Sharuee dhaairaa othee varah furihama ashey Farhaadh vidhaalhuvumun hairaaneh nuvey!
image
9 ކޮމެންޓް
 

ޝަރުއީ ދާއިރާ އޮތީ ވަރަށް ފުރިހަމައަށޭ ފަރުހާދު ވިދާޅުވުމުން ހައިރާނެއް ނުވޭ!

ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ އިސްލާހު ކުރަން ނުޖެހޭ ވަރަށް، ވަރަށް ފުރިހަމައަށް ކަމަށް ބުނާ ފުރަތަމަ މީހާއާ ދިމާވުމުން ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެއްވެ. ސަބަބަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންހެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އަދި އިސްލާހު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ހާއްސަކޮށް ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތަކެއް ކަހަލަގޮތަކަށް އެކަމަށް އެއްބަސްވެ އެވެ. ރާއްޖޭގައި ގާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުން ވެސް ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރަންޖެހޭ ކަމަށް ބުނަމުންދާއިރު، ޝަރުއީ ނިޒާމު އޮތީ ވަރަށް ފުރިހަމައަށޭ ބުނާ ފަރާތްތައް އެގޮތަށް ބުނަންޖެހޭ ސަބަބެއް ވެސް އޮންނަން ވާނެތާއެވެ. leaward
ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ އިސްލާހު ކުރަން ނުޖެހޭވަރަށް، ވަރަށް ފުރިހަމައަށޭ، މީހަކު ބުނާއަޑު މިއުވުނީ އަދިކިރިއާ އެވެ. އެއަޑު އިވުނީވެސް އިއްތިފާގުން އާދައިގެ ތަނެއްގައި ހުރެ، އާދައިގެ މީހެއް ވެސް ނޫނެވެ.

އާދެ، އެންމެ ނަޒާހަތްތެރިކަން ހުންނަންޖެހޭ އެއް މުއައްސަސާގައި ވަރަށް ގިނަ ދުވަހު އުޅުއްވި ބޭފުޅެކެވެ. "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" އަކީ އާދައިގެ މުއައްސަސާއެއް ނޫނެވެ. ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ބެލެހެއްޓުމަށް އުފައްދާފައިވާ ކޮމިޝަނުގެ ވެރިންގެ ނަޒާހަތްތެރިކަން މާބޮޑަށް ވެސް ހުންނަންވާނެ ތާއެވެ. ނަމޫނާ ދައްކަންވެސް ޖެހޭނެ ތާއެވެ. ނަމަވެސް އެކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރުވެސް ނަޒާހަތްތެރިކަމާއި އިހުލާސްތެރިކަން ނުދެއްކުނު މުހައްމަދު ފަރުހާދު، މިހާރު އެދައްކަވާ ވާހަކަތައް އެއީ އަދިއަމުދުން ދިވެހި ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫނެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމަވައި، ޖުމްހޫރީ ޕާޓީގެ ޕޯޑިއަމުގައި ހުންނަވައި، ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ އިސްލާހު ކުރަން ނުޖެހޭ ވަރަށް، ވަރަށް ފުރިހަމައަށް ކަމަށް ވިދާޅުވިއިރު، ތިމާ ދައުލަތުން ބޮޑު މުސާރަ ނަންގަވައިގެން އެކޮމިޝަނެއްގެ ރައީސްކަމުގަ އާއި މެމްބަރެއްގެ ގޮތުގައި އިންނެވިއިރު، ކުރީ ކޮންކަމެއް ތޯ އެވެ.

ފަރުހާދު އެވެ، މަނިފާނު، "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" ހިންގެވުމުގައި އިހުމާލު ވެފައިވާކަމަށް ބުނަންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާއިރު، މައްސަލަތައް ނުނިމި ދިގުލައިގެން ގޮސްފައިވާކަން ހަނދުމަފުޅު ނެތުނީ ތޯ އެވެ. ތިން ހަތަރު އަހަރުވީ މައްސަލަތައް އަދިވެސް އެ ކޮމިޝަނުގައި ނުނިމި، އަދި އަތް ވެސް ނުލައި ހުރި މައްސަލަތައް އެބަހުރި ނޫންތޯ އެވެ.

ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވައިގެން، އެކޮމިޝަނުގައި އިންނެވިއިރު، ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބައެއް މުވައްޒަފުން ދިވެހި ރައްޔިތުންނަށް ކުރި އަނިޔާގެ ރިޕޯޓްތައް "އަންބޮޑި ދަށަށް" ލައްވައިގެން އިންނެވީ ނޫންތޯ އެވެ. ފުރަތަމަ އިންޓެގްރިޓީ ކޮމިޝަނުގައި މަނިކުފާނު އިންނަވައި ދިވެހި ރައްޔިތަކަށް ހޯދާދެވުނު ހައްގެއް، އިންސާފެއް އެބައޮތް ތޯ އެވެ.

ފަރުހާދު އެވެ، ރާއްޖޭގެ ޝަރުއީ ދާއިރާ އޮތީ އިސްލާހު ކުރަން ނުޖެހޭ ވަރަށް، ވަރަށް ފުރިހަމައަށޭ، މަނިކުފާނު ވިދާޅުވުމުން އަޅުގަނޑު ހައިރާނެއް ނުވެއެވެ. އެއީ މަނިކުފާނުގެ ފަސްބައިގައި ކިލަނބުވެފައިވާތީ އެވެ.

މީގެއިތުރުން ހައިރާން ވާން ނުޖެހޭ އަނެއް ސަބަބަކީ މަނިކުފާނު އެވަގުތު ހުރި ހާލަތެވެ. ހުންނެވީ ރާއްޖޭ އެންމެ ބޮޑު މަހުޖަނުގެ ޕާޓީގެ ޕޯޑިއަމެއްގަ އެވެ. ކުރިމަތީގައި އިންނެވީ އެ މަހުޖަނެވެ، ރާއްޖޭގެ ޝަރުއީ ނިޒާމަށް އެންމެބޮޑަށް ނުފޫޒު ފޯރުއްވާކަމަށް ތުހުމަތު ކުރެވޭ އެއް ބޭފުޅާގެ ކުރިފުޅު މަތީގަ އެވެ. ކުރިމަތި ލައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ ވަރަށް ފައިސާ ހުރެގެން ނޫނީ ނުވާނެ ކަމެއް ކަމަށް ކެމްޕެއިންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގަބޫލު ކުރެ އެވެ. އެހެންވީމާ "ބޮސް" ރުއްސަން ކޮންމެފަދަ ވާހަކައެއް ވެސް ދެއްކިދާނެތާ އެވެ.

ޝަރުއީ ދާއިރާ އޮތީ އިސްލާހު ކުރަން ނުޖެހޭ ވަރަށް، ވަރަށް ފުރިހަމައަށް ކަމަށް ވިދާޅުވެފައި، ދެން ފަރުދާހު ދެއްކެވި ވާހަކައަކީވެސް ހައިރާންވާންޖެހޭ ވާހަކަތަކެއް ނޫނެވެ. ސަބަބަކީ އެއީ ޖުމްހޫރީ ޕާޓީ ޕޯޑިއަމަކަށް ވާތީ އެވެ. ކުރިމަތީގައި އިންނެވީ "ބޮސް" ކަމަށްވާތީ އެވެ.

މަޖިލީހުގައި މިހާރު އެންމެ މެމްބަރުން ގިނައީ އެ ޕާޓީގައި ކަމަށާއި އެހެންކަމުން އެ ޕާޓީއަށް ރައްޔިތުން ތާއީދު ކުރަން ޖެހޭނެ ކަމަށް ފަރުހާދު ވިދާޅުވުމަކީ މައްސަލައެއް ނޫނެއް ނޫންތޯ އެވެ. އެއީ އެބޭފުޅާގެ ހުރި ނަޒާހަތްތެރިކަން ނޫންތޯ އެވެ.

