުންދާކަމެވެ. ފުލުހުންގެ ކޮންމެ ވެސް ބައެއްގެ އިހުމާލުން މުޅި މުއައްސަސާގެ އިތުބާރަށް ބުރޫއެރީ އެވެ.

ފުލުހުންނަކީ ދައުލަތުގެ އެންމެ ހައިބަތު ބޮޑު އެއް އިދާރާ އެވެ. ރައްޔިތުން އެންމެ ޖެހިލުންވާ ތަނަށް ވާންޖެހޭ ފަދައިން ރައްޔިތުން އެންމެ އިތުބާރު ކުރަން ޖެހޭ ތަން ވެސްމެ އެވެ. ނަމަވެސް މަޖިލީސް ތަޅުމުން މިހާރު އިވޭ އަޑުތައް ވަރަށް ހުތުރެވެ. މުޅި ފުލުހުންގެ މުއައްސަސާއަށް ވެސް ހުތުރެވެ. ފުލުހުންގެ ސަފުތަކާއި އަލަށް ގުޅެން ތިބި ކުދިންނަށް ވެސް ކުރަނީ މާޔޫސް ކަމެވެ.

ރައްޔިތުންގެ މަޖިލިސްގެ ކޮމިޓީތަކުން ތައްޔާރު ކުރާ ބައެއް ރިޕޯޓްތަކުން ފުލުހުންގެ މުޅި މުއައްސަސާ "ފަލީހަތް" ވެއްޖެ ފަދަ އެވެ. 

ބައެއް ވާހަކަތަކެވެ. 

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށް ދާއޫދުގެ މައްސަލަތަކެއް އެބަ ބަލަ އެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ވެސް ދާއޫދު ހިމެނޭ ގޮތަށް ބައެއް ފުލުހުންގެ ބޮލުގައި އެޅިފައިވާތީ އާއި ފުލުހުންގެ ބައި ދިރާސާ ކުރަމުން ގެންދާތީ އެ މައްސަލަތަކުގައި ވަކި ގޮތެއް ނިމެންދެން މަސްއޫލިއްޔަތުތަކުން ދާއޫދު މިހާރު އެ ހުރީ އެކަހެރިކޮށްފަ އެވެ. 

މީގެ އިތުރުން ދަރިފުޅަށް ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލަން އުޅުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ކޮށްފައިވާ ސިޓީއެއް ފުލުހުންގެ މަތީ ރޭންކުތަކުގެ 11 އޮފިސަރެއް ކަމަށް ބުނެ، އެ މީހުންގެ ފަރާތުން ވިސްބްލޯވަރުންގެ ގޮތުގައި މަޖިލީހަށް މިހާރު އޮތީ ފޮނުވާފަ އެވެ. 

މި ސިޓީގައި ހުރި ވާހަކަތައް ކިޔާލުމުން ދެން ފެންނަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން، ފުލުހުންގެ އަންހެން މުވައްޒަފުންނަށާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު ނަހަމަ ގުޅުންތަކެއް ބާއްވައި ބައެއް މީހުންނާ އެކު ގަދަކަމުން ބަދަލުއަހުލާހީ އަމަލުތަކެއް ހިންގުމާއި ކޮރަޕަޝަންއަށް ތުހުމަތުކުރެވޭ މައްސަލަތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހެޅި މައްސަލަ އެދަނީ ބަލަމުން ނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މުޅި ސިޓީ ކިޔާލުމުން ފުލުހުންގެ ވެރިންނަށް ކުރެވޭ ތުހުމަތު ފެނި މަދު ބައެއްގެ ސަބަބުން މުޅި މުއައްސަސާ "އޮރިޔާން" ވެއްޖެ ނޫންބާއޭ ހިތަށް އަރައެވެ.

އާއެކެވެ. ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ހޯދައި، ދެނެގަތުމަށް އޮތް މުޅި މުއައްސަސާގެ ތެރޭގައި ކޮރަޕްޝަން ފެތުރި މޫލައިފި އެވެ. ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ވެސް ހިންގީ ކޮރަޕްޝަން އެވެ. ފުލުހުންގެ ބްލޫސް ހައުސިން މަޝްރޫއުއަށް އެތެރެކުރި އަގުބޮޑު އުޅަނދުތައް ގެއްލުނީ އެވެ. ފުލުހުން ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި ވައްކަމާއި ހިޔާނާތުގެ އަމަލުތައް ހިންގާފައިވޭތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އެދަނީ ބަލަމުންނެވެ. ކޮއްތު ހަމަޖައްސައިދޭ މީހާއާ ގުޅިގެން ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑް (ޕީއެސްޑީ) އިން އެ އަންނަނީ ބަލަމުން ނެވެ. މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުންގެ ތެރޭގައި ވެސް ފުލުހުން ނެވެ. ޕޮލިސް ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމުގެ ތުހުމަތު ވެސް ފުލުހުންނަށެވެ. ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފޯނުން ވެސް ފޮޓޯ ފަދަ ތަކެތި ލީކް ވަނީ އެވެ. ފުލުހުން ހާޒިރުވާ ސީން ތަކުން ވެސް މަންޒަރު ލީކު ވަނީ އެވެ. 

ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު އިތުބާރެއް ކުރަން ޖެހޭ މުއައްސަސާ އަބަދު "ވާނުވާ" އެއްގެ ތެރޭގައި އޮންނާން ވެއްޖެ ނަމަ އިނވޭނެ ހުރިހާ "ހުތުރު" އަޑެއް މިހާރު ފުލުހުންގެ މުއައްސަސާއިން އެބަ އިވެ އެވެ. އެ ބަދުނާމު ނަގަން ޖެހިފާ އޮތީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ހޯދައި، ދެނެގަތުމަށް އޮތް ފުލުހުންގެ މުޅި މުއައްސަސާއިން ނެވެ. ފުލުހުންގެ މީހަކު ނުވަތަ މީހުންތަކެއް ކުރާ ކަމަކުން މުޅި މުއައްސަސާ ބަދުނާމު ވެގެން ނުވާނެ އެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ މަދު ބައެއް ކުރި އަދި ކުރާ ކަންކަމުން މުޅި މުއައްސަސާގެ ޔުނިފޯމް ހަޑިވެ ބަދަލުކުރަން ޖެހުމެވެ. 

your imageރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އިހުސާން އަދި ޕޮލިސް ކޮމިޝަނަރު ނަވީން - ފޮޓޯ: ރައީސް އޮފީސް

ޖިނާއީކުށުގެ އަމަލުތައް ހޯދައި، ދެނެގަތުމަށް ފުލުހުން ކޮންމެ ދުވަހަކު އެތައް މައްސަލައެއް ތަހުގީގު ކުރެ އެވެ. އެތައް ބައެއްގެ ފަރާތުން ބަޔާންތައް ނަގަ އެވެ. ދައުވާ ކުރަން އެތައް މައްސަލައެއް ޕީޖީ އަށް ފޮނުވަ އެވެ. ތަފާތު ތުހުމަތުގައި އެތައް ބަޔަކު ހައްޔަރު ކުރެ އެވެ. މިފަދަ ޒިންމާދާރު މުހިންމު ގައުމީ މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާއެއްގެ ބައެއް ވެރިންގެ ފުށުން ވައްކަމާއި ހިޔާނާތާއި ބަދުއަހުލާގީ އަމަލުތައް ފެންނަ ނަމަ ފުލުހުންގެ ފަރާތުން ކުރަމުން އަންނަ ތަހުގީގަކަށް ކުރާން އޮތީ ކޮން އިތުބާރެއް ހެއްޔެވެ؟ ނަމޫނާ ދައްކަން ތިބި "ސަރ" މެންގެ ފުށުން މިފަދަ ހުތުރު އަމަލުތައް ފެންނަނަމަ އެ ގެއްލިގެން ދަނީ ފުލުހުންގެ އިދާރާއާ މެދު އޮންނަން ޖެހޭ ނަޒާހާތްތެރިކަމެވެ. ގެއްލިގެން އެ ދަނީ މުޅި މުއައްސަސާގެ އައިޑެންޓިޓީ އެވެ. 

your imageޕޮލިސް ކަމިޝަނަރު އިސްމާއީލް ނަވީނާއި އެހެން ބައެއް އިސް އޮފިސަރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ފުލުހުން

ފުލުހުންގެ މަގްސަދާއި، ދައުރާއި، މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ތަބާވާންޖެހޭ ހަމަތަކާއި އުސޫލުތަކާއި، ހިންގުމާއި، ލިބިދީފައިވާ ބާރުތަކާއި، އިމްތިޔާޒުތަކާއި ހިމާޔަތްތަކާއި، އަދި މިނޫންވެސް ފުލުހުންނާބެހޭ އެންމެހާ އުސޫލުތައް މުގުރި ފުލުހުންނަށް މިއަދު ކުރިމަތިވަމުން އަންނަ "ބަދުނާމުން" ސަލާމަތް ވާން މަސައްކަތް ކުރާން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. ފުލުހުން ޖަވާބުދާރީވެ ޖަވާބުދާރީ ކުރުވުމަށް މުޅި މުއައްސަސާގެ ހިންގުމުގެ އޮނިގަނޑު ބަދަލުވާން ވެއްޖެ އެވެ. އެއީ ޕޮލިސް ކޮމިޝަނަރު ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްގެން ވިޔަސްމެ އެވެ. 

ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓެމުން ދާއިރު އެކަންކަން ހައްލުކުރަން ފުލުހުން އިސްލާހް ކުރަން ފިޔަވަޅުތައް އަޅަން މިހާރު ވެސް މިވަނީ ލަސްވެފަ އެވެ. މަޖިލީހާއި ސަރުކާރުން އިހުލާސްތެރިކަމާއެކު އެ ފިޔަވަޅުތައް އަޅައިދޭން ޖެހެ އެވެ. 

އަދި އެއް ވާހަކަ އެވެ. 

ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، އެ ހައްގުތައް ހިމާޔަތްކޮށް ޖިނާއީ ކުށުގެ އަމަލުތައް ހޯދައި ދެނެގަނެ ތަހްގީގުކުރަން އޮތް ފުލުހުންގެ މުއައްސަސާ މިއަދު އޮތީ "ފުލުސް އޮފީހަށް" ހާޒިރު ކުރަން ޖެހިފައި އެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.!؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް