Belt and Road aai gulhey dharanee araarun!
image
ކުރީގެ ރައީސް އަބްދުﷲ ޔާމިނާއި ޗައިނާގެ ރައީސް ޝީޖިން ޕިން
1 ކޮމެންޓް
 

ޗައިނާގެ ބެލްޓް އެނޑް ރޯޑްއާ ގުޅޭ ދަރަނީގެ އަރާރުން!

ދިވެހިރާއްޖެ ޗައިނާގެ ދަރަނީގެ ވާހަކއަކީ ވަރަށް ހޫނުކޮށް ދެކެވޭ ބަހުސް ކުރެވޭ ވާހަކައެކެވެ. ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާ އެމްބެސެޑަރު ވެސް ވަނީ މިކަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ސާފުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސްޓޭޓް ކައުންސެލަރ، ވާންގ ޔީވެސް ވަނީ 20 ސެޕްޓެމްބަރުގެ ބައްދަލުކުރެއްވުމުގައި މިކަން ވަޒީރަށް ސާފުކޮށް ދެއްވާފަ އެވެ. ސްޓޭޓް ކައުންސެލަރ ވިދާޅުވި ގޮތުގައި ޗައިނާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖައްސާފައެއް ނުވާނެ އެވެ.
ޗައިނާއިން ބުނާ ގޮތުގައި އެގައުމުން ކުރާ މަސައްކަތަކީ ޗައިނާގެ ތަޖުރިބާއާއި ޗައިނާގެ ރައުސްމާލު ބޭނުންކޮށްގެން ސަރަހައްދުގެ ކުދި ގައުމުތަކުގައި އިންވެސްޓް ކޮށްދިނުމެވެ. މި އިންވެސްޓްމެންޓަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ކުރެވޭ އިންވެސްޓްމެންޓްތަކެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަކީ އޭގެ ފެށުމުގައި ވަރަށް ބާރަށް ކުރިއަށް ދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އުމުރުގެ ފަސްއަހަރު ފާއިތުވެގެން ދިއުމަށްފަހު، މިހާރު މި މަޝްރޫއަށް ކޮންމެވެސް ވަރެއްގެ ވަޅޯކަމެއް އައިސްފައިވާކަން ފާހަގަކުރެވެ އެވެ. މިމަޝްރޫއުގެ ދަށުން އިންވެސްޓްކޮށްފައިވާ ގައުމުތަކުގެ އެތެރޭގެ ބިޔަ ކޮޅިގަނޑުތަކާ ކުރިމަތިލާން މިހާރު ވަނީ ޖެހިފަ އެވެ. މިމަޝްރޫއާ ދެކޮޅަށް އަޑު އުފުލާ ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މިއީ އައުވައްތަރެއްގެ އިސްތިއުމާރީ ހަރަކާތެއްގެ ފެށުމެކެވެ.