ފަރުހާދު ވިދާޅުވަނީ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގަ އޮތް އެންމެ ވަރުގަދަ ޑިމޮކްރެޓިކް ޕާޓީ ކަމަށެވެ.

ފަރުހާދު އެވެ، ތިހާ ޑިމޮކްރެޓިކް ވާކަށް ނުވާނެ ނޫންތޯ އެވެ. ޑިކޮމްރެޓިކް ކަމުން ގޮސް ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ދެއްވަނީ ވެސް "ބޮސް"އަށް ފެންނަ މީހަކަށެވެ. ޕާޓީ ހިންގަނީ ވެސް "ވަންމޭން ޝޯ" އެއްގެ ގޮތުގަ ނޫންތޯ އެވެ.

ފަރުހާދު އެވެ، އެކަމަކު ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަށްއިރު، ކޮންމެވެސް ވަރެއްގެ ލަދެއް ވެސް ހުންނަން ވާނެތާއެވެ. ތިމާ މިއައީ ގައުމީ ނަޒާހަތްތެރިކަމުގެ އިދާރާގެ ރައީސް ކަމާއި މެމްބަރެއްގެ ގޮތުގައި އިންނަވައި ބޮޑު މުސާރަ ނަންގައިވައިގެންކަން ހަނދުމަކޮށްލަން ވެސް ރަނގަޅުތާ އެވެ. އަދި އަމުދުން އެކޮމިޝަނުގެ އިންނެވިއިރު، ރައްޔިތުން އެދޭ މިންވަރާ ގާތަށްވެސް ހިދްމަތެއް ކޮށްދެވިފައި ނުވާކަން ހަނދުމަފުޅު ކޮށްލަންވެސް ރަނގަޅުތާ އެވެ.

ޖުމްހޫރީ ޕާޓީގެ ޕޯޑިއަމުގައި ވާހަކަ ދައްކަވާ ބޭފުޅުންނަށް ޝަރުއީ ދާއިރާގައި އިސްލާހުކުރަން ހުރިކަންކަން ނުފެނިދާނެ އެވެ. އެއީ މައްސަލައެއް ނޫނެއް ނޫންތޯ އެވެ. އެއީ އެބޭފުޅުން، އެބޭފުޅުންގެ "ބޮސް"އަށް ދައްކަންޖެހޭ ނަޒާހަތްތެރިކަން ދައްކަން ކުރަންޖެހޭ ކަމެއް ކަމަށް ވެދާނެ ނޫންތޯ އެވެ.
ހިޔާލު

ކަލް ދޯ ބަޖޭ

މިއުޅޭ ސިޔާސީ މީހުން ފަޑިޔާރުގެޔާއި ފަޑިޔާރުން އިސްލާހުނުވެގެން ވާހަކަދައްކާއިރު ނިކަންބަލާބަލަ ފަޑިޔާރަކު ދައުވާ ލިބޭ ހަސްމެއްގެ ގޮތުގައި ހުރެ ޝަރީޢަތުގެ މަޖިލިސްގައި ހަމަ އެކަނި ތެދުބަހުން ވާހަކަ ދެއްކި ފަޑިޔާރަކީ ފަޑިޔާރު އަލީހަމީދު މުހައްމަދު، ކްރިމިނަލް ކޯޓްގެ ފަންޑިޔާރު އަލީހަމީދު ކާރިން އެއްސެވީ 1 ފެބުރުއަރީގެ އެއަމުރު ނެރުމުގެ ބޭނުމަކީ ކޮބައިތޯ ؟ ޖަވާބުގައި އަލީ ހަމީދު ބުނުއްވީ ފަޑިޔާރުގެޔަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރަން ވެގެންނޭ އިތުރުކަމެއްގައިނޫނޭ މިދަންނަވަނީ ހަމަތެދަށޭ އެއީއޭ އެކަންކުރި ބޭނުމަކީ ! ތެދު ހަދާމީހުން ސަލާމަތްވާނެ ދޮގުހަދާ މީހުން ސަލާމަތެއްނުވާނެ !

