High Court ge Fandiyaarunnah Flat dhinee Didi aai Shujau ai fahun: Ghanee
image
ފަނޑިޔާރު ޣަނީއާއި ފަނޑިޔާރު އަބްދުﷲ ދީދީ
0 ކޮމެންޓް
 

ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ދިނީ ދީދީއާ ޝުޖާއު އައި ފަހުން: ޣަނީ

ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ދިނީ އެ ކޯޓަށް އަބްދުﷲ ދީދީއާއި ޝުޖާއު އުސްމާން އައްޔަން ކުރެވުނު ހިސާބުން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސުލޫކީ މައްސަލަތަކަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިހެން ވިދާޅުވީ އެ މަނިކުފާނާ ގުޅޭ ގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގަ އެވެ.

މި ތަހުގީގަށް ފަހު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓް މަޖިލީހުން މިހާރު ވަނީ އާއްމުކޮށްފަ އެވެ.

މި ރިޕޯޓުގައިވާ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތަހުގީގު ބަޔާނުގައިވާ ގޮތުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ލިބުނީ އެ ކޯޓަށް އަބްދުﷲ ދީދީއައި ޝުޖާއު އުސްމާން އައްޔަން ކުރެއްވި ހިސާބުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ދީދީއާއި ޝުޖާއު އުސްމާން ދިވެހިރާއްޖޭގެ ހައިކޯޓަށް އައްޔަންކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

"އަޅުގަނޑާއި އަބްދުﷲ ދީދީއާ ދެ މީހުންނަކީ ދެ އެކުވެރިންނެއް ނޫން. ދެ ރައްޓެހިންނެއް ނޫން. އިއްތިފާގުން އަޅުގަނޑުމެން ދެ މީހުން އެއް ތަރީޚެއްގައި ސުޕްރީމް ކޯޓަށް އައްޔަން ކުރެވުނީ،" ޖޭއެސްސީގެ ތަހުގީގުގައި ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު ވިދާޅުވެފައިވެ އެވެ.

"އަބްދުﷲ ދީދީއާއި ޝުޖާއު އުސްމާނާ ހައިކޯޓަށް އައި ހިސާބުން އަޅުގަނޑުމެން ޖެހުނީ ފުރައިގެން ދާން. އަޅުގަނޑުމެންނަށް ވޭތިވެދިޔަ ހުރިހާ އަހަރުތަކެއްގައި ނުލިބިހުރި ހުރިހާ ހައްގުތަކެއް އަބްދުﷲ ދީދީމެން އައިސް އެވަގުތު އެތާ ތިބި ފަނޑިޔާރުންނަށް މިސާލަކަށް އޭރުތިބި ފަނޑިޔާރުންނަށް ފްލެޓްތައްވެސް ދިނީ".

ހައިކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް ދިން ކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރުކަންވެސް ކުރިން ކުރައްވާފައިވާ އަބްދުލްޣަނީ މުހައްމަދު، ޖޭއެސްސީގެ ތަހުގީގައި ވިދާޅުވެފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް ފްލެޓެއް ހޯއްދެވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ވަނީ ޖޭއެސްސީގެ ސަމާލުކަމަށް އައިސްފަ އެވެ.

ޖޭއެސްސީގެ ސަމާލުކަމަށް އެ މައްސަލަ އަމިއްލަ ފަރާތަކުން ގެނައީ، ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ލަފާފުޅަކަށް އެދިވަޑައިގެން ފަނޑިޔާރު އަބްދުއްރައޫފުގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުއްވުމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ރޭ ނިންމާފައިވަނީ ފަނޑިޔާރު ރައޫފާ ގުޅޭ ގޮތުން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު ރައީސްއަށް ލަފާ އެރުވުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ އަބްދުލްޣަނީ މުހައްމަދުގެ ތަހުގީގު ރިޕޯޓުގައި ވިދާޅުވެފައިވާ ގޮތަށް ހައިކޯޓުގެ ބައެއް ފަނޑިޔާރުންނަށް ގާކޮށިން ފްލެޓް ލިބިވަޑައިގެންފައިވެ އެވެ. މިގޮތުން ގާކޮށިން ފްލެޓް ލިބިވަޑައިގެންނެވި ފަނޑިޔާރުންގެ ތެރޭގައި ދާދި ފަހުން މަގާމުން ވަކިކުރި އަބްދުﷲ ދީދި ހިމެނިވަޑައިގަންނަވަ އެވެ. އަދި މީގެއިތުރުން ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު ޝުޖާއު އުސްމާނަށްވެސް ގާކޮށިން ފްލެޓް ލިބިވަޑައިގެންފައިވެ އެވެ.
ފްލެޓް ފަނޑިޔާރުން
ހިޔާލު