2019: Sarukaaru hingaa coalition roolhidhaanetha?
image
ކޯލިޝަން ލީޑަރުން ރައީސް ޞާލިޙް އަދި ނައިބު ރައީސް އަރުހުގައި: ފައިލް ފޮޓޯ
0 ކޮމެންޓް
 

2019: ސަރުކާރު ހިންގާ ކޯލިޝަން ރޫޅިދާނެތަ؟

2019 ވަނަ އަހަރާ އަޅުގަނޑުމެން ކުރިމަތިލީއިރު، ރިޔާސީ އިންތިހާބަށް ފަހު މިވަނީ ސަރުކާރު ބަދަލުވެފައެވެ. އާ ގާނޫނު އަސާސީގެ ދަށުން މީގެ ކުރިންވެސް އިންތިހާބުތައް ކާމިޔާބު ވެގެން އަންނަ ގޮތުގެ މަތިން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުވެސް ކާމިޔާބުކޮށްފައިވަނީ ކޯލިޝަނަކުންނެވެ. Dhiraagu
ނަމަވެސް މީގެ ކުރިން އުފެދުނު ކޯލިޝަންތަކާއި އެއްގޮތަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައިވެސްވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. ވެރިކަން ބަދަލުވެ ދެ މަސް ދުވަސްވެސް ވެރިކަމުގެ ނުފޫޒާއި ބާރު ކޯލިޝަންގެ ވެރިންގެ ބޮލަށް ސަވާރުވެ ކޯލިޝަންގެ އެއް ބައިވެރިއަކަށްވުރެ އަނެއް ބައިވެރިއަކު ސިޔާސީ ބާރުވެރިކަން ހޯދުމުގެ މަސައްކަތްވަނީ ފެށިފައެވެ. 2019 ވަނަ އަހަރު ފެށިގެން މިދަނީ ސިޔާސީ މި ހަގީގަތާއި އެކުގައެވެ.

މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ އެމްޑީޕީއެމެވެ. މީގެ އިތުރުން ކޯލިޝަންގައި ހިމެނެނީ ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއި ޖުމްހޫރީ ޕާޓީ އަދި ޢަދާލަތު ޕާޓީއެވެ.

ކޯލިޝަން ސަރުކާރު ތަކުން ކުރިން ލިބުނު ފިލާވަޅު

2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީވެސް ޝާމިލްވާ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ 21 ވަނަ ދުވަހާއި ހަމައަށް ދިޔައިރު ކޯލިޝަންގެ މައްސަލަތައްޖެހި ފުރަތަމަ ރެނދު ލިއެވެ. އޭރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވިއެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ވަކި ނިކުމެ މަޖިލިސް އިންތިހާބުގައި ނާކާމިޔާބު ވިއެވެ. އެމްޑީޕީއަށް ނާކާމިޔާބު ވުމާއި ހިސާބުން ރައީސް މައުމޫނުވެސް އޭރު ހުންނެވި އިދިކޮޅު ޑީއާރުޕީގެ ބާރު ގަދަވެގެން ދިޔައެވެ. ފަހުން ޑީއާރުޕީގައި އުފެދުނު މައްސަލަތަކަށްފަހު އެޕާޓީ ދެބައިވެ ޕީޕީއެމް އުފެދި އިދިކޮޅު މައި ޕާޓީއަކަށް ޕީޕީއެމް ވެގެން ދިޔައެވެ. ޑީއާރުޕީގައި ފަހުން ތިއްބެވި އިސްބޭފުޅުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއެވެ.

ސިޔާސީ ބާރުވެރިކަމުގެ ތެރެއިން އެމްޑީޕީއަށް 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ވެރިކަން ކުރަން ދަތިވާވަރަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުރަސްތައް ކުރިމަތި ކުރުވިއެވެ. އެންމެ ފަހުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީވެސް އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅި އެމްޑީޕީގެ ވެރިކަން 2012 ފެބްރުއަރީ 7 ވަނަ ދުވަހު ވައްޓާލިއެވެ.

2012 ފެބްރުއަރީ 7 ގެ ފަހުން ދެން އުފެދިގެން ދިޔައީ އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ރައީސް ކަމުގައި ހުންނެވި، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ.

2013 ވަނަ އަހަރުގެ ކޯލިޝަނާއި އެކޯލިޝަން ރޫޅުން

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގެ ކަންކަން ކުރިއަށް ދިޔައީ އިންތިހާ ނުފޫޒުގެ ތެރެއިންނެވެ. ސްޕްރީމް ކޯޓަށް މައްސަލަތައްވައްދާ އެކޯޓުން ގައިޑްލައިންތަކެއް ކަނޑައަޅައިގެން ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން އެއްވެސް ކެންޑިޑޭޓަކަށް ވެރިކަމަށް ވަޑައިގެންނެވޭނެ އަގްލަބިއްޔަތެއް ލިބިވަޑައި ނުގެންނެވިއެވެ.

