ads
2021 ގެ އުސްއަލިތައް: އުމްރާނީ ތަރައްގީ
2021 ގެ އުސްއަލިތައް: އުމްރާނީ ތަރައްގީ!
މީގައި ބަލާލެވިފައި ވަނީ މި ނިމުނު 2021 ވަނަ އަހަރު އުމްރާނީ ތަރައްގީގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވުނު އެންމެ މުހިއްމު ބައެއް ހަބަރުތަކަށެވެ.

03 ފެބްރުއަރީ 2021 

ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރާ އެންމެ އުސް ޓަވަރު ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

04 ފެބްރުއަރީ 2021 

މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ޕްލޭންކުރަމުން އަަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ، މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. 

  

04 ފެބްރުއަރީ 2021 

މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްދުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. 

07 އޭޕްރީލް 2021

ޑައުންޕޭމަންޑު ނުދައްކާވެސް ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.  

08 އޭޕްރީލް 2021 

ހިޔާ ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން H10 (ނުކުޅެދުންތެރިކަން ހުންނަ މީހުން) ގެ ކެޓަގަރީއިން މިއަދު ބޭއްވި ގުރުއަތުލުމަށްފަހު އެ ކެޓަގަރީގެ 188 މީހަކަށް ފްލެޓް ހަވާލުކޮށްފި އެވެ. 

ހިޔާ މަޝްރޫއުއިން މިހާރު ދޭން ހަމަޖެހިފައިވާ 6720 ފެލެޓްގެ ތެރެއިން މިއަދު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަ ފަންގިފިލާ އިންނެވެ

15 ޖޫން 2021 

ދައުރު ނިމެންވާއިރަށް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. 

"ގެދޮރުވެރިޔާ ލޯނު ސްކީމް" ޕްރޮގްރާމް އިފްތިތާޙު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެމަނިކްފާނުގެ މި ދައުރު ނިމޭއިރުގައި، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ އަދަދެއްގެ ފަރާތްތަކަކަށް އެކަން ފުރިހަމަވެގެން ދާނެ ކަމަށެވެ. 

15 ޖޫން 2021 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކުރުމަށް އެގްރީމެންޓުގައި ސޮއިކުރުން އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އޮންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. 

24 ޖޫން 2021 

ހިޔާ ފްލެޓްތަކުގެ ވެރިންނާއެކު އެގްރީމެންޓުގައި ސޮއި ކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

15 ޖޫން 2021 

ސަރުކާރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްގީކުރުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެެވެ. 

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްގީކުރުމަށް ނިންމާފައިވާ ކައުންސިލް އަދި އެފޯޑަބަލް ހައުސިން، މީގެ އިތުރުން މިޑް ޓު ހައި ރޭންޖުގެ އެޕާޓްމެންޓު ގެ މަަސައްކަތްތައް އަމަލީ ގޮތުން  ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެން ވަނީ އެ މަޝްރޫއުގެ ބިންގާ އަޅުވައިދެއްވާފައެވެ. 

11 ޖުލައި 2021 

ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މާލޭ ސިޓީގެ ރައްޔިތުންގެ ތެރެއިން "މައިމުޅަ" ވެފައިވާ ފަރާތްތައް ހޯދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. 

"މައިމުޅަ" ވުމަކީ އަންހެން ދަރީގެ ދަރީންނަށް ވާރުތަމުދަލުން ނުލިބޭ ހާލަތް ދިމާވުމެވެ. އެގޮތަށް ދިމާވަނީ މައިންބަފައިން ދުނިޔޭގައި ތިއްބައި އަންހެންދަރި ނިޔާވުމުންނެވެ 

15 ޖުލައި 2021 

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން މިހާތަނަށް 112 މީހަކާއެކު ސޮއިކޮށްފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

22 ޖުލައި 2021  

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ބައިގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 900 އަށްވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން ހުށަހަޅައިފިއެވެ. 

25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، "ހިޔާ ޔޫނިއަން" މެދުވެރިކޮށް ފްލެޓް ލިބުނު މީހުން، އެމީހުންގެ ފަންގިފިލާ ބަދަލުކުރުމަށް ހުށަހަޅާފައިވާއިރު، ޓަވަރުގެ ފަންގިފިލާތައް ބަދަލުކުރަން އެދޭ މީހުނަށް އެފަދައިން ހުށަހެޅޭގޮތަށް ހަދާފައިވެއެވެ. 

13 އޯގަސްޓް 2021 

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލާ ފްލެޓް ލިބުނު މީހުން ފޭސް ދޭއް ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.

މި މުޒާހަރާއަކީ ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާތީ ފުލެޓު ލިބުނު ފަރާތްތަކުން  ހިމެނޭ ހިޔާ ޔޫނިއަންގެ ޓީމުން އިސްވެ އޮވެ ހިންގި ހަރަކާތެކެވެ. 

 

01 ސެޕްޓެމްބަރ 2021 

ރ. އަލިފުށީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއަށް ހަވާލުކޮށް އެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިގެންދިޔަ އިރު އަލިފުށީ ރައްޔިތުން އުފަލުން ފޮޅެނީ އެވެ. އެރަށުގެ ރައްޔިތުން ބުނަނީ ޒަމާނުއްސުރެ ދެކެމުންއައި ހުވަފެނުގައި ހަގީގީ ކުލަ ޖެހެނީ ކަމަށެވެ. އިހުސާސްތައް ބަޔާންކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް އެވާހަކަަ ދައްކައިފި އެވެ. 

09 ސެޕްޓެމްބަރ 2021 

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި 85 އިންސައްތަ މީހުން ސޮއިކޮށްފައިވާއިރު ކަމަށާއި މިހާރު ސޮއިނުކޮށް ތިބީ 1201 މީހަކު ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. 

އެޗްޑީސީން ބުނީ ފްލެޓުތަށް ލިބުނީ 6720 މީހުންގެ ތެރެއިން 5519 މީހުންނާއިއެކު އެގްރީމެންޓުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށެވެ.

 

22 އޮކްޓޯބަރ 2021 

ހިޔާފްލެޓްތަކުގެ ގްރޭސްޕީރިއަޑް އިތުރު ކުރުމަށް ސަރުކާރުގައި އެދި އެކަން ސަރުކާރުން ނުކުރުމުން ހިޔާ ފްލެޓްތަކުގެ ވެރިން މިއަދު މަގުމައްޗަށް ނުކުމެއްޖެއެވެ. 

ހިޔާ ޔޫނިއަންގެ ފައުންޑަ މެންބަރު ހަމްދޫން ރަޝީދު ސީއެންއެމް އަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، ގްރޭސް ޕީރިއަޑްގެ މުއްދަތު އިތުރު ކުރެވޭނެ ކަމުގެ އިޝާރތާތެއް ދެއްވުމުން އެމިނިސްޓްރީއަށް ހިޔާފްލެތްތަކުގެ ފަރާތުން ސިޓީއެއް ފޮނިވި ކަމަށެވެ. އެހެންނަމަވެސް ސިޓީގެ ޖަވާބުގައި އެކަން އެގޮތަށް ވާން ނެތްކަމަށް ވިދާޅުވުމުން މިހަރަކާތަށް ނުކުތީ ކަމަށް ވިދާޅުވިއެވެ.

04 ނޮވެންބަރ 2021 

ބަހުސް ބޮޑުވި ރ. އަލިފުށީ އެއާޕޯޓު އަންނަ އަހަރުގެ ތެރޭގައި ފަށަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ. 

އަންނަ އަހަރު ފަށަން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމަނައިފައިވަނީ ދެ އެއާޕޯޓެކެވެ. އެއީ ރ. އަލިފުއްޓާއި މ. މުލީ އެއާޕޯޓުގެ މަސައްކަތެވެ.

21 ނޮވެންބަރ 2021 

ކޯޓު ހުކުމާއެއްގޮތަށް، ސަރުކާރުން ދިން ފްލެޓްތަކުގެ އަގު ހެޔޮ ނުކުރުމުގެ ސަބަބުން ، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) އަށް ފައިސާ ދެއްކި މީހުން މުޒާހަރާ އަށް ނުކުމެއްޖެއެވެ.

 ޑިސެމްބަރ 2021 

އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާޅެ ރަޖިސްޓްރީ ބާތިލުކުރުން

08 ޑިސެމްބަރ 2021 

ރައްޔިތުން ގާތު ނާހައި ހުޅުމާލޭގެ ރަޖިސްޓަރީ ދެން އެއްވެސް ފަރާތަކަށް ސިޓީ ކައުންސިލުން ހަދައި ނުދޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

20 ޑިސެމްބަރ 2021

ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް ، ޕްލޭނިން މިނިސްޓްރީން ބިޑަށް ހުޅުވާލައިފިއެވެ. 

ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޭ ގޮތަށް ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް އެ މިނިސްޓްރީން ވަނީ އާންމުކޮށް ހުޅުވާލީ މިއަދުއެވެ. 

މި މޮޑެލްގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރަން ހަމަޖެހިފައިވެއެވެ.

 

27 ޑިސެމްބަރ 2021

މާލޭ ސިިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކުރި ކުރުމަށް އަމަލު ކުރަން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.  

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލް ކުރީ، ސިޓީ ކައުންސިލުން ހުޅުމާލެއަށް ހަދާފައިވާ ރެޖިސްޓަރީގެ ބޭނުން އެޗްޑީސީއިން ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް ބުނެއެވެ. 

29 ޑިސެމްބަރ 2021 

ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފިއެވެ. 

ފެނަކައިން ބުނީ މިއީ ހުރިހާ ފަރާތްތަކުން ވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ޙިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެއް ކަމަށް ފެނަކައިން ގަބޫލު ކުރާ ކަމަށެވެ.

29 ޑިސެމްބަރ 2021

ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން އެއްވެސް ރަށެއް، ތަފާތު ނުކުރާކަމަށާއި، މިއަދަށް ފަހު ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލު ނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް