މާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލަ އަށް ހައްލު ލިބޭނީ އުޅަނދުތަކުގެ އަދަދު ކޮންޓްރޯލް ކޮށްގެން ކަމަށާއި، އެކަމުގެ މުހިއްމު މަޝްވަރާތައް މިހާރު ވަޒީރުންގެ މަޖިލީހުގައި ކުރެވެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސުވާލަކާއި ގުޅިގެން ނަހުލާ ވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ. ނަހުލާ މަޖިލީހުގައި ދެއްކެވި ވާހަކައިގައި ވިދާޅުވީ ޕާކިން މައްސަލަ ހައްލު ވާނީ އުޅަނދުތަކުގެ އަދަދު ކޮންޓްރޯލް ކޮށްގެން ކަމަށެވެ.
"މިހާރު އަޅުގަނޑު ވާނީ ކެބިނެޓް ލެވެލްގައި މަޝްވަތާ ކުރުމަށް ކަރުދާހެއް ހުށަހަޅާފައި. ވަރަށް ތަފްސީލުކޮށް ހައްލު ހުށަހެޅިފައިވޭ،" ނަހުލާ ވިދާޅުވި އެވެ.
މާލޭގައި ޕަބްލިކް ޓްރާންސްޕޯޓަށް މަގުފަހި ކުރަން ޓްރާންސްޕޯޓް ލައިނެއް އެޅުމާއި މެދު ވިސްނަވަންތޯ ޖާބިރު ކުރެއްވި ސުވާލަށް މިނިސްޓަރު ވިދާޅުވީ މާލޭ ތަރައްގީކޮށްފައި ހުރި ޕާކިން އަށް އެއްވެސް ޖާގައެއް ކަނޑަނާޅާ، ހަނި މަގުތަކާއެކުގައި ކަމަށެވެ.
އޭގެ އިތުރުން ޕާކިން ބިލްޑިންތަކެއް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައި ވާތީ އެ މަސައްކަތް ގޮސްފައިވާ ހިސާބެއް ވެސް މެމްބަރުން އޮޅުންފިލުއްވި އެވެ. ނަހުލާ ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ތިން ޕާކިން ބިލްޑިން އަށް ބަޖެޓު ކުރެވިފައިވާ ކަމަށެވެ.
މާލޭގައި ވެހިކަލް ކޮންޓްރޯލް ކުރުމުގެ ވާހަކަ މީގެ ކުރިން މާލެ ސިޓީ ކައުންސިން ވެސް ދެއްކި އެވެ. އެކަމަކު އެއީ ގިނަ ދިރާސާތައް ބޭނުންވާ މަސައްކަތަކަށް ވުމުން އަދި ގޮތެއް ނިންމިފައެއް ނުވެ އެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 100،000 އަށް ވުރެ ގިނަ އުޅަނދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.