ދެވަނަ ބުރަށް ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ދިޔައިރު އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ނަޝީދަށް ބޭނުންވަނީ ކުޑަކުޑަ އިންސައްތައެކެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއި ޢަދާލަތު އަދި ޕީޕީއެމް ކޯލިޝަން ގުޅިގެން ރައީސް ޔާމީނަށް ވެރިކަން ހޯއްދަވާ ދެއްވިއެވެ.

އާ ގާނޫނު އަސާސީގެ ދަށުން ވެރިކަން ކާމިޔާބުކުރި ދެ ވަނަ ކޯލިޝަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިވެސް ކުރިމަތިލީ ކޯލިޝަންގެ ތެރެއިންނެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ މެޖޯރިޓީއާއިއެކު ރައީސް ޔާމީނަށް އާދަޔާއި ހިލާފު ބާރުވެރިކަމެއް ލިބިވަޑައިގެންނެވިއެވެ.

އެ ބާރުވެރިކަމުގެ ތެރެއިން އޭރުގެ ސަރުކާރުން ހިތުހުރި ގޮތަކަށް ޤާނޫނު އަސާސީއާއި ޤާނޫނުތައް ބަދަލުކޮށް ނިމުނުއިރު ރައީސް ޔާމީނަށް އޮތީ ކޯލިޝަންގެ ބޭނުންވެސް ކެނޑިފައެވެ. އެ ކޯލިޝަންގައިވެސް މައްސަލައަކަށްފަހު މައްސަލައެއް ޖެހެމުން ގޮސް ކޯލިޝަންގެ ބައިވެރިން ކޯލިޝަނާއި ވަކިވެ، ކޯލިޝަން ރޫޅި އިދިކޮޅު ލީޑަރުންނަށް އެބޭފުޅުން ވެވަޑައިގަންނަވާ ލީޑަރުން އެންމެފަހުން ޖަލަށް ވަޑައިގަންނަވަންވެސް ޖެހިވަޑައިގެންނެވިއެވެ.

2018 ވަނަ އަހަރުގެ ކޯލިޝަން، ކޯލިޝަން ރޫޅިދާނެތަ

ރައީސް ޔާމީން ވެރިކަމަށް ގެނައުމައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުނާއި ރައީސް ޔާމީނާއި ޖެހުނު މައްސަލަތަކަށްފަހު ކޯލިޝަން ރޫޅި ޕީޕީއެމްގެ ތެރެވެސް ދެބައިވެ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ނުކުމެވަޑައިގެންނެވީ ސިޔާސީ ގޮތުން ގިނިކަންޏާއެވެ. ބަދަލުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަންގައި، އެދުވަހު ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ހުރިހާ ލީޑަރުންވެސް ހިމެނިވަޑައިގެންނެވިއެވެ.

ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބޮޑުތަނުން ރައީސް ޔާމީން ބަލިކޮށް މިހާރުގެ ސަރުކާރު ވެރިކަމަށް އައެވެ.

މި ސަރުކާރު ވެރިކަން ކުރަން ފެށިތާ މަސް ދުވަސްވެސް ނުވަނީ ސިޔާސީ ބާރުވެރިކަމުގެ މައްސަލާގައި ކޯލިޝަންގެ ތެރޭގައި މިވަނީ ހިޔާލު ތަފާތު ވެފައެވެ. ހާއްސަކޮށް މިއަހަރު އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަންގެ ޓިކެޓް ބަހާނެގޮތެއް ނުނިމު ކޯލިޝަންގެ ވަކިވަކި ބައެއް ޕާޓީތައް މިހާރުވަނީ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތި ލުމަށް އަމިއްލަ ނިންމުންތަކެއް ނިންމާފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި މަޖިލިސް އިންތިހާބަށް އެކުގައި ނިކުތުމަށް އެއްބަސް ނުވެވޭ ސަބަބުތަކެއްވެސް ހުރިކަމަށް ބެލެވެއެވެ. ހާއްސަކޮށް ކޮންމެ މަޖިލިސް އިންތިހާބެއްގައިވެސް އެކަނި ނިކުމެ އެމްޑީޕީން ތިރީސް ގޮނޑިއާއި ގާތްކުރާ އަދަދަކަށް ގޮނޑި ކާމިޔާބުކުރާއިރު ކޯލިޝަންގެ ގެތެރެއިން އެންމެ 35 ގޮނޑީގެ ޓިކެޓް އެމްޑީޕީން ބޭނުން ނުވަނީކަމަށް ބެލެވެއެވެ. ޓިކެޓަކީ ގޮނޑިއަށް ނުވެފައި 35 ގޮނޑިއަށް ވާދަކޮށްގެން އެމްޑީޕީއަށް ހުރިހާ ގޮނޑިއެއް ނެގިދާނެކަމަށް ގަބޫލުވެސް ނުކުރެވެނީއެވެ.