ސސ

ފަރުހާދު ބުނިހެން މިރާއްޖޭގެ ޝަރުޢީ ދާއިރާ ފުރިހަމަ ވާނީ މިހާވަރަކަށް ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އުއްތަމަ ފަޑިޔާރުގެ މައްޗަށް ކުށެއްސާބިތުކޮށް ހުކުމް ކުރީ ހަމަ އެކަނި މިރާއްޖޭގައި އެއީ އަދުލުގެ ފުރިހަމަކަން މިރާއްޖޭގައި އޮތްމިންވަރު !

މިނިސްޓަރު ފިރިމީހާ

ޝަރުއީ ދާއިރާ ފުރިހަމަކަމަށް ގަބޫލު ކުރަންޏާ ގާސިމް ޖަލަށްލާން ކުރި ހުކުމަކީވެސް ވަރަށް ފުރިހަމަ ހުކުމެއް. އަދި ގާސިމުގެ ދަރި ޝަރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް ކޯޓުންކުރި އަމުރަކީވެސް ވަރަށް ފުރިހަމަ އަމުރެއް.

ދޮންސޭޓް

ފުރިހަމަވާނީ މިހާވަރަކަށްނުން.. އަމިއްލައާށް ޤާނޫން އެބަހަދާ ކޯޓްތަކުން.. ކޮންމެވެސް ނަމެއް ކިޔާފަ.. އެއީ ގައިޑް ލައިނޭ ކިޔާފަ..

ހަސަނު

އެއީ ޖުމްހޫރީ ޕާީގެ ޕޮޒިޝަން.. ޖޭޕީން ކޮންމެ ކެނޑިޑޭޓަކު މަޖުލީހަށް އަންނާނީ ޝަރުއީ ކޯޓުތަކުގާ ރަނގަޅު ކުރާންޖެހޭ އެއްވެސް ކަމެއ ްނެތ ްކަމަށް ނިންމައިގެން އެގޮތުގަ....

މޫސާ

އެމް.ޑި.ޕީ. ޜުހޭ ބަޔަކު ފަނޑިޔާރުންނަށްް ތިބެފަ އެމީހުން ރުހޭ ގޮތަށް ޙުކުމްތައް ކުރީމަ އެހުރީ ޝަރުޢީ ދާއިރާ ހަމައަކަށް އެޅިިިފަ!

ސާބަހޭ

ފަރުހާދު ވިދާޅުވި އެއްޗަކާ އެއްވެސް ގުޅުމެއްނެތް ހާސަރުތަކެއް ލިޔެފަ ތިއޮތީ އަސްލެއް ޙަޤީޤތެއް ބަލާލުމެއްނެތި ވަރަށް ޒާތީވެގެންކަމަށް ބުނެވެން އެބައޮތް. ތަންކޮޅެއް ޢިލްމީ ސިފައެއްގައި ޚިޔާލުތައް ފާޅުކުރުން ރަނގަޅުވާނެ.

ތިއްތި

މިއީސޭޓް ދައްކާ ކެންޑިޑޭޓުންގެ އަދި ސޭޓްގެ ވިސްނުަމަކީ. ދެން މިމީހުން ހޮވީމާ ކަޮންކަމެއް އިސްލާހު ކުރާނީ؟ ވިސްނާ ގައުމު.

ލލ

ބަލަ ޝަރިުޢީ ދާއިރާ ފުރިހަމަވަރީ އުއްތަމަ ފަޑިޔާރު ކުށެއް ކޮށްފިއްޔާވެސް އެބަ އަދަބުދެވޭ މިހާފުރިހަމަ ޝަރުއީ ނިޒާމެއް އޮތީ ކޮންތާކުތޯ ؟