Mas kunfuni thakah dheefaivaa exclusivity uvaalan nihmmaifi
image
39 އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުން: ފޮޓޯ/ ރައީސް އޮފީސް
0 ކޮމެންޓް
 

މަސް ކުންފުނިތަކަށް ދީފައިވާ އެކްސްކްލޫސިވިޓީ އުވާލަން ނިންމައިފި

މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާން ކުރެއްވީ 39ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ރައީސް ސޯލިހު ވިދާޅުވީ އެއީ މަސްވެރިކަމުގެ ދާއިރާއަށް މި ސަރުކާރުން ގެންނާނެ އެންމެ ބޮޑު ބަދަލު ކަމަށެވެ. ރައީސް ވިދާޅުވީ އެ ބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުޞަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، އާމްދަނީ އިތުރުކުރެވޭނެ ކަމަށެވެ.

މަސްވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް، ބޭރުގެ މަސްވެރިންނަށް ލައިސަންސް ދީފައި އޮތް އޮތުން ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ މި ވެރިކަން ފެށުނުއިރު، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް 28 ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އެ ކަމުގައި ހަރަކާތްތެރިވަނީ ގިނައިން ބިދޭސީން ކަމަށާއި އެ މަސްވެރިކަމުން ދައުލަތަށް ލިބެނީ އަހަރަކު، އެންމެ 1.9 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މިންވަރަކީ ދައުލަތަށް ހައްގުވާ މިންވަރު ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން، އަޅުގަނޑުމެން ނިންމީ، މި ދެންނެވި ލޭނުގެ މަސްވެރިކަމަށް، އިތުރަށް ލައިސަންސް ނުދިނުމަށް. ސަރުކާރުގެ އަމާޒަކީ، ދިވެހިންގެ ހިއްސާވާ އިތުރުވާގޮތަށް، ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން، ލޭނުގެ މަސްވެރިކަމުގެ ސިޔާސަތު ބައްޓަންކޮށް، ދިވެހިރާއްޖެއަށް މިކަމުން ލިބޭ އާމްދަނީ އިތުރުކުރުން،" ރައީސް ވިދާޅުވިއެވެ.


މަސްވެރި އާއިލާގެ ޝަކުވާއަކީ، ރަށުގައި ތިބެގެން ކުރެވޭނެ، މަސްވެރިކަމާ ގުޅުން ހުރި، މަސައްކަތްތައް މަދުވުން ކަމަށް ރައީސް ވިދާޅުވިއެވެ. ރަށު ފެންވަރުގައި ވެލިއު އެޑްކޮށްގެން، މަހުން ރަނގަޅު އާމްދަނީ ހޯދުމުގެ ފުރުސަތު ހަނިވުމަކީ މަސްވެރި އާއިލާތަކުގެ ޝަކުވާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ޝަކުވާތައް އަޑުއަހައި، ސަރުކާރުން ނިންމާފައި ވަނީ، ރަށު ފެންވަރުގައި މަސްވެރިކަމުގެ އާ އުފެއްދުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން ކަމަށާއި އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، އަދި ހުޅުމީދޫގައި ގޭދޮށު މަސް ޕްލާންޓް ބެހެއްޓުމަށް، އިންޑިޔާ ސަރުކާރާ އެކު، އެމް.އޯ.ޔޫއެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި، މަސްދޯނިފަހަރު ހަމައިސްކޮޅަށް ދެމިލައި، ދުވެލިވެސް އެތައް ގިޔަރެއް މައްޗަށް ޖެހިއްޖެ. ނަމަވެސް، އެ ދޯނިތަކަށް ހިދުމަތް ދޭ ކުންފުނިތަކާއި ބަނދަރުތައް ހުރީ، މީގެ ތިރީހަކަށް އަހަރު ކުރީގެ ފިޔަވަޅުމަތީގައި. ގާބިލުކަން އިތުރެއްނުވޭ. ވަސީލަތްތައް ތަރައްގީއެއްނުވޭ. އެކަށީގެންވާ ވަރަށް، އައިސް ނުލިބުމުން، ބާނާ މަސް ކިރުވާއިރު، މަހުގެ ކޮލިޓީ ދަށްވެ، ބާނާ މަހަށް ރަނގަޅު އަގު ލިބުމަށް އެތައް ހުރަސްތަކެއް ކުރިމަތިވޭ. މިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ފުވައްމުލަކާއި އދ. މަހިބަދޫގައި އައިސް ޕްލާންޓް ގާއިމްކޮށް، މާލެއަތޮޅު ގާފަރާއި ރ. މަޑުއްވަރީގައި، އައިސް ޕްލާންޓް ގާއިމްކޮށް މަސައްކަތް މިހާރު އަންނަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.


ޒަމާނީ ޓެކްނޮލޮޖީ ހުރިގޮތަށް ބަލާއިރު، ކޮންމެ ރަށެއްގައި އައިސް ޕްލާންޓެއް ނުހެދުނަސް، ކޮންމެ ދޯންޏެއް، ކުޑަކުޑަ އައިސްޕްލާންޓަކަށް ބަދަލުކޮށްލެވެން މިހާރު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށް، އެއްވެސް ރަހުނަކާ ނުލައި، ލޯނު ދޫކުރަން މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އައިސް އުފައްދާ ނިސްބަތް، 5 އަހަރު ދުވަހުގެ ތެރޭގައި، މަހެއްގެ މައްޗަށް 12000 ޓަނަށް އިތުރުކޮށްދިނުމަކީވެސް ސަރުކާރުގެ ވައުދެކެވެ. ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި، އެ ވައުދު 50 އިންސައްތަ މިހާރު ހާސިލު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައި ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ޕްރައިވެޓް ސެކްޓާއިން ގާއިމްކުރި އައިސް ޕްލާންޓްތަކުގެ ސަބަބުން، މަހެއްގެ މައްޗަށް އިތުރު 6000 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްވެރިން ބާނާ ހުރިހާ މަހެއް، ރަނގަޅު އަގުގައި ވިއްކޭނެ ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. މަސް ގަންނަން ބޭނުންވާ ފަރާތްތަކަށް، އަޅުގަނޑުމެން އެ ފުރުސަތު މި ހުޅުވައިލަނީ ވަރަށް މަތިވެރި މަގުސަދުގައި. މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމަށް ސަރުކާރުން މަގުފަހިކޮށްދޭނަން. މި ބަދަލުތަކާއެކު، މަސްވެރިކަމަށް އިންވެސްޓް ކުރާނެ ފަރާތްތައް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް ވިއްކާ ތެލުން، ޑިއުޓީގެ އިނާޔަތުގެ ގޮތުގައި ކެނޑި ފައިސާއިން، މަސްވެރިންނަށާއި އޮޑިވެރިންނަށް ފާއިތުވެދިޔަ 2 މަސް ދުވަހުގެ ތެރޭގައި 244,885 ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ހިޔާލު