Alifaanuge haadhisaagai gellunu libunuthaketheege agu eh million ah
image
އަލިފާން ރޯވެފައި-- ފޮޓޯ: މިހާރު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އަލިފާނުގެ ހާދިސާގައި ގެއްލުނު ލިބުނު ތަކެތީގެ އަގު އެއް މިލިއަނަށް

ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިންވަރު ބެލުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހެދި އެސެސްމެންޓް އިން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ 1،036،651 ރުފިޔާ އަށް އަރާ ކަމަށް ދައްކައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 18 ގެއެއްގެ 92 ގޭބީސީގެ އެސެސްމެންޓް އެ އޮތޯރިޓީން ހަދާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 41 ގޭބީސީގެ ޒަރޫރީ ހިފާގެންގުޅޭ ތަކެތި އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް އެބަޔާނުގައި ވެއެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް 31 ގެއެއްގެ އެސެސްމެންޓް މިހާރު ހެދިފައިވާއިރު އެ އެސެސްމެންޓްތައް ހަދަނީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފްގެ އިންޖީނިއަރުންގެ އެހީތެރިކަމާއި އެކުގައެވެ. އެ ގެތަކުގެ ތެރެއިން އިތުރަށް ގެއްލުން ވަޒަން ކުރަންޖެހޭ ތިން ގެއެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެންޑީއެމްއޭ އިން ބުނީ މިހާތަނަށް ހެދުނު އެސެސްމެންޓް ތަކުން ދައްކާ ގޮތުން 14 އިމާރާތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އެސެސްމެންޓްތައް އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ނިންމާލެވޭ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

އެ ހާދިސާ އާއި ގުޅިގެން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތަޅާލަންޖެހޭ ތަންތަން މީގެ ކުރިން ތަޅާލާފައިވާ އިރު ދެން ހުރި ގެތަކުގެ ވެރިފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު އެ ގެތައް ތަޅާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.
ހިޔާލު