Fandiyaarun gadijehey gothah furathama faharah usooleh ekulavaalaifi
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެހެން ބައެއް ފަނޑިޔާރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޑީޖޭއޭ
1 ކޮމެންޓް
 

ފަނޑިޔާރުން ގަޑިޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް އުސޫލެއް އެކުލަވާލައި

ފަނޑިޔާރުން ވެސް ގަޑިޖެހޭ ގޮތަށް ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނުގެ ދަށުން ހަދާފައިވާ މިއުސޫލުގައި ބުނެފައިވަނީ ކޯޓު ތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.

މިއުސޫލުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ. ރަމަޟާން ފަހު ފަނޑިޔާރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ.

ފަނޑިޔާރުން ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ވުރެ ލަހުން ހާޒިރުވެއްޖެނަމަ ގަޑިޖެހޭނެ ކަމަށް މިއުސޫލުގެ ތިންވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އާންމު މަސްތަކުގައި ފަނޑިޔާރަކު ގަޑިޖެހޭނީ ހެނދުނު 8:31ގެ ފަހުން ކަމަށާއި ރަމަޟާން މަހު ގަޑިޖެހޭނީ ހެނދުނު 9:01 ގައި ކަމަށްވެސް އުސޫލުގައިވެ އެވެ.

ފަނޑިޔާރެއްގެ ގަޑި ނުޖެހޭ ގޮތަށް ހަމަޖެއްސޭނީ އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ ކަނޑުގަދަވުން ފަދަ މަގުބޫލު އުޒުރެއް ދިމާވުމުން ކަމަށް އުސުލޫގައިވެ އެވެ. މިފަދަ ހާލަތެއްގައި ފަނޑިޔާރު ކޯޓަށް ހާޒިރުވާންޖެހޭ ވަގުތު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މަޝްވަރާއާ އެކު އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓާ ނުވަަތަ އެ ކޯޓެއްގެ އިދާރީ އެންމެ އިސް މުވައްޒަފު ފަނޑިޔާރަށް އެންގުމަށްވެސް އުސޫލުގައިވެ އެވެ. އަދި މިވަގުތަކީ ކޯޓުގެ ރަސްމީ މަސައްކަތު ވަގުތުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ވަގުތަކަށް ވެގެން ނުވާނެ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

މިއުސޫލުގައި ބުނެފައިވަނީ ފަނޑިޔާރު ކޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ 30 މިނެޓް ކުރިން ވާރޭވެހިގެން ނުވަތަ ދަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުވެވިއްޖެނަމަ އެ ދުވަހަކު ގަޑި ނުޖެހޭނެ ކަމަށެވެ. މިފަދަ ދުވަސް ދުވަހު ގަޑިޖެހޭނެ ގަޑި ކަނޑައަޅާނީ މޫސުމާ ބެހޭ އިދާރާއިން ރިޕޯޓެއް ހެދުމަށްފަހު އެ ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރު ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

ފަނޑިޔާރުންނަށް ސަލާމުގެ ޗުއްޓީ ދިނުމުގައި އަމަލުކުރާނީ ވަޒީފާއާ ބެހޭ ގާނޫނާއި މިއުސޫލުގައިވާ ގޮތުގެ މަތިން ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފަނޑިޔާރަކު ހިދުމަތް ކުރާ ކޮންމެ އަހަރަކަަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި އާއި އަހަރީ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ގިނަވެގެން 30 ދުވަސް ދެވިދާނެ ކަމަށްވެސް މިއުސޫލުގައި ވަނީ ބުނެފަ އެވެ.

ފަނޑިޔާރުން އޮފީހަށް ނިކުމެވަޑައިގަތުމަށް މީގެކުރިންވެސް ރަސްމީ ގަޑިއެއް ކަނޑައަޅާފައިވެ އެވެ. ނަމަވެސް ކަނޑައަޅާފައިވާ ގަޑިއަށް ވުރެ ލަހުން އޮފީހަށް ނިކުންނަވާ ފަނޑިޔާރުންގެ މުސާރައިން މީގެ ކުރިން ކަނޑަމުން ނުދާ ކަމަށް އެނގިފައިވެ އެވެ.
ހިޔާލު

ޏަރު

ރައްޔިތުން މަޖުލީހުގެ މެމްބަރުންނާއި މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ވެސް ގަޑިޖެހޭވޮތަށް ހަދަންވާނެ. އޭރުންތައް ތިންބާރު ހަމަހަމަވާނީ.