Raees Yamin ge shareeaiy ninmi hisaabun massala alun fashan ninmaifi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: ވަންއޮންލައިން
0 ކޮމެންޓް
 

ރައީސް ޔާމީންގެ ޝަރީއަތް ނިންމި ހިސާބުން މައްސަލަ އަލުން ފަށަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ ގާޒީ ބަދަލުވުމާ ގުޅިގެން ކުރީގެ ގާޒީ މައްސަލަ ނިންމެވި ހިސާބުން މިމައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މިމައްސަލަ ކުރިން ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެވެ. އޭނާ ސަސްޕެންޑް ކުރީ ރައީސް ޔާމީނަށް ހުކުމްކުރުމަށް މިމަހުގެ ފަސްވަނަ ދުވަހު އަޑުއެހުމެއް ތާވަލްކޮށް، ހުކުމް އިއްވުމުގެ ވަގުތު ގާތްވެފައިވަނިކޮށެވެ.

އެހެންކަމުން ރައީސް ޔާމީންގެ މިމައްސަލައިގެ އަޑުއެހުން މިއަދު ފެށީ މިމައްސަލަ ބެލުމަށް އެކުލަވާލި ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން ބެންޗުގައި ތިއްބެވީ ކްރިމިނަލް ކޯޓު ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނާއި، ގާޒީ އަހުމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރާއި، ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މިމައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު 1:40 ހާއިރު ފެށުމަށްފަހު ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދު ވަނީ މިމައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ދައުލަތާއި އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ދެކޭ ގޮތެއް ސާފުކުރައްވާފަ އެވެ. ގާޒީގެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިމައްސަލަ ކޮންމެ ގޮތަކަށް ކުރިއަށް ގެންދެވި ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ވަކީލް ވިދާޅުވީ އެ ފަރާތުން ބޭނުން ވަނީ މިމައްސަލައިގެ އަޑުއެހުން އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް ގާޒީންގެ މަޖިލީހުން ނިންމީ މިމައްސަލަ ކުރިން ނިންމާފައި އޮތް ހިސާބުން ފެށުމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ އެގޮތަށް ނިންމެވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވާ ހާލަތުގައި މީގެކުރިންވެސް އަމަލުކޮށްފައިވަނީ އެ އުސޫލުން ކަމަށްވާތީ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ނަގާފައިވާތީ އަލުން ހެކިބަސް ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިމައްސަލައިގައި ދައުވާ ލިބޭ ފަރާތުން އިތުރުކަމެއް ފާހަގަކުރަން ބޭނުންވޭތޯ ގާޒީ އަލީ ރަޝީދު އެއްސެވުމުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ފަނޑިޔާރުގެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަށް އެ ފަރާތުން އިންކާރުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް ފާހަގަކުރެއްވީ ގާޒީ އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައި އޮތުމެވެ. އެހެންކަމުން ޝަރީއަތް ވަގުތުކޮޅަކަށް މެދުކަނޑާލުމަށްފަހު އަލުން މައްސަލަ ފެށުމަށްފަހު ގާޒީ އަލީ ރަޝީދު ވަނީ މިމައްސަލައިގައި އޭނާ ތަނާޒުލް ވާންޖެހޭ ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ މަޖިލީހަށް ފެންނާތީ އޭނާ ތަނާޒުލް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ޖުމުލަ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

މިމައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފަ އެވެ. އަދި ހެކިބަސް ދެމުން، ރައީސް ޔާމީން އަންގަވައިގެން ޤާނޫނާއި ޚިލާފު ކަންކަން ކޮށްފައިވާ ކަމަށާއި، ރައީސް ޔާމީންގެ އެކައުންޓަން ޖަމާކުރި ފައިސާ އަކީ އެމަނިކުފާނު ވިދާޅުވެގެން ޖަމާކޮށްފައިވާ ފައިސާ ކަމަށް އެ ދެމީހުންވެސް ހެކިބަސް ދީފައިވެ އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހިޔާލު