Sato ge nan unikoh Smith ah fiyavalhu alhan bunun, Sirrakee koba?
image
ސަޓޯ (ކ) އަދި ސްމިތު (ވ)
3 ކޮމެންޓް
 

ސަޓޯގެ ނަން އުނިކޮށް ސްމިތަށް ފިޔަވަޅު އަޅަން ބުނުން، ސިއްރަކީ ކޮބާ؟

"އަފްރާޝީމަކީ ކާރެއްގައި އުޅޭ މީހެއްކަން އަޅުގަނޑަށް އެނގެ އެވެ. އެރޭ އަފްރާޝީމް ކާރު ދަތުރުކުރާ ރޫޓުތައް ސަޓޯއަށް (ހ. ހިކޯސްޓު، އަލީ ޝާން) އަޒްލީފް ރައޫފު ބަރާބަރަށް ކިޔައިދެމުން ދިޔަ އެވެ. އެކަމަކު އެ ހުރިހާ މައުލޫމާތުތަކެއް އެނގެނީ ސަޓޯ އަށެވެ. އެހުރިހާ މައުލޫމާތެއް ސަޓޯ އަޅުގަނޑު (ހ. ލޮބީ، ހުސައިން ހުމާމް) ގާތުގައެއް ނުބުނެ އެވެ. ޑރ. އަފްރާޝީމް އަލީއާ މީގެކުރިން އަޅުގަނޑާއި އެއްވެސް ރުޅިވެރިކަމެއް ހިތްހަމަނުޖެހުމެއް ނުވަތަ ޒާތީ ހަސަދައެއް ނޯންނާނެ އެވެ،" އަފްރާޝީމްގެ ގާތިލް ހުސައިން ހުމާމް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ފުލުހުންނަށް ދިން ތަހުގީގު ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ހުމާމްވެސް ފުރަތަމަ ދީފައިވަނީ ދޮގު ބަޔާނެކެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ތަހުގީގަށް ހުރިހާ އެއްޗެއް ކިޔައިދީފަ އެވެ. 13 ސޮފްހާގެ ތަހުގީގު ބަޔާނުގައި ހުމާމްގެ އިނގިލީގެ ނިޝާނާއި ސޮއިވެސް ކޮށްފައިވެ އެވެ. މިބަޔާނުގައި އޭނާ ވަނީ ވަރަށް ތަފްސީލުކޮށް ޑރ. އަފްރާޝީމް މަރާލުމަށް އޭނާ ކުރި މަސައްކަތާއި އެ މަސައްކަތުގައި އޭނާއާ އެކުގައި ބައިވެރި މީހުންނަށް ދަންދެން ކިޔައިދީފަ އެވެ. ޝަރީއަތުގައި އެކަމެއް ސާބިތު ކުރެވޭ ވަރަށް ފުލުހުން އަތުގައި ހެކި ނެތް ކަމަކު ހަމަ ބުއްދި ހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެ ހަގީގަތަކީ ހުމާމާއި އަފްރާޝީމާ ދެމެދު އެއްވެސް ރުޅިވެރިކަމެއް ހަސަދައެއް ނެތްއިރު އޭނާ އެކަން ކުރާނީ ކޮންމެވެސް ބަޔަކު ބުނެގެން ކަމެވެ. އަދި އެފަދަ ކަމެއް ކުރުމަށް އޭނާ ދާއިރު އޭނާއަށް ގޮތް ކިޔައި ދިނުމަށްވެސް ބަޔަކު ތިބޭނެ ކަމެވެ.

ފުލުހުންނަށް ހުމާމް ދިން ބަޔާނުގައި އޭނާއާ އެކުގައި އެކަން ކުރުމަށް ދިޔައީ ކޮންކޮން ބައެއްކަން ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގައިވެސް ހުމާމާއި އެކުގައި އެކަން ކުރުމަށް ދިޔައީ ކޮން ބައެއްކަން އެނގިގެންދެ އެވެ.