ދެން އޮތީ ޖުމްހޫރީ ޕާޓީއެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން 15 ވަރަކަށް ގޮނޑި ކާމިޔާބުކުރީ އޭރުގެ ސަރުކާރު ކޯލިޝަންގެ ތެރެއިންނެވެ. އޭގެ ކުރިން 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެކަނި ނިކުމެގެން ޖުމްހޫރީ ޕާޓީއަށް ލިބުނީ މާމިނގިލީ ދާއިރާގެ ގޮނޑި އެކަންޏެވެ. އެހެން ކަމުން މިފަހަރުވެސް ކޯލިޝަންގެ ހިޔަނީގައި ނޫންގޮތަކަށް މަޖިލިސް އިންތިހާބަށް ނިކުމެ ޖުމްހޫރީ ޕާޓީއަށް ގިނަ ގޮނޑިތަކެއް ނެގިދާނެކަމަށް ގަބޫލު ނުކުރެވެނީކަމަށް ވެދާނެއެވެ.

ރައީސް މައުމޫނުގެ ޓީމާއި ޢަދާލަތު ޕާޓީއަށްވެސް ގިނަ ގޮނޑިތަކެއް ލިބޭނީ ކޯލިޝަންގެ ހިޔަނީގައި ނިކުމެގެންކަމަށް ގަބޫލު ކުރެވެނީކަމަށް ބެލުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ދެން އޮތީ ކޯލިޝަންގެ ތެރޭގެ އެހެން ވާހަކަ އެކެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރުމަގަކުން ޖޭޕީއަށް މަޖިލީހުގެ ގިނަ މެމްބަރުންތަކެއް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައިވަނީ ގެންގޮސްފައެވެ. އެގޮތުން މަޖިލީހުގައި އެމްޑީޕީ ފަހަތައް ޖައްސާލުމަށްފަހު ޖޭޕީން ކުރި ހޯދި ހޯދުމަކީ އެމްޑީޕީއަށް ނުރައްކަލުގެ ރަނގަބީލެއްކަމަށް އެމްޑީޕީއަށް ގަބޫލު ކުރެވެނީކަމަށް ވުންވެސް ގާތެވެ.

ކޯލިޝަންގެ ޕާޓީތަކުގެ ތެރޭގައި ސިޔާސީ ރަނގަޅު ހަކަތައެއް ހުރިނަމަ ވަކިން ނުކުތަސް މަޖިލިސް އިންތިހާބު ކޯލިޝަނުގެ ޕާޓީތަކަށް ނުނެގެންވީ ސަބަބެއް ނެތެވެ. އެހެން ކަމަށްވާނަމަ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ކޯލިޝަނަށް ކާމިޔާބު ކުރެވޭނެކަމަށް ގަބޫލު ކުރެވެއެވެ.

ދާދިފަހުން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރެއްވި ގޮތުން މިހާރުވެސް މަޖިލިސް ކޮންޓްރޯލް ކުރަނީ ސަރުކާރު ހިންގާ ކޯލިޝަނެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ ބިލްތަކެއް ފާސް ނުކުރެވި މަޖިލިސް މިވަނީ ޗުއްޓީއަށް ގޮހެވެ. އެއީ ރައީސް ޞާލިޙް އުފައްދަވާފައިވާ ދެ ކޮމިޝަނަށް ބާރުތައް ދިނުމުގެ ބިލެވެ. ކޯލިޝަންގެ ބާރު މަޖިލީހުގައި އޮވެމެ ކޯލިޝަންގެ ރައީސް ބޭނުންވާ ގާނޫނުގެ ބިލްތައް ފާސް ނުވުމަކީވެސް ނުރައްކަލުގެ ރަނގަބީލެކެވެ. އެހެންކަމުން ދެންވެސް ކޯލިޝަނުން އެކުގައި މަޖިލީހަށް ނިކުމެ ކޯލިޝަނުން މަޖިލިސް ކާމިޔާބު ކުރި ނަމަވެސް ސިޔާސީ ބާރުވެރިކަމުގެ ކުޅިވަރުގެ ތެރެއިން އުފެދޭނެ މައްސަލަތައް މަދުވާނެކަމަށް ނުބެލެވެއެވެ.

އެހެންކަމުން އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކުރިން ނުވަތަ ފަހުންވެސް ކޯލިޝަންގެ ޕާޓްނަރުންގެ މެދުގައި އިތުރު ހިޔާލު ތަފާތުވުންތަކެއް އުފެދުން ގާތެވެ. އެކަން ބޮޑުވެ ކޯލިޝަން ނޭވާ ހޮޅިއަށް އެޅުމަކީވެސް ހަމަ ނުވާނެކަމެއްކަމަށް ބެލުންވެސް ދައްޗެވެ. އެއާއެކު މި އަހަރު ސަރުކާރު ހިންގާ ކޯލިޝަން ރޫޅިދާނެތޯ އުފެދޭ ސުވާލު އެގޮތުގައި ދޫކޮށްލާނަމެވެ.
ހިޔާލު