VAAHAKA: Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
2 ކޮމެންޓް
 

ވާހަކަ: ޝަކުވާ

ޚިޔާލުތަކުން ދުރަށް ޖެހިލުމަށްފަހު ކަރުނައިން ފުސްވެފައިވާ ދެލޯ ނަވްޔާ ފޮހެލިއެވެ. އަވަސް އަވަހަށް އެއްކުރި ކުނިކޮޅު ނަގާފައި ކުނި ވަށިގަނޑަށް އަޅައިލިއެވެ. އަދި އެއާ އެކު ހިންދެމިލުމަށް ފަހު ނިތްކުރިމަތީގައި ހުރި ދާތިކިތައް ފޮހެލިއެވެ. އެ ވަގުތު ކުރި މަތިން ފެނުނު މަންޒަރަކުން ނަވްޔާގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި މޫނުމައްޗަށް އަތް ހުރަސް ކޮށްލެވުނީ ލިބިދާނެ ހަމަލައަކުން ރެކެން ވެގެންނެވެ.
ކުރިމަތީގައި ފުޓްބޯޅަ ޖާޒީއެއް ލައިގެން ދާހިތްލައި ފޯވެފައި ހުރީ އިމާޒެވެ. އަންހެންކުދިން އަޅައިގަންނަ ކަހަލަ ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެއް އިމާޒަށް ލިބިފައިވެއެވެ. އިސްތަށިގަނޑު ކުރު ކުރުކޮށް ކޮށާލައިފައިވުމުން ނިތްކުރި ތަނަވަސްކަމަށް ދައްކައެވެ. ރަތްދަކައަވީގައި ވެސް ކުޅެން ފޯރި ހުންނާތީ އޮޅަލި ކުލައިގެ ހަށިގަނޑު އަނދާފައިވެއެވެ. ގަސްތަކަށް ފެން ޖަހަން ގެންގުޅޭ ހޮޅި ނަވްޔާއާ އަމާޒު ކޮށްގެން އިމާޒު ހުރިއިރު އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

ހަޅޭއްލަވައިގެންފައި ނަވްޔާ ދުއްވައިގަތް ނަމަވެސް ފެނުގެ ސައިލާބުން ސަލާމަތެއް ނުވިއެވެ. ނަވްޔާ ތެމެމުން ދިޔައިރު އިމާޒު ހެމުން ގެންދިޔައެވެ. ނަވްޔާގެ ތުނި ހަށިގަނޑުގައި ފެންތިކިތައް ޖެހިފައި ބުރުއްސައިގެން ދާތަން ބަލަން ބޭރު ފާރުބުރި ކައިރީގައި ޒުވާނަކު މަޑުކޮށްލައިގެން ހުރިކަމެއް ނަވްޔާ ނުދެނަހުއްޓެވެ.

އިމާޒުގެ ހިތްފުރޭވަރު ވުމުން އިސްކުރު ބާރު ކުރިއެވެ. އޭރު ނަވްޔާ ހުރީ ތެމިފޯވެފައެވެ. ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ ހެދުން ގައިގައި ތަތްލާފައިވާ އިރު މޫނުމަތީގައި ހަރުލާފައި ހުރި ފެންތިކިތައް ވިދަމުން ދިޔައެވެ. އިމާޒަށް ލޯ އަޅާލުމަށް ފަހު ނަވްޔާ އެތެރެއަށް ދާން ހިނގައިގަތެވެ. އެ ވަގުތު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޒުވާނާ ނަވްޔާގެ ލޮލުގައި އަޅައިގަތެވެ.

"ހައްޔާން." ހިތަށްއެރި ނަމަކުން ނަވްޔާގެ ހިތް އަވަސް ވިއެވެ.

ހައްޔާން ރަށަށް އައީ ކޮންއިރަކު ބާވައެވެ؟ ހައްޔާންގެ ނަޒަރު ނަވްޔާއަށް ހުއްޓިފައި ހުރިކަން އެނގުމުން ގަތް ލަދުން ނަވްޔާއަށް ދުއްވައި ގަނެވުނެވެ. ގޭގެ އެއްފަރާތުގައި އޮންނަ ހަނި ގޯޅިގަނޑުންލާފައި ބިތްދޮށު ފަރާތަށް ދިޔައިރު ހިތުގެ ވިންދު އަވަސްވެފައިވެއެވެ. ބޭރު ދޮރުމައްޗަށް އޮންނަ ހުސްތަން ހާ ބޮޑު ނޫން ނަމަވެސް ފުދޭވަރެއްގެ ހުސްތަންކޮޅެއް ފަހަތުގައި ވެސް އޮތެވެ. އެތަނުގައި ވެސް މާގަސްތައް ހައްދާފައިވާ އިރު ހިޔާދޭ ބޮޑު ޖަނބުރޯލުގަހުގައި ޖޯއްޔެއް އެލުވައިފައި ހުއްޓެވެ.

