Nuhahgun hukum kuraa fandiyaarun magaamugai baithihban thaaeedheh nukuran: Ali Hussain
image
ޖުޑިޝަރީ ކޮމިޓީގައި އަލީ ހުސައިން (ކ-2).-- ފޮޓޯ: މަޖިލިސް
3 ކޮމެންޓް
 

ނުހައްގުން ހުކުމް ކުރާ ފަނޑިޔާރުން މަގާމުގައި ބޭތިއްބުމަށް ތާއީދެއް ނުކުރަން: އަލީ ހުސައިން

ގާނޫނު ތަކާއި ހިލާފަށް، ނުހައްގުން ހުކުމް ކުރާ ފަނޑިޔާރުން މަގާމުގައި ބޭތިއްބުމަށް ތާއީދު ނުކުރާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ބުނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް ނުހައްގުން ހުކުމް ކޮށްފައިވާ އެއްވެސް ފަނޑިޔާރަކު މަގާމުގައި ބަހައްޓަން ދުވަހަކު ވެސް ތާއީދު ނުކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކަމަށް ތާއީދު ނުކުރާނެ ކަމަށެވެ.

ހަމަ އެ ގޮތަށް ގާނޫނު އަސާސީން ނުދޭ ބާރެއް ރައްޔިތުންގެ މަޖިލީހުން ބޭނުން ކުރުމަށް ވެސް ތާއީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހުސައިން އެހެން ވިދާޅުވި އިރު، ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ނިންމުމަށް ތާއީދުކޮށް، ޖޭއެސްސީގެ މަސައްކަތްތަކުގެ ތެރެއަށް ސްޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް އިލްތިމާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ނިންމި ނިންމުމަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.

ޖޭއެސްސީގެ ގާނޫނީ އިހްތިސާސްތަކުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެ އެ ކޮމިޝަނުގެ މައްސޫލިއްޔަތުތައް އަދާކުރަން ހުރަސްތައް ކުރިމަތިކޮށްފައިވާކަން ފާހަގަ ކުރެވޭތީވެ، އެ ކޮމިޝަނުން ގާނޫނާ އެއްގޮތަށް ނިންމުންތަކަކީ ގާނޫނީ ބާރު ލިބިގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ޖުޑިޝަރީ ކޮމިޓީން ރޭ ވަނީ ނިންމައިފަ އެވެ. އެގޮތުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމި ނިންމުމަކީ، ޖޭއެސްސީ އަށް ލިބިގެންވާ ގާނޫނީ އިހްތިސާސްގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް ނިންމާފައި ވެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅައިގެން ވޯޓްގައި ބައިވެރިވި ހަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަގުލަބިއްޔަތުން ރޭ އެކަން ފާސްކުރި އިރު، އެ ކަމަށް ތާއީދު ނުކުރީ ހަމައެކަނި އަލީ ހުސައިން އެވެ. އޭނާ ވިދާޅުވީ މިނިވަން މުވައްސަސާ ތަކުން ނިންމާ ނިންމުންތަކަށް މަޖިލީހުން "ޖުޑިޝަލް ރިވިއު އެއް" ނުދެވޭނެ ކަމަށެވެ. އެއީ ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އަދި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ، ޖަވާބުދާރީ ވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އަޑުތައް އިވޭ ކަމަށާއި، އެކަން ވެސް ޖުޑިޝަރީ ކޮމިޓީން ބަލަން ޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ މިނިވަން މުވައްސަސާތަކުން ގާނޫނާ ހިލާފަށް އަމަލު ކުރަމުން ދާނަމަ، އެ މުވައްސަސާތަކަށް އިލްތިމާސް ކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އަދި ފަނޑިޔާރުގެ ބަސް ހޯދަން ޖެހޭނީ މަގާމުން ވަކިކުރަން ނިންމުމުގެ ކުރިން ކަމަށާއި، ސަސްޕެންޑް ކުރުމުގެ ކުރިން ފަނޑިޔާރުގެ ބަސް ހޯދުމަށް ޖޭއެސްސީގެ ގާނޫނުގައި ނޯންނަ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.


ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ތާއީދު ކުރި އިރު، އެ ސަސްޕެންޝަން ފަސްކޮށް، ސްޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން އެއްވެސް ގޮތަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެ މައްސަލަ ނުބެލުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމަރު ބަލައިނުގަތުމަށް ނިންމައި، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ވެސް ބުނެފަ އެވެ.

އެ މައްސަލާގައި ސްޕްރީމް ކޯޓުން މިއަދު ވަނީ އިތުރު އަމުރެއް ނެރެ، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އެ ކޯޓުން ނިންމާ ނިންމުމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބުނެފަ އެވެ. އަދި ކޯޓުތަކުގެ ނިންމުންތަކުގެ ސައްހަކަމާއި ގުޅޭގޮތުން ގޮތް ނިންމުމުގެ ގާނޫނީ ބާރު ޖޭއެސްސީ އަށް ލިބިފައި ނުވާ ކަމަށް ވެސް އެ އަމުރުގައި ބުނެ އެވެ. އޭގެ އިތުރުން ކޯޓުތަކުގެ ނިންމުންތަކަކީ ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވެސް އަމަލު ކުރަންޖެހޭ ނިންމުންތަކެއް ކަމަށާއި، އެ ކޯޓުގެ ނިންމުން ގަބޫލު ނުކުރަން ޖޭއެސްސީން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވެސް ބުނެ އެވެ.

ޖޭއެސްސީން ސްޕްރީމް ކޯޓުގެ އަމުރު ބަލައި ނުގަތުމަށް ނިންމި ނިންމުމަކީ އެ ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް، ދުސްތޫރާ ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް ސްޕްރީމް ކޯޓުން ބުނެ އެވެ. އަދި އެ އަމުރު ބަލައިނުގަތުމަށް ނިންމައި، ޖޭއެސްސީން ނިންމާ ހުރިހާ ނިންމުންތަކަކީ ގާނޫނީ ހައިސިއްޔަތެއް ނެތް، ބާތިލް ނިންމުންތަކެއް ކަމަށް ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެއެވެ.

"[ސްޕްރީމް ކޯޓުން ކުރިން ނެރުނު އަމުރާ ހިލާފަށް ޖޭއެސްސީން] ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ވިޔަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، މިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށާއި އިދާރާތަކަށް އަންގަމެވެ." ސްޕްރީމް ކޯޓުން މިއަދު ދެރުނު އަމުރުގައި ބުނެ އެވެ.
ހިޔާލު

އަޒީ

ޖޭ.އެސް.ސީ. ނިންމުން ރަނގަޅު ނުވަތަ ނުބައިކަމަށް ވިއަސް ނިޔާކަނޑައެޅުން ނުވަތަ ހުކުމް ކުރުމުގެ ބާރެއް މަޖުލީހަކށް ނޯންނާނެ އެކަމާއިމެދު ނިންމާކޮންމެ ނިންމުމެއް ވާނީބާތިލު ނިންމުމަކަށް މިއީ 3 ބާރު ވަކިވެފައިވާ ޔުނިޓަރީ ދުލަތެއް އެއްވެސް ބާރަކުން އަނެއް ބާރެއްގެ މައްޗަށް އަރައެއް ނުގަނެވޭނެ

އަޒްލީމް

ހައްގުން ހުކުމް ކުރުމައްވާނީ ކަލޭމެން ބޭނުން ހުކުމެއް ނިކުންނަ ދުވަހަކުން..

ކުމިން

ނުހައްގުން ވެރިކަމަށް އަރާފަ ތިބި ބަޔަކަށް އައްޔަ ތާއިދު ކުރުން އެންމެ ރަހަޅުތޯ. ވަގުވޯޓުން އަރާ އެތިބީ އަވަހަށް ދުރައްދޭ