Raees Yamin aai nulaa PPM ge musthaqubalu othee kihineh?
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ: ރައީސް އޮފީސް
2 ކޮމެންޓް
 

ރައީސް ޔާމީނާއި ނުލައި ޕީޕީއެމްގެ މުސްތަގުބަލު އޮތީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާ އެކު މިހާރު ސުވާލު އުފެދެނީ އިދިކޮޅު ޕީޕީއެމްގެ މުސްތަގުބަލާ މެދު އެވެ. މިސުވާލު އުފައްދަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ޕީޕީއެމްގެ މުށުތެރޭގައި ޕީއެންސީ އޮތުމަކީ ޕީޕީއެމްގެ މުސްތަގުބަލާ މެދު ސުވާލު އުފައްދަންޖެހޭ އެއް މައްސަލަ އެވެ. ޕާޓީގެ ތެރޭގައި އުފެދިފައިވާ ވަކިވަކި ގުރޫޕްތަކާއި ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ އުޅުމާއި ގުޅުންތައް ހުރީވެސް ޕީޕީއެމްގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭ ގޮތަށެވެ.
އެންމެ ފުރަތަމަ ކަމަކަށް ޕީޕީއެމްއަކީ އެއްވެސް އިރަކު އެޕާޓީގެ އެތެރޭގައި ހަމަޖެހުމެއް އޮތް ޕާޓީއެއް ނޫނެވެ. ބަޔަކު ގަބޫލުކުރުމާއި ނުކުރުން އެއީ އެހެން މައްސަލަ އެކެވެ. ޕީޕީއެމް ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާނަމަ މިހަގީގަތް ގަބޫލުކުރަންޖެހެ އެވެ. ޕާޓީގެ އެތެރޭގެ ސަފުތައް ވަރުގަދަކުރަންޖެހެ އެވެ. ޕާޓީގެ އެތެރޭގައި ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވެފައި ތިބި ވަކިވަކި ގުރޫޕްތަކުގެ ވާދަވެރިކަން ޕާޓީގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތަށް ބަދަލުކުރަންޖެހެ އެވެ. ސިޔާސީ ހަސަދަ އާއި ދުރުވެ ޕާޓީގެ އަމާޒު، އެއީ ވަކިވަކި ގުރޫޕްތަކުގެ އަމާޒު ކަމަށް ދެކި އެކަތިގަނޑެެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހެ އެވެ. އެކަމަކު މިއަދު ޕީޕީއެމް އަދި ފެންނަނީ އެގޮތަށް މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތަކު ނޫނެވެ.

ޕާޓީގެ ލީޑަޝިޕާއި ގުރާސްރޫޓާ ކެނޑިފައި އޮތް ގުޅުން ވަރުގަދަކުރަން ޖެހެ އެވެ. މިގުޅުން ކުޑަކަން ޕީޕީއެމްގެ އާންމު މެންބަރުން މީގެކުރިން ބައެއް ފޯރަމްތަކުގައި ބުނެފައި އެބަހުއްޓެވެ. ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އާންމު އާދައިގެ ރައްޔިތުންގެ ވިސްނުމާ ދުރު، އަބުއި ބޭފުޅުންތަކެކެވެ. ޕީޕީއެމްގެ ލީޑަޝިޕާއި އާންމު މެންބަރުންގެ ގުޅުން ކުޑަވެގެންދާ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ވެދާނެ އެެވެ. މިއީ އިއްޔެ އަކު މިއަދަކު ދެކެވޭ ވާހަކަތަކެއް ނޫނެވެ. ޕީޕީއެމް އުފެދުނީއްސުރެ މިވާހަކަތަކެއް ދަނީ އިވެމުންނެވެ. ރާއްޖޭގެ މިއަދުގެ އާބާދީ އަކީ ޒުވާނުންގެ ނިސްބަތް ބޮޑު އާބާދީ އެކެވެ. މިއަދުގެ ޒުވާނުން ބޭނުންވަނީ އެންމެ އާދައިގެ ލެވަލްގައި އުޅެވޭ، އެންމެންނާ ވެސް ގުޅޭ "ކޫލް" ބޭފުޅުންނާ އެކު ސިޔާސީ ގޮތުން ކުރިއަށްދާށެވެ. އެހެންކަމަށްވާނަމަ ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ އަބުއި ދިރިއުޅުން ބަދަލުކޮށް އާންމު މީހާގެ އިހްސާސްތަކާ އެއްގޮތަށް އުޅުން ބަދަލުކުރަންޖެހެ އެވެ. އެހެންނޫނީ ޕާޓީގެ ގުރާސްރޫޓްގެ މެންބަރުންގެ ބައިވެރިވުން ހޯދަން ދަތިވާނެ އެވެ. އެއީ ކުރިއަށްދާން ދަތިވާނެ މައްސަލަ އެކެވެ.

ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޕީއެންސީ ހަރަކާތްތެރިވާ ގޮތުންވެސް ޕީޕީއެމްގެ މުސްތަގުބަލާ މެދު އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ޕީއެންސީ އުފެއްދީ ޕީޕީއެމްގެ މިލްކުވެރިކަމާ މެދު އުފެދުނު މައްސަލައެއްގައި ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމް ދޫވެއްޖެނަމަ އަރާނެ ސިޔާސީ ގަލެއްގެ ގޮތުގަ އެވެ. ސިޔާސީ ގޮތުން ކުރިއަށްދާނެ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. ޕީއެންސީ އުފެއްދި މަގުސަދު ރަނގަޅެވެ. ނަމަވެސް ރައީސް ޔާމީން ބޭނުންވި ގޮތަށް އެމަނިކުފާނަށް ޕީޕީއެމް ލިބިވަޑައިގެންފައިވާތީ ޕީއެންސީ އިތުރަށް ހަރަކާތްތެރިވުން އެއީ ޕީޕީއެމަށް އެންމެ ރަނގަޅު ގޮތްތޯ އެޕާޓީން ދެވަނަ ވިސްނުމަކަށް ދާންޖެހެ އެވެ. ސަބަބަކީ ޕީއެންސީ އަކީ ޕީޕީއެމްގެ "ހިޔަންޏަކަށް" ވާތީ އެވެ. ޕީއެންސީގައި ތިބީ ޕީޕީއެމް އުފެއްދި ބޭފުޅުންނާއި ޕީޕީއެމް ފިކުރުގެ ބޭފުޅުންނެވެ. މިއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ހަގީގަތެއް ކަމަށްވާއިރު ޕީއެންސީ ދޫކޮށްލުމަށްފަހު ޕީޕީއެމް އަލުން ނަގާ ކޮޅަށް ޖަހަންޖެހެ އެވެ. ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އަލުން ޕީޕީއެމްއާ ގުޅެން އެބަޖެހެ އެވެ. ޕީއެންސީގެ އާންމު މެންބަރުން އަލުން ޕީޕީއެމްއާ ގުޅި އެޕާޓީގެ މެންބަޝިޕް އިތުރުކޮށް ޕާޓީގެ ސަފުތައް އަލުން ރުކުރުވާލަންޖެހެ އެެވެ. ޕީޕީއެމް ވަރުގަދަ އިދިކޮޅު ސިޔާސީ ޕާޓީ އަކަށް ހެދުމަށްޓަކައި ޕީއެންސީ "ވަޅުލަންޖެހެ" އެވެ. ނަމަވެސް މިވަގުތު ލީޑްކުރަނީ ޕީއެންސީގެ އިސް ބޭފުޅުންނެވެ. ޕީއެންސީގެ އަތުގައި ހިފައިގެން ކުރިއަށްދާނަމަ ފަހުން ނަމަވެސް ޕީޕީއެމްއަށް ދިމާވެދާނެ ގާނޫނީ މައްސަލަތަކެއް ހުންނާނެ އެވެ. ދެ ޕާޓީ ގުޅިގެން ނިންމަމުން ތިގެންދާ ނިންމުންތަކާ ދޭތެރޭ ބަޔަކަށް ގާނޫނީ ޝައްކުތަކާއި ސުވާލުތައް އުފައްދަން ފުރުސަތު ދިނުމާ ނުދިނުން އޮތީ ތި ދެ ޕާޓީގެ އަތްމަތީގަ އެވެ.

ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތައް އެނބުރެނީ އެޕާޓީއެއްގައި ހުންނެވި އިސް ކޮންމެވެސް އެއް ބޭފުޅެއްގެ ވަށައިގެންނެވެ. ޕީޕީއެމް ވެސް އޮތީ މިބުނެވުނު ހާލަތުގަ އެވެ. ޕީޕީއެމް އިން ކުރާ ކޮންމެ ކަމެއް ކުރަނީ ރައީސް ޔާމީން ބޭނުންވާ ގޮތަށެވެ. އެމަނިކުފާނަށް ކަންކަން ފަހިވާ ގޮތަށެވެ. ޕީޕީއެމް އުފެދި ރައީސް ޔާމީން އެޕާޓީގެ ކޮންޓްރޯލް ނެނގީއްސުރެ ޕާޓީގެ ބޭފުޅުން ނަށަމުންދަނީ ރައީސް ޔާމީން ޖައްސަވާ ބެރަށެވެ. ނަމަވެސް މިއަދު ޕާޓީއާ އެކު ރައީސް ޔާމީނެއް ނެތެވެ. މިހާލަތުގައި ޕީޕީއެމް އަށް އަންނާނެ ބޮޑެތި ބަދަލުތަކެއް ހުންނާނެ އެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވުމާ ގުޅިގެން ދުވަހުން ދުވަހަށް ޕާޓީއަށް ދޭންޖެހޭ ލަފާ ދެއްވުމަށް ބޮޑެތި ދަތިތަކެއް ހުންނާނެ އެވެ. ކުރިން ފާހަގަކުރި ގޮތަށް ޕީޕީއެމްގެ އެތެރޭގައި އޮތް ވާދަވެރިކަމުގެ ސަބަބުންނާއި ރައީސް ޔާމީން އެޕާޓީއާ އެކު މިވަގުތު ނެތުމުން ޕީޕީއެމް އަށް ބޮޑު ހީނަރުކަމެއް އަންނާނެ އެވެ. ފަންޑް ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ އެވެ. ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުންވި ނަމަވެސް ޕާޓީއަށް އިޚްލާސްތެރި މީހުން މަދުވުމުން ހިންގާ ހަރަކާތްތަކުގައި ނަތީޖާއެއް ފެންނާނެ ކަމަށް ނުބެލެވެ އެވެ. ޕީޕީއެމްގައި، އެޕާޓީއަށް އިހްލާސްތެރި މީހުން މަދޭ ބުނީމާ ސުވާލު އުފެއްދުމުގެ ބޭނުމެއް ނެތެވެ. ރިޔާސީ އިންތިހާބުގެ ކުރިންނާއި މިހާރު އެ ޕާޓީގައި ތިބި މެންބަރުންގެ އަދަދަށް އައި ބަދަލަށް އެކަނި ބަލާލިނަމަވެސް ތި އުފައްދާ ސުވާލުގެ ޖަވާބު ލިބޭނެ އެވެ. ޕީޕީއެމްގައި ކުރިން ތިއްބެވި ކުރީގެ މަޖިލިސް މެންބަރުންނަށް އެކަނި ބެލިނަމަވެސް ޕީޕީއެމްގައި އިހްލާސްތެރި މެންބަރުން މަދުކަން އެ އޮތީ ފެންނާށެވެ. ޕާޓީ ކުރިއަށް ގެންދަން ބޭނުންވާނަމަ ރައީސް ޔާމީން ދެކެ ލޯބީވާ ގޮތަށް ޕާޓީއަށް ވެސް ލޯބި އުފައްދާ، ޕާޓީއަށް އިޚްލާސްތެރިވާންޖެހެ އެވެ. ފާޑުކިޔާ މީހުން ދައްކާ ވާހަކަ ޒިންމާދާރުކަމާ އެކު ބަލައިގަނެ ކަންކަން އިސްލާހުކުރަންޖެހެ އެވެ.

