Malaysia ga vote levey umuru 18 aharah dhah kuranee
image
މެލޭޝިޔާގައި ވޯޓު ލެވޭ އުމުރު 18 އަހަރަށް ދަށް ކުރަން ވަނީ ނިންމާފައި--
0 ކޮމެންޓް
 

މެލޭޝިޔާގައި ވޯޓު ލެވޭ އުމުރު 18 އަހަރަށް ދަށް ކުރަނީ

މެލޭޝިޔާގެ އިންތިހާބުތަކުގައި 18 އަހަރު ފުރުމުން ވޯޓު ލެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ ބަދަލު ކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
މެލޭޝިޔާގެ ގާނޫނު އަސާސީގައި މިހާރު އޮތް ގޮތުން ވޯޓުތަކުގައި ބައިވެރިވެވޭނީ އުމުރުން 21 އަހަރު ފުރުމުންނެވެ. އިދިކޮޅު ފަރާތްތަކުން އެ އިސްލާހު ހުށަހަޅާފައި ވަނީ މެލޭޝިޔާއަށް ސަރުކާރުން ގެންނަމުންދާ ޑިމޮކްރެޓިކް ބަދަލުތަކަށް ތާއީދު ކުރާ ކަން ދެއްކުމުގެ ގޮތުންނެވެ. އެ އިސްލާހާ އެކު 18 އަހަރު ފުރުމުން އިންތިހާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. އެ އިސްލާހުތަކަށް މިއަދު މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ކުރަން ފަށާނެ އެވެ.

ވޯޓު ލެވޭ އުމުރު 18 އަހަރަށް ދަށް ކުރުމަކީ ވެރިކަން ކުރަމުންދާ ޕަކަތަން ހަރަޕަން ކޯލިޝަންގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގައި އެންމެ ބުރަ މަސައްކަތެއް ކުރައްވަމުން ގެންދަވަނީ މެލޭޝިޔާގެ އެންމެ ޒުވާން ވަޒީރު ސައްޔިދު ސާދިގު އަބްދުއްރަހުމާނެވެ. އުމުރުން 26 އަހަރުގެ ވަޒީރު ވަނީ އެ އިސްލާހަށް އިދިކޮޅު ފަރާތްތަކުގެ ތާއީދު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ސައްޔިދު ސާދިގު އަބްދުއްރަހުމާން ގަބޫލު ކުރައްވާ ގޮތުގައި އެ އިސްލާހަކީ މެލޭޝިޔާގެ ޑިމޮކްރަސީއަށާއި ޒުވާނުންނަށް ވެސް އެކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ އިސްލާހެކެވެ.

ނިމިދިޔަ ތިން އިންތިހާބުގައި ވެސް ވެރިކަން ކުރާ ކޯލިޝަނަށް ބޮޑު ކާމިޔާބެއް ހޯދައި ދިނުމުގެ ފަހަތުގައި ތިބީ މެލޭޝިޔާގެ ޒުވާނުންނެވެ. 1970 ގެ އަހަރުތަކުން ފެށިގެން ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުން ސިޔާސީ ކަންކަމުގައި ބައިވެރިވެ އުޅުން ވަނީ މަނާކޮށްފައެވެ. އާ އިސްލާހުތަކުގެ ތެރޭގައި ދަރިވަރުންގެ ޔޫނިއަންތައް އުފެއްދުމަށް ފަހިކޮށް ދިނުމާއި ތައުލީމު ހާސިލު ކުރާ ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހި ކޮށް ދޭނެ ކަމަށް ވެރިކަން ކުރާ ކޯލިޝަނުން ވަނީ ބުނެފައެވެ.
މެލޭޝިޔާ
ހިޔާލު