Muzaaharaage sababun Hong Kong ge vaige bandharu huttumakah
image
ފުރަން ދިޔަ މީހެއް އޭނާގެ ލަގެޖް ސެކިއުރިޓީއާ ހަވާލުކުރުމަށް މަސައްކަތް ކުރަނީ-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގެ ވައިގެ ބަނދަރު ހުއްޓުމަކަށް

ހޮންކޮންގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގައި، ގިނަ އަދަދެއްގެ މީހުން ހޮންކޮންގެ ވައިގެ ބަނދަރު ފުރާލުމުން އެތަނުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފި އެވެ.
މުޒާހަރާގެ ބައިވެރިން ބައިނަލްއަގްވާމީ ވައިގެ ބަނދަރު ފުރާލުމުގެ ސަބަބުން ފްލައިޓް ޗެކްއިންތައް ވަނީ ދެ ދުވަހަށް މެދުކެނޑިފަ އެވެ. ދުނިޔޭގެ އެންމެ ބިޒީ އެއް ވައިގެ ބަނދަރުގައި މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވާތާ މިހާރު ވަނީ ފަސް ދުވަސްވެފަ އެވެ.

އެކަމުގެ ސަބަބުން ފުރަން ދާ ފަރާތްތައް ވައިގެ ބަނދަރުގައި ހިނގާބިގާވެ އުޅެނީ ވަރަށް ދަތިހާލުގަ އެވެ. މީހުންތަކުގެ ތެރެއިން ލަގެޖް ހިފައިގެން ދަތިކަމާއެކު މީހުން ފުރަންދާން މަސައްކަތްކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑީއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ހޮންކޮންގެ ލީޑަރު ކެރީ ލަމް ވަނީ މުޒާހަރާގެ ބައިވެރިންގެ މިފަދަ އަމަލުތަކުގެ ސަބަބުން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމުގެ އިންޒާރުދީފަ އެވެ.

ނަމަވެސް ކެރީ ލަމްގެ އިންޒާރަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން ވަނީ އިއްޔެ ވެސް ވައިގެ ބަނދަރަށް ޖަމާވާން ފަށައިފަ އެވެ. މުޒާހަރާގެ ސަބަބުން ޗެކްއިންތައް ކެންސަލް ކުރިކަން ވައިގެ ބަނދަރުން އިއުލާން ކުރީ ހޮންކޮން ގަޑިން ހަވީރު 4:30 ގައެވެ.

ހޮންކޮން ވައިގެ ބަނދަރުން ވަނީ ސެކިއުރިޓީ ހުރަސް ނުކުރެވުނު ހުރިހާ މީހުން ވީހާވެސް އަވަހަކަށް އެސަރަހައްދު ދޫކޮށް ދިޔުމަށް ވެސް ގޮވާލައިފައެވެ. ފްލައިޓްތައް ކެންސަލްކުރުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ ލަގެޖް އުފުލާ ޓްރޯލީތައް ބޭނުންކޮށްގެން ފުރަން ދިޔަ މީހުންނަށް ނުވަދެވޭ ގޮތަށް ހުރަސް އަޅައިފައެވެ.

މުޒާހަރާގެ ސަބަބުން މި ހަފްތާގެ ހޯމަ ދުވަހުވެސް ހޮންކޮންގެ ވައިގެ ބަނދަރުން ވަނީ އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށްފައެވެ.

ސަރުކާރާއި ދެކޮޅަށް ހޮންކޮންގައި ސިލްސިލާ ގޮތެއްގައި ކުރިއަށްދާ މުޒާހަރާތަކަށް މިހާރު ވަނީ 10 ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައެވެ. މުޒާހަރާތަކުގެ ބާރު ކުޑަވާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއްނުވެއެވެ.

ހޮންކޮންގެ ޕްރޯ ޑިމަކްރެސީ އެކްޓިވިސްޓުން މުޒާހަރާ ކުރަން ފަށާފައިވަނީ، ހޮންކޮންގެ ކުށްވެރިން ޗައިނާއަށް ފޮނުވާލެވޭ އެކްސްޓްރެޑިޝަން ބިލް އެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުންނެވެ. ހޮންކޮން ސަރުކާރުން މިވަގުތަށް ބިލްގެ މަސައްކަތް މަޑުޖައްސަލާފައި ވިޔަސް، ބިލް އެއްކޮށް ހުއްޓާލާފައެއް ނުވެއެވެ.

ދެ މަހެއްހާ ދުވަހަށް މުޒާހަރާތައް ކުރިއަށް ގޮސްފައިވާ އިރު، މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އެކްސްޓްރެޑިޝަން ބިލްގެ މަސައްކަތް އެއްކޮށް ހުއްޓާލުމަށެވެ. އަދި ހޮންކޮންގެ ލީޑަރު ކެރީ ލަމް އިސްތިއުފާ ދިނުމަށާއި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ކުރަމުންދާ އަނިޔާ ތަހުގީގު ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލައެވެ.
މުޒާހަރާ ހޮންކޮން
ހިޔާލު