ރައީސް ޔާމީނާ ނުލައި ޕީޕީއެމްގެ މުސްތަގުބަލް އޮތް ގޮތާ މެދު ރައީސް ޔާމީން ވެސް ސުވާލު އުފައްދަވަ އެވެ. އެކަން އެނގެނީ އެމަނިކުފާނު ފަސް އަހަރުގެ ހުކުމް ތަންފީޒު ކުރަން ޖަލަށް ވަޑައިގަތުމުގެ ކުރިން ޕާޓީގެ އާންމު މެންބަރުންނާ މުހާތަބު ކުރައްވާ އެންމެ ފަހުން ދެއްކެވި ވާހަކަފުޅުންނެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކުރިން ޖަލަށް ވަޑައިގެންނެވިއިރު ޕީޕީއެމް އަށް ކަންތައްތައް ވެގެންދިޔަ ގޮތަށް ކަންތައްތައް ވެގެން ދިޔަ ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާން ނެތް ދުވަހަކުން ޕާޓީއާ ހަވާލުވާން އަންނަ މީހުންނަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑު ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވަށްޗޭ. އެއީ އެއްގޮތަކަށްވެސް ޖާގަ ދީގެން ވާނެ ކަމެއް ނޫން،" ޖޯޝާއި ފޯރިއާއެކު އާންމު ތަނެއްގައި ޖަލަށް ވަޑައިގަތުމާ ހަމައަށް އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެ ވިދާޅުވި "މިނިކާ ބާޒުތަކަކީ" ކޮން ބައެއް ކަން ނޭނގުނަސް އެނގޭ ކަމަކީ އެ ވިދާޅުވި "މިނިކާ ބާޒުތަކަކީ" ޕީޕީއެމްއަށް ނުރައްކާތެރި ބައެއް ކަމެވެ. ރައީސް ޔާމީން ނެތް ދުވަހަކުން އެ ވިދާޅުވާ "މިނިކާ ބާޒުތަކުން" ޕީޕީއެމް ޖަހައިގަނެ، އެޕާޓީ އަނދަވަޅަކަށް ވައްޓާލާނެ ކަމުގެ އިހްސާސް ރައީސް ޔާމީނަށް ކުރެއްވޭ ކަމެވެ. ރައީސް ޔާމީނާ ނުލައި ޕީޕީއެމްއަށް އޮތީ އަނދިރި ދުވަސްތަކެއް ކަން ހުދު އެމަނިކުފާނު ވެސް ގަބޫލުކުރައްވާ ކަމެވެ. އެހެންކަމުން ޕީޕީއެމްގެ މުސްތަގުބަލަށްޓަކައި "މިނިކާ ބާޒުތަކަށް" އެޕާޓީގެ މިހާރުގެ ލީޑަޝިޕުން ސަމާލުވާންޖެހެ އެވެ. އެހެންނޫނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީޕީއެމް އޮންނާނީ "މިނިކާ ބާޒުތަކުގެ" ވަކިތަކުގައި ޝިކާރަ ކުރެވޭ ދޫންޏަކަށް ވެފަ އެވެ.
ހިޔާލު

އަސްކޮއި

ޕޕޕ އަކީ ރައްޔިތުންގެ 3.3 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ޕާޓީއެއް ވިތް އޯ ވިތައުޓް ޔާމީން ތިޕާޓީގެ އެއްވެސް މުސްތަގުބަލެއްނެތް ގައުމަށް ހެޔޮއެދޭ ޕޕޕ މެމްބަރުން މުވަގުތު އެމްއާރުއެމް އާ ގުޅުމްކީ ގައުމަށް އެންމެ ފައިދާ ބޮޑުގޮތް

ބިސްބޮންގޮންގް

ވަރަށް ރަގަޅު ފެކްޓުގެ މައްޗަށް އެލުލެވޭ އާޓިކަލެއް! ޕީޕީއެމް އަކީ ސިޔާސީ ޕާޓީއެއްގޮތައް ހިންގާ ޕާޓީއެއް ނޫން! ގޭންގުސްޓާރުން ލައިގެން ގޭންގު ހިންގާގޮތައް ސިޔާސީ ޑިމޮކްރެޓިކް ހަރަކާތެއް ނުހިންގޭނެކަން ލީޑަރޝިޕުގައި ތިބި ލީޑަރޝިޕަށް ކުފޫ ހަމަނުވާ މީހުންނަށް ވިސްނެންވެއްޖެ! ދުވަސްކޮޅަކުން ތި ޕާޓީ ވުޖޫދުގަވެސް އޮވެދާނެކަމާނެދު ޝައްކު!