ބަދިގެ ތެރެއިން ލާފައި ގޮސް ކޮޓަރިއަށް ވަދެ އަވަސް އަވަހަށް އެއްޗެހި ބަދަލު ކުރަން ފެށި އިރު ވެސް ނަވްޔާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. ހިތަށް ސިފަވަމުން ދިޔައީ ހައްޔާން ބަލަމުން ދިޔަ ގޮތެވެ. ހަތަރު އަހަރުވަންދެން ހިތުގެ ކަނެއްގައި ފޮރުވައިގެން އުޅުނު އިހުސާސްތައް ހޭލައްވައިލުމަށް އެ ކަތި ނަޒަރު ފުދުނެވެ.

އެއްޗެހި ބަދަލުކޮށްގެން ނަވްޔާއަށް ބަދިގެއަށް ދެވުނު އިރު ހަތެއް ޖަހާ ބޮޑުވެއްޖެއެވެ. އިމާޒާ ހެދި އިތުރަށް ލަސްވީތީ ކުދިކިޔަމުން ނަވްޔާ ސައި ހަދަން އުޅެން ފެށިއެވެ. ނަސީބަކުން މިއަދަކީ ހުކުރު ދުވަސް ކަމުން ނަސީމާއްތަމެން ހޭލާނީ ތަންކޮޅެއް ލަހުންނެވެ. އެ މީހުން ނުކުންނަން ވާ އިރަށް ރޮށިފިހެ މަސްހުންޏާއި ކުޅި މަސް ހަދަން ޖެހެއެވެ. ބޮޑުބެއަށް ހަދާ އާޓާ ފުށުގެ ރޮއްޓާއި މުގު ރިހަ ވެސް ކައްކަން ޖެހެއެވެ. ކުރަން ހުރި ކަންތައް ހިތުގައި ނޯޓު ކުރަމުން ނަވްޔާ ފުށް މޮޑެން ފުށް އެއްޗަށް އަތްލިއެވެ.

"ކޮބއިތަ ކޮފީ؟" ރުންކުރު ރާގެއްގައި އިމާޒް ބުނެލި އަޑު އިވުނެވެ.

ނަވްޔާ ބަލައިލި އިރު ކާގެއިން ބަދިގެއަށް ވަދެވޭ ދޮރު ކައިރީގައި ލެގިލައިގެން އިމާޒު ހުއްޓެވެ. ފެންވަރާ އެއްޗެހި ބަދަލުކޮށްގެން ހުރުމުން މޫނުމަތީގައި ވަނީ ތާޒާކަމެވެ. ކަޅުކުލައިގެ ބެންޔަންއަކާއި ކަކުލާ ހަމައަށް އަރާވަރުގެ ކާކީކުލައިގެ ސޯޓުގައި އިމާޒު ފެންނަލެއް ނުހަނު ފިރިހެންވަންތައެވެ.

މި އުޅެވެނީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތައް ނުކޮށް ކަން ހަނދާން ވުމުން ނަވްޔާއަށް ކުއްލިއަކަށް ނިތުގައި އަތުން ޖަހާލެވުނުވެ. އެއާ އެކު ހިކި ފުށް މޫނުގައި ހޭކުނެވެ. މިތަން ފެނިފައި އިމާޒް ހޭން ފެށުމުން ނަވްޔާ ރުޅިއައިސް ރަތްވިއެވެ.

"އަމިއްލައަށް ކޮފީ ހަދާ ބަލަ." ނަވްޔާ ބުނެލިއެވެ.

"މަންމާ!" އިމާޒު ބާރުބާރަށް ގޮވައިލިއެވެ.

