Addu ge current ge biya mashroou ves beelamah nulaa China bayakaa havaalu kohfi
image
0 ކޮމެންޓް
 

އައްޑޫގެ ކަރަންޓްގެ ބިޔަ މަޝްރޫއު ވެސް ބީލަމަށް ނުލައި ޗައިނާ ކުންފުންޏަކަށް ދީފި

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިޔަ މަޝްރޫއު ބީލަމަށް ނުލައި 37.5 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މާގިރި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ހަވާލުކޮށްފައިވަނީޯ ޗައިނާގެ ޑޮންފަންގ އިލެކްޓްރިކް އިންޓަނޭޝަލް އަށެވެ.

މިމަޝްރޫއުގެ ދަށުން އައްޑޫގައި 20 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގާއި އައްޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުން ފައިސާ ހަމަޖައްސާނީ ޑޮންފަންގ ކުންފުނިން ކަމަށެވެ. ފައިސާ ހަމަޖެއްސުމުން މިމަޝްރޫއުގެ އީޕީސީ ކޮންޓްރެކްޓްގައި ސޮއިކޮށް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މިމަޝްރޫއު ފެށުމަށް ސަރުކާރުން ގަސްދުކުރާ ކަމަށެވެ.

"މިމަޝްރޫއު ފުރިހަމަ ކުރެވުމުން ދެކުނުގައި ދިކާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ. އަދި ނަތީޖާއެއްގެ ގޮތުން މިސަރުކާރުން ދެކުނުގައި ހިންގުމަށް ރާވާފައިވާ އިގްތިސޯދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވި ކަމެއް ލިބިގެންދާނެ އެވެ." އިކުއިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޗައިނާގެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން ކަމަށެވެ. މިއުސޫލަކީ ސަރުކާރުން ހިންގަން ކަނޑައަޅާ، މަޝްރޫއުތައް ބިޑްކުރުމުގެ ދައުވަތަކާ ނުލައި ކުރިއަށް ގެންދިއުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އަދި މިއުސޫލުގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާނީ އެ މަޝްރޫއެއް ހިންގަން މާލީ ގޮތުންނާއި ފަންނީ ގޮތުން އެންމެ ގާބިލް ފަރާތްތަކަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިޔަ މަޝްރޫއު ބީލަމަށް ނުލައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައި މިވަނީ ގުޅިފަޅު ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުވެސް ބިޑަށް ނުލައި 53 މިލިއަން ޑޮލަރަށް ނުވަތަ 817 މިލިއަން ރުފިޔާއަށް ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ދީފައިވާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ބިޑަށް ނުލައި އައްޑޫ ކަރަންޓް މަޝްރޫއު ޗައިނާ ކުންފުންޏަކަށް ދިނުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން ނިމިދިޔަ ސަރުކާރު ބަދަލުކޮށް މިސަރުކާރު ވެރިކަމަށް ގެނައީ މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުތައް ބިޑަށް ނުލައި ބޭރުގެ ކުންފުނިތަކަށްދީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރުމަށް ނޫން ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
ހިޔާލު