Qavaidhaa hilaafah bidheyseen masaikaiy kuraathee market ge gina golhi thakeh bandhukohfi
image
ލޯކަލް މާރުކޭޓް-- ފޮޓޯ: ރާއްޖެ އެމްވީ
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތްކުރާތީ މާރުކޭޓުގެ ގިނަ ގޮޅިތަކެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރާތީ މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކެއް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބަންދުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން ސީއެންއެމްއަށް ވިދާޅުވީ، އިއްޔެ ލޯކަލް މާރުކޭޓުގެ 30 ގޮޅިއެއް ބަންދުކޮށްފައިވާ ކަމަށާއި އެގޮތުން އޭގެ ތެރެއިން ގިނަ ގޮޅިތައް ބަންދުކުރީ ގަވައިދާ ހިލާފަށް އެތަންތަނުގައި ބިދޭސީން މަސައްކަތް ކުރާތީ ކަމަށެވެ.

މާލޭގެ ލޯކަލް މާރުކޭޓުގެ ސާވޭއެއް މިވަގުތު ސިޓީ ކައުންސިލުން ހަދަމުން އަންނަކަން ފާހަގަކުރައްވާ ފަޒީން ވިދާޅުވީ، ގޮޅިތަކަށް ވަކިވަކިން ގޮސް އެތަންތަން ހިންގަމުން އަންނަ ގޮތް ބަލަމުން އަންނަ ކަމަށާއި އެގޮތުން އެގްރީމެންޓެއް ނެތި ހިންގަމުން އަންނަ ގޮޅިތަކާއި މީރާއަށް ފައިސާ ނުދައްކާ ގޮޅިތައް ވެސް ބަންދުކުރި ގޮޅިތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"އެތަންތަން ހިންގައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ދެން ލިބޭނެ ގޮތެއް ނޯންނާނެ. އެއީ އެގްރީމެންޓުގައި ސޮއި ނުކޮށް ހިންގި ތަންތަން ވެސް އެތަނުގައި ހުރީމަ،"

ފަޒީން ވިދާޅުވި ގޮތުގައި އެގްރީމެންޓުގައި ސޮއި ނުކޮށް އެތަން ހިންގި ގޮތް މިހާތަނަށް ބެލިބެލިމުން ފާހަގަވީ އެގްރީމެންޓުގައި ސޮއި ކުރުމަށް ގުޅުމުން ސޮއި ކުރަން ހާޒިރުނުވާ މައްސަލައެވެ.

ބަންދުކުރި 30 ތަނެއްގެ ތެރެއިން މައްސަލަތައް ދިމާވި ތިން ތަނެއްގެ މައްސަލަ ހައްލުކޮށް އަލުން ގޮޅިތައް ހިންގަމުން އަންނަކަން ފާހަގަކުރައްވާ ފަޒީން ވިދާޅުވީ، މާރުކޭޓުގެ ގޮޅިތައް މިހާރު ވެސް މޮނީޓާ ކުރަމުން އަންނައިރު 60 އެއްހާ ގޮޅި ބަންދުކުރަން ޖެހިދާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ، އެތަނުގައި ބިދޭސީން މަސައްކަތް ކުރާ މިންވަރު އިތުރުވުމެވެ.

ލޯކަލް މާރުކޭޓު ބޮޑުކުރަން ނިންމާފައިވާއިރު އެތަން ބޮޑުކުރާއިރު ގޮޅިއެއްގައި އަށް ފޫޓު އަދި ނުވަ ފޫޓު ހުންނާނެ ވެސް ފަޒީން ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ ލޯކަލް މާރުކޭޓުގެ ޕޮލިސީތައް ވެސް ބަދަލުކުރަން ނިންމާފައެވެ. އެގޮތުން އާ ޕޮލިސީގެ ދަށުން އިސްކަން ދޭނީ ދިވެހިން އެތާގައި ބޭތިއްބުމަށެވެ.
ހިޔާލު

އަޢިސް

މާލަސްވެއްގެ ތިކަންކުރަން އަދިވެސް އެބޭރު ބަންގާޅީން ދުލެއްނުކުރާނޭ...ސަރުކާރުން ހަރުކަށިފިޔަވަޅުނާޅާތީ ވަމުންދާގޮތް ....