ތެޅިގަނެފައި އަވަސްއަވަހަށް އައިސް އިމާޒުގެ އަނގަމަތީގައި ނަވްޔާ އަތް އެޅިއެވެ. މިފަހަރު ފުށް ހޭކުނީ އިމާޒުގެ އަނގަމަތީގައެވެ. އޭރު ބިރުން ގޮސް ނަވްޔާ ގެ މޭ ތެޅެއެވެ. ނަސީމާއްތައަށް އަޑު އިވިއްޖެ ނަމަ ނަވްޔާއަށް ވަރު ބާލާނެ ކަން އެނގި ހުރެ އިމާޒް އެހެން ހެދުމުން ދެރަ ވެސް ވިއެވެ. އަޒްކާ ނޫނީ މިގޭގައި ރަހުމުގެ ކުނޑިފުކެއް ވެސް ހުރި މީހަކު ނޫޅެނީ ހެއްޔެވެ.؟ ކަރުނައިން ފުރިގެންވާ ލޮލަކުން އިމާޒާ ދިމާއަށް ބަލައިލުމަށްފަހު ނަވްޔާ ދުރަށް ޖެހިލިއެވެ. ސިންކު ކައިރިއަށް ގޮސް އަތް ދޮވެގެން ކޮފީ ހަދަން އުޅުނު އިރު ނަވްޔާ ގެ އަތް ތުރުތުރު އަޅައެވެ.

ކޮށްގެން ނުވާނެ ސަމާސާއެއް ކުރެވުނީކަން އިހުސާސްކުރެވުމާ އެކު އިމާޒުގެ މޫނުމަތީގައިވި ލާނެތް ހިނިތުންވުން ފިލިއެވެ. ނަވްޔާއަށް މަންމަ ކުރާ ގޯނާއާއި ގޮވާ އެއްޗެހި އިމާޒަށް ވެސް އަޑުނީވެނީކީ ނޫނެވެ. ނަވްޔާއަށް ނޭގުނަސް ކިތަންމެ ދުވަހަކު މަންމަ އެ ގޮތަށް ކަންތައް ކުރާތީ ހިތްހަމަނުޖެހިގެން މަންމައާ އިމާޒް ވާހަކަދައްކާފައި ވާނެއެވެ. ކިތަންމެ ދުވަހަކު ނަވްޔާ ސަލާމަތްކުރަން މަސައްކަތްކޮށްފައި ވާނެއެވެ. ދެންމެވެސް މަންމައަށް ގޮވީ މަންމަ އަދި ނުހޭލާކަން ޔަޤީންވާތީއެވެ. އަބަދު ނަވްޔާއަށް ޖެއްސުންކޮށް ރުޅިއަރުވާލެވެނީ ކީއްވެކަން ޚުދު އިމާޒަށް ވެސް ނޭނގެއެވެ. އެނގޭ އެއްޗަކީ ނަވްޔާގެ ލޮލުން ފެންނަ މާޔޫސްކަމާއި ޝަކުވާ ބަލަން އިމާޒަށް ކެތް ނުވާކަމެވެ. ނަވްޔާ ރުޅި އަންނަ ވަގުތު މާޔޫސްކަމުގެ ބަދަލުގައި އެ ދެލޮލުން ފެންނަ ވިދުން ދެކިލާހިތްވާ ކަމެެވެ.

ވިސްނުމަކަށް އިމާޒް ގެއްލިފައި ހުއްޓާ ނަވްޔާ ކޮފީ ތަށި ގެނެސް ދިނެވެ. ކޮފީތަށީގައި ހިފުމަށް ފަހު މަޢާފަށް އެދެން އިމާޒް އަނގަ ހުޅުވައިލިއެވެ. ނަމަވެސް ނަވްޔާ ބަލައިވެސް ނުލާ ފަސް އެނބުރުމުން އިމާޒަށް ފަސްޖެހެވުނީ މިވީ ހާ ތަނަށް ނަވްޔާއާ ރީތިކޮށް ވާހަކަދައްކާފައި ވެސް ނުވާތީއެވެ. ނަވްޔާ އެނބުރި މަސައްކަތް ފެށުމުން އެ ހުރިތާ ހުރެފައި އިމާޒު ކޮފީތަށީގައި އަނގަ ޖެހިއެވެ. ކޮފީގެ ރަހަ ޖެހުމާ އެކު އަނގައަށް ލީ ކޯވަރު ބުރުވާލެވުނީ ބޭއިޚްތިޔާރުގައެވެ.