ފާޑުކިޔުންތައް އަމާޒު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މި އިންވެސްޓްމެންޓްތަކުގެ އަމާޒު ފަތްގަނޑަކަށްވި ޗައިނާގެ ރަހުމަތްތެރި ގައުމުތަކުގައި ކޮށްފައިވާ އިންވެސްޓްމެންޓްތަކުން އެ ގައުމުގެ ރައްޔިތުންނަށް މަންފާއެއް ލިބިފައެއް ނުވެ އެވެ. ނުވަތަ އެފަދަ މަންފާއެއް އިހުސާސް ކުރެވިފައެއް ވެސް ނުވެ އެވެ. އަދި ފާޑުކިޔާ ފަރާތްތަކުން ދައްކައިދެނީ، ޕްރޮޖެކްޓްތަކުގެ އަގުތަކުގެ ބޮޑު ވާހަކަ އެވެ. ލޯންތަކުގެ އިންޓަރެސްޓްގެ ބޮޑުވާހަކަ އެވެ. މިއީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ނަގާކިޔަން އުޅުނު ގައުމުތަކުން އިވޭ ވާހަކަތަކެވެ. ޕާކިސްތާނާއި ސްރީލަންކާއިންވެސް މިއަޑުތައް އިވެ އެވެ. އަދި އިންތިހާއަށް ފާޑުކިޔުންތައް ބޮޑުވި ބައެއް ތަންތަނުން ޗައިނާއަށް އިސްތިއުމާރީ ބާރެއް ކަމަށްވެސް ގޮވާފައިވެ އެވެ. ސިޔާސީ އޮއިވަރަށް އަންނަ ބަދަލާ ގުޅިގެން މިފަދަ ވާހަކަތަކާ އެކު ޗައިނާގެ އިންވެސްޓްމެންޓާ މެދު އައު ވިސްނުމަކުން ވިސްނުމަށްވެސް ސިޔާސީ ލީޑަރޝިޕުން ނިންމާފައިވެ އެވެ. ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ޗައިނާގެ ތަޖުރިބާއާއި އިންވެސްޓްމެންޓްގެ ތަރައްގީގެ ހުވަފެނާ ދެކޮޅަށް ބަޔަކު ކުރިމަތިލައި، ސިޔާސީ ބަހުރުވަ، ކުރިމަތިލުމުގެ ބަހުރުވައަކަށް ބަދަލުވެގެން ދިއުމެވެ.

ޗައިނާގެ އިންވެސްޓްމެންޓްތައް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކުގައެވެ. ޗައިނާގެ އިންވެސްޓްމެންޓު ރާއްޖެއަށް ފާއްދާލީ އެޒަމާނުގައި އެހެން ހުރިހައި ކަމެއްވެސް ދިޔަފަދައިން ލައިނުގަނެގެން ދިޔަފަދަ ސްޕީޑެއްގަ އެވެ. ބިދޭސިންނަށް ރާއްޖޭގެ ބިންތައް މިލްކު ކުރެވޭ ގޮތަށް ރާއްޖޭގެ ގާނޫނުއަސާސީއަށް ކުއްލި ގޮތަކަށް 2015 ވަނަ އަހަރު އިސްލާޙެއް ވެސް ގެނަ އެވެ. ހަމަ އެއާއެކު ތައުލީމީ ދާއިރާއަށް ޚާއްސަކޮށްފައި އޮތް ފޭދޫ ފިނޮޅު ދިގު މުއްދަތަކަށް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރެވުނެވެ. ސަރުކާރުން ދިޔައީ ޗައިނާގެ އިންވެސްޓްމެންޓްތަކަށް ތައްމިނަށް ދޮރު ހުޅުވައިދެމުންނެވެ. އޭގެ ދެ އަހަރު ފަހުން 2017 ވަނަ އަހަރު ހިނދުކޮޅެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ނިންމާލީ ޗައިނާއާއި ރާއްޖެއާ ދެމެދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. މައުލޫމާތު ހޯދަން އަހާލި ގިނަ މެންބަރުން ވިދާޅުވަމުން ގެންދިޔައީ އެއްބަސްވުމުގެ ދެލިގަނޑާއި ބޭރުގަނޑުވެސް ނުދެކޭ ކަމަށެވެ.

ތަފާތު ޚިޔާލުތަކާއި އެކު ވާދަވެރި ސިޔާސީ ނިޒާމަކަށް ފައްކާވަމުން ދިޔަ މުޖުތަމައެއްގައި ސިޔާސީ މަންފާއަށްޓަކައި ވެރިކަމުން ދިޔައީ މުޅި ނިޒާމު ކަންފަތިކުރަމުން ދޭސީ ކުރަމުންނެވެ. ކެފޭތަކާއި ހޮޅުއަށިތަކާއި ސިޔާސީ މަހްފިލްތަކާއި މަޖިލިސްގެ ތެރޭންވެސް ދެކޮޅުވެރި އަޑުތައް ގުގުމަމުން ދިޔަ އެވެ. އަމާޒު ފަތްގަނޑަކަށް ވެގެން ދިޔައީ ޗައިނާގެ އިންވެސްޓްމެންޓްތަކެވެ. އެތެރޭގައި އުފެދެމުން ރެނދުލަމުން ދިޔަ ދެކޮޅުވެރިކަމުގެ ޝިކާރައަކަށް ވެގެން ދިޔައީ ރައްޔިތުންގެ ޝަކުވާތަކަށް ފަރުވާ ހޯދައިދޭން ތިބި މަސްއޫލުވެރިންނެވެ.

