Rilwan ge mahsalagai high court ge bas PG in dhogukoffi
image
ޕީޖީ އައިޝަތު ބިޝާމް
ސީއެންއެމް
1 ކޮމެންޓް
 

ރިލްވާންގެ މައްސަލާގައި ހައިކޯޓްގެ ބަސް ޕީޖީން ދޮގުކޮށްފި

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން ނޭދޭކަމަށް އެކޯޓުން ބުނިބުނުން ޕީޖީ އޮފީހުން ދޮގުކޮށްފި އެވެ.
ރިލްވާންގެ މައްސަލާގައި ދަށުކޯޓްގެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ބުނެފައިވަނީ އެފަދަ ހުއްދައަކަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީން) އެދިފައިވޭތޯ ބެލުމަށް ރިލްވާންގެ އާއިލާއިން ހައިކޯޓަށް ހުށަހެޅި ސިޓީއަކަށް ދިން ޖަވާބުގައެވެ. އެ ސިޓީގެ ޖަވާބު ހައިކޯޓުން ރިލްވާންގެ އާއިލާއަށް ދިނީ އިއްޔެ އެވެ.

އެ ސިޓީގެ ޖަވާބުގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް އެ ކޯޓުގެ ރެކޯޑުތަކުން ނުދައްކާ ކަމަށެވެ.

މިމައްސަލާގައި ޕީޖީން ރޭ ކުރި ޓްވިޓެއްގައި ބުނެފައިވަނީ ރިލްވާނު ގެއްލުވާލި މައްސަލާގައި ދައުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ އޯގަސްޓް 2 ވަނަ ދުވަހު ހުކުމް ކުރުމާ އެކު ހަމަ އެ ދުވަހު، އެ މައްސަލަ އިސްތިއުނާފުކުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި އޯގަސްޓް ހަ ވަނަ ދުވަހު ހައި ކޯޓުން އެކަމަށް ޖަވާބު ދީފައިވާ ކަމުގައެވެ. ނަމަވެސް މިމައްސަލާގައި ކޯޓުން ދިން ޖަވާބެއް ޖީޕީން ހާމައެއް ނުކުރެއެވެ.

މީގެކުރިން މިދިޔަ މަހު 22 ވަނަ ދުވަހު، މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައިވެސް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްވަނީ ރިލްވާންގެ މައްސަލާގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުއްވިކަމަށް ވިދާޅުވެފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ފަސް އަހަރު ވެފައިވާއިރު ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް 8 ވަނަ ދުވަހުގެ ރެއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުގެ ބޭރުގައި އެރޭ މީހަކު ގަދަ ކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި އެ ކާރުން ރިލްވާން މަންމަގެ ޑީއެންއޭ ވެސް ވަނީ ފެނިފަ އެވެ.

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާން އަބްދުﷲ ގެއްލުވާލުމުގެ ފަހަތުގައި ޓެރަރިސްޓް ގްރޫޕު ދެނެގަނެވިފައިވާ ކަމަށާއި އޯގަސްޓް މަސް ނިމުމުގެ ކުރިން އެ މައުލޫމާތު އާއްމު ކުރުމަށް ވިސްނަމުންދާ ކަމަށެވެ.
ހިޔާލު

ސަލާމް

މީނާ ޚަބަރުން ނުފެންނާނެ ދުވަހެއްގެ އިންތިޒާރުގަ. ހާދަ މީހަކަށް ޔާމީން ބުނެގެން އަނިޔާ ކޯށްފަ ހުރި މީހެކޭ