ހައިރާންކަމާ އެކު ނަވްޔާ އެނބުރިލިއެވެ. އިމާޒު އަނެއް ފަހަރު ކޮން ކުޅިގަނޑެއް ކުޅެނީ ބާވައޭ ހިތަށްއަރާފައި ބަލަހައްޓައިގެން ހުރެވުނެވެ. އެއްވެސް ކަމެއް ނުވާ ކަމަށް ހަދާފައި އިމާޒް އަނެއްކާ ކޮފީ ބޯން ފެށުމުން ނަވްޔާ މަސައްކަތަށް އެނބުރި ފުށް މޮޑެން ފެށީ ދެއަތަށް ބޯ ހޫރުވާލުމަށް ފަހުއެވެ. ދަނޑިވަޅު ލިބުމުން އިމާޒު އަވަސް އަވަހަށް ކާގެއަށް ގޮސް ޖޯޑުގައި ބާކީ ހުރި ކޮފީ ފޮދު ސިންކަށް އަޅައިލިއެވެ. އޭރު އަނގައިގައި ލޮނުގެ ހިތި ރަހަ ލާފައި ހުއްޓެވެ. ނަމަވެސް ކަންތައް ވެފައިވާ ގޮތުން ނަވްޔާ އިތުރަށް ދެރަ ކުރަން ބޭނުން ނުވާތީ ފެންތައްޓެއް ބޮއިލުމަށް ފަހު ކޮޓަރިއަށް ދިޔައެވެ.

އަދިވެސް އަރުތެރޭގައި ހިތިރަހަލާހެން ހީވާން ފެށުމުން އިމާޒް ފާޚާނާއަށް ވަދެ ކޯ ދޮންނަން އުޅުނެވެ. އެވަގުތު ހީނލެވުނީ އަނގަމަތީގައި ހޭކިފައި ހުރި ފުށްތައް ފެނުމުންނެވެ. ދެލޯ މަރައިލާފައި އެތަނުގައި މަޑު މަޑުން އަތް ހާކައިލިއިރު ނަވްޔާގެ މަޑުމަޑު އަތުގެ ބީހުން އިހުސާސް ކުރެވުނު ކަހަލައެވެ. ނަވްޔާގެ ބޯ އެސްފިޔަ ތަކުގައި މުތީތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަތިކިތައް ހިތަށް ސިފަވުމާ އެކު ހިތަށް އުނދަގޫވިއެވެ. ގޮތް ނޭނގޭ އިހުސާސްތަކެއްގައި ބަދެވެމުން ދަނިކޮށް ހިތަށްއެރި އެއްޗަކުން ކުއްލިއަކަށް އިމާޒަށް ލޯ ހުޅުވައިލެވުނެވެ.

"ނަވް، ކިހިނެއްވީ؟" ލޯ އުނގުޅަމުން ބަދިގެއަށް ވަތް އަޒްކާއަށް ނަވްޔާ ހާސްވެގެން އުޅޭ ތަން ފެނިގެން އަހައިލިއެވެ.

"މިއަދު މާ ލަސްވީ. ފެން އަޅާފައި ގިނައިރު ބެހެއްޓިފައި ހުރުމުން މޮޑުނު ފުށްގަނޑު ވެސް މި އޮތީ ހަރުވެފަ." ނަވްޔާ ކަންބޮޑުވެފައި ބުނެލިއެވެ.

"ރޮށި ހަރު ވެއްޖިއްޔާ ނަސީމާއްތަ ހަޅޭއްލަވާނެ."

"ދެން އަލުން މޮޑެން ވީނު." ނަވްޔާ އެބުނީ ތެދެއް ކަން އެނގޭތީ އަޒްކާ ބުންޏެވެ.

ހޫން އެއް ލައްވާލާފައި ނަވްޔާ އަވަސް ވެގަތީ އަނެއްކާ ފުށް މޮޑުމަށެވެ. އަޒްކާ ގޮސް ކޮފީ އަޅާފައި ހުރި ޖަގުން ޖޯޑަކަށް ކޮފީ އެޅުމަށް ފަހު އެތިފޮދެއް ބޮއިލިއެވެ. އެ ވަގުތު އަޒްކާއަށް ވެސް ވީ އިމާޒަށް ވީ ވަރެވެ. ކޮފީ ކޯވަރު ބުރުއްސާލުމަށް ފަހު އަޒްކާ ހޭން ފެށުމުން ނަވްޔާ ލޯ ބޮޑުކޮށްފައި ބަލައިލިއެވެ.