"ސިއްރު ހެކި #10 18 ނޮވެމްބަރު 2012 ގައި ޖުވެނައިލް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ޑރ. އަފްރާޝީމުގެ ގެއަށް އޭނާ ދިޔައީ ސަޓޯ އާއި ހުމާމްއާ އެކުގައި ކަމަށާއި އެމީހުން ބުނެގެން ފާރައަށް އެގޭ ބޭރުގައި މަގުމަތީގައި މަޑުކުރި ކަމަށާއި، ފުރަތަމަ ހ. ފުންވިލު ގެއަށް ވަނީ ހުމާމު ކަމަށާއި ހުމާމު އެގެއަށް ވަންފަހުން އިރުކޮޅަކުން ފޮތްތަކެއް އަތުން ހިފައިގެން ޑރ. އަފްރާޝީމް އެގެއަށް ވަން ކަމަށާއި، ދެން ސަޓޯ އެގެއަށް ވަން ކަމަށާއި، އޭގެ ކުޑައިރުކޮޅެއް ފަހުން ދޮރު ހުޅުވާލާފައި ސަޓޯ އަތުން ހަނައަޅާފައި އަންނަން ބުނުމުން ސިއްރު ހެކި #10 ވެސް އެގޭ ތެރެއަށް ވަން ކަމަށާއި އޭރު އެގޭ ތެރޭގައި ހުރީ މަޑު އައްޔެއް ކަމަށާއި، ނަމަވެސް މީހުން ވަކިވާވަރުވާ ކަމަށާއި، އޭރު އެތަނަށް ޑރ. އަފްރާޝީމް ބަންޑުން ވެއްޓިފައި އޮތް ކަމަށާއި، ޑރ. އަފްރާޝީމް ވެއްޓިފައި އޮތް ތަނުގަ އާއި ހުމާމާއި ސަޓޯ އަތުގައި އޮތް ވަޅިތަކުގެ ތިލައިގައި ލޭހުރި ކަމަށާއި، ހުމާމުގެ އަތުގައިވެސް ލޭ ހޭކިފައި ހުރި ކަމަށާއި، އޭރު ޑރ. އަފްރާޝީމްގެ ކަރުގައި ހުރި ޒަޚަމުން ލޭ ފައިބަމުން ދިޔަ ކަމަށާއި، އެގޭ ތެރޭގައި އެގަޑީގައި ހުމާމާއި ސަޓޯ ފިޔަވައި އިތުރު މީހަކު ފެންނަން ނެތް ކަމަށާއި، ނަމަވެސް ބަޔަކު ސިޑި މަތީގައި ހިނގާ އަޑު ނުވަތަ ހަރަކާތްތެރިވާ އަޑު އިވޭ ކަމަށާއި، އަދި މީހަކު "އަވަސްކުރާށޭ" ގޮވާލި އަޑު ވެސް އިވުނު ކަމަށާއި އަދި އެއީ ކާކު ކަމެއްވެސް އަދި އަޑު އައީ އެތެރެއިން ކަމެއް ނުވަތަ ބޭރުންކަމެއް ޔަގީންކަމާއެކު ދަންނަވަން ނޭނގޭ ކަމަށާއި، ބޮޑަށް ލަފާކުރެވެނީ އެއީ އެތެރެއިން އައި އަޑެއް ކަމަށެވެ. އެއީ ސިޑި މަތިން ހިނގައި ވާހަކަ ދައްކާ އަޑު އިވޭތީ ކަމަށެވެ. އެހެން ކަމުން އެވަގުތު ސަޓޯއާއި ހުމާމުގެ އިތުރުން އެގޭ ތެރޭގައި ބަޔަކު އުޅުނު ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ ސިޑިމަތީގައި ހިނގައި ވާހަކަ ދައްކާ އަޑު އިވޭތީ ކަމަށާއި، އަދި އެއީ ސަޓޯ މެންނާއެކު އެ ގުރޫޕުގައި ހިމެނޭ ބައެއް ކަމަށް ލަފާކުރެވޭ ކަމަށާއި، އެގޮތަށް ލަފާކުރެވެނީ އެއަޑު އިވުމުންވެސް އެމީހުން ބިރުން ނޫޅޭތީވެ އެވެ،" މަރު ކޮމިޝަނުގެ ތަހުގީގަށް ސިއްރު ހެކި 10އެއް ދީފައިވާ ބަޔާނުގައިވެ އެވެ.

ސިއްރު ހެކި 10 އެއް އެއީ ޑ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކުރި ކުޑަކުއްޖާގެ އަސްލު ނަން ސިއްރުކުރުމަށްފަހު ބޭނުންކުރި ނަމެކެވެ.

މިހާ ހިސާބުންވެސް މިކަމުގައި އަމަލީ ގޮތުން އުޅުނީ ކޮން ބައެއްކަން ވަރަށް ސާފެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދިޔަ ދުވަސްވަރުވެސް މަރު ކޮމިޝަނުގެ ތަހުގީގުގައި ބަޔާންކޮށްފައިވާ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެތެރެއިން ސަޓޯއަކީ ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައިވެސް އެންމެންވެސް ފާހަގަކުރާ ނަމެކެވެ.

ޝަރުއީ ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ. އަދި ފަހުން އެ މައްސަލަ ހައިކޯޓުގައިވެސް އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރިއިރު ދެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މިހާރު ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަލީ ހާޝިމް (ސްމިތު)އެވެ. އޭނާއަކީ ވެސް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. ނަމަވެސް އެތައް ދުވަހަކު ޖަލުގައި ގެންގުޅުމަށްފަހު ކޯޓުން ވަނީ އޭނާވެސް ދޫކޮށްލާފަ އެވެ.

ހުމާމު ފުލުހުންނަށް ދީފައިވާ ބަޔާނުގައިވެސް ޑރ. އަފްރާޝީމާއި ސްމިތާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަފްރާޝީމްގެ މަރަށް ހަތް އަހަރުވެގެން ދިޔައިރުވެސް ސްމިތަކީ މި މަރާ ސީދާ ގޮތެއްގައި ގުޅިފައި ހުރި މީހެއް ކަމަށް ބުނެ ބަޔަކު އެއްވެސް ވަރަކަށް އިނގިލި ދިއްކުރާ މީހެއް ނޫނެވެ.

