Bodu alifaanaa gulhigen MP Jabir ge kulli massala ah bahus kuranee
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ބޮޑު އަލިފާނާ ގުޅިގެން ޖާބިރުގެ ކުއްލި މައްސަލައަށް ބަހުސް ކުރަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފި އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާގައި މިއަދު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތީ 50 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެކަމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފަ އެއް ނުވެ އެވެ.

"މާލެއަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އުޅެމުންދާ ރަށް ކަމަށް ވީ ހިނދު، މާލޭގައި ދިރިއުޅެމުންދާ އާބާދީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަޅާން ޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އެޅިފައި ނެތުމުން، ނަތީޖާއެއްގެ ގޮތުގަިއ 20 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ ރޭ ހަތް ގެއާއި ހަތަރު ގުދަން އަނދައިގެން ގޮސް 43 ގެއަކަށް ބޮޑެތި ގެއްލުން ލިބި، މި ހާދިސާގެ ސަބަބުން 400 އަށް ވުރެ ގިނަ މީހުން ނިކަމެތި ހާލކުގައި ޖެހި، އެބައިމީހުން ދިރިއުޅުމަށް ހޯދާފައިވާ އެންމެހާ މުދާތައް، އަނދައިގެން ގޮސް، އެކެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ވީ ހިނދު، އަދި މި ނުރައްކާތެރި ހިތާމަވެރި ހާދިސާ ހިނގިތާ 24 ގަޑިއިރުވެސް ނުވަނީސް، މފަދަ ދެވަނަ ހާދިސާއެއް މާލޭގައި 21 ސެޕްޓެމްބަރު 2019 ވަނަ ދުވެހުގެ ރޭ ހިނގާފައި ވާތީ މިއީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މި ހިނދުން މި ހިނދަށް ފިޔަވަޅު އަޅައި ކޮންމެ ގޮތަކުން ވެސް ހައްލެއް ގެންނަން ޖެހޭ ކަމެއް،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް މާލޭގައި ތަކުރާރުކޮށް ހިނގަމުން ދާއިރު، އެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަންދޫބުން ދައުލަތަށް ބާރު އަޅަން ޖެހޭނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑި ފެތުރި ހަތަރު ގުދަނަކާއި، ހަތް ގެއެއް އަނދައި ހުލިވި އެވެ. އެ ހާދިސާގައި އެކަކު މަރުވިއިރު، 50 އަށް ވުރެ ގިނަ މީހުންނަށް ދުމުގެ އަސަރު ކުރި އެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ހިޔާލު