"ނަވް، ހަކުރު ކަމަށް ލޮނު ދޯ އެޅީ." އަޒްކާ ހީނހީނފައި ބުންޏެވެ.

ޤަބޫލު ނުކުރެވިފައި ހުރެ ނަވްޔާ ގޮސް ރަހަ ބަލައިލިއެވެ. އެއާ އެކު އޯކާ ދަމައިގަތެވެ. މާ ހަމަޖެހިފައި އިމާޒު ކޮފީ ބުއީ ކީއްވެ ބާވައޭ ހިތަށްއެރިއެވެ. ޔަޤީނެވެ. އިމާޒު ގަސްދުގައި އެ ވާހަކަ ނުބުނީ ނަވްޔާއަށް ލަނޑު ދޭށެވެ. އޭރުން ނަސީމާއްތަ ނަވްޔާއަށް ރޯޅި ބާލާނެ ކަން އެނގޭތީއެވެ. ނަވްޔާ ގެ ހިތް އިމާޒާ ދޭތެރޭ ކިލަނބުވިއެވެ. މިވީ ގޮތުން ހައްތަހާ ލަސް ވުން ނޫން ކަމެއް ނުވެއެވެ.

"ނޭނގެ، މިއަދު އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ." ރޮވެން ކައިރިވެފައި ހުރި ނަވްޔާ ބުންޏެވެ.

"ނަވް، ހަމަ ޖެހިބަލަ. އަހަރެން ވެސް މިހިރީނު. މަންމަ ހޭލުމުގެ ކުރިން ދެމީހުން ވެގެން ކަންތައް ކޮށް ނިންމާލާނީ." އަޒްކާ ބުންޏެވެ.

ޝުކުރުވެރިކަމުގެ ނަޒަރަކުން އަޒްކާއަށް ބަލައިލުމަށްފަހު ނަވްޔާ ބޯ ޖަހައިލިއެވެ.

ކާގެ ތެރޭގައި ހުރި އިމާޒަށް ނަވްޔާމެންގެ ވާހަކަތައް އިވުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ކޮފީއަށް ލޮނު އަޅާފައި ހުރިކަން މަންމައަށް އެނގިއްޖެނަމަ ނަވްޔާ އަށް ވަރުބާލާނެޔޭ އިމާޒުގެ ހިތަށްއެރީ ކުއްލިއަކަށެވެ. އަމިއްލަ މޮޔަކަމުގެ މައްޗަށް ހިތާ ހިތުން އެއްޗެހި ކިޔަމުން ބަދިގެ ދޮށަށް އައީ ކޮންމެވެސް ގޮތެއް ހަދާފައި ނަވްޔާއަށް އެކަން އެންގުމަށެވެ. ނަމަވެސް މައްސަލަ ހައްލުވެއްޖެކަން އެނގުމުން އިމާޒު އެނބުރި އައި ކޮޅަށް ދިޔައެވެ.

ސިޓިންގްރޫމަށް ވަދެފައި ސޯފާއަށް އިމާޒު ވެއްޓި ގަތެވެ. ޓީވީ ހުޅުވުމަށްފަހު އެކިއެކި ޗެނެލްތަކަށް ބަދަލު ކުރަމުން ދަނިކޮށް ފުޓުބޯޅަ މެޗެއް ދައްކާތަން ފެނިގެން ދެފައި ސޯފާމައްޗަށް ނަގާފައި ރަނގަޅަށް ހަމަޖެހިލިއެވެ. ފުޓްބޯޅަ މެޗަށް ގެއްލި ހުސްވެފައި އޮތް އިމާޒު ކުއްލިއަކަށް ސިހުނީ މަންމައާއި ބައްޕަގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ނުކުތް މަންމަ ފެނުމުންނެވެ.
ހިޔާލު

ާކިޔުންތެރިއެއް

ވާހަކަ ވަރަށް ރީތި.ވާހަކައިގެ ދެން އޮތް ބަޔަށް އިންތިޒާރުކުރަން.

ޙައުލާ

ވ. ބޮޑަށް ޝުކުރިއްޔާ