MDN ge report gai huri kan kamah hallu hoadhan Majileehun massaikkai kuranee
image
މަޖިލިސް ރައީސް --
0 ކޮމެންޓް
 

އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަމަށް ހައްލު ހޯދަން މަޖިލީހުން މަސައްކަތް ކުރަނީ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)ގެ ރިޕޯޓަކާ ގުޅިގެން އެމްޑީއެންގެ އިސްވެރިންނަށް މަރުގެ އިންޒާރުތައް ދެމުންގެންދާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެކު މަޝްވަރާކުރަން މަޖިލީހުން މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް ގަސްދު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ތިން ގަޑިއިރު ތެރޭގައި 45 މެމްބަރުން ބަހުސްކޮށްފައިވާއިރު އެ ބަހުސްގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް އިއްތިފާގުވާ ކަމަށެވެ.

އެ ރިޕޯޓުގައި އެފަދަ ވާހަކަތަކެއް ހުރުމުން އެ ރިޕޯޓު އަނބުރާ ގެންގޮސް ރިޕޯޓުގައި ބޭނުންކޮށްފައިވާ ބަސްމަގު ރަނގަޅު ނޫން ކަމަށް އެ ޖަމިއްޔާއިން އިއުތިރާފުވެ މައާފަށް އެދިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ބޭނުމަކާށްވީ އެމްޑީއެންއަށްވެސް އަދި އެހެން ޖަމިއްޔާތަކަށްވެސް، އަދި އެންމެހާ ޒުވާނުންނަށްވެސް ސާފުވާން އެބަ ޖެހޭ ދީނީ ކަންކަމާ ގުޅޭގޮތުން ކޮން ގޮތަކުން، ކޮން ބަސްމަގެއް ބޭނުންކުރީމަތޯ އެހެން މީހުންނަށް އެކަމާ ކަންބޮޑުވެ ނަފްރަތުކޮށް، ހިތްހަމަނުޖެހުން މި ދަރަޖައަށް އުފުލިގެން ދަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީއެންގެ ޝަކުވާއަކަށް ވީ، އެ ޖަމިއްޔާގެ މެމްބަރުންނާއި ގުޅުންހުރި ފަރާތްތަކަށް މަރުގެ އިންޒާރު ލިބެމުންދާކަން ކަމަށެވެ. ނަޝީދު ވިދާޅުވީ މި ދެ މައްސަލައަކީވެސް ބަލަންޖެހޭ ކަމެއް ކަމަށާއި، އެކަމުގައި ރައްޔިތުންގެ މަޖިލީހުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

"މި ދެ މައްސަލައާ ގުޅޭގޮތުން އަޅުގަނޑު ގަސްދުކުރަން މިތަނުގައި މިނިސްޓަރުންނާ ވާހަކަދައްކައިގެން ކުރިއަށް ގެންދާނެ ސުލްހަވެރި، ރީތި، ހަމަޖެހޭ، މެދުމިނުގެ ގޮތެއް ހޯދަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަމާޒަކަށް އަބަދުވެސް ވާންޖެހޭނީ ސުލްހަވެރިކަމާއި އެކު ރުޅިވެރިކަމެއް ނެތި އެކަކު އަނެކަކު ބަލައިގަނެގެން މަސައްކަތް ކުރަމުން ދިއުން ކަމަށެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުވަނިވި ބަސްމަގު އެމްޑީއެންގެ ރިޕޯޓްގައި ބޭނުންކޮށްފައި ވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މި މައްސަލަ ތަހުގީގުކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ހިޔާލު