Bar council ge qavaidhuthah nuhedhi ethah bayakah vakeel kamuge huvaa nukurevifai!
image
ވަކީލުންތަކެއް ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ބާ ކައުންސިލްގެ ގަވައިދުތައް ނުހެދި އެތައް ބަޔަކަށް ވަކީލު ކަމުގެ ހުވާ ނުކުރެވިފައި!

ބާ ކައުންސިލުން ހަދަން ޖެހޭ ގަވާއިދުތަކެއް ހެދިފައި ނުވާތީ 150 އެއްހާ ވަކީލުންނަށް ހުވާ ނުކުރެވި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަލީ ހުސައިން ވިދާޅުވީ ވަކީލު ކަމުގެ ހުވާ ކުރަން ބޭނުންވެފައި ތިވި އެތައް ބޭފުޅަކަށް ހުވާ ކުރެވޭ ގޮތް ހަމަޖެހިފައި ނުވަނީ ބާކައުންސިލުން ހަދަންޖެހޭ ގަވައިދުތަކެއް ނިންމާފައި ނުވާތީ ވަކީލުން ހުވާކުރުން ސުޕްރީމް ކޯޓުން މިވަގުތަށް މަޑުޖައްސާލާފައިވާތީ ކަމަށެވެ. މިކަމާ ގުޅިގެން ވަކީލުކަން ކިޔަވައިގެން ތިއްބެވި ބައެއް ބޭފުޅުން ތިއްބެވީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.

ވަކީލުކަން ކިޔަވައިގެން ތިއްބެވި ބޭފުޅުން ހުވާކުރުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން އަލީ ހުސައިން ވިދާޅުވީ ވަކީލުކަން ކިޔަވައިގެން ހުވާ ނުކުރެވި ތިބި ބޭފުޅުންތަކެއް މިދިޔަ ހަފްތާގެ ތެރޭގައި ބައްދަލުކުރައްވާ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އެހެންކަމުން ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކޮށް އެކަން އަވަސްކުރުމުގެ ރޫހުގައި އަލީ ހުސައިން ވަނީ ވާހަކަދައްކަވާފަ އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވާތީ މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދި ގެޒެޓްކުރުމާ އެކު ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމުގެ ޒިންމާ އަދާކުރާނީ ބާ ކައުންސިލުންނެވެ.

މުޅިން އަލަށް ރާއްޖޭގައި ބާ ކައުންސިލެއް އުފައްދާފައިވާއިރު ވަކީލުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި، ވަކީލުންނަށް ލިބިގެންވާ ހައްގުތަކާއި އިމްތިޔާޒްތައް ކަށަވަރުކޮށް، ވަކީލުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭ ގަވައިދުތަކާއި އޫސޫލުތައް ވެސް އެކުލަވާލަނީ ބާ ކައުންސިލުން ކަމަށް ގާނޫނުގައިވެ އެވެ.

ބާ ކައުންސިލަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުން ހިމެނޭ ކައުންސިލެއް ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.
ހިޔާލު