Parking Systemthah Dhabarah Vanee, Masakaithah Huttifai!
image
ވިލިނގިލީ ފެރީޓާމިނަލާ ދިމާލުން އަމީނީ މަގުގައި ހަދަން ފެށި ޕާކިން ސިސްޓަމް: އެތަނުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައި.-- ފޮޓޯ: ސީއެންއެމް
1 ކޮމެންޓް
 

މެކޭނިކަލް ޕާކިން ސިސްޓަމްތައް ދަބަރަށް ވަނީ، މަސައްކަތްތައް ހުއްޓިފައި!

މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ، ޕާކިންގެ މައްސަލަ މިވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. ޒަމާންވީ، ނަމަވެސް މިހާތަނަށް ހައްލެއް ނުހޯދި އޮތް މައްސަލައެކެވެ. ޕާކިން އަށް ދިމާވާ ދަތިތައް އިތުރުވީ، ސިނަމާލޭ ބްރިޖާ ގުޅާލާ މާލޭގެ ރިންގް ރޯޑް ހެދި ދުވަސްވަރު، ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ވެހިކަލްތަކަށް ބަންދުވި ހިސާބުންނެވެ. އަދި އެއަށްފަހު އެ މަގު ތަރައްގީ ކުރުމަށް ފަހު ހުޅުވާލި އިރު، ރިންގްރޯޑުގެ އެއްވެސް ހިސާބެއްގައި ޕާކު ނުކުރެވުމުން މިއަދާ ހަމަ އަށް ވެސް، ޕާކިން މައްސަލާގައި ޑްރައިވަރުންނަށް ހަމަޖެހިލެވޭނެ ވަގުތެއް އަދިވެސް ނުވެ އެވެ.
ރިންގް ރޯޑް ތަރައްގީ ކުރި ދުވަސްވަރު، މާލެ އަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަ އަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ހޯދުމަށް ވަރުގަދަ "ބޭހެއް" ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ؛ ހައްލަކީ މާލޭގެ އެކި ސަރަހައްދު ތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ހަރުކުރުން ކަމަށް މިނިސްޓްރީން އިއުލާނު ކުރި އެވެ.

އެގޮތުން އޮކްޓޫބަރު މަހުގެ ތެރޭގައި އެ މަސައްކަތް އެސްޓީއޯ އާ ހަވާލު ކުރި އެވެ. ސިސްޓަމްތައް ގެނެސް، އެ އެއްޗެހި އިންސްޓޯލް ކުރުން ވެސް އޮތީ އެސްޓީއޯ އަށް ހަވާލު ކޮށްފައި ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް، އެ ކަމަށް ހަރަދުވާނެ ވަރެއް އިއުލާނެއް ނުކުރެ އެވެ.

ޕާކިން ސިސްޓަމުތަކުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2016 ވަނަ އަހަރު އެވެ. އެގޮތުން އޭރު އޮތީ މާލޭގެ އެކި ސަރަހައްދުތަކުގައި 20 ޕާކިން ސިސްޓަމް ހަރުކުރާށެވެ. އަދި އެގޮތުން، ވެލާނާގެ ކައިރީގައި 10 ކާރަށް ޕާކު ކުރެވޭ ސިސްޓަމަކާއި، ކުރިން ހީނާމާގެ ހުރި ތަނުގައި ހެދި ޕާކިން ޒޯނުގައި ސައިކަލް ޕާކިން ސިސްޓަމެއް ހަރުކުރި އެވެ. އަދި އެ ސިސްޓަމްތައް ބޭނުން ނުކޮށް ގިނަ ދުވަސްތަކު ބެހެއްޓުމަށް ފަހު، ރިންގް ރޯޑް ހެދި ދުވަސްކޮޅާ ދިމާކޮށް އަލުން އެ ސިސްޓަމްތައް ބޭނުން ކުރަން ފެށި އެވެ.

ހަމަ އެއާ އެކު މާލޭގެ އެކި ސަރަހައްދު ތަކުގައި ސިސްޓަމްތައް ރޭވުމުގެ މަސައްކަތްތަކާއި، ސިސްޓަމްތަކުގެ ފައުންޑޭޝަނުގެ މަސައްކަތްތައް އޭރު ވަރަށް ބާރަށް ކުރިއަށް ދިޔަ އެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، ބައެއް ސަރަހައްދުތަކުގެ ސިސްޓަމްތައް ރާވަން ގެންގޮސްފައިވާ ބައިތަކުގައި މިހާރު ވަނީ ދަބަރުޖަހަން ފަށައިފަ އެވެ.

އެގޮތުން އެސްޓީއޯ ކާޑު ގުދަނާ ދިމާލުން ހައުސިން މިނިސްޓްރީގެ ކަންމަތީގައި ހަދާ ޕާކިން ސިސްޓަމުގެ މަސައްކަތް ހުއްޓި އެތަން ވެސް މިހާރު ދަބަރަށް ވާން ފަށައިފި އެވެ. އަދި ވިލިމާލެ ފެރީޓާމިނަލާ ދިމާލުން، އަމީނީ މަގުގައި ހަދާ ޕާކިން ސިސްޓަމުގެ މަސައްކަތް ވެސް ހުރީ ހަމަ އެ ހާލުގައި، ހުއްޓިފަ އެވެ. އޭގެ އިތުރުން އެހެން ބައެއް ދިމަ ދިމާލުގައި އެ ސިސްޓަމްތައް ރާވަން ފައުންޑޭޝަން އެޅިގޮތަށް އިތުރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެ މަސައްކަތްތައް ހުއްޓިގެން ދިޔަ ސަބަބެއް ނޭގެ އެވެ. މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީ އަދި އެސްޓީއޯގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މާލޭގެ ޕާކިން މައްސަލަ އިންތިހާ އަށް އުނދަގޫ ވެފައިވާއިރު، އެކަމަށް ލުއި ހޯދުމަށް ހަދާ ޕާކިން ސިސްޓަމުތަކުގެ މަސައްކަތް ވީނުވީއެއް ނޭގި ހުއްޓިގެން ދިއުމުން އާންމުންގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް އެކަމާ ހިތްހަމަނުޖެހުން ފާޅުކުރެ އެވެ.

އާންމުންނާ މިހާ ބޮޑަށް ގުޅިގައިވާ ކަމެއް، ދިގުލައިގެން ދަނީ ކީއްވެގެން ކަން ބުނެދޭން ނުޖެހޭ ހެއްޔެވެ؟ ޕާކިން ސިސްޓަމްތައް ދަބަރަށްވެ، އެއްކޮށް ލަހާކުވެގެން ނުދަނީ އެ އެއްޗެހި ބޭނުން ކުރެވޭނެ ހެއްޔެވެ؟ ސަރުކާރުން މި ސުވާލުތަކުގެ ޖަވާބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ.
ހިޔާލު

ޟީނާ

އެ ސިސްޓަމު ތަކަކީ ކާސްޓީލް އެއީ ދަބަރު ޖަހާ އެއްޗެއްނޫން