ސިޔާސީ ލީޑަރުންނާއި މަޖލިސް މެންބަރުން ހައްޔަރުކުރުމާއި ޝަރީއަތް ކުރުމަކީ ކޮންމެ ދުވަހެއްގެ އެޖެންޑާއަކަށް އޮތީ ވެފަ އެވެ. 2018 ވަނަ އަހަރު ފެށުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އުއްތަމަ ފަނޑިޔާރުވެސް ހައްޔަރުކޮށް ސަރުކާރާ ދެކޮޅުވެރިވުމުގެ ހުރިހައި ދިމާލެއްގައި ތަޅު އެޅުވީ އެވެ.

ރާއްޖޭގައި އިންވެސްޓް ކޮށްގެން އޮތް ޗައިނާއަށް ބޮޑު ފާޑުކިޔުމެއް އިތުރަށް އަމާޒު ވެގެން ދިޔައީ ސިޔާސީ މަސްރަޙު ފިނިކުރުމަށް ޗައިނާއިން އެގައުމުގެ ގުޑް އޮފީސް ބޭނުން ނުކުރުމުންނެވެ. މިކަން މާނަ ކުރެވުނީ ޔާމީންގެ ސަރުކާރަށް ޗައިނާއިން ފުރިހަމައަށް ވާގިވެރިވީ ކަމުގަ އެވެ. އަދި އިވިގެން ދިޔައީ މަސްރަހު އިތުރަށް ހޫނު ވެދާނެފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އިންޒާރު ދިން ތަނެވެ.

އައު ބުރަކަށް ޗައިނާގެ އިންވެސްޓްމެންޓްތައް އޮހެން ފެށި އެވެ. ބޯ ހިޔާވަހިކަމުގެ މަޝްރޫއަތަކަށް ފައިސާ ދިނުމާއި ކަރަންޓާއި ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ހަލުއި ކަމާއެކު ފައިސާ ލިބެން ފެށި އެވެ. ބައެއް ފަރާތްތަކުން ހިސާބު ޖަހާފައިވާ ގޮތުގައި ޗައިނާގެ ހުރިހައި މަޝްރޫއުތަކުގެ ޖުމުލަ 1.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. މި އަދަދާ މެދު ދެބަސްވާ ފަރާތްތަކުން ދައްކާ އަދަދު ބޮޑުތަނުން ކުޑަކަމަށް ދައްކަ އެވެ. ނަމަވެސް އަދަދު ޖެހުމުގެ މި އަރާރުމުގައި ހިމެނެނީ ކޮން އަދަދު ތަކެއްކަމާއި އުނި ކުރެވެނީ ކޮން އަދަދުތަކެއް ކަން އަދިވެސް ހަމަ ހިލާ ސާފެއް ނުވެ އެވެ. ނިސްބަތުން އަދަދު ކިޔައިދޭ މީހުން ބުނަނީ މި ދަރަންޏަކީ، ދިވެހި ގައުމުގެ ޖުމުލަ އުފެއްދުންތެރިކަމުގެ ނިސްބަތުން 40 އިންސައްތަ ކަމުގަ އެވެ. ރައްޔިތުންގެ ތެރެއިން ވިޔަ ޖަހައި އުޅޭ މީހުން ބުނަނީ ތިމަންމެން މިތިބީ މިއަށް އަންތަރީސް ވެފައި ކަމަށެވެ.

ޗައިނާއަކީ ކުރު މުއްދަތެއްގައި ފައިން ލޮނު ހިކުނު މެހުމާނެކެވެ. ވިޔަފާރީގެ ގުޅުންތަކުންނެވެ. ޅިޔަން ފަހަރިކަމުންނެވެ. މި ވިލުނޫ ކަނޑުތަކާއި ހުދު، ހިމުން ދޮންވެލީގެ ގޮނޑުދޮށްތައް ވެގެން ދިޔައީ ޗައިނާ ފަތުރުވެރިންގެ ހިތްގައިމު މަންޒިލަކަށެވެ.

ގަލަކުން ގަލަކުން ދިވެހިން ބިނާ ކުރި ފަތުރުވެރިކަމުގެ ހުރިހައި ދިމާލަކަށްވެސް ޗައިނާގެ އިންވެސްޓްމެންޓްގެ ދީލަތިކަން ފެންނާން ފެށި އެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ. ގިނަ ފަތުރުވެރިން ރާއްޖެއަށް އަމާޒު ހިފި ފަދައިން، ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ޗައިނާ ކުންފުންޏަކަށެވެ. ރާއްޖޭގައި އޮތް ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕްރޭޓް ކުރަންވެސް ޗައިނާގެ ކުންފުންޏެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ޗައިނާއިން ކުރި ހޯދި ނިސްބަތް ބަޔާންކޮށްދެއްވަމުން، ރާއްޖެގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ ރާއްޖޭގެ ސަތާރައެއްހައި ރަށް ވަނީ ޗައިނާގެ ކުންފުނިތަކުގެ އިންވެސްޓްމެންޓަށް ދޫކޮށްފަ އެވެ.

ރާއްޖޭގެ ކަންކޮޅުތަކުން މިހާރު ފެންނަމުން ދަނީ އިގްތިސާދީ ދުވެލި މަޑު ޖެހިފައިފައިވާ ތަނެވެ. އެއް ރިޕޯޓެއް ބުނާ ގޮތުންނަމަ، ކޮންމެވެސް ދިމާލަކުން އަންނަމުން ދިޔަ ކަޅު ފައިސާއަށް މި އުޅެނީ ދޮރު ބަންދުވެގެންނެވެ. އިގްތިސޯދީ ހޫނުގަނޑުގައި ހަންކެނޑެނީ ހަމަ ނިކަމެތި ދިވެހި މީހާ އެވެ. އޭނާ ނޫނީ އޭނާގެ ކާފަ ދަރިން ދަރަނީގެ ދަންތުރައެއްގައި ނުޖެހޭނެނަމަ ކިތަންމެހާވެސް ރަނގަޅެވެ.

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މަގުސަދަކީ، އޭޝިއާއާއި ޔޫރަޕް ގުޅުވާލުމެވެ. މި މަޝްރޫއުގައި ބައިވެރިވާ ގައުމުތަކުގެ އިގްތިސާދު ދަރަނިވެރިވެފައި ވުމަކީ ނުވަތަ އެފަދަ ނިކަމެތި އިހުސާސެއް އެތަންތާގެ ރައްޔިތުންގެ މެދުގައި އޮތުމަކީ އެރައްޔިތުންނަށް މޮޅިވެތިކަން އިޙުސާސް ކޮށްދޭ ކަމެކެވެ. ސިޔާސީ ބަހުސަކަށް މިކަން ވެގެން ދަނީ މިސަބަބާ ހެދި އެވެ.
ހިޔާލު

މުރާދު

ޗައިނާއަށް ދިވެހިން ދަރުވާފައިވަނީ ކުރީގެ ސަރުކާރުން. އެމީހުން މިކަމަށް ޒިންމާ ވާން ޖެހޭނީ. ޗައިނާއަކީ ފުރުސަތެއް ލިބުމުން އެހެން ވިޔަފާރި ވެރިއެކޭވެސް އެފަދައިން ވިޔަފާރިއަށް އަންނަ ފައިދާ ހޯދަން އަންނަ މީހެއް.