Mi vaguthah emme muhimmu masakkathakee Adeeb ge massala: Membarun
image
0 ކޮމެންޓް
 

މަޖިލީހުގެ މިހާރު ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ އަދީބާއި ގުޅުންހުރި މައްސަލަ: މެންބަރުން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކުއްލި ގޮތަކަށް ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާލުމުގެ ހުއްދަ ދިނުމަކީ ސީރިއަސް މައްސަލަ އެއް ކަމަށާއި، އެއީ މަޖިލީހުގައި މިހާރު ކުރަން ހުރި މަސައްކަތްތަކަށްވުރެ މާ ބޮޑު އަހައްމިޔަތު ކަމެއް ދޭން ޖެހޭ މައްސަލައެއް ކަމަށް މެންބަރުން ވިދާޅުވެއްޖެ އެވެ.
އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާލުމުގެ ހުއްދަ ދީފައިވާތީ އެކަމާއި ގުޅޭ ކުއްލި މައްސަލައެއް މިއަދު ހެނދުނު މަޖިލިހަށް ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ގޮސްފި ކަަމަށްވާ ނަމަ އޭނާ އަނބުރާ ރާއްޖެ އަށް ދެން ނުގެނެވޭނެ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް އެނގެން ޖެހޭ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނަށް ދައުލަތުން ގެއްލުނު ފައިސާ ކޮންމެވެސް ދުވަހަކުން ހޯދިދާނެ. އެކަމަކު އަހުމަދު އަދީބު ރާއްޖެ އިން ބޭރަށް ގޮސްފި ނަމަ ހިނގާ ގޮސްފައިވާ ބޮޑެތި މަރުތަކުގެ ހަގީގަތް އަދި އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކަންކަމުގެ ހަގީގަތް އަޅުގަނޑުމެން ހޯދާނީ ކިހިނެއްތޯ،" މީކާއިލް ވިދާޅުވި އެވެ.

އެ ކުއްލި މައްސަލަ އަށް ތާޢީދު ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ފުރުވާލުމުގެ ހުއްދަ ދިނުމުގެ ސަބަބުން އެތައް ދުވަހަކު ދިވެހި ރައްޔިތުން އިންތިޒާރު ކުރަމުންދިޔަ ތަހުގީގުތަކާއި ގުޅުން ހުރި ކަންކަމަށް ހުރަސްތަކެއް އެޅިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ ސީދާ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އެހެން މަސައްކަތްތަކަށްވުރެ ބޮޑަށް މި މައްސަލައަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

"އަދި މިކަމުގެ ސަބަބުން އެތައް ދުވަހަކު އަޅުގަނޑުމެން އިންތިޒާރު ކުރަމުންދިޔަ މަރާލާފައިވާ އެތައް ބައެއްގެ ތަހުގީގުތައް ކުރުމާއި މިފަދަ އެތައް ކަމަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް ފެންނާތީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި މައްސަލާގައި މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށް ވުރެވެސް މުހިއްމު ކަމަކަށްވާނީ މިކަމާއި ގުޅޭ ކޮމިޓީން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ބައްލަވާ ފިޔަވަޅު އެޅުން ކަމަށް އަޅުގަނޑު ދެކެން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށާއި އަދީބު ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ހުއްދަ ދިނުމުގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. ރާއްޖޭގައި ގޮތް ނޭނގޭ އެތައް މަރުތަކެއް ހިނގާފައިވާއިރު އެފަދަ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ މަޖިލީހުން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގެ ވަރަށް ގިނަ ގައިދީން ވަނީ ރާއްޖެ އިން ބޭރަށް ގޮސްފައި. ވަރަށް ގިނަ ގައިދީން. އަނބުރާ ނާންނާނެ ކަމުގެ ވިސްނުން އޮތީ ކަމަށް ވަންޏާ އެފަދަ ކަމެއް ކޮށްގެނެއް ނުވާނެ، މި މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވެން ޖެހޭނެ. މީހަކަށް ޝަރުއީ ކޯޓަކުން އެއީ ކުށްވެރިއެއް ކަމަށް ކަނޑަނާޅާ ހިނދެއްގައި ވެސް ބައިވަރު ކުށްތައް ހުއްޓާ އެކަން އެގޮތަށް ދޫކޮށްލައިގެން ނުވާނެ،" ޖާބިރު ވިދާޅުވި އެވެ.

އަދީބު ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ނުފިލާނެކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަޅާފައިވާ ފިޔަވަޅުތައް ސާފު ކުރުމަށް ޕްރިޒަންސް ކޮމިޝަނަރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ވެސް މީކާއިލްގެ ކުއްލި މައްސަލާ ގައި ވަނީ ހުށަހަޅާފަ އެވެ.
ހިޔާލު