އެހެންނަމަވެސް ކުއްލި ގޮތަކަށް މަރު ކޮމިޝަނުގެ ރިޕޯޓު ދިރާސާ ކުރި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)އިން މިވަނީ ކޮމިޓީން ފިޔަވަޅު އަޅަން ބޭނުންވާ ފަރާތްތަކުގެ ލިސްޓްގައި ސްމިތުގެ ނަން ހިމަނާފަ އެވެ. އެއަށްފަހު ދެން އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ ޑރ. އަފްރާޝީމްގެ މަރުގައި ހުމާމަށްފަހު އެންމެ ބޮޑު ތުހުމަތެއް ކުރެވޭ އަލީ ޝާން ނުވަތަ ސަޓޯގެ ނަން ކޮމިޓީން ފިޔަވަޅު އަޅާ ލިސްޓްގައި ނެތުމުން ނުވަތަ އުނިކޮށްލުމުންނެވެ. ކޮމިޓީން އެގޮތަށް ނިންމި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ. ކޮމިޓީ ރިޕޯޓުގައި ސްމިތަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އުޅުނު ފަރާތެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ފުރިހަމަ ހާދިސާ އެނގިހުރެ އޭނާ ސިއްރު ކޮށްފައިވާ ކަމަށްވެސް ސަބް ކޮމެޓީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ކޮމިޓީން ސްމިތާ ގޮތުން މިދައްކާ ވާހަކަ ދޮގުކުރާކަށް ނެތީމެވެ.

އެހެންނަމަވެސް ސުވާލަކީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނާ ސަޓޯގެ ނަން ސަބް ކޮމެޓީގެ ރިޕޯޓުން އުނިކޮށް ސްމިތުގެ ނަން ހިމަނަންޖެހުނީ ކޮން ސަބަބަކާ ހެދިތޯ އެވެ. ވޭތުވެދިޔަ ހަތް އަހަރު އެމީހެއްގެ ނަންވެސް ތަހުގީގު ބަޔާނަކުންވެސް އަދި އެނޫން ގޮތަކުންވެސް ފާހަގަކުރެވިފައި ނުވާ މީހަކު "ގޮޅި"އަށް ފެއްތުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ޝާން އަށް "ރައްކާތެރިކަން" ދިނުމުގެ ބޭނުމަކީ ކޮބައިހޭ؟

ސަބް ކޮމެޓީގެ ރިޕޯޓާ ގުޅޭގޮތުން އެތައް ސުވާލުތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ތަހުގީގީ ރިޕޯޓެއްގެ ބައިބައި އުނިކޮށް އިތުރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އިންނަވާ އެންމެ މެންބަަރަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ. މިފަދަ ކަމެއް އެންމެ މެންބަރަކު އިންނަވައިގެން ކުރެއްވިއިރު އެ މެންބަރު މިކަން ކުރެއްވި ސަބަބެއް އޮންނަންޖެހޭނެ އެވެ. އެހެންކަމުން އެ މެންބަރަކު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ އެވެ. ސްމިތަށް ފިޔަވަޅު އަޅަން ބުނެފައި ޝާން ސަލާމަތްކުރި ސަބަބުވެސް ބުނެދޭންވާނެ އެވެ.
ހިޔާލު

މިކޯސްޓް

ކުރިން ސަޓޯ ސަލާމަތްވީ،ސްމިތް މަނިކުފާނު ކޯޓުގަ ހެކިބަސް ދެއްވީ ޑރ އަފްރާޝީމް މަރާލިކަމަށް ބުނާ ވަގުތުގައި ސަޓޯ އިނީ ސްމިތް އާއެކު ކޮފީ ބައްލަވަން މާލޭގެ ކެފޭއެއްގަ ކަމަށް މާތްﷲ ގަންދީ ހުވާކުރީމަ.އެހެންވީމަ ހެންވޭރު މެންބަރު ހަސަން ލަތީފުވެސް ނިންމާފަ އެއޮތީ ސަޓޯ ކޮފީބޯން ސްމިތްއާ އެއްކޮށް އިނީޔާ ސްމިތްވެސް އިންނާނީ ސަޓޯ އިންތާކު ކޮފީބޯން.އިސް ދިސް ރޮކެޓް ސައިންސް..ދިސް އިސް އެމްޑީޕީ ލޮޖިކް އިންސާފް

މުރާދު

މި ދެ ސޮރުން ލައްވައި ގޯސް ހައްދާފަ މިހާރު އެންމެން އަތް ދޮވެ ލަނީ. މިއީ މި މީހުންގެ ފެނވަރު

ޚާލިދު

ޙ. ހިކޯސްޓު ޝާން ހިމެނެނީ ހަސަން ލަޠީފްގެ ދާއިރާގަތޯ