މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓެކްސީ ދުއްވާ ފަރާތްތަކުން އެ އޮތޯރިޓީން ހަމަޖައްސާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެކަމާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ޝަކުވާ ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ޝަކުވާ ހުށަހަޅާއިރު އުޅަނދުގެ މައުލޫމާތާއި ދަތުރުގެ ތަފްސީލާއެކު ފަސިންޖަރުގެ ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު ފޮނުވަން ޖެހޭނެ އެވެ.
އެހެންކަމުން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކުގައި މާލޭ ސަރަހައްދުގައި ޓެކްސީ ދުއްވާ ފަރާތްތަކުން ދަތުރުތައް ކޮށްދެއްވުމަށް އެ އޮތޯރިޓީން އެދިލައްވަ އެވެ.
މިދިޔަ ހަފްތާ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާލެ ސަރަހައްދު ތެރޭގައި ޓެކްސީ ދަތުރުތައް ކުރަންޖެހޭ އަގުތައް ކަނޑައަޅާފައެވެ.
އެގޮތުން ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތަކަކީ މާލެ އާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ، މާލެ އާއި ހުޅުމާލެ އާއި ދޭތެރޭގެ ދަތުރުތަކަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުލެއާއި ދޭތެރޭގެ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަދަދަދަކީ 65 ރުފިޔާއެވެ.