Raajjeyge 5 sarahahdhehga hospital tharahgee kuranee
image
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން-- ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް
ސާޔާ އަހްމަދު
0 ކޮމެންޓް
 

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕެޝަލައިޒްޑް ފަސް ހޮސްޕިޓަލް ތަރައްގީ ކުރަނީ

ރާއްޖޭގެ ފަސް ސަރަހައްދެއްގައި "ސްޕެޝަލައިޒްޑް" ނުވަތަ ވަކި ދާއިރާއަކަށް ހާއްސަ ފަސް ހޮސްޕިޓަލް ތަރައްގީ ކުރަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

"އެގޮތުން ރައީސް ނިންމެވީ 10 ހޮސްޕިޓަލުގެ މަސައްކަތް ކުރަން ނިންމާ، އެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން، މިހާރު އަޅުގަނޑުމެން މި މަސައްކަތް ފެށީ ފަސް ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރަން،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަސް ހޮސްޕިޓަލް ތަރައްގީ ކުރާއިރު، އެ ސަރަހައްދަކަށް ބޭނުންވާ ސިއްހީ ހުރިހާ ހިދުމަތެއް އެތަންތަނުން ލިބޭ ވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

"ސްޕެޝަލިސްޓު ޑޮކްޓަރުންނާއި، ތަހުލީލު ކުރެވޭނެ ގޮތްތަކާއި، އަދި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ފުރިހަމަ ކުރުމާއި، މިހާރު އެ ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކުން މާލެ އަށް މީހުން އަންނަން ޖެހެނީ ކޮން ކަންތައްތަކަކަށްތޯ ބަލާ އެކަންކަން ހައްލު ކުރުން،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް ފައިސާ ހަމަޖެހި މިހާރު މަސައްކަތް ފަށައިގަނެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ، ތިން މަސް ތެރޭގައި ނަތީޖާ ފެންނަ ހިސާބަށް ކަންކަން ތަންފީޒު ވެގެން ދިޔުމަކީ އަމާޒު ކަމަށެވެ.

ތަރައްގީ ކުރާ ފަސް ހޮސްޕިޓަލް

މިނިސްޓްރީން ހާމަކުރި ގޮތުގައި ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ކުރަމުންދާ ފަސް ހޮސްޕިޓަލަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަޕް ހޮސްޕިޓަލް، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކަމަށެވެ.

"ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ނިމިފައި މިހާރު. ދެން މިމަހުގެ ނިޔަލަށް އާ އިމާރާތް ހަވާލުކުރާނެ މިނިސްޓްރީ އަށް ކޮންޓްރެކްޓަރުގެ ފަރާތުން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ހޮސްޕިޓަލުތަކުގެ މެނޭޖުމަންޓު ހަރުދަނާ ކުރުމަށާއި، ބޭނުންވާ އިންސާނީ ވަސީލަތާއި މެޝިނަރީ ހަމަކުރުމަށް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ތަރައްގީ ކުރާ ފަސް ހޮސްޕިޓަލް ވަކި ހާއްސަ ކަމަށް ސްޕެޝަލައިޒް ކުރުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އުތުރުގެ ހޮސްޕިޓަލެއް ތެލެސީމިއާއަށް ހާއްސަ ކުރުމަށާއި، ދެކުނުގައި ކެތު ލެބު ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ވިސްނަވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ކޮންމެ ހޮސްޕިޓަލަކަށް ވެސް އޮނިގަނޑެއް ހަދާފައި އޮތް ނަމަވެސް، މިއަދާ ހަމައަށް އައިއިރު އެ އޮނިގަނޑަށް އަމަލުކޮށްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ސަބަބުން އެތަނެއްގައި ހުންނަން ޖެހޭ ވަސީލްތަތައް ފުރިހަމަ ނުވުމުގެ މައްސަލަ ވަނީ ދިމާވެފަ އެވެ.

"ދެން އަޅުގަނޑުމެންގެ ސަރުކާރު އައިސް އަށް މަސް، ހަތް މަސް ވީއިރު، އެތައް އަހަރެއް ކުރިން ހަދާފައި ހުރި ކަރުދާސްތައް އަޅުގަނޑުމެންނާ ހަމައަށް މި ލިބުނީ. ދެން މި ކަރުދާސްތަތައް އެކްޝަނަށް ބަދަލު ކުރުމުގެ ކަންތައްތައް މި ކުރަން ޖެހެނީ،" އަމީން ފާހަގަކުރެއްވި އެވެ.

އޮނިގަނޑަށް އަމަލު ކުރުމުގައި ދިމާވާ ގޮންޖެހުން

މިނިސްޓްރީން ފާހަގަކޮށްފައިވާ 10 ހޮސްޕިޓަލެއް އޮނިގަނޑާ އެއް ގޮތަށް ހިންގުމަށް ބިލިއަނެއްހާ ރުފިޔާ ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން 800 މިލިއަން ރުފިޔާ ބަޖެޓު ކުރެވި، މިވަގުތު އަޅުގަނޑުމެން މިމަސައްކަތް ފަށަނީ 481 މިލިއަން ރުފިޔާ އާއެކީގައި،" އަމީން ހާމަކުރެއްވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ސިއްހީ މަރުކަޒުތައް ހޮސްޕިޓަލުތަކަށް ބަދަލު ކުރުމަށް ނުވަ ތަނެއް ބިޑް ކުރެވި ބިޑުތައް ހަވާލުކުވެރިފައިވާ ކަމަށެވެ. އެތަންތަނުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިނިސްޓްރީގައި އެވޯޑް ކުރުމުގެ މަރުހަލާގައި އިނީ ނުވަ ތަން. އޭގެ އިތުރުން އިތުރު ހަތަރު ތަނެއް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އަމީން އިއުލާން ކުރެއްވި އެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި ބަޖެޓުގެ ދަތިކަމާއި ބޭނުންވާ ވަސީލަތްތައް ހަމައަށް ނުލިބުމުގެ މައްސަލައަކީ އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމެވެ.

އެގޮތުން ސްޕެޝަލައިޒް ވެގެން އަންނަ ދިވެހި ޑޮކްޓަރުން ރާއްޖެ ތެރޭގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، އެކަން ހައްލު ކުރަން ބޭރުން ޑޮކްޓަރުން ގެންނަން ޖެހުނު ނަމަވެސް އެކަން ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިޔާލު