Uhthama fandiyaaruge varugadha inzaareh DJA ah!
image
އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ -- ފޮޓޯ: ވަންއޮންލައިން
7 ކޮމެންޓް
 

އުއްތަމަ ފަނޑިޔާރުގެ ވަރުގަދަ އިންޒާރެއް ޑީޖޭއޭއަށް!

ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު ގާނޫނާއި ގަވައިދުގެ ބޭރުން ބޭއިންސާފައި އަނިޔާވެރި ގޮތެއްގައި ޣައިރު ގާނޫނީ ފިޔަވަޅު އެޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ޑީޖޭއޭއަށް ވަރުގަދަ އިންޒާރެއް ދެއްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހީމްގެ މައްސަލަތަކެއް ތަހުގީގުކުރަމުންދާތީ އޭނާ ވަޒީފާއިން ސަސްޕެންޑްކޮށް އެކަން ސުޕްރީމް ކޯޓަށް އިއްޔެ އެންގުމާ ގުޅިގެންނެވެ.

އާތިކާ ސަސްޕެންޑް ކުރި ވަކި ސަބަބެއް ޑީޖޭއޭ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާތިކާ ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަންގަވައިގެން ސެކްރެޓަރީ ޖެނަރަލް ޑރ. ހުސައިން ފާއިޒުގެ ޒިންމާތަކާ، އާތިކާ ހަވާލުވެވަޑައިގަތުމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް އާތިކާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެނގިފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މިއަދުން ފެށިގެން އާތިކާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަން ޑީޖޭއޭ އިން އިއްޔެގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް އަންގާފައިވާ ކަމަށެވެ. އާތިކާ ސަސްޕެންޑްކޮށްފައިވަނީ 2011 ވަނަ އަހަރު އަމަލުކުރަން ފެށި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 220 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރަށް ރިއާޔަތްކޮށްފައި ކަމަށް ޑީޖޭއޭގެ ސިޓީގައި ބުނެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވީ ޑީޖޭއޭ އިން އާތިކާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އެކަން ކުރަން އޮންނަ އުސޫލުތަކާއި އިޖުރާއާތުތަކުގެ ބޭރުން ތައައްސުފީ ގޮތެއްގައި ކަމަށެވެ. އަދި ޑީޖޭއޭ އިން އެގޮތަށް އަމަލުކުރުމާ ގުޅިގެން ވަރަށް ބޮޑަށް ހައިރާންވެ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އާތިކާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އޭނާގެ މައްސަލައެއް ބަލަމުންދާ ކަން އެންގުމަކާ ނުލައި، އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދީ ކަމަށްވެސް ބަޔާނުގައިވެ އެވެ. ކޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކާ ދެކޮޅަށް ޑީޖޭއޭ އަށް ފިޔަވަޅު އެޅޭނީ އެ މުވައްޒަފަކު މަސައްކަތް ކުރާ ތަނަކުން އެމައްސަލަ ފުރަތަމަ މަރުހަލާގައި ބަލައި، ފިޔަވަޅު އެޅުމަށް ޑީޖޭއޭއަށް އެންގުމުން ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

"ކުއްލިއަކަށް އޭނާ ސަސްޕެންޑްކުރުމަކީ ނެޗުރަލް ޖަސްޓިިސްއާ ހިލާފަށް މުވައްޒަފުންނާ މެދު ނާޖާއިޒު ގޮތްގޮތުން ބާރުގެ ބޭނުންކޮށް، މުވައްޒަފުން ބުލީ ކުރުމުގެ އަމަލެއްކަމާއި، އޭގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި، ކޯޓުތަކުގެ މަސްލަހަތު ގެއްލިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށްވެސް އަޅުގަނޑު ދެކެމެވެ،" ޑީޖޭއޭގެ ނިންމުމަށް ފާޑުވިދާޅުވަމުން ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި، ކޯޓުތަކުގެ ގާނޫނުގެ 4 ވަނަ މާއްދާއައި، ފަނޑިޔާރުންގެ ގާނޫނުގެ 35 ވަނަ މާއްދާއަށް ބަލާއިރު ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރުކަމާއި އެ މަގާމުގައި ހުންނަވާ ބޭފުޅަކު އިދާރީގޮތުން އުފުއްލަވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކެއް ހުންނަ ކަމަށެވެ. ނަމަވެސް ޑީޖޭއޭ އިން ދުސްތޫރީ އަދި ގާނޫނީ ނައްސުތަކުގެ ބާރު ކަނޑުވާލައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. ޑީޖޭއޭ އިން އެގޮތަށް އަމަލުކުރުމުގެ ސަބަބުން އެމަނިކުފާނާ ހަވާލުކުރެވިފައިވާ ދުސްތޫރީ އަދި ގާނޫނީ ވާޖިބުތަކާއި އެމަނިކުފާނުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުރަސްއެޅެމުންދާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.

މިބަޔާނުގައި ވިދާޅުވެފައިވަނީ ޑީޖޭއޭގެ އަމަލުތަކަކީ ޝަރުއީ ކޯޓުތަކުގެ މިނިވަންކަން ނިގުޅައިގަނެ، ކޯޓުތަކުގެ އެތެރޭގައި ނުފޫޒާއި ބާރު ހިންގުމުގެ ސަގާފަތެއް އުފައްދައި، ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެއްދުމަށްޓަކައި ހިންގަމުން ގެންދާ ޣައިރު ދުސްތޫރީ، ޣައިރު ގާނޫނީ އަދި އިންތިހާ ދަރަޖައިގެ ލަދުވެތި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން އުއްތަަމަ ފަނޑިޔާރު ވަނީ ޑީޖޭއޭގެ އަމަލުތައް ހުއްޓުވައި، މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުތަކަށް ވެސް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމުގައި ދައުލަތުގެ އެންމެހާ ފަރާތްތަކުން ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

"ހަމައެހެންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު ގާނޫނާއި ގަވައިދުގެ ބޭރުން އަނިޔާވެރި އަދި ބޭއިންސާފު ގޮތެއްގައި ޣައިރު ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އަޅުގަނޑު ނުދޭނެ ވާހަކައާއި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް އެފަދަ ފުރުސަތެއް ނުދެއްވާނެކަމުގެ ޔަގީންކަން އޮތް ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ." އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ނެރުއްވި ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
ހިޔާލު

ހުދުޖަންގިޔާ

ވެރިކަން ފެށިގެން އަންނަނީ ރަ އްޔިތުންގެ ކިބަ އިން. ވީމާ މީ ރަ އްޔިތުންގެ ވެރިކަމެ އް. ރަ އްޔިތުންނަށްވުރެ ބާރުގަދަ މީހަކަށްވާން ނޫޅު އްވާ. ލަ އްކަދުވަހު ތިޔަގޮތަށް އުޅެފި. ކޮންމެވެސް ދުވަހަކުން އިންސާފު އަރާ ހަމަކުރާނެ. މި އަދު މީ އެދުވަސް.

ލލ

2009 ކުން ފެށިގެން ދައުލަތުގެ މުވައްޒަފުން ނާއި މަސްޢޫލު ވެރިންގެ ކިބައިން ފެންނަމުންދަނީ ދަށުދަރަޖައިގެ އަހުލާޤީ ސިފަ އެކަކު އަނެކަކަށް ޖެއްސުން ކުރުމާއި އެކަކު އަނެކެއްގެ އަގުވައްޓާލާ ކަރަށް ފައިން އަރަން އުޅޭ މަންޒަރު، ! ކޮންމެ މީހަކުވެސް މަތީ މަޤާމު ތަކާއި ގޮޑީގެ ދަހިވެތި ކަމުގައި އުޅޭ މަންޒަރު ކޮންމެ ތަނެއްގެ ތެރޭގައިވެސް!

ޙުސެއިން

މިހާރު އެނގިއްޖެ ޢަބްދުﷲ ޔާމީން ސްޕްރީމް ކޯރޓް ގެ ފުރާޅު ނެއްޓީ އެނޫން ގޮތެއް ނެތިގެންނެވެ. މިސްޓޭކް ހެދުނީ އަސްލު އުފުރަންވާމީހާ ނޫން މީހަކު އުފުރާލެވުނީމައެވެ. މުޅި ސްޕްރީމް ކޯޜޓް ގަޑްބަޑް ކުރީމީނާއެވެ.

ހަސްން

މަނިކުފާނު ފަނޑިޔާރުކަމުގައި ހުރެގެން 60000 ރައްޔިތުން ތަމްސީލް ކުރަމުންދިޔަ 12 މަޖިލިސް މެމްބަރުނާ މަތި ކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސްއެޅިއިރު ވިސްނާލެއްވިންތޯ، މިޔަދު މަނިކުފާނުގެ މައްސަލަތައް ޤާނޫނުގެ ތެރެއިން ބަލަންފެށުމުން ފަޔަށް ހިނިއަރައިގެން ތިއުޅުއްވަނީ ކިހިނެއްވެގެންތޯ؟ މަނިކުފާނަކަށްވެސް ޤާނޫނަށްވުރެ މަތީނުހުރެވޭނެ، ފަހުބަސްބުނާތަނޭކިޔާފަ ރައްޔިތުންނަށް އޮޅުވާލާ ވައްކަމާ ކަރަޕްޝަނާ އަނިޔާވެރިން ނިމިދިޔަ 5އަހަރު ހިމާޔަތްކޮށް ތިމަޤާމަށް އާދެވުނުގޮތާމެދު ވިސްނާލައްވާ

އަލީރަފީގު

ދެފަރާތުގެ އަޑޫ އަހާފައިތޯ ވަކީލުން 2 އަހަރު 3 އަހަރު ވަންދެން ސަސްޕެންޑުކޮށްފައި ބޭތިއްބީ؟ މިހާރު ތިޔަ ބޭފުޅުންނާ ޖެހުނީމާ އެހެން އުސޫލެއް ދެއްތޯ؟

ކިޔު5

އަޅުގަނޑުމެންނަށް ކަން ކުރެވިފައިވާ ގޮތް އަޅުގަނޑުމެން ވިސްނައި ފިކުރުކޮށް ފިލާވަޅު ލިބިގަތުން މުހިންމު ނުވާނެތޯ؟!

މުހަންމާ

ފަނޑިޔާރު މަނިކުފާނު ކީއްވެތޯ ހުކުމެއް ނުނެރުއްވަނީ! ސޫމޯޓޯ ގެ އުސޫލުން މައްސަލަ ބަލާ ހުކުމެއް ނެރުއްވަންވީ ނޫންތޯ!!