Sh.Feydhoo gai huvani ginave, avas halleh beynunvefai
image
ފޭދޫގެ ގަސްތަކުގައި ހުވަނި އަޅާފައި---ފޮޓޯ:ށ. ފޭދޫގެ ކައުންސިލްގެ ނައުބް ރައީސް.
0 ކޮމެންޓް
 

ށ. ފޭދޫގައި ހުވަނި ގިނަވެ، އަވަސް ހައްލެއް ބޭނުންވެފައި

އާބާދީގައި 1288 މީހުން ދިރިއުޅެމުން އަންނަ ށ. ފޭދޫ އަކީ ވަރަށް ގަސް ބޯ ރަށެކެވެ. އެރަށުގެ ގަސްތަކުގައި ގިނަ އަދަދަކަށް ހުވަނި އެޅުމުގެ ސަބަބުން ރަށުގެ ރައްޔިތުން މިހާރު ތިބީ ކަންބޮޑުވެފައެވެ. އަދި އެކަމަށް އަވަސް ހައްލެއް ބޭނުންވެފައެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝާމިރު ވިދާޅުވީ އެރަށަކީ ކޮންމެ މޫސުމެއްގައި ހެން ހުވަނި އަޅާ ރަށެއް ކަމަށެވެ. ނަމަވެސް މިފަހަރު ހުވަނި އެޅި ވަރު ގިނަވެފައިވާއިރު، ހުވަނި ނުފިލާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

"މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ހުވަނި އަޅާފަ ހުންނަތާ، ވިއްސާރަ ނުވެހޭތާ ގިނަ ދުވަސް ވުމުގެ ސަބަބުން ހެން ހީވަނީ އެހާ ދުވަސް މިވަނީ" ޝާމިރު ވިދާޅުވެފައެވެ.

އެގޮތުން ހުވަނި ގިނަވުމުގެ ސަބަބުން މިހާރު ބައެއް މަގުތަކުން ހިނގަން އުނދަގޫ ކަމަށާއި ރައްޔިތުންގެ ގިނަ ޝަކުވާ މިހާރު ކައުންސިލަށް އަންނަ ކަމަށް ޝާމިރު ވަނީ ވިދާޅުވެފައެވެ. އަދި ހުވަނި ފިލުވުމަށް މިހާރު ކައުންސިލް އިދާރާ އިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް އެކަމަށް ހައްލެއް އައިސްފައި ނުވާކަމަށް ޝާމިރު ވިދާޅުވިއެވެ.

"ކައުންސިލް އިދާރާގައި މިހާރު ހުރި ވަސީލަތްތަކުން އެހާ ގިނަ ގަސްތަކުން ހުވަނި ނައްތާލެވެން ނެތް، މިހާރު ވާނީ މިނިސްޓްރީ އޮފް ފިޝަނީޒް އެންޑް އެގްރިކަލްޗާ (ފިޝަރީޒް މިނިސްޓްރީ) އަށް އެކަމަށް ހައްލެއް ހޯދުމަށް ސިޓީއަކުން އެދިފަ" ޝާމިރު ވިދާޅުވެފައެވެ.

"ވަރަށް އުނދަގޫ އަސްލު މިހާރު މަގުމަތީގަ ހިނގަން ވެސް، ބައެއް މަގުތަކުން ހުރަސްވެސް ނުކުރެވޭ، ކުޑަކުދިން ގޮވައިގެން އެމަގުތަކުން ނުވެސް ހިގޭ، ވަރަށް އަވަހަށް މިކަމަށް ހައްލެއް ބޭނުން" އެރަށު ރައްޔިތެއް ސީއެންއެމް އާ ވަހާކަ ދައްކަމުން ބުންޏެވެ.
ށ. ފޭދޫ
ހިޔާލު